ހދ. ކުރިނބި: އެ ރަށް ވެފައި ވަނީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ރަށެއްގައި އެއްވެސް ވަރަކަށް ތެޔޮ އެންދުމެއް ނެތި އިއާދަކުރަނިވި ހަކަތައިން ކަރަންޓު ދިން ފުރަތަމަ ރަށަށް. (ފޮޓޯ/ކައުންސިލް)

ތިމާވެށި

ހދ. އަތޮޅުގެ ރަށްތަކުގައި އަވިން ކަރަންޓު އުފައްދާ މަޝްރޫއު މި މަހު ނިންމަނީ

ހދ. ކުރިނބީގައި ގާއިމްކޮށްފައިވާ ސިސްޓަމް މިިދިޔަ ބުރާސްފަތި ދުވަހު ޓެސްޓުކުރުމާ އެކު އެ ރަށް ވެފައި ވަނީ، އިއާދަކުރަނިވި ހަކަތައިން އެކަނި ކަރަންޓު ދިން ފުރަތަމަ ރަށަށް

ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަވިން ކަރަންޓު އުފެއްދުމަށް ކުރިއަށްގެންދާ މަޝްރޫއު މި މަހުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ. މި މަޝްރޫއުގެ ދަށުން ހދ. ކުރިނބީގައި ގާއިމްކޮށްފައިވާ ސޯލާ ސިސްޓަމް މިދިޔަ ބުރާސްފަތި ދުވަހު ޓެސްޓުކުރުމާ އެކު އެ ރަށް ވެފައި ވަނީ، މީހުން ދިރިއުޅޭ ރަށެއްގައި އެއްވެސް ވަރަކަށް ތެޔޮ އެންދުމެއް ނެތި އިއާދަކުރަނިވި ހަކަތައިން އެކަނި ކަރަންޓު ދިން ފުރަތަމަ ރަށަށެވެ.

ވީ ކިހިނެއް؟ - ހދ. އަތޮޅުގައި އަވިން ކަރަންޓު އުފައްދާ ނިޒާމް ގާއިމްކުރަނީ އޭޑީބީ އާއި ސަރުކާރު ގުޅިގެން ހިންގާ 'ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް)' މަޝްރޫއުގެ ދަށުންނެވެ. އެގޮތުން:

  • ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި ސޯލާ ޕެނަލް ހަރުކުރޭ

  • މި މަޝްރޫއުގެ ދަށުން 3.5 މެގަވޮޓުގެ ސޯލާ ޕެނަލް ހަރުކުރާނެ

  • އުފައްދާ ކަރަންޓު ރައްކާކުރުމަށް ބެޓެރި ސިސްޓަމް ގާއިމުކުރާނެ

  • ސޯލާ ޕެނަލް ހަރުކޮށް ނިންމީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި

  • ސަރުކާރުން މި މަޝްރޫއުއަށް 10 މިލިއަން ޑޮލަރު ހަރަދު ކުރޭ

ބުނީ ކީކޭ؟ - އެނާޖީ ޑިޕާޓްމެންޓްގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އަލީ އިއްޔެ 'ދައުރު'އަށް ވިދާޅުވީ ވިދާޅުވީ އެ އަތޮޅުގެ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސިސްޓަމްތައް މިދިޔަ ބުރާސްފަތި ދުވަހު 30 މިނެޓު ވަންދެން ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދިވެސް މި މަޝްރޫއު އޮތީ ޓެސްޓިން މަރުހަލާގައި ކަމަށްވާތީ އޭގެ އިތުރު މައުލޫމާތެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ މާޗު 31އަށް މި މަޝްރޫއު ނިންމާލެވޭތޯ،" އަހުމަދު އަލީ ވިދާޅުވި އެވެ.

"މި މަޝްރޫއުގެ ސަބަބުން މުޅި ރާއްޖެއަށް ތެޔޮ އެތެރެކުރުން މަދުވެގެންދާނެ. ރަށުގެ ގްރިޑް ސްޓޭބަލްވުމުން، ސްޓޭބަލް ކަރަންޓެއް ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

އެނގުން މުހިންމު - ހދ. އަތޮޅުގައި ހިންގާ އަވިން ކަރަންޓު އުފެއްދުމުގެ މަޝްރޫއު ނިމުމަކާ ގާތްވެފައި ވާއިރު، ރ. އަދި ބ. އަތޮޅުގައި ވެސް މި މަޝްރޫއު ކުރިއަށް ގެންދަން ނިންމައި މިހާރު އޮތީ ބިޑު އިވޭލުއޭޓް ކުރުމުގެ މަރުހަލާގަ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް