ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ: ސަރުކާރުގެ މިސްރާބު ހުރީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުން ހަނިކުރުމާ ދިމާލަށް. (ފޮޓޯ/ ރައީސް އޮފީސް)

މީޑިއާ

އިންޑިއާ އައުޓް ބިލު: ހިޔާލު ފާޅުކުރުމުގެ ހައްގަށް އޮތް ބޮޑު ބިރެއް

ބައެއް ވަކީލުން ދެކޭ ގޮތުގައި ގާނޫނުއަސާސީއާ ފުށުއަރާ އެތައް ކަމެއް ބިލްގައި ހިމެނޭ

މުހިންމު ނުކުތާތައް

ބިލް ފާސްވެއްޖެ ނަމަ ބޭރު ގައުމެއްގެ މީހަކަށް ފާޑުކިޔުން ވެސް ވާނީ ޖިނާއީ ކުށަކަށް

ބިލްގެ ބައެއް ކަންކަން މާނަކޮށްފައި އޮތީ ވަރަށް ފުޅާ ދާއިރާއެއްގައި

ބިލް ފާސްވެއްޖެ ނަމަ ނޫސްވެރިކަމުގެ މިނިވަންކަމަށް ވެސް ވަރަށް ބޮޑު ހުރަހެއް އެޅޭނެ

އިދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ވާހަކަ ބާއްވާށެވެ. ކުޑަ ކުޑަ މިސާލެކެވެ؛ މިފަހުން ރާއްޖޭގެ ރައްޔިތުން ކަންބޮޑުވި ކަމެކެވެ. އެއީ އިންޑިއާ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ އެވެ. ރާއްޖޭގެ މީޑިއާތަކުން އެކަން ރިޕޯޓުކުރި އެވެ. ސުވާލަކީ އެކަން ރިޕޯޓު ކުރުމަކީ، ބޭރު ގައުމެއްގެ މަސްލަހަތަށް ގެއްލުން ހުރި ކަމެއް ހެއްޔެވެ؟ އެކަން ރިޕޯޓުކުރުން ކުށަކަށް ހެދިދާނެ ހެއްޔެވެ؟ އަދި އެކަމާ ދެކޮޅަށް އަޑު އުފުލުމަކީ ވެސް ކުށަކަށް ވާނެ ހެއްޔެވެ؟

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ހުރި އަމަލުތައް ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން އިއްޔެ ސަރުކާރުން ހުށަހެޅި ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ އެފަދަ އަމަލްތައް ވާނީ ޖިނާއީ ކުށަކަށެވެ. 

އެހެން މިސާލެކެވެ؛ ޗައިނާއަކީ "ދަރަނި ދަންތުރައެއް"ގައި ގައުމުތައް ޖައްސާ ގައުމެއް ކަމަށް ވިދާޅުވެ ޗައިނާއާ ދެކޮޅަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެތައް ވާހަކައެއް ދައްކަވާފައިވެ އެވެ. އެއީ އެ މަނިކުފާނު ހިޔާލުފުޅެވެ. ނަމަވެސް އެގޮތަށް ވާހަކަ ދެއްކުމަކީ ވެސް މިހާރު ބިލް އޮތް ގޮތުން ކުށަކަށް ހެދިދާނެ އެވެ. އަދި އެމަނިކުފާނު ދައްކަވާ އެފަދަ ވާހަކައެއް މީޑިއާތަކުން ރިޕޯޓު ކުރުން ވެސް ވާނީ ކުށަކަށެވެ. ނަޝީދާއި ނޫސްވެރިން ވެސް، އަދި އިންޑިއާއާ ދެކޮޅަށް ވާހަކަފުޅު ދައްކަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ އެ ވާހަކަތައް ފަތުރާ މީޑިއާތަކުގެ މީހުން ވެސް ޖަލަށް ލުމުގެ ފުރުސަތު، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށައަޅާފައި އޮތް ބިލުން ލިބެ އެވެ.

އިތުރު މިސާލެކެވެ؛ ޔޯގާ އަކީ ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތު ކަމެކެވެ. މިހާތަނަށް ރާއްޖޭގެ ރަސްމީ އިދާރާއަކުން އެއީ ހަރާމް ކަމެއް ކަމަށް ކަނޑައަޅާފައެއް ނުވެ އެވެ. ބައެއް މީހުން އެކަމާ ދެކޮޅަށް އަޑު އުފަލަ އެވެ. އެކަމަކު އެކަމާ ދެކޮޅަށް އަޑު އުފުލުމަކީ ވެސް ހާރިޖީ މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކަމަށް މި ބިލުން މާނަކުރެވެ އެވެ.

ޖެނުއަރީ 2019ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ: ސަރުކާރުން ފޮނުވާފައިވާ ބިލުން ނޫސްވެރިކަމަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ. (ފޮޓޯ/ ރައީސް އޮފީސް)

ފަހު މިސާލެވެ؛ މި ފަހުން ލީކްކޮށްލި ބަރަހާނާ ވީޑިއޯތަކުގައި ފެންނަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކެވެ. އެއް ޖިއްސުން ގުޅުން ހިންގާ ތަން ފެންނަ ވީޑިއޯގައި އުޅޭ ބަންގްލަދޭޝް މީހާ ހައްޔަރު ކުރަން ގޮވާލުމާއި އޭނާ ރާއްޖެއިން ބޭރުކުރަން ގޮވާލުން ކުށަކަށް ހެދިދާނެ ހެއްޔެވެ؟ މި ބިލުން އެފަދަ ގޮވާލުންތައް ވެސް ފެތޭނީ ޖިނާއީ ކުށަކަށެވެ. 

ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، މި ހަތަރު މިސާލުގައި ދެއްކި ކަންކަމުގައި ބައިވެރިވާ މީހުން ޖަލަށް ލުމުގެ ފުރުސަތު އޮތް ކަމަށް 'ދައުރު'އާ ވާހަކަ ދެއްކެވި ގާނޫނީ ވަކީލުން އިއްތިފާގުވެ އެވެ. އެހެންކަމުން މިއީ، ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިންވަންކަމާއި ނޫސްވެރިންކަމުގެ މިނިވަންކަމާއި އެނޫން ވެސް އެތައް ހައްގަކަށް ވަރަށް ބޮޑަށް ހުރަސް އެޅި، ހަނިކުރެވޭނެ ބިލެއްގެ ގޮތުގައި އެ ވަކީލުން ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ނޫސްވެރިންނަށް ވަރަށް ބޮޑު ބިރަކަށް ވާނެ އެވެ.

ބިލުގައި ކުށްތައް މާނަކޮށްފައި ހުރީ ވަރަށް ފުޅާކޮށް

ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ނުވަތަ އެފަދަ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް ކުރާ ހަތް އަމަލަކީ ގާނޫނީ ކުށަކަށް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ. އެ ހުރިހާ ކުށްތަކެއް ވެސް ހުރީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ވެސް ކުރެވޭ ގޮތަށެވެ.

އެހެން ގައުމަކާ މެދު ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނާ މެދު އާންމުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނަފްރަތާއި ރުޅިވެރިކަން އުފެދިދާނެ ފަދަ ލިޔެކިޔުން، ފޮޓޯ، ވީޑިއޯ ނުވަތަ އޯޑިއޯ އާންމުކުރުމަކީ އެ ހަތް ކުށުގެ ތެރެއިން އެއް ކުށެވެ. މި ހާލަތުގައި ބީޖޭޕީގެ ތަރުޖަމާނު ނުޕޫރުއާ ދެކޮޅަށް ރާއްޖޭގައި ބަހެއް ބުނާ ކޮންމެ މީހަކު ވެސް އެ ކުރަނީ ކުށެކެވެ. ލީކްކޮށްލި ވީޑިއޯއިން ފެންނަ ބަންގްލަދޭޝް މީހާއާ ދެކޮޅަށް ވެސް އެއްޗެއް ބުނުމަކީ ކުށެކެވެ. 

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް އަދި މިހާރު ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ދެކެވަޑައިގަންނަވާ ގޮތުގައި މި ބިލުގައި ކުށްތައް ބަޔާންކޮށްފައިވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރެވޭ ގޮތަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ބިލު ފުށު ވެސް އަރަ އެވެ. މިއީ ޑިމޮކްރެޓިކް ގައުމުތަކުގައި ކުރާ ޒާތުގެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބިލު މި އޮތީ، ވަރަށް ބޮޑަށް ހިޔާލުފާޅުކުރުން ހަނިކުރެވޭ ގޮތަށް. މިނިވަން ޑިމޮޮކްރެޓިކް މުޖްތަމައުތަކުގައި ވެސް އެކަން ކުރާ މިންވަރަށް ވުރެ ވެސް ބޮޑަށް،" އުޝާމް ވިދާޅުވި އެވެ.

" ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ގާނޫނަކުން އެގޮތަށް ހަނިކުރެވޭނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ގާނޫނަކުން ވެސް އެކަން ކުރަން ޖެހޭނީ މިނިވަން ޑިމޮކްރެޓިކް މުޖްތަމައުތަކުގައި އެކަން ކުރާ މިންވަރަށް."

އެމްއެންޕީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އުޝާމް ވިދާޅުވީ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، މިހާރު ބިލްގައި އޮތް މިންވަރަށް ހަންޏެއް ނުކުރާނެ އެވެ. 

"ޑިކްޓޭޓާޝިޕްތަކުގައި އެކަން ކޮށްފާނެ،" އުޝާމް ވިދާޅުވި އެވެ.

އުޝާމް (ވ) މަޖިލީހުގެ ކޮމިޓީއެއްގައި: އޭނާ ވިދާޅުވީ މި ބިލުގައި ގާނޫނުއަސާސީއާ ފުށުއަރާ ކަންތައްތަކެއް ހިމެނޭ ކަމަށް. (ފޮޓޯ/ މިހާރު)

އޭނާ ވިދާޅުވި ގޮތުގައި މި ބިލު މިގޮތަށް ފާސްވެއްޖެ ނަމަ، އޭގެ ސިޔާސީ ފައިދާ ވަރަށް ބޮޑަށް ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

"އަޅުގަނޑަށް އެއްވެސް ވަރަކަށް ތާއީދެއް ނުކުރެވޭ މި އިސްލާހަކަށް. ބިލުގައި އެ މާއްދާތައް ހުރި ގޮތުން ވަރަށް ފުޅާކޮށް އޭތި މާނަކުރުމުގެ ފުރުސަތު އެބަ ލިބިދޭ. އެގޮތަށް ފުޅާކޮށް މާނަކުރުމުގެ ފުރުސަތު ލިބިދޭތީވެ، ސިޔާސީ މަގްސަދަކަށްޓަކައި އެކަން ކުރުމުގެ ފުރުސަތު ތަނަވަސް ވެގެންދޭ،" އުޝާމް ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ގާނޫނުތައް ވެސް ހަމަހަމަކަމާ އެކު ތަންފީޒު ނުކުރާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. އެކަން ކުރަނީ އޭރަކު ހުންނަ ވެރިޔަކު ބޭނުންވާ ގޮތަކަށެވެ. އުޝާމްގެ އުފެއްދެވި ސުވާލަކީ، މާޒީން އެކަން ފެންނަން އޮތް އިރު، މިހާރު އޮތް ބިލުގައި ބުނާ ކަންކަން ވެސް ހަމަހަމަކަމާ އެކު ތަންފީޒު ނުވާނެކަމުގެ މައްސަލަ އެވެ. އަބަދުވެސް ދުވާނީ އޭރަކު އޮންނަ ސަރުކާރަކުން ބޭނުންވާ ބައެއްގެ ފަހަތުން ކަމެވެ.

"ސިޔާސީ ސަބަބަށްޓަކައި ތިކަހަލަ ގާނޫނެއް ހަދައިގެން، ސިޔާސީ މީހުން ޖަލަށްލުމުގެ ފުރުސަތު އެ ހުޅުވާލަނީ،" އުޝާމް ވިދާޅުވި އެވެ.

މިދިޔަ މާޗުގައި އިދިކޮޅުން ބޭއްވި 'އިންޑިއާ އައުޓް' ހަރަކާތެއްގެ ހަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިން ހަރަކާތްތެރިވަނީ: މި ބިލު އޮތް ގޮތުން، ނޫސްވެރިންނަށް މިފަދަ ހަރަކާތްތައް ކަވަރުކުރަން ވެސް ގޮންޖެހުންތައް ކުރިމަތިވާނެ.  (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ބިލްގައި ހިމެނޭ ހާރިޖީ މަސްލަހަތަށް ގެއްލުން ދޭ ކަންތައްތައް:

  • 1-

    އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުން ނުވަތަ ބަދަލު ގެނައުން

  • 2-

    ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން

  • 3-

    އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން

  • 4-

    އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ އޭނާއަށް ފުރައްސާރަކުރުމުގެ ގޮތުން އޭނާގެ ދީނީ ނުވަތަ ސަގާފީ އާދަކާދަތަކާ މެދު ނަފުރަތު އުފެއްދުން 

  • 5-

    އެހެން ގައުމަކާ މެދު ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނާ މެދު އާންމުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނަފްރަތާއި ރުޅިވެރިކަން އުފެދިދާނެ ފަދަ ލިޔެކިޔުން، ފޮޓޯ، ވީޑިއޯ ނުވަތަ އޯޑިއޯ އާންމުކުރުން

  • 6-

    އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން

  • 7-

    އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާ މެދު ނަފްރަތު އުފެދިދާނެ އަދި އެކަމުގެ ސަބަބުން އެފަދަ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކަލެއް ނުވަތަ ދަތިތަކެއް ކުރިމަތިވެދާނެ ފަދަ އަމަލެއް ކުުރުމާއި އެފަދަ އަމަލެއް ކުރަން އުޅުން

ނޫސްވެރިކަމަށް ވެސް ބޮޑު ގޮންޖެހުމެއް

ބޭރު ގައުމަކާއި ރާއްޖެއާ ދެމެދު ހަދާ ސިއްރު އެއްބަސްވުމެކެވެ. އެ އެއްބަސްވުމުން ދިވެހިންގެ މިނިވަންކަމަށް ނުރައްކާ އޮތް ކަމާއި ލިބޭނެ ގެއްލުންތައް ބުނެދިނުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. ނަމަވެސް ބިލުގައި ހުރި ކަންކަން މާނަކުރާ ނަމަ، ނޫސްވެރިއަކަށް އެ އެއްބަސްވުމުގެ ކޮޕީއެއް ލިބި، އޭގައި ހިމެނޭ ކަންކަން ހާމަކުރިޔަސް އޭނާ ޖިނާއީ ކުށަކަށް ފެތޭނެ އެވެ. 

ޔާމީންގެ ވެރިމުގައި ނޫސްވެރިން އަޑު އުފުލަނީ. (ފޮޓޯ/ އަވަސް)

މި ސަރުކާރު ވެރިކަމަށް އައީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނާޅާނެ ކަމުގެ ވައުދާ އެކު އެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެ ހައްގުތަކަށް ހުރަސް އަޅަން ކުރި ކަންކަމުގެ މަތިން އާންމުން ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ. މިހާރު ވެރިކަން ހިންގަމުން އަންނަ ޕާޓީތައް އިދިކޮޅުގައި އޮތް އިރު އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލި އެވެ. ކުރީ ސަރުކާރު ހިންގި ޕީޕީއެމްގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުން ފާސްކުރި އަބުރުގެ ގާނޫނަކީ އޭގެ މިސާލެކެވެ. ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު މި ބިލު މިއޮތީ އެއަށް ވުރެ ވެސް ނުރައްކާ ހާލަތެއްގަ އެވެ. ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން މި ބިލު މިގޮތަށް ފާސްކޮށްފި ނަމަ، އެއީ ނޫސްވެރިކަމަށް ވެސް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

"ސަރުކާރުން ބުނި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ތިމަންނަމެން ހުރަސް ނާޅާނަމޭ. އެކަމަކު މިއަށް ވުރެ ބޮޑަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މި ގައުމުގައި މިހާތަނަށް ނެތް ގާނޫނެއް ހަދަން އުޅެފައެއް އެއްވެސް ސަރުކާރެއްގައި،" އެ ވަކީލުންގެ ވާހަތަކަށް އެއްބަސްވެވަޑައިގަންނަވަމުން އުޝާމް ވިދާޅުވި އެވެ.

19 ޑިސެމްބަރު 2018ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިމަށް ވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން: އެ މަނިކުފާނު ވިދާޅުވެފައި ވަނީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް. (ފޮޓޯ/ ރައީސް އޮފީސް)

އޭނާ ވިދާޅުވީ ކަމެއް ގޯސްކޮށް ހިނގާ ނަމަ އެކަން ގޯހޭ ބުނުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ. އަދި އެއީ ހާރިޖީ މަސްލަހަތަށް ގެއްލުންވާނެ ކަމެއް ކަމުގައި ބެލެވިގެން ނުވާނެ އެވެ.

"މީހެއް ނޫހުގައި ލިޔާ ލިޔުމަކުން ނުވަތަ ޝޯޝަލް މީޑިއާގައި ދައްކާ ވާހަކައަކުން [ކުށަކަށް އެބަވޭ މި ބިލުން]. ކަމެއް ގޯހިއްޔާ ގޯހޭ ބުނެވެން ޖެހޭނެ. ގޯހޭ ބުނުން އެއީ ގައުމަކާ ރާއްޖެއާ ދޭތެރޭ އޮތް ހާރިޖީ ގުޅުމަށް ބުރޫއަރާ ކަމެއްގެ ގޮތުގައި މާނަކުރާ ނަމަ، އެއްވެސް ވާހަކައެއް ނުދެއްކޭނެ އެއްވެސް ގައުމަކާ ގުޅޭ ގޮތުން،" އުޝާމް ވިދާޅުވި އެވެ.

އަބުރުގެ ގާނޫނު އުވާލުމަށް ގޮވާޅައި ނޫސްވެރިންތަކެއް 2016ގައި މަޖިލިސް އިދާރާގެ ކުރިމަތީގައި އަޑުއުފުލަނީ. (ފައިލް ފޮޓޯ/ މުހައްމަދު ޝަރުހާން)

ބައެއް ވަކީލުން ދެކޭ ގޮތުގައި ބޭރު ގައުމެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށްގެން ނުވަތަ އެ ގައުމެއްގައި ހިނގާ ކޮރަޕްޝްންގެ އަމަލެއްގެ ހަބަރެއް ނޫހެއްގައި ރިޕޯޓު ކުރުން ވެސް ރާއްޖޭގައި ދެން ވާނީ ޖިނާއީ ކުށަކަށެވެ. 

"މިއީ ކޮން ކަމެއް ހުއްޓުވަންތޯ؟ ހަމައެކަނި އިންޑިއާ އައުޓް ހުއްޓުވަން ވެގެން މި މިންވަރަށް ރައްޔިތުންގެ އަސާސީ ހައްގުތައް ހިފަހައްޓަން ޖެހޭތޯ،" އުޝާމް ސުވާލު އުފެއްދެވި އެވެ.

މި ބިލާ ގުޅޭ ގޮތުން ނޫސްވެރިންގެ ވެސް ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެކަމަކު މި ބިލާ ބެހޭ ގޮތުން މިހާތަނަށް ސަރުކާރުން ވާހަކަ ދައްކާފައެއް ނުވެ އެވެ. ރައީސް އޮފީހުގެ ބަހެއް ލިބޭ ގޮތެއް ވެސް ނުވި އެވެ.

'ބިލު އަވަސް އަރުވާލައިގެން ފޮނުވީ އިންޑިއާގެ ޕްރެޝަރަށް'

މި ބިލު އެންމެ ބޮޑަށް އަމާޒުވަނީ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތަށެވެ. އިދިކޮޅުން ބުނަމުން އަންނަނީ ގާނޫނަކުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސަރުކާރުގެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. 

"ސީދާ އަސާސީ ހައްގުތައް ނިގުޅައިގަންނަން ހުށަހަޅާފައި އޮތް ބިލެއް މިއީ،" ނޫސްވެރިކަމުގެ މިނިވަންކަން ފިއްތަން ކުރީގެ ސަރުކާރުން މަސައްކަތްކުރި އިރު އެކަމުގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވި ޝިޔާމް ވިދާޅުވި އެވެ. 

މިދިޔަ މާޗު މަހު އިދިކޮޅުން ބޭއްވި 'އިންޑިއާ އައުޓް' ހަރަކާތް ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރިމަތީގައި އެތުރިގެން: އިދިކޮޅުން ބުނާ ގޮތުގައި މި ބިލު ވެއްދީ އިންޑިއާގެ ޕްރެޝަރަށް. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ބިލު އަވަސްއަރުވާލައިގެން ފޮނުވާފައި އޮތީ އިންޑިއާގެ ޕްރެޝަރަށެވެ.

"ޔޯގާ ހަރަކާތުގައި އެ ހިނގި ކަންކަން ވަރަށް ބޮޑަށް އޮޕަޗުނިޓީއެއްގެ ގޮތުގައި ބަލައިގެން އިންޑިއާއިން ޕްރެޝަރުކޮށްގެން ފޮނުވާ ބިލެއް މިއީ،" ޝިޔާމް ވިދާޅުވި އެވެ.

ގާނޫނު އިސްލާހުކޮށްގެން ވެސް އެ ހަރަކާތް ހުއްޓުވަން ސަރުކާރަށް ލަފާ ދިނުމަށް މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކުރީ އެ ހަރަކާތާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުންތައް ދެނެގަންނަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241)އިން ހެދި ދިރާސާގެ މައްޗަށް ބިނާކޮށެވެ. އެ ދިރާސާ ހަދަން އެދިވަޑައިގެންނެވީ ނަޝީދެވެ.

މަޖިލީހުން މިގޮތަށް ފާސްކުރުމުގެ ކުރިން މިދިޔަ ބުދަދުވަހު ބަންޑާރަ ނައިބު އޮފީހުން ވަނީ މި ބިލު ރައީސް އޮފީހަށް ފޮނުވައިފަ އެވެ. އަދި ހަފްތާއެއް ނުވަނީސް ބިލު މިއޮތީ މަޖިލީހުގަ އެވެ. 

މަޖިލީހުގެ ކޮމިޓީއެއްގައި ޝިޔާމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ މި ބިލު ހުށަހެޅީ އަސާސީ ހައްގުތައް ނިގުޅައިގަންނަން ކަމަށް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސަރުކާރާއި ރައްޔިތުންގެ މަޖިލިހުން އެހާ އަވަސް އަރުވާލައިގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވެސް އިންޑިއާގެ ރުހުން ހޯއްދަވަން އޮތް ނިޔަތެއްގެ ބޮޑު ކަމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ދެ ބޭފުޅުންގެ ވާދަވެރިކަމުގެ ތެރެއިން އިންޑިއާއަށް ދައްކަން ބޭނުންވަނީ، މިއީ ތިމަންނަ ކުރި ކަމަކޭ،" ޝިޔާމް ވިދާޅުވި އެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައި މިވަނީ މަޖިލިސް ޗުއްޓީއަށް ދާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ. މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މިއަދެވެ. މި ބިލު ފާސްކުރަން ދައުރުން ބޭރުން ޖަލްސާ ނުބާއްވާ ނަމަ، ދެން ބިލް ފާސްކުރާނީ މި އަހަރުގެ ފަހު ދައުރުގަ އެވެ. 

އެމްޑީޕީއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖެއަށް ގެނައި ކަމަށް ބުނާ ޕާޓީއަށް ވާއިރު މިހާރު މި އޮތީ އެއާ މުޅިން އިދިކޮޅު މަސައްކަތަކާ ހަވާލުވެފަ އެވެ. އެއީ ވެސް ބޭރު ގައުމެއް ރުއްސާށެވެ. ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކެއް ހިފަހައްޓައިގެން ނަމަވެސް މެ އެވެ.

ކޮމެންޓް (2)

ހަސަން

30 ޖޫން 2022
ރަނގަޅު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް. މި ކޮން ބައެއްގެ ނުފޫޒުން ވައްދާފަ އޮތް ބިލެއް؟ މިހާރު އިދިކޮޅުން ދައްކާ ވާހަކަ އެބަ ގަބޫލު ކުރެވޭ!
6 0

ހަސަންދީ

30 ޖޫން 2022
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެއްވެސް ހައްދެއްނެތި ހުޅުވާލެވިފައި އޮންނަ އެއްޗެއް ނޫން. މިކަން ހައިކޯޓުން އިއްވި ހުކުމުގައިވެސް އޮންނާނެ. ޚިޔާލުފާޅުކުރަންޖެހޭނީ އިތުރު ފަރާތެއްގެ ހައްގަށް އުނިކަން ނާންނާނެގޮތަށް. މީގެތެރޭގައި ދޭދޭ ގައުމުތަކުގެ ގުޅުމާއި، އެހެން ފަރުދުންގެ ޒާތީ މިނިވަންކަަމަށް އަރައި ނުގަންނަ ގޮތަކަށް ޚިޔާލުފާލުކުރެވެން ޖެހޭނީ.
1 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް