ރެވިއޯ

މިއުޒިކް

ޗަނާޗާގައި ރެވިިއޯއާ އެކު އުދުހިލާ

އުފެދުނުތާ އަދި އެންމެ 3 އަހަރުވީ މި ބޭންޑް ވަނީ ޒުވާނުންގެ ހިތް އަތުލާފައި
27 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

ފުރަތަމަ ސިންގަލް 'އުދުހިލާ' އަށް ފަހު ރެވިއޯ އިން ވަނީ އަލްބަމެއް ނެރެފައި

ރެވިއޯގެ ފޭނުން އެމީހުންނަށް ވަރަށް ބޮޑު ތަރުހީބެއް ދޭ ތަން ޝޯތަކުން ފެނޭ

ރިސޯޓް މިއުޒިކް ކުޅެފައި، އެހެން ބޭންޑްތަކުގައި ވެސް މަސައްކަތް ކުރާ މި ފަންނާނުން އުޅެނީ ބުރަކޮށް

"ގައިގައި ހުރި ހުރިހާ އިސްތައްޓެއް މައްޗަށް،" އެކަކު ކޮމެންޓްކުރި އެވެ. 

"ހީބިހި ނަގައިގެން އެ ދިޔައީ" އިތުރު މީހަކު ލިޔެފައިވެ އެވެ.

މިއީ، މީގެ ތިން އަހަރު ކުރިން އުފެދުނު ދިވެހި މިއުޒިކް ބޭންޑް ރެވިއޯގެ 'އުދުހިލާ' އަށް ސައުންޑްކްލައުގައި ކޮށްފައިވާ ބައެއް ކޮމެންްޓްތަކެވެ. އެ ލަވައިން ބޭންޑަށް ލިބުނީ އާދަޔާހިލާފު ބޮޑު ތަރުހީބެކެވެ.

ވާނީ ވެސް އެހެންތާ އެވެ. ޕޮޕް ރޮކް މި ބޭންްޑްގެ މިއުޒިކްގައި ހުންނަނީ އެއަށް މީހާ އެއްކޮށްހެން ގަންބާލާ ކަހަލަ ފީލްއެކެވެ. ހުޅަނގުގެ ސްޓައިލްގެ މި މިއުޒިކަށް ޒުވާނުންގެ ހިތްޖައްސާއިރު ލަވައިގެ ޅެންތަކުން ހުރިހާ އިހްސާސަކާ ކުޅެލަ އެވެ. ހިތާމަ އާއި އުފަލެވެ. ހިއްޗާއި ފޮންޏެވެ. އުއްމީދާއި ނާއުއްމީދެވެ.

"'އުދުހިލާ' އަށް ލިބުނީ ބޭންޑުން ހީ ވެސް ނުކުރާހާ ބޮޑު ތަރުހީބެއް. ބޭންޑްގެ ފޭން ބޭސްގައި އޮތީ ޖެންޒީ،" ބޭންޑްގެ ކޯފައުންޑާ އަދި ލީޑް ވޯކަލިސްޓް އަހުމަދު ހުމާމް (ޒޯލޯ)، 24، ބުންޏެވެ.

ރެވިއޯ ބޭންޑްގެ ކޯފައުންޑާ އަދި ލަވަކިޔުންތެރިޔާ ހުމާމް

ހުމާމްގެ އިތުުރުން ދެން ބޭންޑްގައި ހިމެނެނީ ވެސް އުމުރުން އަދި 30 އަހަރު ނުފުރޭ ޒުވާން ފަންނާނުންނެވެ. ބޭންޑްގެ އަނެއް ފައުންޑިން މެންބަރަކީ ޑްރަމަރު ޖީމް ނިޔާޒެވެ. ކީބޯޑްގައި ހުރީ ހުސެއިން ހިސާން އެވެ. ލީޑް ގިޓަރިސްޓަކީ ޒަޔާން ފައިސަލް އެވެ. ބޭސިސްޓް އަކީ އިނާން އާދިލް އެވެ.

މިއީ ރަސްމީ ވަޒީފާއެއްގެ ގޮތުގައި ފުލްްޓައިމްކޮށް ރިޒޯޓް މިއުޒިކް ކުޅޭ ބަޔެކެވެ. އެ މީހުން ރިސޯޓް މިއުޒިކުން އާމްދަނީ ހޯދަނީ ވަކިވަކި ފަންނާނުންގެ ގޮތުގަ އާއި އެހެން ބޭންޑްތަކާ ގުޅިގެންނެވެ. އިނާން އާއި ޒަޔާން އަކީ ސްކައިރޮކް ބޭންޑްގެ މެންބަރުންނެވެ. ނަމަވެސް މި އެންމެން އެއްތަންވެ އެއް ރޫހެއްގައި  ނުކުުންނަނީ އަމިއްލަ ލަވަތައް އުފެއްދުމުގެ މަގްސަދުގަ އެވެ. އަދި މިއުޒިކާއި ފަންނަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ. 

"ވެސްޓަން ސްޓައިލް ޕޮޕް ރޮކް އޮރިޖިނަލް މިއުޒިކް އުފައްދަން މި އަންނަނީ ރެވިއޯގެ ބެނާއަށް،" ހުމާމް ތަފްސީލްކޮށްލި އެވެ. 

ޖީމް ބުނިގޮތުގައި އެމީހުންގެ ލަވަތައް އަމާޒުކުރަނީ ވެސް ޒުވާނުންނަށެވެ. 

ރެވިއޯ ބޭންޑްގެ ގިޓަރިސްޓް، ޒަޔާން ފައިސަލް، ރެވިއޯގެ އިތުުރުން ސްކައިރޮކްގައި ވެސް މަސައްކަތް ކުރޭ

ޒަޔާން ބުނި ގޮތުގައި ރެވިއޯގައި އޭނާ ކުރަނީ ސްކައިރޮކްއާ މުޅިން ތަފާތު މަސައްކަތެކެވެ. އުފައްދަނީ މުޅިން އެހެން ޖޮންރާއެއްގެ މިއުޒިކެކެވެ. އެހެންކަމުން މައްސަލައެއް ޖެހި ހިޔާލުތަފާތުވުމަކަށް ޖާގައެއް ނެތެވެ.

މީގެ ކުރިން ސްރީ ލަންކާގެ މިއުޒިކް ސީނުގައި ހަރަކާތްތެރިވެފައިވާ ޒަޔާން ބުނާ ގޮތުގައި ދެ ބޭންޑެއްގައި އަދި ވަރަށް ގިނަ ތަފާތު މީހުންނާ އެކު މިއުޒިކުގެ ތެރޭގައި އޭނާއަށް ވަރަށް ގިނަ ވަގުތު ހޭދަކުރެވެ އެވެ.

"ސްކައިރޮކް އާއި ރެވިއޯގެ ތަފާތަކީ ސްޓައިލް. މިއުޒިކްގެ ފީލް. އަހަރެންނަަށް އެޑަޕްޓްވާން ފަސޭހަ،" މަސައްކަތާ މެދު ހިތްހަމަޖެހިގެން ހުރި ޒަޔާން ބުންޏެވެ.

އިނާން ބުނިގޮތުގައި ބޭންޑްގައި ކަންހިނގަނީ މެޖޯރިޓީއަށް ފެންނަ ގޮތަކަށެވެ. ހަތަރު ބޭންޑެއްގައި ބޭސް ގިޓާ ކުޅޭ އިނާންއަކީ މަސައްކަތުގައި އަވަދިނެތި އުޅޭ ފަންނާޏެކެވެ.

"ތަފާތު އެކި ޓީމުތަކާ އެކު ބިޒީކޮށް އުޅެނީ. ކޯޕް ކުރެވެނީ މިއުޒިކަށް ހުންނަ ލޯބީގެ ސަބަބުން. ޖޮބަކަށް ވުރެ ބޮޑަށް، ކުރާ ހިތްވާ ކަމެއް ކަމުން،" އޭނާ ބުންޏެވެ. 

ރެވިއޯ

ލަވަތަކުގެ ޅެން އާއްމުކޮށް ލިޔަނީ ހުމާމް އެވެ. އަލިއަޅުވާލަނީ އޭނާގެ ހަޔާތުގެ ތަޖުރިބާތަކަށެވެ. ރާގު ހަދަނީ ހުސެން އެވެ. ދެން އަންނަނީ މުޅީ ޓީމުގެ މަސައްކަތެވެ. ލަވަ ބޭނުން ގޮތަކަށް އެރޭންޖްކޮށްލަނީ އެވެ.

ފުރަތަމަ އަލްބަމަކީ 'ކުރެހުން'

ރެވިއޯ ބޭންޑް އުފެދުނުތާ މާ ގިނަ ދުވަހެއް ނުވިޔަސް ބޭންޑުން ވަނީ އަމިއްލަ އަލްބަމެއް ނެެރެފަ އެވެ. މުޅިން އޮރިޖިނަލް  ހަތް ލަވަ ހިމެނޭ 'ކުރެހުން' އަލްބަމް ރިލީޒްކުރީ 'ޗަރުކޭސް' އިވެންޓުގަ އެވެ.

މިއީ ބޭންޑްގެ އަމިއްލަ އުފެއްދުންތަކުގެ ފެށުމެވެ. އަލްބަމްގެ ފުރަތަމަ ލަވައަކީ 'ފެށުމެއް' އެވެ. ދެން 'ކުރެހުން' ލަވައިން 'ހޫރެއް ފަދައިން' ކުރެހި ކުރެހުން ނިންމާލައި 'ހުވަފެނެއް' ބަލައިލާ 'ނޭނގުނު ދޯ'އޭ ބުނެލައި 'ދޫކޮށްފާ' ދަނީ 'ރަން ރާގު' އެވެ. 

ރެވިއޯ މިދިޔަ މަހު އޮތް ޗަރުކޭސް ޝޯގައި ފުރަތަމަ އަލްބަމް ރިލީޒްކުރި

'ނޭނގުނު ދޯ' ލަވައިގެ އަންހެން ވޯކަލިސްޓަކީ ސްކައިރޮކްގެ ބޭންޑްގެ އިންޝާ އަހުމަދު އެވެ. އޭނާ ބުނިގޮތުގައި 'ކުރެހުން' އަކީ ރެޓްރޯ ސްޓައިލްގެ އަލްބަމެކެވެ.

"'ނޭނގުނު ދޯ' ލަވައިން ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވޭނެ 70ގެ ޕޮޕް އިންފުލުއެންސް،" އިންޝާ ބުންޏެވެ.

ޒުވާނުންގެ ހިތްތައް އުދުއްސާލުން

ޗަރުކޭސް އަކީ ރެވިއޯ އެންމެ ފަހުން ދިން ޝޯ އެވެ. ޗަރުކޭހުގައި ރެވިއޯގެ ލަވަތައް ގާތުން ބަލާލެވުނެވެ. އޯޑިއަންސް ބޭންޑަށް ދިން ލޯބިން ހައިރާންވެފައި ހުރީމެވެ. އިހުގެ މިއުޒިކް ޝޯތަކުގައި 'ފައިބާ، ފައިބާ'ށޭ ގޮވުމުގެ ސަގާފަތެއް އޮތެވެ. އެކަމަކު އެއާހިލާފަށް މި ޝޯއިން ބޮޑަށް ފެނުނީ ޒުވާނުންގެ ބޮޑު ޝައުގުވެރިކަމެކެވެ.

"ޗަރުކޭސްގައި ހެޑްލައިން ބޭންޑްގެ ގޮތުން ޕާފޯމް ކުރީ. ފޭނުންގެ ސަޕޯޓް އަންބިލީވަބަލް،" ހުމާމް ބުންޏެވެ.

އޯޑިއަންސުގެ އެއް ބަޔަކު ފެނުނީ ލަވައާ އެއްވަރަށް ހަށިގަނޑު ހަރަކާތްކޮށްލާ ތަނެވެ. އަނެއް ބަޔަކު އަތުގައި އޮތް ފޯނު މައްޗަށް ނަގައި ދިއްލައިގެން މިއުޒިކާ އެއްވަރަށް ލަވަތަކަށް ތަރުހީބު ދޭ މަންޒަރެވެ. ޖާގައިގެ ގޮތުން މާ ބޮޑު ނޫނަސް، އެތަނަށް ދިޔަ އެންމެންނަށްހެން ރެވިއޯގެ މިއުޒިކުން ހަމަގައިމު ވެސް ހިތްހަމަޖެހުން ގެނެސްދިނެވެ. އިހްސާސްކޮށްލެވޭނީ މިއީ މަޝްހޫރު ބޭންޑްް ކޯލްޑްޕްލޭ ނުވަތަ ޔޫޓޫގެ ޝޯއެއް ދޭ ނަމަ ފެންނާނެ މަންޒަރެއް ފަދައިންނެވެ. ގަބޫލް ނުކުރެވެންޏާ ތިރީގައި މި އޮތް ކުޑަ ވީޑިއޯކޮޅު ބަލާލާށެވެ.

ރެވިއޯއިން އެންމެ ފަހުން ދިން ޝޯގެ ތެރެއިން

ރެވިއޯގެ ފުރަތަމަ ޝޯ ސީހައުސް ކެފޭގައި ދިން އިރު ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. ހައުސްފުލްވި އެވެ. އިށީންނާނެ ތަންކޮޅެއް ނެތި، ގިނަ ޒުވާނުން ކޮޅަށް ލަވަތަކުގެ އަވާގައި ޖެހިފައި ތިއްބެވެ. އެއަށް ފަހު ބައިނަލްއަގުވާމީ ސާފިން މުބާރާތުގައި އަދި އައްޑޫގައި އޮތް ފަންނާނުންގެ މިއުޒިކީ އީދުގައި ވެސް ރެވިއޯ މިއުޒިކް ކުޅެފައިވެ އެވެ.

"އަހަރެމެންގެ ޓާގެޓް އޯޑިއަންސަކީ ޒުވާނުން. ޖެންޒީ. ބޭންޑުން އުފެއްދި ވީޑިއޯ ލަވަ 'ހޫރެއް ފަދައިން' ލަވައިގައި ބައިވެރިވާން ވެސް ގިނަ ޒުވާނުންތަކެއް ޝައުގުވެރިވި،" ހުމާމް ބުންނެވެ.

ރެވިއޯގެ ލަވަ 'ހޫރެއް ފަދައިން' 

އަޒުމަކީ ކުރިއަށް ދިއުން

ކުރިއަށް ހުރި މަސައްކަތްތަތުގެ ތެރޭގައި، 'ނީނަ'ގެ ނަމުގައި އާ ލަވައެއް ވަރަށް އަވަހަށް ނެރެން އެބަ އޮތްކަން ހުމާމް ފާހަގަކުރި އެވެ. ފޭނުންގެ ފަރާތުން 'އުދުހިލާ' އަދި 'ދޫކޮށްފާ' އަށް ލިބުނު ވަރުގެ ތަރުހީބެއް ލިބުމަކީ އޭނާގެ އުއްމީދެވެ.

ޒުވާން ބޭންޑެއް އަމިއްލަވަންތަ މިއުޒިކް އުފެއްދުމަށް، ތަޖުރިބާ ހުރި ބޭންޑްތަކާ އަޅާބަލާއިރު ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެކަން ޔަގީނެވެ. އެމީހުންގެ ލަވަތައް ކިތަންމެ ރީއްޗަސް އެހެން މީހުންނާ ހަމައަށް އެ ލަވަތައް ވާސިލްވާނެ މަގެއް ފަހިވާން ޖެހެ އެވެ.

ރެވިއޯ ޗަރުކޭސްގައި ޝޯ ދެނީ

ރާއްޖޭގެ ކަންހިނގާ ގޮތުން، ގޭގައި ސިޓިން ރޫމް ދޮށުގައި ދިވެހި ޝޯއެއް ބަލާލަން އިންނަ މީހަކަށް ޗާޓުތަކުން ފެންނަނީ އަބަދު އެއް ލަވަތަކެއް، އެއް މޫނުތަކެއް އަދި އެއް ޖޮންރާތަކެއްގެ މިއުޒިކެވެ. ރެވިއޯ ކަހަލަ ސަޅި ބޭންޑްތަކުގެ ލަވަތައް ވިރުވާއަޅާލާ އަޑު އިވޭނީ އެ ދަންނަ ބަޔަކަށެވެ.

ވޯލްޑް ކަޕް، ގައުމީ ދުވަހެއް، އެހެން ދުވަހެއް ނުވަތަ ކަމެއްގައި ވެސް ކޮޕީ ރާގުތަކުގެ ނުފޫޒު ބޮޑެވެ. މިކަމަށް ރެވިއޯގެ ފަރާތުން އެއްޗެއް ބުނާ ނަމަ އޮތީ ކުރު ޖަވާބެކެވެ.

މިކަމާ މެދު ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ދިނީ ހުމާމް އެވެ. އޭނާ ބުނާގޮތުން އަލަށް ފަށައިގަންނަ ބަޔަކަށް އެހެން މީހުންގެ އެހީއެއް ކޮންމެ ކަމެއްގައި ވެސް ބޭނުންވާނެ އެވެ. ރެވިއޯގެ އަލްބަމަށް މީޑިއާއިން ފުރުސަތެއް ހޯދުން ވެސް ވީ ބޮޑު ގޮންޖެހުމަކަށެވެ. 

"ވީޑިއޯ ލަވަ ހަދިޔާކޮށް ހެދިޔަސް ދައްކާނެ ވަކި އިރެއް ނުބުނުން. އަދި އަލްބަމް މިއީ ކަމަށް ބުނެ ކުރިން ހެދި ލަވަތައް ދައްކާލިން. ސަމާލުކަމެއް ނުލިބި ދިޔައީ. އެކަމަކު އެއީ ގޮތްހުސްވާން ޖެހޭ ސަބަބެއް ނޫން،" ހުމާމް ބުންޏެވެ.

ރެވިއޯ ބޭންޑްގެ ދެ ފައުންޑަރުން (ކ) ހުމާމް އަދި (ވ) ޖީމް

ޔޫޓިއުބާއި ސްޕޮޓިފައި އަދި ސައުންޑްކްލައުޑް އެބަ އޮތެވެ. އުއްމީދު ކަނޑާނުލާ ރަނގަޅު އަމިއްލަ އުފެއްދުންތަކެއް ފޭނުންނަށް ގެނެސްދިނުމަކީ ރެވިއޯގެ އެންމެ ބޮޑު އާމާޒެވެ.

"މިހާރު އަހަރެމެންނަށް ފެންނަ ޗާޓުތަކުގައި %90 އަކީ ކޮޕީ ރާގުތައް. އަހަރެމެންގެ އުއްމީދަކީ މިކަން ބަދަލުވުން. އަމިއްލަ އުފެއްދުންތައް ގިނަކުރުން. އަހަރެމެންނަށް އިހްސާސް ކުރެވޭ މިހާރު މި ޖެނެރޭޝަން އަމިއްލަ އުފެއްދުންތައް މާ ބޮޑަށް ބަލައިގަންނަކަން،" އިންޑަސްޓްރީގެ ކުރިމަގާ މެދު ޒަޔާން ބުންޏެވެ.

ޗަނަޗާގައި 5 ލަވަ އާއި ސަޕްރައިޒެއް

ރެވިއޯ ބޭންޑްގެ ކީބޯޑިސްޓް ހިސާން

ބައިސްކޯފުން އިންތިޒާމްކޮށްގެން ހޮނިހިރު ދުވަހު ހުޅުމާލޭ ޓްރެކް ދަނޑުގައި ބާއްވާ ޝޯ ޗަނާޗާ އަކީ ރެވިއޯގެ ޒުވާން ފަންނާނުން އެދޭ ކަހަލަ ފުރުސަތެކެވެ.

ޗަނާޗާގައި ނުވަ ބޭންޑެއް ކުޅޭ އިރު، ކޮންމެ ބޭންޑެއް ވެސް އެ ބައެއްގެ ގޮތުގައި ވަރަށް ތަފާތު މިއުޒިކެއް ގެނެސްދޭނެ އެވެ. ވާދަވެރިކަން އުފެދޭ މިންވަރަށް އަދި މިއުޒިކް ދާއިރާ ފުޅާނުވިޔަސް ކޮމިއުނިޓީއެއްގެ ގޮތުގައި ތަރައްގީވެގެން އަންނަން މި ޒުވާނުން ބޭނުމެވެ.

"ދެން ޗަނާޗާ މި އޮތީ ކުރިއަށް. ވީ ވިލް ރޮކް އޮން،" ހުމާމް ބުންޏެވެ. ރެވިއޯއިން ފަސް ލަވައެއް ކުޅޭ އިރު ހާއްސަ ސަޕްރައިޒެއް ވެސް އޮންނާނެ އެވެ. 

ޖީމް ބުނަނީ 'ރެވިއޯ' މި ލަފްޒުގެ މާނައަކީ ފޯރިނެގުން ކަމުގަ އެވެ. ޗަނާޗާ ޝޯގައި ފޯރި ނަގާލަން ދިޔުމަކީ ބޭންޑްގެ އެދުމެކެވެ.

ބޭންޑް ހަކަތަ ރަނގަޅެވެ. ލަވަތައް ރީއްޗެވެ. ދެން ހަމަ އުދުހިލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް