ފޮރިން މިނިސްޓަަރު އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ މިދިޔަ ހަފްތާގައި ބައްދަލުކުރައްވަނީ. (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-އިންޑިއާ

އދ.ގެ ސަލާމަތީ މަޖިލީހަށް އިންޑިއާ ހޮވަން ރާއްޖޭގެ ތާއީދު

އެ ކައުންސިލްގެ 2028-2029ގެ ދައުރަށް އިންޑިއާއަށް ތާއީދުކުރަން ދިވެހި ސަރުކާރުން ނިންމީ، މިދިޔަ ހަފްތާގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި ދަތުރުގައި
23 ޖެނުއަރީ 2023

އދ.ގެ މައި ގުނަވަނެއް ކަމަށް ކަމަށްވާ ސެކިއުރިޓީ ކައުންސިލް ނުވަތަ ސަލާމަތީ މަޖިލީހަށް އިންޑިއާ އިންތިހާބުކުރަން ދިވެހި ސަރުކާރުން މިއަދު ތާއީދުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކައުންސިލްގެ 2028-2029ގެ ދައުރަށް އިންޑިއާއަށް ތާއީދުކުރަން ދިވެހި ސަރުކާރުން ނިންމީ، މިދިޔަ ހަފްތާގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި ދަތުރުގައި ކަމަށެވެ.

ބުނީ ކީކޭ؟ - "ރާއްޖޭން އިންޑިއާއަށް ދޭ އެއްބާރުލުމުގެ އަސްލަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ގާތް ރަހުމަތްތެރިކަން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ:

  • ބައިނަލްއަގްވާމީ ސުލްހަ މަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމުގައި އިންޑިއާ އިން އަންނަނީ ހަރުދަނާ ލީޑަޝިޕެއް ދައްކަމުން 

  • އދ.ގެ ޗާޓަރުގެ އަސާސްތަކާއި އުސޫލުތަކަށް ހިފެހެއްޓުމުގައި ވެސް އިންޑިއާގެ ދައުރު ބޮޑު

"ސަލާމަތީ މަޖިލީހުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި އަޑު އުފުލައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ސުލްހަ މަސަލަސްކަމާއި ސަލާމަތާ ބެހޭ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ދެކެވޭ ވާހަކަތަކާއި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ގައުމަކަށް އިންޑިއާ ވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް އެބައޮތް،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެނގުން މުހިއްމު - ސަލާމަތީ މަޖިލީހުގެ އިންތިހާބު އޮންނާނީ ޖޫން 2027ގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ދައުރުގެ ޖަލްސާގަ އެވެ.

ގުޅުން ހުރި ކަމެއް - ސަލާމަތީ މަޖިލީހުގެ 2028-2029ގެ ދައުރަށް އިންޑިއާ އިން ވާދަކުރާއިރު ރާއްޖޭން ވެސް ވަނީ އެ ކައުންސިލްގެ 2033-2034ގެ ދައުރަށް ކުރިމަތިލުމަށް ނިންމާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ވެސް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖޭން ވާދަކުރި އެވެ. ނަމަވެސް، އިންޑޮނީޝިއާއާ ވާދަކޮށްގެން ރާއްޖެއަށް ލިބުނީ ވޯޓުގައި ބައިވެރިވި 193 ގައުމުތަކުގެ ތެރެއިން އެންމެ 46 ވޯޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް