Majlis 2024

އެޕަލްގެ ސީއީއޯ ޓިމް ކުކް. (ފޮޓޯ/އެޕަލް)

ދުނިޔޭގެ އެންމެ އަގުހުރި ކުންފުނީގެ ލަގަބު އެޕަލްއަށް ގެއްލިއްޖެ

އެޕަލްގެ އަގު ވަނީ މި އަހަރުގެ މިހާތަނަށް %20 ވެއްޓިފައި؛ މި ވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަކީ ސައުދީ އަރަމްކޯ

އިންވެސްޓަރުން ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާތައް ދޫކޮށްލަމުން ދިއުމާ ގުޅިގެން، ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ ލަގަބު އެޕަލްއަށް ގެއްލިއްޖެ އެވެ.

އެޕަލް ދެ ވަނައަށް ވެއްޓި މިވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަކަށް ވެފައި ވަނީ ސައުދީ އަރަބިއްޔާގެ ގޭހާއި ތެލުގެ ސިނާއަތުގައި އޮޕަރޭޓުކުރާ ކުންފުނި، އަރަމްކޯ އެވެ. މިއީ ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަރަމްކޯއިން އެޕަލްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.

ޓެކްނޮލޮޖީ ކުންފުނިތަކަށް އޮތް އިތުބާރު ވެއްޓެމުން ދިއުމާ އެކު އިންވެސްޓަރުން ދަނީ އެ ކުންފުނިތަކުގެ ހިއްސާތައް ވިއްކާލަމުންނެވެ. ހަމަ އެއާ އެކު، ކްރިޕްޓޯ ފައިސާގެ އަގުތައް ވެސް ދަނީ ވަރަށް ބޮޑަށް ވެއްޓެމުންނެވެ. މިދިޔަ ނޮވެމްބަރު މަހު ހުރި އަގާ އަޅާބަލާއިރު ބިޓްކޮއިންގެ އަގު ވެސް ވަނީ %60 ވެއްޓިފަ އެވެ.

އިއްޔެ ނިއުޔޯކުގެ ހިއްސާގެ ބާޒާރުގައި އެޕަލްގެ ހިއްސާއެއްގެ އަގު %5 ވެއްޓި، ކުންފުނީގެ އަގު 2.37 ޓްރިލިއަން ޑޮލަރަށް ވަނީ ތިރިވެފަ އެވެ. މިވަގުތު އެއް ވަނަ މަގާމުގައި އޮތް އަރަމްކޯގެ މާކެޓު އަގު ހުރީ 2.42 ޓްރިލިއަން ޑޮލަރުގަ އެވެ.

މިއީ 2020އަށް ފަހު އެންމެ އަގުބޮޑު ކުންފުނީގެ މަގާމު އަރަމްކޯއިން ހޯދި ފުރަތަމަ ފަހަރެވެ. ދުނިޔޭގައި އަރަމުން އަންނަ ހަކަތައިގެ އަގުތަކާ އެކު އަރަމްކޯ ފަދަ ހަކަތައިގެ ސިނާއަތުގައި އޮޕަރޭޓުކުރާ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ މި އަހަރުގެ ތެރޭގައި އުފުލިފަ އެވެ.

މި މުއްދަތުގެ ތެރޭގައި ޓެކްނޮލޮޖީ ހިއްސާގެ އަގުތައް ވެއްޓުމާ އެކު އެޕަލް ކުންފުނީގެ ހިއްސާގެ އަގު ވަނީ މި އަހަރުގެ މިހާތަނަށް %20 ދަށަށް ގޮސްފަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ދުނިޔޭގެ އިގްތިސާދު ހަމައަކަށް އެޅުމަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އުފުލެމުންދާ މުދަލާއި ހިދުމަތްތަކުގެ އަގުތަކެވެ. އަދި މި ސަބަބާ ހުރެ ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުގެ ސެންޓްރަލް ބޭންކުތަކުން ވަނީ އިންޓްރެސްޓް ރޭޓު މަތިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް