އެމްޑީޕީގެ އާންމު މެންބަރުން: 'މިއީ ޕާޓީގެ ކުރިމަގަށް މުހިންމު އިންތިހާބެއް'

މިހާތަނަށް ބާއްވާ ޕާޓީގެ އެތެރޭގެ އެންމެ ވާދަވެރި އިންތިހާބާ އެކު މާދަމާއަކީ އެ ޕާޓީއަށް ބޮޑު ދުވަހެއް

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ޕާޓީ، އެމްޑީޕީއަށް މާދަމާއަކީ ބޮޑު ދުވަހެކެވެ. މިދިޔަ ތިން މަހެއްހަ ދުވަހު މެމްބަރުން އެއްވެގެން ހިންގި ފޯރިގަދަ ކެމްޕެއިން މިއަދު އިރުއޮއްސުމާ އެކު ނިމުމަކަށް އައިސް، ދެން އޮންނާނީ ވޯޓަށް އިންތިޒާރުކުރުމެވެ. މާދަމާ އެ ޕާޓީގެ މެންބަރުން ޖަހާނެ އެއް ފާހަގައިން ކުރިއަށް އޮތް ފަސް އަހަރަށް އިދާރީ ގޮތުން ޕާޓީ ހިންގުމުގެ އެންމެ އިސް މީހާ އިންތިހާބު ކުރާނެ އެވެ.

އިންތިހާބުގެ އެންމެ މުހިންމު އަދި ވާދަވެރިކަން އޮތީ ވެސް ޗެއާޕާސަންގެ މަގާމަށެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަސްލު ނުކުންނަވައިގެން އުޅުއްވަނީ، އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ފަރާތްޕުޅުންނެވެ. އެއްވެސް ބޭފުޅަކު ރަސްމީކޮށް އެގޮތަށް ވިދާޅުވި ނުވިޔަސް ފައްޔާޒު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގަ އެވެ. އިމްތިޔާޒަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭޓެވެ.

ވެރިކަމުގައި ރައީސް ސޯލިހު ހުންނެވި ނަމަވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނަޝީދު ނުކުންނަވާނެ އެވެ. އެހެންކަމުން އެމްޑީޕީގައި ނުރަސްމީކޮށް އޮތް ވާދަވެރިކަން ގުޅެނީ އެކަމާ އެވެ.

'ދައުރު' ޓީމުން ވާހަކަ ދެއްކި އެ ޕާޓީގެ މެންބަރުން ދެކޭ ގޮތުގައި މިއީ އެމްޑީޕީގެ ކުރިމަގަށް މުހިންމު އިންތިހާބެކެވެ.

އިންތިހާބު މުހިންމު ވަނީ ކީއްވެ؟

މާލޭ މަގުމަތިންނާއި ޖަގަހަތަކުން ދިމާވި ޕާޓީގެ ކޮންމެ އާންމު މެންބަރެއްގެ ވާހަކައިން ވެސް އެނގުނީ، މިއީ 2023ގެ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކަށަވަރުކުރަން މުހިންމު އިންތިހާބެއް ކަމަށެ އެވެ. ބައެއް މެންބަރުން ދެކޭ ގޮތުގައި، 2023 ކަށަވަރުވާން އޮތީ ވެސް މި އިންތިހާބުގެ ނަތީޖާއިންނެވެ.

"މިފަހަރު އިންތިހާބު މި ދަނީ ވަރަށް ވާދަކޮށް. ޕާޓީގެ ކުރިމަގު ބައްޓަން ކުރަން ވަރަށް މުހިންމު އިންތިހާބެއް މިއީ،" ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއީދުކުރާ ޒަހުރާ މުސާ، 39، ބުންޏެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީ ރަނގަޅަށް ހިންގާލަން އެބަ ޖެހޭ. ހިނގަން އެބަ ޖެހޭ. ރަށްރަށުގެ ޖަގަހަތަކާއި ހަރުގެތައް ހިނގަން އެބަ ޖެހޭ. އެއީ 2023 އިންތިހާބު ޕާޓީއަށް ކާމިޔާބުކުރަން މުހިންމު ވީމަ."

ފައްޔާޒުގެ ޖަގަހައިން ދިމާވި މަރިޔަމް ފަހުމީ ބުނާ ގޮތުން އޭނާއަކީ  ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރެކެވެ. ނަމަވެސް މި ފަހަރު އިންތިހާބުގައި އޭނާ ހުންނެވީ ނަޝީދު އިހްތިޔާރުކުރެއްވި ފަޅިއާ އިދިކޮޅަށް ފައްޔާޒާ އެކު އެވެ.

"މި ހިސާބަށް އައި އިރު ހިންގާ ކޮމިޓީތަކާއި ޗެއާޕާސަންއާ ދެމެދު އޮންނަ ގުޅުން ކުޑަ. ގުޅުމެއް ނެތް،" އުމުރުން 59 އަހަރުގެ މަރިޔަމް، އައްޑޫ ބަހުން ބުންޏެވެ.

ފައްޔާޒުގެ ކެމްޕެއިން ލޯންޗުކުރުމަށް މިިދިޔަ ފެބްރުއަރީ މަހު ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި މެމްބަރުންނާ ސަލާންކުރައްވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފައްޔާޒު މި އިންތިހާބަށް ނުކުންނެވީ، 'ހިންގާލަން" ޝީއާރާ އެކު އެވެ. އެއީ މަރިޔަމް ވެސް އަދި ޒުހުރާ ވެސް ފާހަގަކުރި ގޮތަށް ޕާޓީ ނުހިނގާތީ ކަމަށް އެ ފަޅިން ގަބޫލުކުރެ އެވެ. އެހެންކަމުން މި އިންތިހާބަކީ ޕާޓީ ހިންގާލަން މުހިންމު އިންތިހާބެއް ކަން ފައްޔާޒުގެ ސަޕޯޓަރުން ތިބީ ގަބޫލުކޮށްގެންނެވެ.

ފައްޔާޒާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދުކުރާ މެންބަރުން ބުނާ ގޮތުން، މިދިޔަ 17 އަހަރު ޕާޓީ ހިފަހައްޓަމުން އައި އަސާސްތަކާ ދަނީ ދުރަށެވެ. އެ އަސާސްތައް ހިފަހައްޓަން މި އިންތިހާބު މުހިންމު ކަމަށް އެ މެންބަރުން ދެކެ އެވެ.

"މި ޕާޓީއަކީ އިންސާފަށް ނުކުތް ޕާޓީއެއް. 2023އަށް ނުކުންނަ އިރު، މި ޕާޓީއަކީ ގައުމުގެ ރައްޔިތުން ބަލައިގަންނަ ޕާޓީއަކަށް ވާން ޖެހޭ. އަޅުގަނޑު ބޭނުންވަނީ އިންސާފުވެރި، އޯގާތެރި ވެރިކަމަށް ހުންނަ މީހާ،" އިމްތިޔާޒަށް ތާއީދުކުރާ ޝަފިއްޔާ ޒުބައިރު ބުންޏެވެ.

އިންތީގެ ސަޕޯޓެއް ކަމަށްވާ އަހުމަދު ޒުމްރަތު، ސަރުކާރުން އެމްޑީޕީގެ އަސްލު މިސްރާބަށް މަސައްކަތްނުކުރާކަން ދޭހަވާ ގޮތަށް ވާހަކަ ދެއްކި އެވެ. އޭނާގެ އެއް މިސާލަކީ އެމްއެމްޕީއާރުސީގެ ހިޔާނާތެވެ.

"އެމްޑީޕީ ނުކުތީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް. އެކަމަކު މިހާރު އެމްއެމްޕީއާރުސީގެ މައްސަލަ ވެސް ނުބެލޭ. ނުބެލި ހުރި މަރުތަކުގެ މައްސަލަ ވެސް ނުބެލޭ. ޕާޓީގެ މި އަސާސްތަކަށް ރުޖޫއަވާން ޖެހޭ،" ޒުމްރަތު 35، ބުންޏެވެ.

އިމްތިޔާޒުގެ ޓީމު ކެމްޕެއިން ދަތުރެއްގައި ރަށެއްގައި

އިމްތިޔާޒަށް ތާއީދުކުރާ މެމްބަރުން ބުނަނީ އޭނާ ނޫން މީހެއް ހޮވައިގެން "ޕާޓީ ހިނގައިދާނެ" ކަމަށެވެ. އެހެންވެ މި އިންތިހާބު މުހިންމު ކަމަށް އެ މެންބަރުން ދެކެ އެވެ. އެކަމަކު އަނެއް ފަޅީގެގެ ސަޕޯޓަރުން ބުނަނީ ޕާޓީ އަލުން ހިންގާލަން ލިބިފައިވާ އިހުތިޔާރަކީ ފައްޔާޒު ކަމަށެވެ.

ކިތަންމެ ވާދަވެރިވިޔަސް އިންތިހާބަށް ފަހު ތިބޭނީ އެކުގައި

މިދިޔަ ތިން މަހު ފެނުނީ އެއްބަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަކެއްދީ، ޒުވާބުތައްކުރި ތަނެވެ. އެހެންކަމުން މިހާ ވާދަވެރި އެތެރޭގެ އިންތިހާބެއް އެ ޕާޓީގެ ހަޔާތުގައި އަދި ނާދެ އެވެ. މި ވާދަވެރިކަމުގެ ތެރެއިން ގޮސް އިންތިހާބު ނިމުމާ އެކު ޕާޓީއަށް ވެދާނެ ގޮތަކާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ.

ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި މިފަދަ އިންތިހާބުތަކަށް އެ ޕާޓީ އަލެއް ނުވާނެ އެވެ. އެހެންކަމުން އިންތިހާބަށް ފަހު ވެސް ތިބޭނީ އެކުގައި ކަމަށް އެ މެންބަރުން ބުނެ އެވެ.

"ކިތަންމެ ވާދަވެރިވިޔަސް އެންމެ ފަހު ގަޑީގައި އެއްގަލަކަށް އަރާ ބައެއް އެމްޑީޕީއަކީ. އެހެންވީމަ ގަބޫލުކުރެވެނީ އެއްބައި ވާނެ ކަމަށް،" އެންމެ ކުރިންސުރެ ވެސް ޕާޓީގެ ހަރަކާތްތަކުން ފެންނަ އައިޝަތު މުހައްމަދު މަނިކު ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ކެމްޕެއިން ކިތަންމެ ހަލަބޮލި ނަމަވެސް މާދަމާގެ ވޯޓުލުން ވެސް ދާނީ ވަރަށް އޮމާންކޮށެވެ.

"އެމްޑީޕީއަކީ ޕްރައިމަރީސްތަކާއި އިންތިހާބުތަކަށް ވަރަށް ފަރިތަ ޕާޓީއެއް. އަލަކަށް ބާއްވާ އެއްޗެއް ނޫން އެތެރޭގެ އިންތިހާބުތަކަކީ. އެހެންވީމަ ހަމަ ޔަގީނުން ވެސް އިންތިހާބަށް ފަހު ޕާޓީ އެކަތިގަނޑަކަށް ވެ، 2023 ކާމިޔާބު ކުރަން ހުރިހާ ބޭފުޅުން ވެސް މަސައްކަތްކުރާނެ،" ޒުމްރަތު ބުންޏެވެ.

ދެ ފަޅީގައި ތިބި ގިނަ މެންބަރުން ވެސް ގަބޫލުކުރަނީ އިންތިހާބަށް ފަހު ތިބޭނީ އެކުގައި ކަމަށެވެ. 

އިމްތިޔާޒާއި ފައްޔާޒު ވަނީ ކެމްޕެއިންގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. ދޮރުން ދޮރަށް ހިންގަވައިފަ އެވެ. މިހާ ފުޅާކޮށް ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގެ ވާދަވެރިކަން ގޮސްފައެއް ނުވެ އެވެ. އެހެންކަމުން އިންތިހާބަށް ފަހު އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެދާނެތޯ ނުވަތަ ނޫންތޯ ސުވާލުގެ ޖަވާބު ވެސް ލިބޭނީ އިންތިހާބުގެ ނަތީޖާއަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް