އިހުސާން އަލީ: އޭނާ އުމުރުން 48 އަހަރުގައި މިދިޔަ ހޯމަ ދުވަހު މަރުވީ ލިބެން ޖެހޭ އަވަސްމިނުގައި ފަރުވާ ނުލިބުމުން ކަމަށް އާއިލާ އިން ބުނޭ

ޅ. ނައިފަރު

ނައިފަރު ހޮސްޕިޓަލުން ފަރުވާ ލިބުން ލަސްވެގެން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ކުއްލި ހާލަތުގައި އޮތް ބަލިމީހާ ޅ. އަތޮޅު ހޮސްޕިޓަލާ ހަމައަށް ގެންދިޔުމުން އެ ތަނަށް ވެއްދުނީ ވެސް 10 ވަރަކަށް މިނިޓް ފަހުން ކަމަށް އާއިލާއިން ބުނޭ

ޅ. ނައިފަރުގައި މިދިޔަ ހޯމަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި މީހަކާ މެދު ޅ. އަތޮޅު ހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށް ބުނެ އާއިލާއިން ސީރިއަސް ތުހުމަތުތަކެއް ކޮށްފި އެވެ. މި މައްސަލަ މިހާރު ބަލަަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ވީ ކިހިނެއް؟ - އަނބިމީހާ އާއި ދަރިން ގާތަށް ރަށަށް ގޮސް ހުރި އިހްސާން އަލީ، 48، މަރުވީ އޭނާ ވަޒީފާ އަދާ ކުރާ ކަނުހުރާ ރިސޯޓަށް ފުރުމަށް ނައިފަރު ބަނދަރަށް ގޮސް ހުއްޓާ މެއަށް ތަދެއް އެރި ގޮތަށް، އަވަސް ފަރުވާ ނުލިބިގެން ކަމަށް އާއިލާއިން ބުނެ އެވެ. އާއިލާއިން ބުނީ، ފަހުން އެނގުނު ގޮތުގައި އޭނާ މަރުވި ކަމަށް ނިންމީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި މިކަމުގައި ހޮސްޕިޓަލުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

ތަފްސީލު - އިހްސާންގެ ކޮއްކޮ އަލީ ނަހުޒާން މިރޭ 'ދައުރު'އަށް ބުނީ ދިމާވި ކުއްލި ހާލަތުގައި އެމްބިއުލެންސަށް ގުޅުމާއި އިހުސާންއަށް ހޮސްޕިޓަލުން ފަރުވާ ލިބުމާ ދެމެދު ބައިގަޑިއެއްހާ އިރު ހޭދަވި ކަމަށެވެ. އެމްބިއުލެންސްގެ ހިދުމަތް ލިބިފައެއް ވެސް ނުވެ އެވެ.

"ބަނދަރުމަތީގައި ހުއްޓާ [ފަތިހު] 6:10 ހާއިރު މިކަމެއް ދިމާވީ. ހޮސްޕިޓަލުގެ އެމްބިއުލާންސަށް ގުޅީމަ ފޯނެއް ނުނަގާ. އެންމެ ފަހުން ބޭބެ ގެންދިޔައީ އެ ތަނުން ދިޔަ ޕިކަޕަށް ލައިގެން،" އެ ވަގުތު ހޭނެތިފައި އޮތް އިހުސާންއާ ބެހޭގޮތުން ނަހުޒާން ބުންޏެވެ.

ނަހުޒާން ބުނިގޮތުގައި އެ ވަގުތު ޕިކަޕްގައި އެއްޗެހިތަކެއް ހުރުމުން އެ ތަކެތި ބޭލުމަށް ފަހު އޭނާގެ ބޭބެ އަރުވައިގެން ހޮސްޕިޓަލަށް ދެވުނީ 6:16 ހާއިރު އެވެ. ނަމަވެސް ހޮސްޕިޓަލް އޮތީ އެފަދަ އިމަޖެންސީ ހާލަތަކަށް ތައްޔާރަށް ނޫން ކަމަށް އޭނާ ބުންޏެވެ.

"ޕިކަޕް ހޮސްޕޮޓަލަށް ކައިރިކޮށްފައި 10 މިނިޓް އޮންނަން ޖެހުނު އެ ތަނަށް ނުވެއްދިގެން. ސްޓްރެޗާއެއް، އެނދެއް ނެތް އަތު ޖެހޭ ހިސާބުގައި،" 5،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ނައިފަރުން ދިމާވި ހާދިސާއާ ގުޅޭ ގޮތުން ނަހުޒާން ބުންޏެވެ.

އިހުސާން އުފުލި ޕިކަޕް

އޭރު ހޮސްޕިޓަލުގައި ހުރި ކޮޓަރިއަކުން އެމްބިއުލާންސް ޑްރައިވަރު ނުކުތް ކަމަށާއި ބެލެވޭ ގޮތުގައި އޭނާ އެ ވަގުތު ނުކުތީ ނިދާ ހޭލައިގެން ކަމަށް ނަހުޒާން ބުންޏެވެ.

"ޑްރައިވަރު ބުނީ، ސްޓްރެޗާ މައްޗަށް މުދާ އަރުވާފައި ކަމަށް ހުރީ. މުދާތައް ނަގާފައި އޭތި ނެރެން ލަސްވާނެ ކަމަށް. ބޭބެ އޭރު ވެސް އޮތީ ޕިކަޕްގައި އެއްވެސް ފަރުވާއެއް ނުލިބި. ޑޮކްޓަރެއް ވެސް ނެތް. ތިބީ ތިން ނަރުހުން ކައުންޓަރު ކައިރީ،" ނަރުހުން ވެސް ބޭބެއަށް އަވަސް ފަރުވާ ދިނުމަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ނަހުޒާން ވާހަކަދެއްކި އެވެ.

"ތިން ނަރުހުންގެ ތެރެއިން އެއް ނަރުސް ސްޓްރެޗާ ކޮބާހޭ ސްޓްރެޗާ ގެންނާށޭ ގޮވި. އޭނަ މަސައްކަތް ކުރީ ސްޓްރެޗާ ހޯދަން. އަނެއް ދެ ނަރުހުން ތިބީ ހަމަ ކައުންޓަރު ދޮށުގައި."

ބަލި މީހުން އުފުލާ ސްޓްރެޗާއަށް މުދާ އަރުވާފައި

ނަހުޒާން ބުނީ އެންމެ ފަހުން އިހުސާން ހޮސްޕިިޓަލަށް ވެއްދީ އިމަޖެންސީ ރޫމްގައި ހުރި އެނދެއް ނަގައިގެން ގޮސް އާއިލާގެ މީހަކާއި ޕިކަޕްގައި ތިބި ދެ މީހުންގެ އިތުރުން މަގުމަތިން ދިޔަ ބިދޭސީ މީހެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އެކަން އޭނާ ސިފަ ކުރީ "ވަރަށް ދެރަވަރު" ކަމެއްގެ ގޮތުގަ އެވެ.

"ހޮސްޕިޓަލަށް ވެއްދުމަށް ފަހު ސީޕީއާރު ދޭން ފެށީ. އޭރު ވެސް ޑޮކްޓަރެއް ނާދޭ. އެއްވެސް ޑޮކްޓަރެއް ޑިއުޓީގައި ނެތް. ޑޮކްޓަރު ހުރީ އޮން ކޯލްގައި ކަމަށް ވަނީ. ސީޕީއާރު ދޭން ފެށިތާ ހަތް ވަރަކަށް މިނިޓް ފަހުން ޑޮކްޓަރު އައީ،" އޭނާ ބުންޏެވެ.

"ދެން ފަހުން އިތުރު ޑޮކްޓަރެއް އައީ 6:47ގައި. އައިސް ޝޮކް ދީފައި ބުނަނީ ބޭބެ ނިޔާވެއްޖެ ކަމަށް."

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ ބޭރު

ނަހުޒާން ބުނި ގޮތުގައި ޕިކަޕަށް އެރުވި އިރު ބޭބެ ހޭނެތިފައި އޮތް ނަމަވެސް، އޭރު ވެސް އޭނާގެ ވިންދު ހުއްޓެވެެ.

މި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ދޯދިޔާކޮށް ދިޔައީ ހުރިހާ ކަމެއް ވެސް. ނަރުހުން ވެސް، ޑޮކްޓަރުން ވެސް ވަރަށް ފަރުވާ ކުޑަކޮށް ކަންތައް ކުރީ. އެއްވެސް ހަލުވިކަމެއް ނެތް. ކަމެއް ވެގެން އުޅޭހެން ވެސް ހިއެއް ނުވޭ،" ނަހުޒާން ބުންޏެވެ.

އެނގުން މުހިއްމު - އާއިލާއިން ބުނި ގޮތުގައި އިހުސާން އަކީ ބޮޑު ބައްޔެއް ހުންނަ ކަމެއް އެނގިފައި ނެތް އަދި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހެކެވެ. އަދި މީގެ ކުރިން މިފަދަ ކަމެއް ދިމާވެފައި ނެތް ކަމަށް ވެސް އާއިލާއިން ބުންޏެވެ. 

މައްސަލަ ދަނީ ބަލަމުން: ހޮސްޕިޓަލް

ޅ. އަތޮޅު ހޮސްޕިޓަލުން މިކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އާއިލާއިން މިކަމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރާތީ، އިހުމާލެއް ވޭތޯ ބެލުމަށް ފުރިހަމަ އިންކުއަރީއެއް ހަދަން ފަށާފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ފާހަގަ ކުރެވޭ ކަންކަމުގައި އަމަލުކުރާނެ ވަކި ގޮތެއް ބަލައި އިހުމާލުވެފައިވާ ނަމަ އެކަމުގައި ފިޔަވަޅު އެޅުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހެޅިގެން ދާނެ،" ހޮސްޕިޓަލުގެ ކުރު ބަޔާނުގައި ބުންޏެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް

Placeholder

ޅ. ނައިފަރު

ޅ. ނައިފަރު