އިސްކަންދަރު މިސައިލެއް. (ފޮޓޯ/ ރޮއިޓާސް)

ރަޝިޔާ

ރަޝިޔާ އިން ބެލަރޫސްއަށް ނިއުކްލިއާ މިސައިލު ދެނީ

ހަނގުރާމައިގައި ބެލަރޫސް ބައިވެރިކުރުމަށް ރަޝިޔާއިން މަސައްކަތް ކުރަމުންދާކަމަށް ޔޫކްރެއިނުން ތުހުމަތުކުރޭ

ކުރިއަށް އޮތް މަސްތަކުގައި ރަޝިޔާ އިން ބެލަރޫސްއަށް ނިއުކްލިއާ ގާބިލުކަން ހުންނަ 'އިސްކަންދަރު' މިސައިލުތައް ފޮނުވާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު މިސައިލުތަކުގެ 'އެމް' މަރުކާގެ ނިޒާމަކުން އާދައިގެ އަދި ނިއުކްލިއާ ވައްތަރުގެ ބެލިސްޓިކް އަދި ކްރޫޒް މިސައިލު ލޯންޗުކުރެވޭނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. މިފަދަ ނިޒާމަކުން ލޯންޗުކުރެވޭ މިސައިލަކުން 500 ކިލޯމީޓަރު ދުރުގައި ހުންނަ އަމާޒުތަކަށް ހަމަލާ ދެވޭނެ އެވެ.

ހުޅަނގާއި މޮސްކޯއާ ދެމެދު އޮތް ގުޅުން ގޯސްވެފައި ވަނީ މިދިޔަ ފެބްރުއަރީ 24ގައި ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ އިއުލާނުކުރުމާ ގުޅިގެންނެވެ. މި ހަނގުރާމަ ފެށި ފަހުން ޕޫޓިން ވަނީ ނިއުކްލިއާ ބާރު ބޭނުންކުރައްވާނެ ކަމަށް ވިދާޅުވެ، އިތުރު ގައުމަކުން މި ހަނގުރާމައިގެ ތެރެއަށް ފުންމާނުލުމަށް އިންޒާރު ދެއްވާފަ އެވެ.

މޮސްކޯ އިން މިންސްކްއަށް އިސްކަންދަރު މިސައިލު ފޯރުކޮށްދިނުމުގެ އިތުރުން ބެލަރޫސްގައި ހުރި އެސްޔޫ-25 މަރުކާގެ މަތިންދާބޯޓުތަކަށް ނިއުކްލިއާ ހަތިޔާރު އުފުލޭނެ ގޮތަށް ބަދަލުތައް ގެންނަވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އިން ލިބިފައިވާ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު، ޔޫކްރެއިނުގެ އިރުމަތީގައި އޮތް ސެވެރްޑޮނެސްކު ސިޓީ އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށް ގޮސްފައިވާ ކަމަށް ޔޫކްރެއިނުން ވަނީ އިއްޔެ ބުނެފަ އެވެ.

މި ސިޓީ ރަޝިޔާގެ އަތްދަށަށް ދިއުމުން ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ވަރުގަދަ ސިނާއީ ދެ ސަރަހައްދު ކަމުގައިވާ ލޫހާންސްކާއި ޑޮނެސްކުގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއް ރަޝިޔާގެ އަތްދަށުވީ އެވެ.

ނަމަވެސް ރަޝިޔާގެ އަތްދަށުގައިވާ ޔޫކްރެއިނުގެ ހުރިހާ ސިޓީތަކެއް އަނބުރާ ހޯއްދަވާނެ ކަމަށް ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ ވަނީ ރޭ ވިދާޅުވެފަ އެވެ.

ރަޝިޔާގެ އަތްދަށަށް ސެވެރްޑޮނެސްކު ދިއުމާ ގުޅޭ. (ވީޑިއޯ/ ސީބީއެސް އީވްނިންގް ނިއުސް)

ރަޝިޔާ އިން ވަނީ ޔޫކްރެއިނުގެ އުތުރު އަދި ހުޅަނގުގެ ސަރަހައްދުތަކަށް ރޭ މިސައިލު ހަމަލާތަކެއް ދީފަ އެވެ. އޭގެން ބައެއް ރޮކެޓުތައް ލޯންޗުކޮށްފައި ވަނީ ބެލަރޫސްގެ ސަރަހައްދުން ކަމަށް ޔޫކްރެއިނުން ތުހުމަތުކުރެ އެވެ. 

ބެލަރޫސް އިން ރަޝިޔާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އަމަލީ ގޮތުން މި ހަނގުރާމައިގާ އަދި ބައިވެރިއެއް ނުވެ އެވެ. ނަމަވެސް ރަޝިޔާ އިން މި ހަނގުރާމައަށް ބެލަރޫސް ވައްދަން މަސައްކަތް ކުރަމުންދާ ކަމަށް ޔޫކްރެއިނުގެ ޖާސޫސީ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް