Majlis 2024

ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

އަހަރެން ހީކުރީ އަހަރެންނާ ވަކިވުމަށް ފަހު ނަތާ އުޅޭނީ ވަރަށް އުފަލުގައި ކަމަށެވެ. އަހަރެންނާ އެކު އުޅުނު އިރު ސިއްރުން ނަތާ ހޯދަން އުޅުނު ދިރިއުޅުން ފާޅުގައި އުޅެން ލިބޭނެ ކަމަށެވެ. ނަމަވެސް މިއަދު ފެނުނީ އުފަލުން ފުރިފައިހުރި މީހެއް ނޫނެވެ.
17 އޮކްޓޯބަރު 2022
1

އެޕިސޯޑް 23

އޭގެ އަހަރެއް ފަހުން ނަތާ ފެނުނެވެ. ނަތާއަށް އައިސްފައި ހުރި ބަދަލު ފެނުމުން އަހަރެން ހައިރާންވިއެވެ. އަނަރޫފަ ވެފައިވާ ހަށިގަނޑެކެވެ. ވަޅުވަދެފައިވާ ދެލޮލެވެ. މޫނުމަތީގެ ތާޒާކަން ގެއްލި މީހާ ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެފައި ހެންނެވެ. އަތްފައި ވަނީ ނިކަމެތި ވެފައެވެ. އަހަރެންގެ އަތްނބަކަށް ހުރި އިރު ބުރުގާ އަޅައި ޒީނަތްތެރިވެފައި ހުރި ނަމަވެސް މިހާރު ނަތާ ހުރީ ބުރުގާ ނަގައިގެންނެވެ. ރީތި، ފަށުވި އިސްތަށިގަނޑު ވެސް ވަނީ ކުރު ގޮތަކަށް ކޮށައިލާފައެވެ.

ނަތާ ފެނުމުން އަހަރެން ދެރަވިއެވެ. އެކުގައި ހޭދަ ކުރި ހަނދާންތައް ކުރިމަތީ އެނބުރެން ފެށިއެވެ. ނަތާއާއެކު ވީ ދުވަސްތައް، މަންޒަރުތަކެއްގެ ސިފައިގައި އަހަރެންނަށް ފެންނަމުން ދިޔައެވެ. ނަތާ ހިނގާލާފައި ދާ ގޮތެވެ. ހިނިތުންވެލާ އިރު ކޮލަށް އަޑިވާ ތަންކޮޅެވެ. ކައިވެނި ކުރި ދުވަހު ނަތާ ލައިގެން ހުރި ހެދުމުގައި ނަތާގެ ރީތިކަން އިތުރުކޮށްދެއެވެ. ފުރަތަމަ ދަރިފުޅު ލިބުނު ދުވަހާއި އެ ދުވަސް ހޭދަ ކުރި ގޮތެވެ. އަހަރެންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ.

އަހަރެން ފެނުމުން ނަތާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ރިހުމެއް ފޮރުވިފައިވާހެން އަހަރެންނަށް ހީވިއެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަން ބޭނުންވިއެވެ. އެހެނަސް ހިތް އެކަމަށް އިޖާބައެއް ނުދިނެވެ.

"ނަތާ! ހާލު ކިހިނެއް؟" އަހަރެން އަހާލީމެވެ.

"ރަނގަޅު. ލިފާން ކިހިނެއް؟" ހިނިތުންވެލަމުން ނަތާ ބުންޏެވެ.

އަހަރެން ވެސް ރަނގަޅު ކަމުގައި ބުނީމެވެ. އަހަރެން ހީކުރީ އަހަރެންނާ ވަކިވުމަށް ފަހު ނަތާ އުޅޭނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށެވެ. ނަމަވެސް ނަތާގެ މުޅި ހަށިގަނޑު އަހަރެންނަށް އަންގައިދިނީ މި ކުރެވުނީ ކުށްހީއެއް ކަމެވެ.

"ލިފާން. އަނެއްކާ އަހަރެންނާ މެރީ ކުރަން ވީނު؟" ހީވެސް ނުކޮށް ހުއްޓައި އެކަހަލަ އެއްޗެއް ނަތާ ބުނުމުން އަހަރެން ސިއްސައިގެން ދިޔައެވެ. އަނެއްކާވެސް ނަތާ ކަމަކު އެދުނެވެ. އެކަމަކު އެކަން އަހަރެން އޭނައަށް ކޮށްދޭން ޖެހޭނެ ހެއްޔެވެ؟ ނަތާއަށް ދުވަހަކުވެސް ނޫނެކޭ ބުނެފައި ނުވުން ވީ މިއަދު އެކަމަށް އިންކާރު ކުރަން އުނދަގޫ ކަމަކަށެވެ. ނަމަވެސް ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. އެއީ މަތިވެރި ގުޅުމެކެވެ. މާތް ގުޅުމެކެވެ. މަހުޝަރުގައި އެ ގުޅުމަކާ ބެހޭ ގޮތުން ސުވާލު ކުރެވޭނެ ގުޅުމެކެވެ.

އަހަރެން ވަގުތުން ޖަވާބެއް ނުދެމެވެ. ބޭނުންވީ ވިސްނާލާށެވެ. މަޝްވަރާ ކޮށްލާށެވެ. އެކަމަކު ސުވާލަކީ ނަތާ އެހެން އެ ބުނީ ހަމަ ހަގީގަތުގައި ވެސް އަހަރެންނާ އެއްކޮށް ދިރިއުޅެން ބޭނުންވާތީ ހެއްޔެވެ؟ ނުވަތަ އޭގެ ފަހަތުގައި ވެސް ނަތާގެ އެދުމެއް އޮތީ ހެއްޔެވެ؟ މަންމައާ އަހަރެން އެކަން ހިއްސާ ކުރީމެވެ.

"ދަރިފުޅާ! މަންމަ ނުބުނާނަން އޭނައާ އިންނާށޭ. އެކަމަކު މީހެއްގެ ގޮތެއް ނޭނގޭނެ. އޭނައަށް އަލިމަގު ފެނި، އިސްލާހު ވެފައި ވެސް ހުރެދާނެ. އޭނަގެ ނިޔަތެއް އަހަރެމެންނަކަށް ނޭނގެ. ނަތާއާ ކައިވެނި ކުރުން އެއީ ދަރިފުޅަށް ރަނގަޅު ގޮތް ކަމުގައި ނުވެ ވެސް ދާނެ. އެކަމަކު ޒުފާންއަށް އެންމެ ރަނގަޅު ގޮތްކަމުގައި ވެދާނެ." މަންމަގެ ވާހަކަ އަހަރެންނަށް ގަބޫލު ކުރެވުނެވެ. އެކަމަކު ފަސް އެނބުރި ބަލަން އަހަރެން ޖެހިލުންވިއެވެ. ހިތުގައި ހުރި ޒަހަމް އަދި ލަކުނަކަށް ނުވެއެވެ. ވޭން ނޭޅި ނަމަވެސް ނުފިލާ ރިހުމެއް އޭގައި އެބަ ހުއްޓެވެ.

އަހަރެން ނަތާއަށްޓަކައި ވީ ގުރުބާނީއާއި އުފުލި ބުރަ ހަނދާން އެބަ ހުއްޓެވެ. ފިރިއަކު އުޅޭނެ އެންމެ ރަނގަޅަކަށް އުޅެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެނގި ހުރެ އެއްވެސް ކަމެއްގައި އިހުމާލެއް ނުވަމެވެ. ބަދަލުގައި އަހަރެން ބޭނުންވީ ތެދުވެރިކަމާއި ވަފާތެރިކަމެވެ. ސުވާލަކީ މިއަދު ނަތާއަށް އެ ކަންކަން ކޮށްދެވޭނެ ހެއްޔެވެ؟ އަނެއްކާވެސް އަހަރެން ނަތާއަށް އިތުބާރު ކުރަންވީ ހެއްޔެވެ؟ ވަފާތެރިވާނެ ކަމަށް އުންމީދު ކުރަންވީ ހެއްޔެވެ؟ ނަތާގެ ބޭވަފާތެރިކަން ހަނދާން ނައްތާލަންވީ ހެއްޔެވެ؟ ނަތާގެ ޝަކުވާތަކާއި ރުޅިވެރިކަމާއި ރުންކުރުކަމަކީ ވެސް އަހަރެން ބަލައިގަތް ކަންކަމެވެ. އަހަރެންގެ ކެތްތެރިކަން އިސްކުރަމުންނެވެ.

ބަރާބަރު ދެ ހަފުތާ ވަންދެން އަހަރެން ވިސްނީމެވެ. އަހަރެންގެ ހަރު ހިލަ ހިތް މަޑުވެ ކަފަކޮޅަކަށްވީ ނަތާގެ ލޮލުން ކަރުނަ ފެނުމުންނެވެ. ހަގީގަތަށް ބުނާ ނަމަ އަދިވެސް މި ހިތް އެދެނީ ނަތާއަށެވެ. ބޭވަފާތެރި ވިޔަސް އަހަރެން ނަތާ ބޭނުންވިއެވެ. އާއިލާއިން ނަސޭހަތް ދިނީ އެކަން ނުކުރުމަށެވެ. ރައްޓެހިން ވިސްނައި ދިނީ މި ހެދެނީ ގޯހެއް ކަމަށެވެ. ދިރިއުޅުމުގައި އެޅޭ އެންމެ ނުރައްކާތެރި ފިޔަވަޅު ކަމަށެވެ. އަހަރެން ވިސްނީ އެންމެ ރަނގަޅު ގޮތަށެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް އަޑުއެހީ ހިތް ބުނި ބުނުމެވެ. އިސްކަން ދިނީ ދަރިފުޅަށެވެ. ވުމާއެކު އެ އެންމެންގެ ބަސް ކަވާލާފައި އަހަރެން ނަތާއާ ކައިވެނި ކުރީމެވެ. ދިރިއުޅުން ފުރިހަމަ ވާނެ ކަމުގެ އުންމީދު ކުރަމުންނެވެ. ޒުފާންއަށް އުފާވެރި ހަޔާތެއް ހޯދައިދެވޭނެ ކަމުގައި ދެކެމުންނެވެ. ނަތާ އިސްލާހުވީ ކަމުގައި ހީކުރަމުންނެވެ. ނަމަވެސް އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމަލާނެކަން އަހަރެން ހަނދާން ނެތުނެވެ. އަބަދުވެސް ފެނުނީ ނަތާ ދެއްކި ހުވަފެނީ ކުލަތަކެވެ. ޖެއްސީ ނަތާ ބޭނުންވާ ކުލަތަކެވެ. ހަގީގަތް އޮތީ އަހަރެންނަށް އޮޅުވާލާފައެވެ.

ކައިވެންޏަށް ހަފުތާއެއް ވިއެވެ. އަހަރެމެން ދިރިއުޅެމުން ދިޔައީ މަންމަމެންނާ އެކުގައެވެ. ނަތާގެ އުޅުމާއި ވިސްނުން ބަދަލު ވެއްޖެ ކަމުގައި އަހަރެން އުންމީދު ކުރީމެވެ. ނަމަވެސް މަޑުމަޑުން އަހަރެންނަށް ފާހަގަވީ އެހެން ކަމެކެވެ. ނަތާ މާ ބޮޑަށް ބަލިވެ އުޅެން ފެށުމެވެ. ނުފިލާ ބޮލުގައި ރިހުމެއް ހުންނަން ފެށިއެވެ. ގިނަ ވަގުތު އޮށޯވެ އޮތުމާއި ކެއުމާ ދުރުކަމެވެ. ޑޮކްޓަރަށް ދައްކަން ދާން ކިތަންމެ ފަހަރަކު ބުނެފީމެވެ. ނަތާ އެއްބަހެއް ނުވިއެވެ.

"ދަރިފުޅާ! ނަތާއަށް ކިހިނެއްތަ އެ ވަނީ؟ މިއަދު ވެސް އެއްވެސް އިރަކު ނުކައި އެ އޮތީ. މިހާރު އިރު އޮއްސުނީ،" މަންމަގެ ކަންބޮޑުވުން ފާޅު ކުރިއެވެ. އަހަރެން ފުން ނޭވާއެއް ބޭރު ކޮށްލީމެވެ.

ކޮޓަރިއަށް ވަނީމެވެ. ފަހަތުން މަންމަ ވެސް ވަނެވެ. އަހަރެން ގޮސް އެނދުގައި އިށީދެފައި ނަތާގެ ބޮލުގައި ފިރުމާލީމެވެ. ނަތާ ލޯ ހުޅުވާލިއެވެ. ގަދަ ކަމުން ނަމަވެސް ހިނިތުން ވެވޭތޯ އުޅުނެވެ.

"ހިނގާ ކޮންމެވެސް އެއްޗެއް ކާން. މަންމަ ބުނި ނަތާ މިއަދު އެއްވެސް އެއްޗެއް ނުކައޭ،" ކަންބޮޑުވަމުން އަހަރެން ބުނީމެވެ. އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް ނަތާ ބޯ ހޫރުވާލިއެވެ. އަދި، ކާ ހިތް ނުވާ ކަމުގައި ބުންޏެވެ.

"ކާ ހިތްވާ ކޮންމެވެސް އެއްޗެއް ހުންނާނެ. ބުނެބަލަ،" އަހަރެން ނަތާގެ އަތުގައި ހިފަމުން ބުނީމެވެ. އަދި ތެދުވުމަށް ބުނީމެވެ. އެ ވަގުތު އަހަރެންގެ އަތް ފޮޅުވާލާފައި ނަތާ އެނދުން ތެދުވިއެވެ. އަދި ވަރަށް އަވަސް އަވަހަށް ދުވަމުން ފާހާނާއާ ދިމާލަށް ދުއްވައިގަތެވެ. އަދި ވަދެފައި ތަޅުލިއެވެ. އަހަރެން ހުރީ ފާހާނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެންގެ ކޮނޑުގައި މަންމަ ހިފާލިއެވެ. މަންމައާ ދިމާލަށް ބަލާލި އިރު މޫނުމަތިން ފެނުނީ ހާސްކަމެވެ. ނުތަނަވަސްކަމެވެ. އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިން މަންމަ ނުކުމެގެން ދިޔައެވެ. އަހަރެންނަށް ވިސްނެމުން ދިޔައީ މަންމަގެ މޫނަށް ވެރިވި ނުތަނަވަސް ކަމާމެދުއެވެ.

ނަތާ ފާހާނާއިން ނުކުތެވެ. އެނދާ ހިސާބަށް ނާދެވިގެން އުޅެނިކޮށް އަރިއަޅާލިއެވެ. އަހަރެން ދުވެފައި ގޮސް ނަތާ ހިފެހެއްޓީމެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

ކޮމެންޓް (1)

ފާތިމާ

17 އޮކްޓޯބަރު 2022
ޢޭޑުސް ޖެހިފަތަ، ނޫނީ މަސްތުވާ ތަކެތި ބޭނުންކުރަނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް