Majlis 2024

މ. މުލީގެ ސާފް ބްރޭކް (ފޮޓޯ/ސާފް އެޓޯލް)

ޓޫރިޒަމް

ބޯހުރާ ރިސޯޓަކަށް ހެދުމާ ދެކޮޅަށް ކެމްޕޭނަށް: 'އުޅެނީ ގުދުރަތީ މުއްސަނދިކަމެއް ނައްތާލަން'

މ. ބޯހުރާ ހިމެނޭ ގޮތަށް 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްގީކުރުމަށް ބިޑު ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ މިދިޔަ ހޯމަ ދުވަހު
25 ޖެނުއަރީ 2023

މ. މުއްޔާ އިންވެގެން އޮންނަ ބޯހުރާގައި ރިސޯޓެއް ތަރަައްގީކުރަން ބިޑަށް ހުޅުވާލުމުން، އެ ސަރަހައްދުގައި ރާޅާއަޅާ މީހުންނާއި އަމިއްލަ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ރާޅާއަޅާ އެންމެ މަޝްހޫރު އެއް މަންޒިލް ކަމަށްވާ މ. ބޯހުރާ ހިމެނޭ ގޮތަށް 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްގީކުރުމަށް ބިޑު ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ މިދިޔަ ހޯމަ ދުވަހެވެ. އެއާ އެކު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ވަކާލާތުކުރާ ޖަމިއްޔާތަކުންނާއި އެ ސަރަހައްދުގައި ރާޅާއަޅާ މީހުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ބުނީ ކީކޭ؟ - 'ދައުރު'އާ ވާހަކަދައްކަމުން މުލީގައި ރާޅާއަޅާ އުޅޭ ފަރާތެއް ކަމަށްވާ ޝިފާއު ރައޫފް ވެސް މިއަދު ފާޅުކުރީ އެތައް ބަޔަކު ބޭނުންކުރާ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމެއް ގެއްލުވާލަން އުޅޭކަމުގެ ކަންބޮޑުވުމެވެ. އެ ސަރަހައްދުގެ ރައްޔިތުންނަށް ބޯހުރާ މުހިއްމުވަނީ، ޝިފާޒް ބުނި ގޮތުގައި:

  • އެއީ ރައްޔިތުން ހިތްފަސޭހަކޮށްލައި ހުސް ވަގުތު ހޭދަކޮށްލަން ވެސް އާއްމުކޮށް ގޮސް އުޅޭ ސަރަހައްދެއް

  • އެއީ މުލީގެ ރާޅާއަޅާ މީހުންނަށާއި އެ ސަރަހައްދުގައި ގެސްޓްހައުސް ހިންގާ ރަށްރަށަށް އަންނަ ފަތުރުވެރިން ވެސް އާއްމުކޮށް ރާޅާއަޅަން ގޮސް އުޅޭ ސަރަހައްދެއް

  • މުލިން އެކަނި ވެސް ގަވާއިދުން ގާތްގަނޑަކަށް 20 މީހުން އެ ތަނަށް ރާޅާއަޅަން ދޭ

"އެ ތަން ރިސޯޓެއްގެ ގޮތަށް ހަދަން އުޅެފިއްޔާ، އެ ތަނަށް އެ އަންނަ ރާޅުތަކަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވޭ. އެ ތަން އެ ތަނުގެ ގޮތުގައެއް ނޯންނާނެ،" އޭނާ ބުންޏެވެ.

މ. މުލީގެ ސާފް ބްރޭކް (ފޮޓޯ/ސާފް އެޓޯލް)

ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ 'ސޭވް ދަ ބީޗު/ އިން ވެސް އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި އެވެ. އެ ޖަމިއްޔާގެ އެއް ފައުންޑަރު ޝާޒިއާ ސައީދު މިއަދު 'ދައުރު'އާ ވާހަކަދައްކަމުން ބުނީ، އާއްމުންނަށް ބޭނުންނުކުރެވޭ ގޮތަށް އެ ސާފް ބްރޭކް އޮންނަ ސަރަހައްދުގައި ރިސޯޓެއް ހަދަން ހުޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރިސޯޓެއް ހެދީމަ ހީވެފައި އޮވެދާނެ އެ ތަނުން ލާރި ޖެނަރޭޓްކުރެވޭނޭ. އެކަމަކު އޭރުން އެ ތަން ވާނީ އެކްސްކްލޫސިވް ތަނަކަށް، ރިސޯޓުގައި ހުންނަން އަންނަ މީހަކަށް ނޫނިއްޔާ އެ ތަނެއް ބޭނުމެއް ނުކުރެވޭނެ،" ޝާޒިއާ ބުންޏެވެ.

އޭނާ ބުނީ:

  • އެއީ ގާނޫނީ ގޮތުން ހިމާޔާތްކޮށްފައިވާ ސަރަހައްދަކަށް ހެދުމަށް މީގެ ކުރިން ވެސް އެންވަޔަރަމެންޓް މިނިސްޓްރީގައި އެދިގެން އެ ޖަމިއްޔާ އިން މަސައްކަތް ކޮށްފައިވާނެ 

  • އެ މަސައްކަތަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނު

"އާއްމުކޮށް އެއް މިނިސްޓްރީން ކުރާ ކަމަކާ އަނެއް މިނިސްޓްރީއަކާ ލިންކެއް ނުވޭ. ޓޫރިޒަމް [މިނިސްޓްރީ] އިން ދޯ މިކަން ކުރަނީ؟ އެންވަޔަރަމެންޓުން ކިތަންމެ ވަރަކަށް ޕްރޮޓެކްޓުކުރަން އުޅުނަސް ދެ މިނިސްޓްރީގައި ލިންކެއް ނެތް،" ޝާޒިއާ ބުންޏެވެ.

އޭނާ ބުނީ ބޯހުރާގެ ސާފް ބްރޭކް ފަދަ ތަންތަން ހިމާޔަތްކުރުމަށް ސާފް އިކޯސިސްޓަމްތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ، 'ބޯލްޑް ސާފިން ރިޒާވްސް'އާ އެކު ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ ތަނުގައި ރިސޯޓެއް ހަދާ ނަމަ، އެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭނެކަން އޭނާ ފާހަގަކުރި އެވެ.

"އަހަރެމެން ވޯލްޑް ސާފިން ރިޒާވްސްއާ އެއްކޮށް މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ އެފަދަ ތަންތަން ހެރިޓޭޖް ތަންތަނަށް ހެދޭތޯ، ބަޔޯސްފިއާ ރިޒާވްސްގެ ގޮތުގައި ކަނޑައެޅޭތޯ. އެކަމަކު އެ ގޮތަށް ވެސް އެކަން ވާނީ މިކަހަލަ ތަންތަން ހެރިޓޭޖް ސައިޓްސްތަކާއި ކޮމިއުނިޓީ އެންގޭޖްމެންޓް ވެސް އެ ތަނަކުން ލިބޭ ނަމަ ރިސޯޓެއް ހަދަން ދީގެން އެ ކަމެއް ނުވާނެ،" ޝާޒިއާ ވިދާޅުވި އެވެ.

ބޯހުރާ

  • މުލީގެ ބައެއްގެ ގޮތުގައި ކަނޑައެޅީ 2016ގައި 

  • އެ ސަރަހައްދު ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް މުލީ ކައުންސިލުން ހަމަ އެ އަހަރު ނިންމި 

  • 2019ގައި ޓޫރިޒަމަށް ދޫކުރަން ނިންމި ރަށްތަކުގެ ތެރޭގައި ވެސް ބޯހުރާ ހިމެނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް