މިދިޔަ އަހަރު ރައީސް ސޯލިހް ތިމަރަފުއްޓަށް ކުރި ދަތުރެއްގައި އެ ރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ކައުންސިލުން ޓެރަރިޒަމްގެ ތުހުމަތުވާ މީހެއްގެ ދިފާއުގައި ނުކުތުމުން ޕީޖީ ޝަމީމް ކަންބޮޑުވުން ފާޅުކުރެއްވި (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ޓެރަރިޒަމް

ސްކޫލު ގޮއްވާލަން އުޅުމުގެ ތުހުމަތުވާ މީހެއްގެ 'ދިފާއުގައި' މުޅި ކައުންސިލް؛ ޕީޖީގެ ކަންބޮޑުވުން

ތިމަރަފުށި ކައުންސިލުން ބުނީ، އެގޮތަށް ކަންތައް ކުރީ ޝަރީއަތް ދިގުލައިދާތީވެ، އާއިލާއިން އެގޮތަށް އެދުމުން ކަމަށް

ރާއްޖޭގެ ސްކޫލެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތާ އެކު ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހެއްގެ ދިފާއުގައި ރާއްޖޭގެ ރަށެއްގެ ކައުންސިލްގެ ހުރިހާ މެންބަރު ނުކުތުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ މަޖިލީހުގެ ކޮމިޓީއެއްގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އެއީ ކޮން ކައުންސިލެއްކަން އޭނާ ވިދާޅު ނުވި ނަމަވެސް، 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި އެއީ ތ. ތިމަރަފުށި ކައުސިލް އެވެ.

އެނގުން މުހިންމު - ނޮވެމްބަރު 2020ގައި ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ބަޔަކު އައިއައިޑީއެއް ބޭނުންކޮށްގެން އެ ރަށު ސްކޫލެއް ގޮއްވާލަން އުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން އަށް މީހަކު ހައްޔަރު ކުރި އެވެ. އެ މައްސަލައިގައި އެ ރަށަށް ނިސްބަތްވާ ފަސް މީހުން ހިމެނޭ އިރު، ހައްޔަރު ކުރި ހުރިހާ އެންމެންނަށް ވެސް ދައުވާ އުފުލައި ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.

ވީ ކިހިނެއް؟ - ސްކޫލެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުވާ މީހެއްގެ ދިފާއުގައި މުޅި ކައުންސިލް ނުކުތް ކަމަށް ބުނެ ޕީޖީ ޝަމީމް ކަންބޮޑުވުން ފާޅުކުރެއްވީ، އިއްޔެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ތަފްސީލު - ޝަމީމް ވިދާޅުވީ، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހަކު މިނިވަންކޮށްދިނުމަށް އެދި މިދިޔަ ހަފްތާގައި ކައުންސިލަކުން ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވި ކަމަށެވެ. ޕީޖީން "ޓެރަރިސްޓެއް ކަމަށް ގަބޫލުކޮށްގެން" ދައުވާ ކުރާ އެފަދަ ފަރާތްތާކުގެ ދިފާއުގައި ކައުސިލަކުން ތެދުވުމުން އެކަމުގެ ނުރުހުން އޭނާ ފާޅުކުރެއްވި އެވެ.

"އެ ސިޓީގައި މި އޮންނަނީ އޭނާ އަކީ، މުޅި ރަށުގެ ހުރިހާ އެންމެންނާ ގުޅިގެން، ޒުވާނުންނާ ގުޅިގެން ޕްރޮގްރާމް ހިންގައި ކުޑަކުދިންނާ އެއްކޮށް ޕްރޮގްރާމް ހިންގައި ވަރަށް ރަނގަޅު އިންސާނެކޭ، އޭނާ އަކީ މުޅި ގައުމަށް [އަދި] މުޖުމަތައުއަށް ފައިދާ ހުރި މީހެކޭ. އޭނާގެ ފަރާތުން މުޖުތަމައުއަށް ވަރަށް ބޮޑަށް ފައިދާވެއޭ، އޭނާ ބަންދުގައި ހުރުމުން ވަރަށް ދެރަވެއޭ، އޭނާ ދޫކޮށްލައިދޭށޭ،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައުވާ މި ކުރަނީ ޓެރަރިސްޓް ހަރަކާތެއް ހިންގި ކަމަށް ތުހުމަތު ކުރެވިގެން، އެކަމުގެ ހެކި ވެސް އެބަހުރި. އެކަމަކު މިއީ، ރަށު ކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކުރައްވާފައި. ފަސް މެންބަރުން ސޮއި ކުރައްވާފައި އަޅުގަނޑަށް ފޮނުވި ސިޓީއެއް."

އިއްޔެގެ މަޖިލިސް ކޮމިޓީގައި ޝަމީމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޝަމީމް ވިދާޅުވީ، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސަމާލުކަމަށް އެކަން މިހާރު ގެނެސްފައިވާ ކަމަށެވެ.

ޓެރަރިޒަމް ފަދަ މިފަދަ މައްސަލަތައް ހައްލު ކުރެވޭނީ، ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި، މުޅި ދައުލަތުގެ ހުރިހާ މުއައްސާސާތައް ހިމެނޭ ގޮތަށް އެންމެންގެ އެއްބާލުމާ އެކު އެންމެން އެކައްޗެއް ކިޔައިގެންނެވެ.

ތިމަރަފުށީ ސްކޫލް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި މީހުން (ފޮޓޯ/ ޕޮލިސް)

ކައުންސިލްގެ ބަސް - މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ތިމަރަފުށި ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް ފުރަތަމަ ވިދާޅުވީ، "އަމިއްލަ ގޮތުން އެފަދަ ސިޓީއެއް ފޮނުވާފައި ވާނެ" ކަމަށެވެ. ނަމަވެސް، ކައުންސިލްގެ ހުރިހާ އެންމެން ސޮއިކޮށް، ސިޓީއެއް ފޮނުވީ ކީއްވެގެންތޯ ސުވާލުކުުރުމުން އޭނާ ވިދާޅުވީ، އެގޮތަށް ކަންތައް ކުރީ ތުހުމަތުވާ މީހާގެ އާއިލާ އިން އެގޮތަށް އެދުމުން ކަމަށެވެ.

"ޝަރީއަތް ލަސްވާތީ، އޭނާގެ ބަލި ހާލަތު ހުރި ގޮތުން ބެލެނިވެރިންނާއި އާއިލާ އިން އެގޮތަށް އެދުނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން. އެހެންވެ އެދުނީ ގެއަށް ބަދަލުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

އިއްޔެ ކޮމިޓީ ބައްދަލުވުމުގައި ޝަރީއަތްތައް ދިގުލައި ދިއުމުގެ ކަންބޮޑުވުން ޝަމީމް ވެސް ފާޅުކުރެއްވި އެވެ.

ގުޅުން ހުރި - ކައުންސިލުން ދޫކޮށްލަން އެދުނީ ކާކު ކަމެއް ނޭނގެ އެވެ. ނަމަވެސް، މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ހިމެނޭ، ތިމަރަފުއްޓަށް ނިސްބަތްވާ އެ ރަށު ކެނެރީގޭ އަލީ މުނީޒު މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭސްފަރުވާއަށް ކޯޓުން ދޫކޮށްލި އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު ރަށު ބަންދުގައި ބަހައްޓާ ގޮތަށެވެ.

ނަމަވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ތުހުމަތުވާ މީހުންނާ ބައްދަލުކޮށް، ގިނަ ވަގުތު އޭނާ ބޭރުގައި އުޅޭތީވެ ޕީޖީން އެދިގެން މިިދިޔަ އޭޕްރީލް މަސް ތެރޭ އޭނާ އަނެއްކާވެސް ބަންދު ކުރި އެވެ.

ކޮމެންޓް (4)

ގުއިއްޒު

22 ސެޕްޓެމްބަރު 2022
ތިމަރަފުށިން ނުނެގޭނެ ރަނގަޅު ހަމަ އެކަކުވެސް.
0 0

ޢިންނު މުހައްމަދު

22 ސެޕްޓެމްބަރު 2022
މައްސަލަތަށް އަވަސް ކޮށް ނިންމާ ނުލެވެނީ ކީއްވެ..މައްސަލަ ނިންމަން 2 އަހަރު ވުމަކީ މައްސަލައެއް...
2 0

ޤައުމު

22 ސެޕްޓެމްބަރު 2022
ޓެރަރިސްޓްއެއް ކަަމަށް ގަބޫލުކޮށް....މައްސަލަ ސާބިތުނުވަނީހުން ޕީޖީ އިން ކުއްވެރިއެއް ކަމަށް ނިންމާ ގަބޫލުކުރުމަކީވެސް ކުށެއް.
0 0

ޤައުމު

22 ސެޕްޓެމްބަރު 2022
ޓެރަރިސްޓްއެއް ކަަމަށް ގަބޫލުކޮށް....މައްސަލަ ސާބިތުނުވަނީހުން ޕީޖީ އިން ކުއްވެރިއެއް ކަމަށް ނިންމާ ގަބޫލުކުރުމަކީވެސް ކުށެއް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް