އިޒްރޭލުގެ ނަގާބުގައި އޮތް ބައްދަލުވުމަށް ފަހު. (ވ-ކ) ބަހްރެއިނުގެ ހާރިޖީ ވަޒީރު އަބްދުއްލަތީފު ބިން ރާޝިދު އަލް-ޒަޔާނީ، މިސްރުގެ ހާރިޖީ ވަޒީރު ސާމެހް ޝޫކްރީ، އިޒްރޭލުގެ ހާރިޖީ ވަޒީރު ޔައިރް ލަޕީދް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން، މޮރޮކޯގެ ހާރިޖީ ވަޒީރު ނައްސެރް ބޫރިތާ އަދި ޔޫއޭއީގެ ހާރިޖީ ވަޒީރު ޝޭހް އަބްދުއްލާ ބިން ޒާޔެދް އަލް ނަހްޔާން.

އިޒްރޭލުން އެކުވެރި އަރަބި ގައުމުތަކާ އެކު ބައްދަލުކޮށްފި

ބްލިންކެން ވިދާޅުވީ މީގެ ދެތިން އަހަރު ކުރިން ނަމަ މި ފަދަ ބައްދަލުވުމެއް ބޭއްވިދާނެކަން ހިޔާލަށް ވެސް ނުގެނެވިދާނެ ކަމަށް

ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ މެދުއިރުމަތީގެ މަސްރަހުގައި އެކުވެރި ގައުމުތަކާ އެކު ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން، އިޒްރޭލުން އަރަބި ލީގުގެ ހަތަރު ގައުމެއްގެ ހާރިޖީ ވަޒީޒުންނާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ އެކު ބައްދަލުވުންތަކެއް، އިޒުރޭލްގައި ބާއްވައިފި އެވެ. 

ފާއިތުވެދިޔަ އަހަރުތަކުގައި އެމެރިކާއިން އިސްވެ އޮވެ ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ސަބަބުން އިޒުރޭލާ އެކު ގުޅުންތައް ގާއިމުކުރި އަރަބި ގައުމުތަކުގެ ތެރެއިން އެއް ގައުމު ފިޔަވާ އެހެން ހުރިހާ ގައުމެއްގެ އެންމެ މަތީ ސަފީރުން ވަނީ މި ހަފްތާގެ ބައްދަލުވުންތަކުގައި ބައިވެރިވެފަ އެވެ.

އިޒްރޭލުގެ ދެކުނުގައި އޮންނަ ނަގާބު ސަރަހައްދުގެ ރިޒޯޓެއްގައި ކުރިއަށް ދިޔަ މި ބައްދަލުވުންތަކުގައި ބައިވެރިވި ގައުމުތަކުގެ މެދުގައި ހަކަތަ އާއި ތިމާވެއްޓާއި ސަލާމަތީ ކަންކަމުގައި އޮތް އެއްބާރުލުން ވަރުގަދަކޮށް، މި އެއްބަސްވުންތަކުގައި ބައިވެރިވުމަށް އިތުރު ގައުމުތަކަށް ދައުވަތު ދެއްވާނޭކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެން ވިދާޅުވި އެވެ.

އާންމުކޮށް އަރަބި-އިޒްރޭލު މަޝްވަރާ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް ވާހަކަދެކެވޭ ފަލަސްތީނު-އިޒްރޭލު މައްސަލައިގައި ހިމެނޭ ފަލަސްތީނަށް މި ސަމިޓަށް ދައުވަތު ދީފައެއް ނުވެ އެވެ.

"މީގެ ދެތިން އަހަރެއް ކުރިން މިފަދަ އެއްވުމެއް ސިފަކުރުމަކީ ވެސް ނުވާނޭ ކަމެއް،" ބްލިންކެން ވިދާޅުވި އެވެ.

"މި ސަރަހައްދާއި އިތުރު ސަރަހައްދުތަކަށް ބަދަލުތައް އައުމުގައި އެމެރިކާއިން ދީފައިވާ އަދި ދެމުން އަންނަ އެއްބާރުލުން ކުރިއަށް ގެންދާނެ."

މި ސަމިޓުގައި ބައިވެރިވި ޔޫއޭއީ އާއި ބަހްރެއިނުން އިޒްރޭލާ އެކު ގުޅުންތައް ގާއިމުކުރީ ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިސްވެ ހުންނަވާ ސޮއެކުރި އަބްރަހަމް އެކޯޑްސް އެއްބަސްވުމުގެ ދަށުންނެވެ. އަދި އޭގެ ފަހުން ޓްރަމްޕު ކުރިއަށް ގެންދެވި މަޝްވަރާތަކުގެ ސަބަބުން، މި ހަފްތާގެ ސަމިޓުގައި ބައިވެރިވި މޮރޮކޯއިން ވެސް ވަނީ އިޒްރޭލާ އެކު ގުޅުންތައް ގާއިމުކޮށްފަ އެވެ.

އިޒްރޭލާ އެކު ގުޅުންތައް ގާއިމުކޮށްފައިވާ އަރަބި ގައުމުތަކުގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެފައި ނުވާ ހަމައެކަނި ގައުމަކީ ޖޯޑަން އެވެ. މި ސަމިޓުގައި ބައިވެރިވުމުގެ ބަދަލުގައި ޖޯޑަންގެ ރަސްގެފާނު ކިންގް އަބްދުﷲ ވަނީ އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކު ސަރަހައްދަށް ޒިޔާރަތް ކުރައްވައިފަ އެވެ. އެއީ ފަލަސްތީނަށް ތާއީދުކުރައްވާކަން ދެއްކެވުމުގެ ގޮތުން ކުރެއްވި ދަތުރެކެވެ.

އިޒްރޭލުން ބޭއްވި މި ސަމިޓު ކުރިއަށް ގޮސްފައި މިވަނީ ހުޅަނގުގެ ބާރުތަކުން 2015 ގައި އީރާނާ އެކު ހެދި ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި މި ސަމިޓުގައި ބައިވެރިން ވަނީ މެދުއިރުމަތީ ސަރަހައްދުގައި އީރާނުން ހިންގަމުން ގެންދާ ކަންކަމަށް ފާޑުވިދާޅުވެފަ އެވެ.

މިސަމިޓު ނިންމާލަމުން މިއީ ކޮންމެ އަހަރަކު ބާއްވާނެ ސަމިޓެއްކަމަށް އިއުލާނު ކުރައްވާ، ދެން އޮންނަ ސަމިޓަކަށް ފަލަސްތީނަށް ވެސް ދައުވަތު އަރުވާނޭކަމަށް އިޒްރޭލުގެ ހާރިޖީ ވަޒީރު ޔައާ ލާޕިދު ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް