ސަލްމާން ރަސްގެފާނު އަދި ފަހަތްޕުޅުން ވަލީއަހުދު މުހަންމަދު. (ފޮޓޯ/ އޭއެފްޕީ)

ސައުދީ ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި

އުމުރުފުޅުން 86 އަހަރުގެ ސައުދީ ރަސްގެފާނު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މި މަހުގެ 7ގައި
16 މޭ 2022

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ އެތެރެ ހައްޓަށް ހޮޅިއެއް ލައްވައިގެން ޓެސްޓްތަކެއް ހެދުމަށް ފަހު އެ މަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ސައުދީ ރޯޔަލް ކޯޓުން ބުނެފި އެވެ.

އުމުރުފުޅުން 86 އަހަރުގެ ސައުދީ ރަސްގެފާނު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މި މަހުގެ 7ގަ އެވެ. ސައުދީ ޓީވީން އިއްޔެ ދެއްކި ވީޑިއޯ ކްލިޕަކުން ފެންނަނީ، ރަސްގެފާނު ހިނގުމަށް އެހީތެރިވެދޭ އަސާގަނޑަކާ އެކު ޖިއްދާގައި ހުންނަ ރަސްގެފާނު ފައިސަލް ހޮސްޕިޓަލުން ހިންގަވާފައި ނުކުންނަވާ ތަނެވެ.

ރަސްގެފާނު ހޮސްޕިޓަލުން ނުކުންނެވި ތަން ދެއްކި ވީޑީއޯއިން ރަސްގެފާނުގެ ދަރިކަލުން، ވަލީއަހުދު އަދި ހަގީގަތުގައި ސައުދީ އަރަބިއްޔާ ހިންގަވާ މުހަންމަދު ބިން ސަލްމާން ވެސް ރަސްގެފާނު އަރިހުގައި ހިންގަވާފައި ހޮސްޕިޓަލުން ނުކުންނަވާ ތަން ފެނެ އެވެ.

ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމުގެ ރަސްކަމުގެ ތަހުތަށް ސަލްމާން އައްޔަން ކުރީ 2015ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ ވަލީއަހުދުގެ ގޮތުގައި ދެ އަހަރާއި ބައި ހޭދަކުރައްވާފަ އެވެ.

ރަސްގެފާނު ވަނީ 2020ގައި ބްލެޑާގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި ހިތަށް ލައްވާފައިވާ ޕޭސްމޭކަރުގެ ބެޓެރީ ވަނީ މާޗު މަހު ބަދަލުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް