ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު އާއި ރައީސް އަބްދުﷲ ޔާމީން މަޖިލިހަށް ވަދެވަޑައިގަންނަވަނީ: އޭރު ހުރިހާ ބާރެއް އޮތީ ޔާމީންގެ އަތްޕުޅުގައި (ފޮޓޯ/ރައީސް އޮފީސް)

...އެހެން ވިއްޔާ މައުމޫން ހައްޔަރުކުރީ ދެން ކާކު؟

ކުރީގެ ރައީސް ޔާމީން ގެންދަވަނީ އެ މަނިކުފާނު ހިންގެވި އަނިޔާވެރިކަން ފޮރުވަން އިތުރުފުޅު ހައްދަވަމުން

"އެ ދައްކާ ވާހަކައިން ބޯހަލާކުވާ ވަރުވޭ،" މިއީ މިދިއަ އަންގާރަދުވަހު ވިލިމާލޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވި އިތުރުފުޅުތަކާއި 'އިހަކަށް ދުވަހު' އެންމެންގެ ކުރިމަތީގައި، ސީދާ އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން ހިންގެވި އަނިޔާވެރި އަމަލްފުޅުތައް، އެހެން މީހުންގެ ބޮލަށް ކަނޑާލެއްވުމުން، އެކަމާ މެދު ދެންނެވި ސުވާލަކަށް، ޕީޕީއެމްގެ އިސް ބޭފުޅަކު ފުރަތަމަ ވެސް ވިދާޅުވި ވާހަކަ އެވެ.

"ހުސް ދޮގު. ކަނޑައެޅިގެން ދޮގު،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި އެ ބޭފުޅާ، ޔާމީންގެ ވާހަކަފުޅަށް އިޝާރަތްކުރައްވައި، ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް، ޖަލަށް ލުން ރާއްޖޭގެ ސިޔާސީ ތާޜީހުގައި އެވަނީ ލިއެވިފަ އެވެ. އާއިލާއަށް ހިތި ފިލާވަޅެއް ނަމަ އެގޮތަށެވެ. ގައުމުގެ ސިޔާސީ ލީޑަރުންނަށް ފިލާވަޅަކަށް ވާ ނަމަ އެގޮތަށެވެ. ރައްޔިތުންނަށް ތަޖުރިބާއެއް ނަމަ އެގޮތަށެވެ.

އޭރުގެ ސުޕްރީމް ކޯޓުން 1 ފެބްރުއަރީ 2018 ގައި ނެރުނު އަމުރަކާ ގުޅިގެން، އެ އަމުރު ތަންފީޒުކުރުމުގެ ބަދަލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫނާ އެކު އެތައް ބަޔަކު ހައްޔަރުކުރީ ދެ ވަނަ އެހެން ބޭފުޅެއްގެ ނިންމެވުމަކަށް ނޫނެވެ: ސީދާ ޔާމީންގެ އެންގެވުމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރަކަށް ވާތީ އެ އަމުރު ތަންފީޒުކުރަން ފެންނަ ކަމަށް، ޔާމީންގެ އަރިސް ބައެއް ބޭފުޅުން ލަފާދެއްވި ކަމާ މެދު ޝައްކެއް ނެތެވެ. އެ މައުލޫމާތު ނެތް މީހުންގެ ހަނދާނުގައި ވެސް ހުންނާނެ ހަގީގަތަކީ އޭރު ވެރިކަން ކުރަމުން އައި ހަރުކަށި ގޮތާއި ޔާމީންގެ ބާރެވެ. ސިޔާސީ ވާދަވެރިންނަށް ކުޑަ ވެސް ފުރުސަތެއް ދެއްވަން ބޭނުންފުޅުނުވި ކަމެވެ. ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަމަށް ހީފުޅުކުރެއްވި ހުރިހާ ލީޑަރުން ޖަލަށް ލެއްވި ކަމެވެ. އެ މަނިކުފާނަށާއި ސަރުކާރަށް ކުރިމަތިވާ ފާޑުކިއުންތައް ހުއްޓުވަން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެތައް ގޮތަކުން ހުރަސްއަޅަން އުޅުއްވި ކަމެވެ.

ރައީސް ޔާމީން އާއި ކުރީގެ ރައީސް އަދި ބޭބޭފުޅު މައުމޫން، އެކުގައި އުޅުއްވި ދުވަސް ރައީސް އޮފީހުގައި: މިހާރު އެއީ ސިޔާސީ ހަތުރުން (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫނާއި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ސުޕްރީމް ކޯޓުގައި ހުންނަވަނިކޮށް، ސިފައިން ވައްދައިގެން ހައްޔަރުކުރަން ރައީސްގެ ރުހުން ނެތި އަމުރުކުރައްވާނެ ވެރިޔަކު ނުހުންނާނެ އެވެ. އޭރު ވެސް އަދި އޭގެ ފަހުން ވެސް އެކަންކަން ހިނގި ގޮތުގެ ވާހަކަތައް ހުރީ ބޭރުވެފަ އެވެ. އޭރުގެ ހުރިހާ ނިންމެވުމެއް އައީ ރައީސްގެ ހައިސިއްޔަތުން ޔާމީންގެ ފަރާތްޕުޅުން ކަމަށް، މައުލޫމާތު އެނގި ހުރި އެތައް ބަޔަކު އޭރު ވެސް ބުނެ އެވެ. އަދި ތެދުވެރި ނަމަ މިހާރު ވެސް ބުނާނެ އެވެ.

އޭގެ ހަތަރު އަހަރު ފަހުން އަނެއްކާވެސް އެ ސަފުހާ އަމިއްލައަށް ހުޅުއްވަވައި، ވިލިމާލޭގައި ޔާމީން ވިދާޅުވީ މައުމޫން ޖަލަށް ލާން ނިންމެވީ އެ މަނިކުފާނު ނޫން ކަމަށެވެ.

"އެއީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ނިންމުމެއް. އެ މައްސަލަ އިސްވެ ހުށަހެޅީ ވެސް އަޅުގަނޑެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އެކަމަކު މައުލޫމާތު ހުރި އޭރުގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ކަނޑައެޅިގެން ދޮގެކެވެ. ސުޕްރީމް ކޯޓުގެ ދޮރުތައް ވައްޓާލައި، ދެ ފަނޑިޔާރުން ގަދަކަމުން ނެރުމުގެ ހުތުރު އަމަލް ސިފައިން ހިންގީ ޔާމީންގެ ނިންމެވުމަށެވެ. މައުމޫން ހައްޔަރުކުރީ ޔާމީންގެ އެންގެވުމަށެވެ. އެކަމުން ރެކިވަޑައިގަތުމަށް ވާހަކަފުޅު ދެއްކެވިޔަސް ހަގީގަތް ފޮރުވޭވަރަށް ވުރެ އޭގެ ފާޅުކަން މާ ބޮޑެވެ.

ޔާމީންގެ ވެރިކަން ނިންމެވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެތައް ކަމެއް، އެ މަނިކުފާނު ދެކެ ބިރުގަތް ބައެއް ބޭފުޅުން ލައްވާ ކުރުއްވައިފަ އެވެ. އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަކީ ވެސް، 1 ފެބްރުއަރީގެ އަމުރާ ހަމައަށް ޔާމީންގެ 'އައުވާނުން'ނެވެ. އޭގެ ހެއްކަކީ އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަސް އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް، އެ ކޯޓުން ކަނޑައެޅި އުސޫލާއި ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ނެރުނު އުސޫލެވެ.

ކުރީގެ ރައިސުން ކަމަށްވާ މުހައްމަދު ނަޝީދާއި މައުމޫން، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާ އެކު މުލީއާގޭގައި: ޔާމީންގެ ވެރިކަމުގައި މައުމޫންގެ އިތުރުން ނަޝީދު ވެސް ޖަލަށް ލި

ރައީސް އޮފީހަށް ހާޒިރުކޮށް އަބްދުﷲ ސައީދާއި އަލީ ހަމީދާ އެތައް ފަހަރަކު ޔާމީން ބައްދަލުކުރެއްވި ކަމަށްވެ އެވެ. މެމްބަރުން ގޮނޑި ގެއްލޭ އުސޫލާއި އިތުބާރު ނެތްކަމުގެ ވޯޓުގައި ފަހު ބަސް ބުނުމުގެ ބާރު ސުޕްރީމް ކޯޓަށް ނެގި ނިންމުން އައީ އެފަދަ ބައްދަލުވުންތަކަށް ފަހު އެވެ. އެކަމަކު މެމްބަރުންގެ ގޮނޑި ގެއްލޭ އުސޫލުގެ 'ސާފު ނޫން' އިބްރާތްތަކާ މެދު ވެސް ޔާމީން ހުންނެވީ ހިތްޕުޅުހަމަޖެހިވަޑައިނުގެންފަ އެވެ. ޕީޕީއެމްގެ ބައެއް ބޭފުޅުން ކައިރީ އެ މަނިކުފާނު ފަހުން ވިދާޅުވި ގޮތުން ނަމަ އެއީ 'ތަނެއް ދޮރެއް އެނގޭ ގޮތަށް ނެރުނު އެއްޗެއް ނޫނެ'ވެ. އެކަމަކު ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު ޕީޕީއެމްގެ ކުރީގެ އަށް މެމްބަރުން އުޅުއްވީ ރައްޔިތުންގެ މަޖިލިހަށް ވެންނެވޭނެ ގޮތެއް ނެތިގެންނެވެ. 

ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރުގައި އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ކަނޑައެޅުމުން ވެސް ރައްޔިތުންގެ މަޖިލިހުން ފުރުސަތު ނުދީ ހިފެހެއްޓީ ޔާމީންގެ ނުފޫޒާ ހެދި އެވެ. ޔާމީން އަންގަވާ ގޮތަކަށް ކަން ކުރައްވަން މަޖިލިހުގެ ރައީސަކަށް ހުންނެވީ އަބްދުﷲ މަސީހު އެވެ. ޔާމީން އެންގެވި ގޮތަކަށް މަސީހު ގެންދެވީ ރަނގަބީލް ޖައްސަވަމުންނެވެ. 

އެކަމަކު މިއަދު ޔާމީންގެ ހަނދާނުގައި އެއިން އެއްވެސް ކަމެއް ނެތެވެ. އެ މަނިކުފާނު ގެންދަވަނީ، މުނާސަބަތު ނޫން ހަފުލާތަކުގައި ވެސް ދޭތެރެ ދޭތެރެއިން އެ އަނދިރި ތާރީހުގެ ތެރެއަށް ވަންނަވައި، އަމިއްލަފުޅަށް ކުރެއްވި ކަންކަމުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ އެކު ޔާމީން މިނިވަންވެވަޑައިގަތުމުން ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ: ޔާމީންގެ ވެރިކަމުގައި ސިޔާސީ އެއްވެސް ލީޑަރަކަށް މިނިވަންކަމާ އެކު ނޫޅުއްވުނު

މައުމޫން މިހާރު އުފައްދަވައިގެން އުޅުއްވާ އެމްއާރުއެމުން އިއްޔެ ނެރުނު ބަޔާނުގައި، "އޭރު ސަރުކާރުގެ ބާރުތަކާއި ނުފޫޒު އޮތް ގޮތުން އެކަމަކީ [މައުމޫން ހައްޔަރުކުރުމަކީ] ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ،' ބުނެފައި އެ އޮތީ ރަނގަޅަށެވެ.

"އެހެންކަމުން މިއަދު އެކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަގީގީ ލީޑަރުންގެ ފަރާތުން ފެންނަ ތިމާގެ ބާރުން ހިނގާ ކަންކަމުގެ ޒިންމާ ނެގުމުގެ ސިފަޔާ ނުހަނު ބީރައްޓެހި، ފިނޑި ވާހަކަފުޅުތަކެކެވެ،" އެމްއާރުއެމްގެ ބަޔާނުގައި ބުންޏެވެ.

ނަން ނުޖަހާ ގޮތަށް ވާޙަކަ ދެއްކެވި ޕީޕީއެމްގެ ބޭފުޅަކު ވިދާޅުވީ ޔާމީން ދައްކަވާ ބައެއް ވާހަކަފުޅުތަކާ މެދު ޕާޓީ ތެރޭގައި ވެސް ހިތްހަމަނުޖެހުން އޮންނަ ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑަރާ ދިމާއަށް އެއްޗެއް ބުނަން ކެރޭނެ މީހަކު ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސްތާ އެއީ ދެން ކޮންމެ ގޮތެއް ވިޔަސް. މީހަކަށް އެއްޗެކޭ ބުނާކަށް ނުކެރޭނެ. އެކަމަކު ދައްކައިގެން ނުވާނެ ވާހަކަ ހުންނާނެ. އެކަން ޖެހޭނެ ގަބޫލުފުޅުކުރައްވަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ޔާމީން ގަބޫލުފުޅެއް ނުކުރައްވާނެ އެވެ. މާދަމާ ހާލަތު ބަދަލުވާ ގޮތަކުން 'އިންޑިއާ އައުޓް'އަކީ ވެސް ތިމަން މަނިކުފާނަށް އެނގިވަޑައިގެންނެވި ކަމެއް ނޫނޭ ވިދާޅުވުން ވަރަށް އެކަށީގެންވެ އެވެ. އެ ކެމްޕެއިންގެ ފޫޅު ޕާޓީގެ ކައުންސިލަށް، ނުވަތަ ޕާޓީގެ އިސް ކޮންމެވެސް އެހެން ބޭފުޅަކަށް ކަނޑުއްވަފާނެ އެވެ.

ކޮމެންޓް (2)

މުޙައްމަދު

14 މޭ 2022
ސްޕިލިޓް ޕަރސަނަލިޓީއެއް
0 1

ޢަބްދުލް

12 މޭ 2022
ދީނީ ހަރުކަށި ފިކުރު އެބަ އޮތް، ރަނގަޅު. އެކަމަކު ދީނަށް އުޅެން މަސައްކަތް ކުރާ ކޮންމެ މީހަކީ ހަރުކަށި މީހަކަށް ހެދިގެން ނުވާނެ. ެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް