Majlis 2024

މިދިއަ ހުކުރުދުވަހު ހިނގި އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި އެކްސިޑެންޓް: މި އެކްސިޑެންޓް ވީޑިއޯ ވަނީ ސޯޝަލް މީޑިއާއަށް ލީކްވެފައި

ދިވެހި ފުލުހުންނަކީ ފޮޓޯ އާއި ވީޑިއޯ ލީކުކުރާ ބަޔަކަށް ވަނީތަ؟

މުހިންމީ ފުލުހުންގެ އަތުގައި ހުންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ލީކުކުރިތޯ ބެލުމެއް ނޫން، އެއާ އެއްކޮށް ފިޔަވަޅު ވެސް އެޅުން
20 ޑިސެމްބަރު 2022
9

އިއްޔެ ފުލުހުން އެދުނީ، މިދިއަ ހުކުރުދުވަހު ސިނަމާލެ ބްރިޖުން ދަތުރުކުރި މީހަކު އެކްސިޑެންޓްވި ވީޑިއޯ ލީކުވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މިދިއަ އޮގަސްޓް މަހު ފުލުހުން އެދުނީ، އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ފެންނަ ފޮޓޯތައް އާންމުނުކުރުމަށެވެ. އަދި އެ ފޮޓޯތައް ލީކުވި މައްސަލަ ވެސް ބަލާނެ ކަމަށް ބުންޏެވެ.

މި ދެ މައްސަލާގައި ވެސް ފުލުހުންގެ ދައުރެއް އޮތް ކަމަށް ގަބޫލުކުރެވެ އެވެ. އެކަމަކު ޝިއާއުގެ ހަށިގަނޑު ކުދިކުދި ކޮށްފައި އޮތް ފޮޓޯ ލީކުވީ ފުލުހުންގެ ތެރެއިން ކަމަށް 'ނުބެލެވޭ' ކަމަށް އޭރު ފުލުހުން ބުންޏެވެ. 'ނުބެލެވޭ' މިއީ ވަރަށް އާދައިގެ، ވަރަށް ބާރު ކުޑަ ބަހެކެވެ.

އޭގެ ފަހުން ފުލުހުން އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މިދިއަ ހުކުރުދުވަހު ހިނގީ ވަރަށް ހިތާމަވެރި ހާދިސާއެކެވެ. ތައިލެންޑްގައި ދިރިއުޅެމުން އައި ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ)، ސައިކަލްގައި ސިމަނާލެ ބްރިޖުން ފައިބައިގެން ހުޅުމާލެއަށް ދަނިކޮށް، ބްރިޖާއި ހައިވޭގެ ތިން އަނގޮޅީގައި ހިނގި އެކްސިޑެންޓްގައި އޭނާ މަރުވި އެވެ. މިއީ ރާއްޖެ ނައިސް 22 އަހަރު ބޭރުގައި ހޭދަކުރި ވިޔަފާރިވެރިޔާގެ އުފަން ބިމަށް ކުރި ފުރަތަމަ ދަތުރުގެ ހިތާމަވެރި ނިމުމެވެ. އާއިލާ އާއި ގާތް ރައްޓެހިންގެ ކަރުނަ އަދި ހުހެއް ނުވެ އެވެ.

ފުލުހުންގެ ޔުނީފޯމަކީ ފަހުރުވެރިވާން ޖެހޭ ފަދަ އެއްޗެއް: އެކަމަކު ފުލުހުންގެ ތެރެއިން ބައެއް ފަހަރަށް ފެންނަނީ މުއައްސަސާގެ އަގު ވެއްޓޭ ފަދަ ކަންކަން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެ އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މިވަނީ ފެތުރިފަ އެވެ. މިފަދަ ހިތާމަވެރި ހާދިސާތަކުގެ ވީޑިއޯ ބަލަން އާންމުންގެ ގިނަ ބަޔަކު ޝައުގުވެރިވިޔަސް، މިއީ އެ ނިސްބަތްވާ މީހާގެ އާއިލާ އާއި ރައްޓެހިންނަށް އިތުރު ހިތާމައެކެވެ.

މައްސަލައަކީ އެއީ ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަން ޖެހޭ ވީޑިއޯއަކަށް ވުމެވެ. އެ ވީޑިއޯ ނަގާފައި ވަނީ ސިނަމާލެ ބްރިޖް ހުޅުލޭ ކޮޅަށް ނިމޭ ހިސާބުގައި ހަރުކޮށްފައި ހުރި ސީސީޓީވީގެ ކެމެރާއަކުންނެވެ. އާންމު މީހަކަށް އެ ކެމެރާގެ ފުޓޭޖެއް، ފުލުހުން ދީގެން ނޫނީ، ނުލިބޭނެ އެވެ. އެހެންކަމުން، އެ ވީޑިއޯގެ މައްސަލަ ބަލާ ކަމަށް ފުލުހުން ބުންޏަސް އަދި ނުބުންޏަސް، އެއީ ފުލުހުންގެ ތެރެއިން ހިނގި ކަމެއް ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވެ އެވެ.

ދިވެހި ފުލުހުންނަކީ ރައްޔިތުން އިތުބާރު ހޯދަން އަބަދުވެސް މަސައްކަތްކުރަން ޖެހިފައިވާ މުއައްސަސާއެކެވެ. ސިޔާސީ ވެރިން ހެދިހާ އެއްޗެއް ހެދިގެން، ބުނިހާ ގޮތެއް ހަދައިގެން އުޅުމުގެ ބަދުނާމުން ސަލާމަތްވާން އަބަދުމެ ހިތްވަރުކުރަން ޖެހެ އެވެ. ބައެއް ތަހުގީގުތަކުގައި، ހާއްސަކޮށް މަސްތުވާތަކެތީގެ ބައެއް ތަހުގީގުތަކުގައި، ކަންކަން ހުންނަނީ އެތެރެއިން ރޭވިގެން ކަމެއް ކުރާ ގޮތަށް ކަމަށް، އާންމުންނަށް ގަބޫލުކުރެވެ އެވެ. އެހެންކަމުން ރާއްޖޭގައި ހުރި ސީރިއަސް ބޮޑެތި މައްސަލަތައް ހައްލުކުރަން، ފުލުހުންގެ ތެރެއިން ބައެއް މީހުން، ބޭނުންނުވާކަން އެނގެ އެވެ.

ހުރިހާ ފުލުހުންނެއް ނޫނެވެ. ގިނަވާނީ ރަނގަޅު، ތެދުވެރި، އަމާނާތްތެރި ފުލުހުންނެވެ. އެކަމަކު މުއައްސަސާގެ 'ގޯސް' އިސް މީހުންނާއި އެ މީހުންނާ ގުޅިފައި ތިބޭ 'ގޯސް' އެކި ބައިގަނޑުތަކުން ފުލުހުންގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަމުގެ ބަދުނާމު ފުލުހުންގެ މުޅި އިދާރާގެ ބޮލަށް ކަނޑާލެވޭ ގޮތް ވާނެ އެވެ. އެއީ އާންމުންގެ ވިސްނުން އަބަދުވެސް ދަތުރުކުރާނީ އެ މަގުން ކަމަށް ވާތީ އެވެ.

އިތުރަށް ކިޔާލަން 

އައްޑޫ ފޭދޫގައި މިދިއަ ޖޫން މަހު އެ ރަށުގެ ގްރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު ޒަޔާންގެ މަރާ ބެހޭ ގޮތުން 'ދައުރު'ން ލިއުނު ތަހުގީގީ ރިޕޯޓްތަކުން، ފުލުހުންގެ ތެރޭގައި ހުރި ސީރިއަސް މައްސަލަތަކުގެ މިސާލު ނެގެން އެބަ އޮތެވެ. 

"ކަލޭމެންނަށް ހަރަދު ކުރަނީ އަހަރެމެން. އެހެންވީމަ ކަލޭމެން ޖެހޭނީ އަހަރެމެން ދޫކޮށްލަން،" އެ ގުރޫޕްގެ މީހުން އާންމުންނަށް އިވޭ ގޮތަށް ފުލުހުންނަށް ނިސްބަތްކޮށް ގޮވަމުން ދިޔައީ، އެއް ރިޕޯޓްގައި ލިއުނު ގޮތުގައި، އެފަދަ ވާހަކަތަކެވެ.

އައްޑޫ ޕޮލިސް ކޮލެޖުގައި ފުލުހުންގެ ފުރަތަމަ ޓްރެއިނިން ފަށަން ބޭއްވި ރަސްމިއްޔާތު: ތަމްރީންތަކާ އެއްވަރަށް އަމަލީ ގޮތުން ވެސް އެ ފެންވަރު ދައްކަން ޖެހޭނެ

ޒަޔާންގެ ގަޔަށް ވަޅި ހަރާ މަރާލީ، އެފަދަ އިންޒާރުތަކެއް އޭނާއަށާއި އާއިލާއަށް އަންނަމުން ދާކަމުގެ ޝަކުވާ ފުލުހުންނަށް ހުށައަޅާފައި އޮއްވަ އެވެ. އެހެންކަމުން ފޭދޫ ފުލުހުން އެކަމުގައި އިހުމާލުވެފައިވާ ކަމަށް، އާއިލާއިން ގަބޫލުކުރެ އެވެ. 

ފޭދޫ ފުލުހުންގެ ތެރޭގައި އެ ގްރޫޕުން 'ކާންދީ ބޯންދީ ބަލާ ބޮޑުކުރާ' މީހުން ތިބި ކަމަށް، ޒަޔާންގެ ބައްޕަ ފުލުހުންނާ ދިމާއަށް ބުނި ކަމަށް ވެސް، 'ދައުރު'ގެ ރިޕޯޓްގައިވެ އެވެ.

ބޮޑެތި ސީރިއަސް ކަންކަމުގައި ދިވެހި ބައެއް ފުލުހުން 'ވިކިފައި' ތިބުމުގެ އިތުރުން ފުލުހުންގެ އަތުގައި ހުންނަ ފޮޓޯ/ވީޑިއޯ ފަދަ އެއްޗެހި ސޯޝަލް މީޑިއާއަށް ލީކްކުރާ ހިސާބަށް އަހުލާގީ މިންގަނޑު މުގުރާ ނަމަ، އެއީ ގައުމީ މައްސަލައެކެވެ.

ހިތާމަ ލިބޭ އާއިލާތަކަށް އިތުރު ވޭނެއް ތަހައްމަލްކުރަން ޖެހޭ ފަދަ އަމަލްތައް ހިންގާ ފުލުހުންނަކީ، އެފަދަ މުއާސަސާއެއްގައި އުޅެން ޖެހޭނެ ބައެއް ނޫނެވެ. އެ މީހުން ޖެހޭނީ އަވަހަށް ބޭރުކުރާށެވެ. ފުލުހުންގެ އަތުގައި ރައްކާކޮށްފައި ހުންނަ ފޮޓޯ އާއި ވީޑިއޯ ލީކުކުރުމުގެ ހިތްހަމަޖެހުން ހޯދާ ބަޔަކަށް ވުމުގެ ފުރުސަތު ނުދޭންވެގެންނެވެ. ހިތާމަ ލިބިފައި ތިބޭ މީހުންގެ ހިތާމަ އެނގޭ ފަދަ ފުލުހުންގެ މުއައްސަސާއެއް ބިނާކުރާށެވެ. ފުލުހުންނަކީ 'ބޮޑު މަޖާގަނޑެއް'ގެ ތެރޭގައި އުޅޭ ބައެއްގެ ނަމުން ދުރުވާށެވެ.

ކޮމެންޓް (9)

ޙަސަން

20 ޑިސެމްބަރު 2022
ދައްކަން ޖެހޭ މުހިންމު ވާހަކައެއް
0 0

ގައްބަރު ސިންގު

20 ޑިސެމްބަރު 2022
އަހުލާގީގޮތުން ދައްފޮޓޯއާ ވީޑިއޯފިޔަވާ މުޖުތައުގެ ސަލާމަތައް ގެއްލުން ނުވާ ފޮޓޯވީޑިއޯ އަކީ ހަގީގަތް ހާމަކުރުމައް ދައްކަންޖިހޭ އެއްޗެއް އެވީޑިއޯ ފެނުމުން ދެފަރާތުގެ ހަގީގަތް ރައްޔެތުންނައް އިގެން އެދިޔައީ އިއްސެޔާ އެއްގޮތައް ކާރުޑުރައިވަރުގެ ވެސް ހައްގުތަކެއްއޮންނާނެ އިއްސެ ނިޔާވުމަކީ ފުންހިތާމެއް އެގޮތުން ޑުރައިވަރުގެ ކުށެއްނެތްކަން ހާމަވުމީވެސް ރަންގަޅުކަމެއް
1 0

ސުލްތޯން

22 ޑިސެމްބަރު 2022
@ގައްބަރު ސިންގު ވީޑިޔޯ އަކުން ހަގީގަތެއް ނޭނގޭނެ. އިއްސޭ ނުހުއްޓާ ބާރަށް އެ ދިޔައީ އިއްސޭއަށް ސިއްހީ ކަމެއް ދިމާވެގެން ކަމަށް ވެސް ވެދާނެ. ސްޓްރޯކް، ހާޓް އެޓޭކް ކަހަލަ ކަމެއް ވެސް، އެގަޑީގަ ދިމާވީ ކަމަށް ވެސް ވެދާނެ. ވީޑިޔޯ އިން އެކަންކަން ނުފެނިދާނެ. ކުޑަ ސިކުންތުކޮޅެއްގެ ކަމެއް. ތިޔަ ވީޑިޔޯއެއް ފެނިގެން އެންމެން އެ ކުށްވެރިކުރަނީ އިއްސޭ.
0 0

ހަމީމް

20 ޑިސެމްބަރު 2022
އާނ. އެކަމަކު މުހިންމު ވެގެން ހޯދާ ވީޑިއޯއެއް ލިބުނު ކަމަކަށް ނުވާނެ. މައްސަލަ ނިމި ބާވާ އިރު ވެސް
0 0

ތިން ހަމަ

20 ޑިސެމްބަރު 2022
މިއީ ދެރަ ވާން ޖެހޭ ހިތި ހަގީގަތެއް
0 0

ސިމޯން

20 ޑިސެމްބަރު 2022
މި ކަހަލަ މަދު ފުލުހެއްގެ ސަބަބުން ހުރިހާ ފުލުހުންގެ ނަން މި ހަރާބު ވަނީ. ރައްޔިތުންގެ ކުރިމަތީގައި މުއައްސަސާގެ އަގު ވެއްޓި އިތުބާރު ގެއްލެނީ
1 0

ގޫޗީ

20 ޑިސެމްބަރު 2022
ވެ ނިމުން ތާ ކޮން ޒަމާނެއް؟ ތިއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް، އެންމެން ދައްކަން ބޭނުން ނުވާ ވާހަކައެއް
0 0

އިފާ

20 ޑިސެމްބަރު 2022
މިއީ ވަރަށް ކުރިން ފެށިގެން އަހަރުމެން ދައްކަމުން އައި ވާހަކައެއް. ކިހިނެއް ހޭ އެހާ ކޮންފެޑެންޝިއަލް އެއްޗެހި ލީކް ވަނީ އެހާ ފަސޭހައިން؟
1 0

އެމްޑީ ހަމީދު

20 ޑިސެމްބަރު 2022
އެމްޕްޑް5 ބޭނުންކޮށްފެން އެންހޭންސްކޮށްފައި ހުންނަ ހައއސާސް ވީޑިޔޯވެސް ލީކުކުރޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް