މާލޭ ތާޖުއްދީން ސްކޫލުގައި ޕީސީއާރު ޓެސްޓު ހަދަން 10 ޖެނުއަރީ 2022ގައި މީހުން ކިޔޫ ހަދައިގެން ތިބި އިރު ކުޑަކުދިންތަކަކާ އެކު ބަޔަކު މަޑުކޮށްގެން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮވިޑް-19

ފިޔަވަޅުތައް އުވާލެވޭނީ ކޮން އިރަކު؟

ކޮވިޑްގެ ފިޔަވަޅުތައް އުވާލަމުންދާ ގައުމުތަކުގައި ބޫސްޓާ ވެކްސިން ޖެހި ނިސްބަތް މަތި އަދި 5-11 އުމުރުފުރައަށް ވެކްސިން ލިބޭ

ބައެއް ގައުމުތަކުގައި އޮމިކްރޮން ވޭރިއެންޓުގެ ރާޅު ތިރިވުމާ އެކު، ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އޮއިވަރެއް ދުނިޔޭގައި ފެށިގެން އެބަ އާދެ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާގެ ބައެއް ސްޓޭޓްތަކާއި ކެނެޑާގެ ބައެއް ޕްރޮވިންސްތަކުގައި ވެސް، މާސްކު އެޅުމާއި ކަރަންޓީނާއި ވެކްސިން ޖެހިކަން ދެއްކުން މަޖުބޫރުކުރާ ގަވާއިދުތައް ފަދަ ހިފެހެއްޓުންތައް ނިމުމަކަށް ގެންނަން މިހާރު ވަނީ ފަށައިފަ އެވެ.

އެއީ އާބާދީގެ ބޮޑު ބައެއް ވެކްސިންގެ ތިން ޑޯޒު ފުރިހަމަކޮށްފައިވާ އަދި 5-11 އަހަރުގެ ކުޑަކުދިންނަށް ވެސް ވެކްސިން ޖަހަމުން އަންނަ ގައުމުތަކެވެ. ރާއްޖޭގައި މިހާތަނަށް ބޫސްޓާ ޑޯޒު ޖަހާފައިވަނީ، 12 އަހަރުން މަތީގެ އާބާދީގެ ނިސްބަތުން ބެލިޔަސް، %22 އެވެ؛ ޖުމްލަ އާބާދީއަށް ބަލާ އިރު އެންމެ %18 އެވެ. ކުޑަކުދިންގެ 5-11 އުމުރުފުރައަށް ވެކްސިން ޖަހާކަށް އަދި ނުވެސް ފަށަ އެވެ.

ނަމަވެސް ރާއްޖޭގައި ވެސް އޮމިކްރޮންގެ ރާޅު އުފުލޭނެ އެންމެ އުހަށް ގޮސް ނިމުނީ ކަމުގެ ސިގްނަލް ވަނީ ލިބިފަ އެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭ ފުރަތަމަ ފަހަރަށް ހުކުރުދުވަހު ދުވާލެއްގެ އާ ކޭސްތައް ހާހަކުން ތިރިއަށް ވެއްޓުމަށް ފަހު އިއްޔެ އަނެއްކާވެސް މައްޗަށް ދިޔަ ނަމަވެސް، ޓެސްޓުގެ ނިސްބަތުން ޕޮޒިޓިވްވާ އަދަދު އެވްރެޖުކޮށް ދަށްވާން ވަނީ ފަށައިފަ އެވެ. ޕޮޒިޓިވިޓީ ރޭޓު އަދިވެސް ހުރީ %25 އަށް ވުރެ މަތީގަ އެވެ. އެއީ ވަރަށް މަތީ އަދަދަކެވެ. އެކަމަކު މިހާތަނަށް ނެގި ކޮވިޑްގެ އެންމެ އުސް ރާޅު ތިރިވެގެން އަންނަ ތަން މިހާރު ފެނެ އެވެ.

ކަންބޮޑުވުންތަކެއް

ފިޔަވަޅުތައް އުވާލާކަން އިއުލާންކުރަމުންދާ ބައެއް ގައުމުތަކުގައި، އެކަމާ މެދު ފަރުވާތެރިވާން ސިއްހީ މާހިރުން އިންޒާރުދޭ ސަބަބުތަކެއް ވެ އެވެ. އެއް ކަމަކީ، ގިނަ މީހުންނަށް ކިތަންމެ ބޮޑު އުފަލަކަށް ވިޔަސް، ކޮވިޑްގައި ހާލު ދެރަވުމާއި މަރުވުމުގެ ނުރައްކާ ބޮޑު މީހުންނަށް ކުރިމަތިވާނެ ހާސްކަމާއި އެ މީހުންނަށް ރައްކާތެރިކަމެއް ނުލިބިދާނެ ކަމުގެ ބިރެވެ. އަނެއް ކަމަކީ، އަނެއްކާވެސް ކޭސްތައް މާ ބޮޑަށް އިތުރުވެގެން، ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ މީހުން ގިނަވެއްޖެ ނަމަ ސިއްހީ ފަރުވާގެ ނިޒާމަށް ބާރު ބޮޑުވުމުގެ ގެއްލުން ހުރިހާ ގޮތަކުން ވެސް ކުރިމަތިވާނެ އެވެ. ދެން އޮތީ، ބަލި ކޮންޓްރޯލް ނުވެ އަނެއްކާވެސް އިތުރު ވޭރިއެންޓްތަކެއް އައިސް، މިހާރު ލިބިފައި އޮތް ކުރިއެރުން ބޭކާރުވުން ނުވަތަ ބަލިމަޑުކަމުގެ ތިން ވަނަ އަހަރެއް ވޭތުކުރަން ޖެހިދާނެ ކަމުގެ ނުތަނަވަސްކަމެވެ. މި ވައިރަހުގެ، ދެން ވާނެ ގޮތެއް ނޭނގޭ ތޮބީއަތާ މެދު ވެސް ސައިންސްވެރިން ޖެހިލުންވެ އެވެ.

ފިޔަވަޅުތައް އުވާލަން ސިޔާސީ ގޮތުން ނިންމަން ފަށާފައި ވަނީ، ބައެއް ތަންތަނުގައި، މުޅިއަކުން ސިއްހީ މާހިރުންގެ އިރުޝާދު ނުވަތަ ލަފަޔަކަށް ނޫނެވެ. ނަމަވެސް ބަލިމަޑުކަމާ އެކު ގެނައި ހިފެހެއްޓުންތަކަށް ދެ އަހަރު ފާއިތުވި އިރު މީހުން "ވަރުބަލިވެއްޖެ"ކަން ސާފެވެ. އޭގެ ރުޅި އާއި ހިތްހަމަނުޖެހުންތައް ކޮންމެ ދުވަހަކު ވެސް އަޑުއިވެ އެވެ. މިދިޔަ ދެ އަހަރަކީ ހުރިހާ ގޮތަކުން ވެސް ތަކުލީފު ބޮޑު މުއްދަތެކެވެ. ކޮވިޑް ޖެހިގެން ދުނިޔެ އިން އެތައް މިލިއަން މީހުން މަރުވެ، މީހުންގެ އާމްދަނީ އާއި ދިރިއުޅުމާއި ގައުމުތަކުގެ އިގްތިސޯދުތައް ފުނޑުފުނޑުވެއްޖެ އެވެ. ނަފްސާނީ މައްސަލަތައް ދުވަހަކު ވެސް ނުދާ މިންވަރަށް މައްޗަށް ހިނގައްޖެ އެވެ. ފިޔަވަޅުތައް އުވާލަން ފެށުމަކީ، މި ހާލަތުގެ ހިތާމަތަކާއި ބޯހާސްކަމުން އަރައިގަންނަން ކެތްތެރިކަން ކޮޅުންލާފައި ތިބި މީހުންނަށް އުއްމީދެކެވެ.

އެކަމަކު މާ އަވަހަށް މާ ބޮޑެތި ދޫތައް ނުދޭން އިންޒާރުދޭ ސައިންސްވެރިން ދެކޭގޮތުގައި، ރަނގަޅު ވަގުތު ނުޖެހެނީސް ފިޔަވަޅުތައް އުވާލައިފި ނަމަ ބަލިމަޑުކަން "އެއްކޮށް ނިމުނީ" ކަމުގެ ނުބައި ސިގްނަލް އާއްމުންނަށް ލިބި، ނަތީޖާ ގޯސްވެދާނެ އެވެ. ލުއި ދޭ ކޮންމެ ފަހަރަކު ވެސް ކޭސްތައް އިތުރުވެގެންދެ އެވެ. ވެކްސިން ޖެހުމާއި ބަލި ޖެހުމުގެ ސަބަބުން ދިފާއު ލިބިފައިވާތީ، މި ބަލީގައި ކުރިން މަރުވިހާ ގިނައިން މީހުން މިހާރު މަރެއް ނުވެ އެވެ. އެކަމަކު ކޭސްތައް އިތުރުވެގެންދާ އިރު މަރުވުން ވެސް އިތުރުވެ އެވެ.

ފިޔަވަޅުތައް އެއްކޮށް އުވާލުމުން މީހުންނަށް ލިބިގެންދާނެ، ބިރެއް ނެތް ކަމުގެ ތަސައްވުރާ އެކު، ރައްކާތެރިވުމުގެ އާދަތަކުގައި ހިފަހައްޓާ މިންވަރު ދަށަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ. އޭގެ ތެރޭގައި، ޓެސްޓްކުރާ މީހުންގެ އަދަދު މަދުވުން ވެސް ހިމެނެ އެވެ. ރާއްޖޭގައި މި ވަގުތު ޓެސްޓްކުރުން ވަނީ ދަށަށް ގޮސްފަ އެވެ.

މިހާތަނަށް ފައުޗީގެ އެންމެ އުއްމީދީ ވާހަކަތައް

ކޮވިޑްގެ ހާލަތާ ބެހޭ ގޮތުން އެންމެ ބަލައިގެން ވާހަކަދައްކަވާ އެއް މާހިރަކީ އެމެރިކާގެ ޑރ. އެންތަނީ ފައުޗީ އެވެ. ނަމަވެސް ފައުޗީ މިދިޔަ ހަފްތާގައި ވަނީ ކުރިން އޭނާގެ ފަރާތުން އިވިފައި ނުވާ ފަދަ އުއްމީދީ ވާހަކަތަކެއް ދައްކަވައިފަ އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ޗީފް މެޑިކަލް އެޑްވައިޒަރު ވިދާޅުވި ގޮތުގައި އެމެރިކާ މިހާރު އޮތީ ބަލިމަޑުކަމުގެ "ފުލް ބްލޯން" މަރުހަލާ އިން ނުކުތުމުގެ ތެރޭގަ އެވެ. ވެކްސިނާއި ބޭހާއި ބަލި ޖެހިގެން ލިބޭ ދިފާއުގެ ސަބަބުން، މި ވައިރަސް މެނޭޖުކުރުން ދާދި އަވަހަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

ދެން އޮތް މަރުހަލާ ފައުޗީއަށް ފެނިވަޑައިގަންނަވަނީ މައި ސަރުކާރުން ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ބަލި ފެތުރޭ ވަކިވަކި ތަންތާނގެ ލޯކަލް ފެންވަރުގައި ހިފެހެއްޓުންތައް ގެންގުޅޭ ގޮތަށެވެ.

ޑރ. އެންތަނީ ފައުޗީ: އޭނާ ވަނީ އެމެރިކާގައި ކޮވިޑްގެ ހުރިހާ ފިޔަވަޅުތަކެއް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނިމުމަކަށް ގެނެވޭނެ ކަމުގެ އުއްމީދު ފާޅުކުރައްވާފައި

ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވި ގޮތުގައި، މާސްކު އެޅުން ވެސް ހިމެނޭ ގޮތަށް، އެމެރިކާގައި ކޮވިޑްގެ ހުރިހާ ފިޔަވަޅުތަކެއް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނިމުމަކަށް ގެނެވޭނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ. އަދި އެކަން މި އަހަރު ތެރޭގައި ހާސިލްވުން އެކަށީގެންވާ ކަމަށް ލަފާކުރާ މާހިރުންނާ ފައުޗީ އެއްބަސްވެވަޑައިގެންނެވި އެވެ.

ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަން 'އެންޑެމިކް' ހާލަތަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ބައެއް ލީޑަރުން ދައްކަވާ ވާހަކަ ފައުޗީ ތަކުރާރެއް ނުކުރެއްވި އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ ބަލި ފެތުރޭ މިންވަރު ސަރުކާރުން މިހާ ގާތުން ބަލަން ނުޖެހޭ ފަދަ ހިސާބަކަށް ދާދި އަވަހަށް ހާލަތު ހަމައަކަށް އެޅުން އެކަށީގެންވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ވައިރަސް ނައްތާލެވޭނެ އެއްވެސް ގޮތެއް ނެތް،" ފައުޗީ ވިދާޅުވި އެވެ. "ނަމަވެސް އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުމެންނަށް ފެންނަން އޮތީ ކޮވިޑްގެ ފިޔަވަޅުތައް ދާދި އަވަހަށް މާޒީގެ ތެރެއަށް ވަދެގެންދާ ފަދަ އަދަދަކަށް މީހުން ވެކްސިން ޖަހައި އަދި ބަލިޖެހުމުގެ ސަބަބުން ދިފާއު ލިބިފައިވާ ވަގުތެއް ކަމަށް."

ވައިރަސް ކޮންޓްރޯލްކޮށްފައި ބާއްވަން ހުރިހާ އެންމެން ގަވާއިދުން ބޫސްޓާ ވެކްސިން ޖަހަން ޖެހޭނެ ކަމަކަށް ފައުޗީ ދެކެވަޑައެއް ނުގަންނަވަ އެވެ. އޭނާ ވިދާޅުވީ އެ ގޮތަށް ކަން ކުރަން ޖެހޭނީ ބައެއް މީހުން ކަމަށެވެ. ފައުޗީ ގަބޫލުކުރައްވާ ގޮތުގައި "އިތުރު ބައްޔެއް ނެތް، 30 އަހަރުގެ ދުޅަހެޔޮ މީހެއް ނަމަ ކޮންމެ ހަތަރެއް ނުވަތަ ފަސް އަހަރަކުން ބޫސްޓާއެއް ޖަހަން ޖެހިދާނެ" އެވެ.

ބޮޑު ނިންމުމެއް

ބައެއް މީހުން ދެކޭގޮތުގައި ފިޔަވަޅުތައް މުޅިން އުވާލާކަށް "އެންމެ ރަނގަޅު" ވަގުތެއް ނާންނާނެ އެވެ؛ ޖެހޭނީ، ފައިދާ އާއި ގެއްލުން އަޅާބެލުމަށް ފަހު ލޯ މަރާލާފައި އެކަން ކުރާށެވެ. އެ ވިސްނުމުން ބަލާ ނަމަ، ބައްޔަށް އެންމެ ނާޒުކު މީހުންގެ ރައްކާތެރިކަމަށް ސަމާލުކަންދިނުމާއި ވެކްސިން ޖެހުމަށާއި ޓެސްޓްކުރުމަށް ހޭލުންތެރިކުރުން ހުއްޓާނުލައި ކުރިއަށް ގެންދިޔުން ފަދަ މުހިއްމު ސިޔާސަތުތައް ރަނގަޅަށް ތަންފީޒުކޮށްފި ނަމަ، ކޮވިޑްގެ ހާލަތު މާ ބޮޑަށް ފަހަތަށް ސޮއްސާނުލައި މަޑުމަޑުން ގޮސް އާދައިގެ ދިރިއުޅުމަކަށް ދެވިދާނެ އެވެ. އެކަމަކު އެހާ ހިސާބަށް ކުރާ ދަތުރު އެހާ އޮމާން ނުވުން އެކަށީގެންވެ އެވެ. 

އެޗްޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕިޑީމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަހު ބުނި ގޮތުން ނަމަ، ރާއްޖޭގައި ވެސް މިހާރު ގެންގުޅެނީ "ބައްޔާ އެކުގައި ދިިރިއުޅުން ކުރިއަށް ގެންދާ" އުސޫލެކެވެ. އޭގެ މާނައަކީ ފިޔަވަޅުތައް ހަރުކަށި ނުކޮށް ވައިރަސް މެނޭޖުކުރުމެވެ. އޮމިކްރޮންގެ ރާޅު ތިރިއަށް ހިފާލިތަނާ ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނެވެ. އެކަމަކު ރާއްޖެ އަދިވެސް އޮތީ ކޮވިޑް ލައިގަތް 2020 އިން ފެށިގެން ދިގުދަންމަމުންދާ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ. އެ ހާލަތު ތަކުރާރުކުރަމުން ގެންދަނީ ކޮވިޑްގެ ފިޔަވަޅުތައް އެޅުމުގެ ގާނޫނީ ފުރުސަތު ހޯދާށެވެ. ކުއްލި ނުރައްކަލުގެ ހާލަތުން ބާރު ލިބިދޭ ފިޔަވަޅުތަކުގެ ތެރޭގައި މީހުން އެއްވެއުޅުމާއި ތަންތަނަށް ދިއުން މަނާކުރުމާއި އެތެރޭގެ ދަތުރުފަތުރު ހުއްޓުވުން ނުވަތަ ހިފެހެއްޓުމާއި ސްކޫލްތައް ބަންދުކުރުން ހިމެނެ އެވެ.

އެ ފިޔަވަޅުތައް ލުއިދިނުން، އަލުން ތަކުރާރުކުރުން، ނުވަތަ ދޫކޮށްލުމުގެ ގިނަ ނިންމުންތަކެއް އެޗްޕީއޭ އިން ވޭތުވެދިޔަ ދެ އަހަރު ނިންމައިފި އެވެ. މާސްކު އެޅުމާއި ޕޮޒިޓިވް މީހުން ކަރަންޓީނުވުން ފަދަ ބޮޑެތި ފިޔަވަޅުތަކަށް ބަދަލެއް ގެނައުމުގެ އިޝާރާތެއް މިހާތަނަކަށް ނެތެވެ. އެއީ ފަސޭހަ ނިންމުމަކަށް ވެސް ނުވާނެ އެވެ. އެފަދަ ފިޔަވަޅުތައް އުވާލާ ހިސާބަށް ދިޔުމުގެ ކުރިން އެޗްޕީއޭ އިން ބައިވަރު ކަންކަން ވަޒަންކުރަން ޖެހޭނެ އެވެ. މި ވަގުތު ބޫސްޓާ ވެކްސިނާއި ކުޑަކުދިންގެ ވެކްސިން ކަވަރޭޖަށް ބަލާ އިރު، ފިޔަވަޅުތައް އުވާލަން ފަށާފައިވާ ކުރިއަރާފައިވާ ގައުމުތަކާ އެއް ހިސާބަކަށް ރާއްޖެއަކަށް އަދިއެއް ނުދެވެ އެވެ.

ކޮމެންޓް (2)

ހުޒާމް

13 ފެބްރުއަރީ 2022
ކިހހިނެެއް ފިޔަވަޅު އުވާލާނީ ހާދަ ލާރިއެއް ގެއްލޭނެޔޭ އެކަން ކުރާ ކުދިންނަށް . ކްލިނިކް ހިންގާ ޑރ އަށް ބޮޑު ފުރުސަތެއްތާ!
2 1

މުޙައްމަދު

13 ފެބްރުއަރީ 2022
ޕ. ސ. ރ ތައް ހަދާ ހިތުން ލާރި ތައް ކާން ތިބި ޓެގް މީހުންތައް ބޭނުމެއް ނުވާނެ ދޯ މިކަން ނިންމާ ކަށް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް