ތިލަފުށި: އެ ސަރަހައްދުން 160 ހެކްޓަރު ހިއްކުމަށް ވަނީ ހުޅުވާލާފައި

ތިލަފުށި

ތިލަފުށި ހިއްކަން ވެލި ނަގާނެ ތަނެއް ނުނިންމާ؛ 6.8 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވޭ

މި މަޝްރޫއަށް ބޭނުންވާ ވެލީގެ އަދަދު އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއަށް ބޭނުންވާ ވެލީގެ އަދަދާ ކައިރި ކުރޭ
19 އޭޕްރީލު 2022

ތިލަފުށި ހިއްކުމަށް ބޭނުންވާ 6.8 މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެ ސަރަހައްދެއް އަދި ކަނޑައަޅާފައި ނުވާކަން އެ މަޝްރޫއަށް ތައްޔާރުކުރި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ފަޅު ހިއްކައިގެން ތިލަފުށީގެ ބިން 210.9 ހެކްޓަރަށް ބޮޑުކޮށް އެތަން ތަރައްގީ ކުރަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހިންގަން ނިންމާފައިވާ މަޝްރޫއަށް 'އީޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކޮށްގެން އީއައިއޭ ރިޕޯޓެއް ވަނީ ތައްޔާރުކޮށްފަ އެވެ. އަދި މަޝްރޫއުގެ ޑިޒައިންގެ ތަފްސީލީ ރިޕޯޓެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.

ޑިޒައިން ރިޕޯޓުގައިވާ ގޮތުން:

  • ތިލަފުށިން 160 ހެކްޓަރުގެ ބިން ހިއްކާނެ

  • އެކަމަށް 6،803،000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ

ތިލަފުށީގެ މަޝްރޫއަށް 6.8 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާއިރު، އީއައިއޭ ރިޕޯޓުގައި އެ މަޝްރޫއަށް ވެލި ނަގާ ސަރަހައްދުތަކުގެ މައުލޫމާތު ހިމެނިގެން ނުވެ އެވެ. އެއީ، ވެލި ނަގާ ސަރަހައްދު ކަނޑައެޅުމަށް ކޮންޓްރެކްޓަރެއް ކަނޑައެޅި  ސޭންޑް ސާޗް ކެމްޕޭނެއް ނުވަތަ އެތެރެވަރީގައި މަޝްރޫއަށް ބޭނުން ކުރެވޭނެ ވެލި ހުރި ތަނެއް ހޯދުމުގެ މަސައްކަތް އެ ކޮންޓްރެކްޓަރު ކުރާނެތީ އެވެ.

އީއައިއޭ ރިޕޯޓުގައިވާ ގޮތުން އެފަދަ ކޮންޓްރެކްޓަރެއް އައްޔަން ކުރާނީ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭ މަރުހަލާ ނިންމުމަށްފަހު އެވެ. ވެލި ހޯދުމަށް ހަދާ ދިރާސާތަކުގެ ނަތީޖާ ހިމަނައިގެން ހަދާ އީއައިއޭގެ އެޑެންޑަމް ރިޕޯޓު ވެސް އީޕީއޭއަށް ހުށަހަޅަން ޖެހޭނެ އެވެ.

ވެލި ނަގާނެ ސަރަހައްދެއް އަދި ކަނޑައެޅިފައި ނުވާ ނަމަވެސް، މަޝްރޫއުގެ ޑިޒައިންގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތިލަފުށީގެ ބިން ހިއްކަން ބޭނުން ކުރެވިދާނެ 500،000 ކިއުބިކް މީޓަރުގެ ވެލި ހުރި ކަމެވެ.

ތިލަފުށި: އެ ރަށުން 160 ހެކްޓަރުގެ ބިން ހިއްކަން އެޗްޑީސީއިން ވަނީ ނިންމާފައި.

އެނގުން މުހިންމު - މިފަދަ މަޝްރޫއުތަކުން ތިމާވެއްޓަށް އެންމެ ބޮޑަށް އަސަރު ކުރަނީ ބިން ހިއްކަން ވެލި ނެގުމުގެ ތެރޭގަ އެވެ. އެގޮތުން އަތޮޅު ތެރޭގެ ކަނޑުގެ ސަރަހައްދުތައް ޑްރެޖުކޮށްގެން ވެލި ނެގުމުގެ ތެރޭގައި ކަނޑު ކިސަޑުވެ ދިރުންތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރެ އެވެ. ތިލަފުށި ހިއްކަން ވެސް ތިލަފުއްޓާ ކައިރި ހިސާބަކުން ކ. އަތޮޅުގެ އެތެރެވަރިން ވެލި ނަގާނެ ކަމަށް ބެލެވެ އެވެ.

ތިލަފުށި މަޝްރޫއުގެ އީއައިއޭގައި ފާހަގަ ކުރި ބައެއް ކަންކަން:

  • މަޝްރޫއު ހިންގުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުރަކަ މަރުވާނެ ކަމަކަށް ނުބެލެވޭ؛ ހިއްކާ ސަރަހައްދުގައި ދިރޭ މުރަކަތައް މަދުވުުމުން މުރަކަތައް އެހެން ސަރަހައްދަކަށް ނުގެންދާނެ

  • މަޝްރޫއިން ތިމާވެއްޓަށް އެންމެ ބޮޑަށް އަސަރު ކުރާނެ ކަމަށް ބެލެވެނީ ބިން ހިއްކަން ވެލި ނެގުމުގެ ތެރޭގައި

  • ބިން ހިއްކުމުގެ ތެރޭގައި ލިބޭ ގެއްލުން މަދު ކުރަން ޖަމްބޯ ބޭގު ބޭނުންކޮށްގެން ބަންޑު ޖެހުމުގެ އިތުރުން ސިލްޓް ސްކްރީން ވެސް ބޭނުން ކުރާނެ

  • މަޝްރޫއުގެ އިމްޕެކްޓް އޭރިއާ ނުވަތަ އަސަރު ކުރާނެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ބިން ހިއްކާ ސަރަހައްދު ވަށައިގެން 3 ކިލޯމީޓަރުގެ ސަރަހައްދު

  • ތިލަފުށި ވަށައިގެން 5 ކިލޯމީޓަރުގެ ސަރަހައްދަކަށް ނުސީދާ އަސަރުކޮށްފާނެ ކަމަށް ބެލެވޭ

ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ވެލީގެ އަދަދަކީ އައްޑޫގައި ހިންގަން ނިންމާފައިވާ ބިޔަ ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ވެލީގެ އަދަދާ ކައިރި އަދަދެކެވެ. އައްޑޫގެ މަޝްރޫއުގެ ދަށުން 236.5 ހެކްޓަރުގެ ބިން ހިއްކަން 6.9 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވެ އެވެ.

މާލެ އަތޮޅުގައި އޮންނަ ތިލަފުށި ހިމެނޭ ތިލަފަޅު (ކ): ތިލަފުށީގެ ދެވަނަ ފިޔަވަހި މަޝްރޫއުގައި ފަޅުގެ ހުޅަނގުގައި ނުހިއްކައި އޮތް ބައި ހިއްކާނެ.

ތިލަފުށީގެ ބޮޑުމިނުގައި މިހާރު 50.9 ހެކްޓަރު ހުންނަ އިރު އެތަނުގެ ބިންތައް ސިނާއީ މަސައްކަތްތަކަށް ކުއްޔަށް ދީފައި ހުރެ އެވެ. އެ ރަށުގެ ސިނާއީ ބިންތަކުގެ ކުލީގެ ގޮތުގައި މިހާރު އަހަރެއްގެ މައްޗަށް 72.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. ދެވަނަ ފިޔަވަހީގައި ހިއްކާ ބިންތައް ވެސް ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރިތަކަށް ހާއްސަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ތިލަފުށި ހިއްކުމުގެ ޕްލޭންގައި ވަނީ:

  • ބޮޑެތި ސިނާއީ ވިޔަފާރިތަކަށް - 60 ބިން

  • ކުދި ސިނާއަތްތަކަށް - 60 ބިން

  • ގުދުރަތީ ގޭސް ޕްލާންޓެއް ގާއިމްކުރަން - 12.7 ހެކްޓަރު

  • އޮފީސް އިމާރާތްތައް ހަދަން - 7 ބިމެއް

  • ބަނދަަރަށް ބާލާ މުދާ ރައްކާކުރަން - 9 ހެކްޓަރު ބިން

  • ގުޅީފަޅު ޕޯޓަށް ބޭނުން ކުރަން - 10.4 ހެކްޓަރު ބިން

މި ފަހުން ހިންގި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ އަގުތަކަށް ބަލާއިރު ހެކްޓަރެއް ހިއްކެނީ އެވްރެޖްކޮށް 204،918 ޑޮލަރަށެވެ. އެ ރޭޓުން ބަލާ ނަމަ ތިލަފުށިން 160 ހެކްޓަރުގެ ބިން ހިއްކާ މަޝްރޫއަށް މަދުވެގެން 33 މިލިއަން ޑޮލަރު (508.8 މިލިއަން ރުފިޔާ) ހަރަދު ވާނެ އެވެ.

ސަރުކާރުގެ ވިސްނުމަކަށް ވެފައި ވަނީ ގުޅީފަޅާއި ތިލަފުށި ހިއްކައި ބްރިޖަކުން މާލެއާ ގުޅާލާށެވެ. ގުޅީފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރެއް ތަރައްގީ ކުރަން ހަމަޖެހިފައިވާއިރު ތިލަފުށި ބޭނުންކުރާނީ ސިނާއީ އެހެން މަސައްކަތްތަކަށެވެ. އެކަމުގެ ސަބަބުން މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ސިނާއީ މަސައްކަތްތައް މަދުވެގެންދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް