މަރްޔަމް ނަޒާހާ އާއި ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު.

ކޮންމެ ނަފްސާނީ މައްސަލައަކަށް ދިފާއު ލިބޭކަށް ނުޖެހޭ: ދައުލަތް

ދައުލަތުން ބުނަނީ ޝާހިދު މަރާލުމުގެ ނިޔަތް ނަޒާހާގެ އޮތް ކަމަށް
21 ސެޕްޓެމްބަރު 2022
1

އިޖުތިމާއީ މައްސަލަތަކުގެ ސަބަބުންނާއި ކުށުގެ ވެށީގައި އުޅޭ މީހުންގެ ނަފްސާނީ މައްސަލަތައް ހުންނާނެ ކަމަށާއި، ނަމަވެސް ނަފްސާނީ ކޮންމެ މައްސަލައަކަށް ދިފާއު ލިބެން ނުޖެހޭ ކަމަށް، މަރްޔަމް ނަޒާހާގެ މައްސަލައިގައި  ދައުލަތް ތަމްސީލުކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ނަޒާހާ 25 އަހަރަށް ޖަލަށް ލާން 2011ގައި ދަށު ކޯޓުން ހުކުމްކުރީ، އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ. ޖޫން 2010ގައި ހަސަން ޝާހިދު މަރުވީ ނަޒާހާ އޭނާގެ ބުރަކައްޓަށް ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.  

ނަމަވެސް ނަޒާހާގެ ފަރާތުން ދިފާއުގައި ބުނެފައި ވަނީ، ޝާހިދަށް ހަމަލާ ދިނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި ޝާހިދު މަރާލުމުގެ ގަސްތު ނެތް ކަމަށެވެ. 

ވީ ކިހިނެއް؟ - ނަޒާހާގެ ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު މުޅި ޝަރީއަތުގެ މަރުހަލާގައި ވެސް ވިދާޅުވީ ނަޒާހާގެ ތަހުގީގު ބަޔާން ނެގީ، އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށާއި، އެތަކެއް ސުވާލުތަކެއް ކޮށް، ނަޒާހާގެ އިއުތިރާފު ބަޔާން ކަމަށް ބުނާ ބަޔާނެއް ހޯދީ ނަޒާހާ ހުރީ އެފަދަ ބަޔާނެއް ދެވޭ ފަދަ ހާލަތެއްގައިތޯ ނުވަތަ ނޫންތޯ ނުބަލާ އަދި އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރެއް ވެސް ވަޒަންނުކޮށް ކަމަށެވެ.

ނިހާޔަތު ތަކުރާރުކޮށް ވިދާޅުވީ ތަހުގީގު މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާގައި ވެސް ނަޒާހާގެ ހާލަތު ދެނެގަނެފައި ނުވާ ކަމަށެވެ.

ނަޒާހާ އާއި އޭނާގެ ދިފާއީ ވަކީލު ނިހާޔަތު (ވ).

ތަފްސީލް - ނަޒާހާއަކީ އެތަކެއް އަހަރުތަކެއް ވަންދެން ތަކުރާރުކޮށް ޝާހިދުގެ ފަރާތުން ގެވެށި އަނިޔާ ލިބެމުން ދިޔަ މީހަކަށް ވާތީ، ނަޒާހާއަށް ވަރަށް ބޮޑެތި ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައި ހުރި ކަމަށާއި، ޝާހިދަށް ހަމަލާ ދެވުނީ ވެސް ބަލިކަށިވެފައިވާ ނަފްސާނީ ހާލަތެއްގައި ކަމަށް ނަޒާހާގެ ފަރާތުން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ވަކީލާ ފަރަހަނާޒް މުހައްމަދު ވިދާޅުވީ ނަޒާހާގެ ނަފްސާނީ މައްސަލަތަކެއް ހުރުމާ މެދު ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށެވެ. އަދި މައްސަލައިގައި އެކި އެކި އިދާރާތަކުން ތައްޔާރުކޮށްފައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު، ނަޒާހާ އުޅެ ބޮޑުވަމުން ދިޔައީ "ވަރަށް އެހެން ކަހަލަ މާހައުލެއްގައި"ކަން އެނގޭ ކަމަށާއި، އެފަދަ މާހައުލެއްގައި ބޮޑުވަމުން އަންނަ ކުއްޖެއްގެ އަދި މީހެއްގެ ނަފްސާނީ މައްސަލަތަކެއް ހުންނާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "އާންމުކޮށް ކުށް ކުރާ ކޮންމެ މީހަކު ވެސް، އާންމުކޮށް ކުށުގެ ވެށީގައި އުޅޭ މީހުންގެ ވަރަށް ބައިވަރު އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން މި ކަންކަން މި ދިމާވަނީ. އެހެންވީމާ ނަފްސާނީ މައްސަލަތައް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ދައުލަތުން ދަންނަވާ ވާހަކައަކީ ކޮންމެ ނަފްސާނީ މައްސަލައަކީ އެ މީހަކަށް ދިފާއެއް ލިބިދޭން ޖެހޭ ކަމެއް ނޫނޭ. ނަފްސާނީ މައްސަލައަކާ ގުޅިގެން ދިފާއެއް ނަގާ ނަމަ، އެ ދިފާއު ނަގާ ފަރާތުން އެ ދިފާއުގެ ރުކުންތައް ސާބިތުކޮށްދޭން ޖެހޭނެ."

ދައުލަތުން ބުނީ އެ ކަންކަން ނަޒާހާއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ހާދިސާ ހިނގި ދުވަހު ޝާހިދު އަންނަކަން ނަޒާހާއަށް ދުރާލާ އެނގިފައިވާ ކަމަށާއި، އެހެންކަމުން "ކޫލިން އޮފް ޕީރިއަޑް"އެއް ލިބިފައި އޮތުމުން ޕްރޮވޮކޭޝަންގެ ދިފާއު ވެސް ނަޒާހާއަށް ނުލިބޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ނަޒާހާގެ ފަރާތުން ނެގި ނުކުތާތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ހާދިސާ ހިނގި ދުވަހު ތަހުގީގު ބަޔާން ނެގުން މަނާކުރާ އެއްވެސް ގާނޫނެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން، ނަޒާހާގެ ބަޔާނާ މެދު ސުވާލު ނުއުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒާހާ ބަޔާން ދިން އިރު ހުރީ އެފަދަ ހާލަތެއްގައި ނޫން ކަމަށް ދިފާއުން ބުނާ ވާހަކައަށް ރައްދު ދެއްވައި ފަރަހަނާޒް ވިދާޅުވީ، ފުލުހުން ކުރަމުން ދިޔަ ސުވާލުތަކަށް ނަޒާހާ ޖަވާބު ދެނީ "ފުދޭ ވަރަކަށް ކޮންޓްރޯލްކޮށް، ކޮމްޕޯސްޑްކޮށް" ކަމަށެވެ. އަދި ދައްކާ ވާހަކަތައް ރަނގަޅުކޮށް، އިސްލާހު ކުރުމަށް ފަހު އިތުރަށް ކިޔައިދޭ ތަން ވެސް ވީޑިއޯ ބަޔާނުން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒާހާގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ފަރަހަނާޒް މުހައްމަދު ވާހަކަދައްކަވަނީ.

ޝާހިދަށް ހަމަލާދިނުމުގައި ނިޔަތް ނެތް ކަމަށް ނަޒާހާގެ ފަރާތުން ބުނި ނަމަވެސް، ނިޔަތް ސާބިތުކުރާނީ ބޭރުފުށުން ފެންނަން ހުންނަ ކަންތައްތަކަށް ބަލާފައި ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ޝާހިދަށް ހަމަލާ ދިފައި ވަނީ ފުރަގަހުން ކަމަށާއި ހަމަލާ ދިނީ ތޫނު އެއްޗަކުން ވަރަށް ފުނަށް ކަމަށް ވާތީ ނަޒާހާގެ ނިޔަތް ސާބިތުވާ ކަމަށެވެ.

"އޮޓޮޕްސީ ހަދާފައި ނުވާތީ [ސީދާ] ފުން މިން ދެނެނުގަނެވުނު ނަމަވެސް، ނަޒާހާ ސާފު އިބާރާތުން ބުނެފައިވޭ ތިލަ އެއްކޮށް ޝާހިދުގެ ބުރަކައްޓަށް ވައްދާލި ކަމަށް،" ފަރަހަނާޒް ވިދާޅުވި އެވެ.

ދައުލަތުން ބުނީ ކުށުގެ އަމަލު ހިންގި އިރު ނަޒާހާގެ ބުއްދީގެ އުނިކަމެއް ހުރި ކަމުގެ ދިފާއު ނަޒާހާގެ ފަރާތުން ނަގާފައި ނުވާ ކަމަށާއި އެކަމާ ގުޅޭ އެއްވެސް ކަމެއް ސާބިތުކޮށްދެވިފައި ވެސް ނުވާ ކަމަށެވެ.

އެނގުން މުހިންމު - އެ މައްސަލައިގައި މިއަދު ވަނީ ޝަރީއަތުގެ ފަހު މަރުހަލާގެ އަޑުއެހުންތައް އެއްކޮށް ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުމެވެ.

ކޮމެންޓް (1)

ނަސްރީނާ

21 ސެޕްޓެމްބަރު 2022
އާން. ނުޖެހޭ. ސިޔާސީ ނުފޫޒު ނެތްނަމަ ހައްގު ލިބޭކަށް ނުޖެހޭ.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް