އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕޭން ޓީމް)

އަސްލު ލިބުނީ 2 އަހަރު؛ 5 އަހަރުން ވެސް ނުކުރެވުނު ކަންކަން ކޮށްފިން: ރައީސް

ރައީސް ވިދާޅުވީ އާންމު ހާލަތުގައި ހަތަރު އަހަރު ހޭދަކުރި ކަމަށް ދޭހަވާ ގޮތަށް ބައެއް މީހުން ވާހަކަ ދައްކާ ކަމަށް
17 ޖެނުއަރީ 2023

ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތިތަކާއެކު ވެރިކަމުގައި އަސްލު ލިބުނީ ދެ އަހަރު ކަމަށާއި ނަމަވެސް އެ ދެ އަހަރުގެ ތެރޭގައި މީގެ ކުރީގެ ސަރުކާރުތަކަށް ފަސް އަހަރުގެ ދައުރެއްގައި ވެސް ނުކުރެވި ހުރި ކަންކަން ކޮށްފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މި ގޮތަށް ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިއަދު ހެނދުނު ހއ. އިހަވަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ ވިސްނުމުގައި އޭރު [ވެރިކަން ފެށުނު އިރު] އޮތީ ފަހު އަހަރު އަންނައިރުގައި ނުފަށާ އެއްވެސް މަސައްކަތެއް ނުބޭއްވޭ ވަރަށް ޕްލޭން ކޮށްގެން ކުރިއަށް ގެންދިޔުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް ބޭނުންވި ގޮތަށް ކަންކަން ނުކުރެވުނީ ކޮވިޑުގެ ސަބަބުން ބައެއް ކަންކަން މަޑުޖައްސާލަން ޖެހުމުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެއާއެކު، ރައީސް ވިދާޅުވި ގޮތުގައި، އެންމެ އިސްކަމެއް ދީގެން ކުރީ ކޮވިޑްގެ ވަބާއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް، ހަމަޖެހޭ ދިރިއުޅުމެއް އަނބުރާ ގެނައުމުގެ މަސައްކަތެވެ.

އެ ވިސްނުމާއެކު ކުރެވުނު "ދުނިޔެ ބަލައިގަންނަ" މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ނަމަވެސް، ވާދަވެރިޔާ މުހައްމަދު ނަޝީދަށް އަމާޒުކުރައްވައި ރައީސް ސޯލިހު ނުސީދާކޮށް ވިދާޅުވީ، "ބައެއް ބޭފުޅުން އެ ހަނދާނެއް މިއަދަކު ނެތް" ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕޭން ޓީމް)

"ހަތަރު އަހަރު އެކީގައި އަޅުގަނޑުމެން އާންމު ހާލަތުގައި އުޅުނު ކަމަށް ދެކިވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެބަގެންދޭ. އެހެންނަމަވެސް މި ލިބުނު ގާތްގަނޑަކަށް ދެ އަހަރުތެރޭގައި އެއްވެސް ސަރުކާރަކުން މި ވޭތުވެދިޔަ ތަނުގައި ނުކުރާވަރުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރައީސް މިވާހަކަތައް ދެއްކެވި އިރު، މަޖިލީހުގެ ރައީސް އަދި ކުރީގައި ވެރިކަން ކުރައްވާފައިވާ ނަޝީދު ގެންދަވަނީ މި ސަރުކާރުން ހިންގާ މަޝްރޫއުތައް ލަސްވެފައި، ނިމޭ ތަނެއް ނުފެންނަ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަޝީދުގެ ކެމްޕޭން ޖަލްސާތަކުގައި ރައީސް ސޯލިހުގެ ސަރުކާރުގެ މަޝްރޫއުތައް ސިފަކުރަައްވަނީ "ވެލި ފުނި ޖަހައިގެން ބޮޑު ސްކޭލެއްގައި އަކުންބަކުން ކުޅުން" ކަމުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް