ލަންކާގައި ބަޔަކު ފުށް ބަސްތާތަކެއް އުފުލަނީ. (ފޮޓޯ/ރޮއިޓާސް)

ސްރީ ލަންކާ

ލަންކާގެ ދަރަނި ހަމައަކަށް އަޅުވަން އިންޑިއާ އިން އެހީވަނީ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ދަށުން ސްރީ ލަންކާގެ ދަރަނީގެ ބުރަ ކުޑަކުރުމަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އައިއެމްއެފުން ބުނެފި އެވެ.

ބާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާއަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، އިންފްލޭޝަން މައްޗަށް ގޮސް، ގައުމު ވަނީ ބަނގުރޫޓުވެފަ އެވެ. މިއީ އެ ގައުމު 1948ގައި އިނގިރޭސިންގެ އަތުން މިނިވަންވުމަށް ފަހު ކުރިމަތިވި އެންމެ ބޮޑު ތަދުމަޑުކަމެވެ.

ރޮއިޓާސް އިން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނަށް އިންޑިއާ އިން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށް އައިއެމްއެފްއަށް ވަނީ އަންގާފަ އެވެ. އެ ޔަގީންކަން ދީފައިވަނީ، 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ލަންކާ އިން އައިއެމްއެފްގައި އެދިފައިވާތީ ކަމަށް އިންޑިއާ އިން ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް ވެސް އައިއެމްއެފުން ބުންޏެވެ.

"ސްރީ ލަންކާ އިން ދަނީ ބައިލެޓަރަލް އެ ނޫން ގައުމުތަކާ އެކު ވެސް އެފަދަ ޔަގީން ކަމެއް ހޯދުމަށް ކްރެޑިޓަރުންނާ އެކު ރަސްމީކޮށް މަސައްކަތް ކުރަމުން،" އައިއެމްއެފްގެ ތަރުޖަމާނު އިއްޔެ ނެރުއްވި ބަޔާނެއްގައިވެ އެވެ.

"އެކަށީގެންވާ ޔަގީންކަމެއް ލިބި، ބާކީ ހުރި ޝަރުތުތައް ފުރިހަމަވާހާ އަވަހަކަށް، ސްރީ ލަންކާގެ ކަމާ ބެހޭ ފަރާތްތައް ވެސް ހިމެނޭ ގޮތަށް، ސްރީ ލަންކާއަށް ފަންޑްގެ އެހީގައި ހިންގާ ޕްރޮގްރާމްގެ ހުއްދަ އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑަށް ހުށަހެޅޭނެ."

ލަންކާއަށް އެންމެ ބޮޑު އަދަދަކުން ދަރަނި ނަގާފައި ވަނީ ޗައިނާ އާއި އިންޑިއާއިންނެވެ. އަދި ލަންކާގެ ދަރަނި ހަމައަކަށް އެޅުވުމަށް އެ ދެ ގައުމުގެ އެހީތެރިކަން ލަންކާއަށް ބޭނުންވެ އެވެ. ވޭތުވެ ދިޔަ 70 އަހަރުގެ ތެރޭގައި ވެއްޓުނު އެންމެ ފުންވަޅުގަނޑުން އަރައިގަތުމަށް ވެސް އެއީ ބޭނުންވާ އެހީ އެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް