މަދިރި

ސައިންސް

ގިނައިން މަދިރި ހަފާ ނަމަ، ތިބާގެ ހުރީ މަދިރިއަށް ކަމުދާ ވަހެއް

ދިރާސާގައި ބޭނުންކުރީ ރާއްޖޭގައި ވެސް އާންމުކޮށް ފެތުރޭ ޑެންގީ ޖައްސާ އީޑިސް މަދިރި
2 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

މަދިރި ޝައުގުވެރިވާ ވަސް ނުކުންނަނީ ހަންގަނޑު ތެރޭގައި އުފެދޭ ހާއްސަ ކެމިކަލްތަކެއްގެ ސަބަބުން

އެ ކެމިކަލްތަކަކީ ހަންގަނޑުގައި ހިމެނޭ ހަށިގަނޑަށް ގެއްލުން ނުދޭ ޖަރާސީމެއްގެ ކާނާ

މަދިރިއާ ދެކޮޅަށް ކުރާ ހަނގުރާމައިން ސަލާމަތްވާނެ ގޮތްތައް އެ ސޮރުމެން އަބަދުވެސް ދަސްކުރޭ

އަހަރެމެންގެ ތެރޭގައި ވެސް ބައެއް މީހުންގެ ގައިގައި މަދިރި ހަފާލެއް މާ ގިނަ އެވެ. އެއް ގެއެއްގައި އުޅޭ އިރު ވެސް ބައެއް ކުދިންގެ ގައިގައި މަދިރި ނުހަފާ އިރު، އަނެއް ބައި ކުދިންގެ ހަންގަނޑު އޮންނަނީ 'ކައިފަ' އެވެ.

ސައިންސްގެ ފަހުގެ ހޯދުމަކުން އޭގެ އަސްލު މިހާރު މިވަނީ ކޮންމެ ވެސް ވަރަކަށް ދެނެގަނެވިފަ އެވެ؛ މަދިރި ގަޔާވާ ވަހެއް ބައެއްގެ މީހުންގެ ހުންނަނީ އެވެ.

ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނާ ގޮތުގައި މަދިރިއަށް އެންމެ ދޯޅު މީހުންގެ ހަށިގަނޑުގައި ހާއްސަ ކެމިކަލްތަކެއް އުފެދެ އެވެ. އެ ކެމިކަލްތަކުން ނުކުންނަނީ މަދިރި 'ލޯބިވާ' ވަހެކެވެ.

"އެ ވައްތަރުގެ މާއްދާ ހަންގަނޑުގައި ގިނައިން ހުންނަ ނަމަ، ތިބާ ވާނީ ދަތުރު ގޮސް އުޅޭ އިރު އެންމެ ގިނައިން މަދިރި ހަފާ މީހާއަށް،" ނިއު ޔޯކްގައި ހުންނަ ރޮކެފެލާ ޔުނިވަސިޓީގެ ނިއުރޮބައޮލޮޖިސްޓް، ލެސްލީ ވޮޝާލް ވިދާޅުވި އެވެ.

އާ ދިރާސާގައި އިސްކޮށް ހުންނެވީ އޭނާ އެވެ. އެ ދިރާސާ ޝާއިއުކުރީ ޖާނަލް ސެލްގަ އެވެ.

ވޮޝާލް ވިދާޅުވި ގޮތުގައި ގިނައިން މަދިރި ހެފުމާ ބެހޭ ގޮތުން ތުންތުން މަތިން ވަރަށް ގިނަ ވާހަކަ ހުރީ ފެތުރިފަ އެވެ. އެކަމަކު އާ ހޯދުންތަކުން ލިބުނު ހެކިތަކަށް ބަލާއިރު އެ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެންމެ ގަޔާވާ މީހާ 100 ގުނަ ތަފާތު

ދިރާސާ ބިނާކުރީ އޭގައި ބައިވެރިކުރި އެކި މީހުންގެ ވަސް ދެނެގަނެގެންނެވެ. ޔުނަވަސިޓީ އާއި ޔުނިވަސިޓީއާ ކައިރީގައި އުޅޭ މީހުންގެ ތެރެއިން 64 މީހަކު، ދިރާސާގައި ބައިވެރިވި އެވެ. އެ އެންމެންގެ ވަސް ދެނެގަންނަން އަތުގައި ނައިލޯން ސްޓޮކިންއެއް އެޅި އެވެ.

ދިގު ހޮޅިއެއްގެ އެއް ކޮޅުގައި އެ ސްޓޮކިންތައް، ވަކިވަކިން ހަރުކުރި އެވެ. ދެން އެ ހޮޅި ތެރެއަށް މަދިރިތައް ދޫކޮށްލި އެވެ.

"އެ އެއްޗެހި އެއްކޮށް ކަހަލަ ގޮތަކަށް ދިޔައީ އެންމެ ގަޔާވާ ސްޓޮކިންތަކާ ދިމާލަށް،" ދިރާސާގައި ބައިވެރިވި އެހެން ސައިންސްވެރިއެއް ކަމަށްވާ މާރިއާ އެލޭނާ ޑިބަލްޑިއާ ވިދާޅުވި އެވެ.

ޑެންގީ ޖައްސާ މަދިރި އީޑިސްއާ ބެހޭ އެހެން ދިރާސާއެއްގައި މަދިރިތައް ތައްޓެއްގެ ތެރޭގައި

ސައިންސްވެރިން ވަނީ ބައިވެރިކުރި މީހުންގެ ތެރެއިން ވެސް މަދިރިއަށް އެންމެ ކަމުދަނީ ކޮން ބައެއްތޯ ބަލައިފަ އެވެ. އެގޮތުން މަދިރިއަށް އެންމެ ކަމުނުދާ މީހާއަށް ވުރެ މަދިރި އެންމެ ދޯޅު މީހާގެ ކިބާގައި ހުރި މަދިރި ގަޔާވާ މިންވަރު 100 ގުނަ މައްޗެވެ.

ދިރާސާގައި ބޭނުންކުރީ ޔެލޯ ފީވާ އާއި ޒިކާ އަދި ރާއްޖޭގައި ވެސް އާންމުކޮށް ފެތުރޭ ޑެންގީ ޖައްސައި އީޑިސް މަދިރި އެވެ. ވޮޝާލް ވިދާޅުވި ގޮތުގައި އެހެން ބާވަތެއްގެ މަދިރިން ވެސް ނުކުތުން ކައިރީ ހަމަ އެކަހަލަ ނަތީޖާއެކެވެ. ނަމަވެސް އެކަން ޔަގީންކުރަން އިތުރު ބާވަތްތަކުގެ މަދިރީގެ ދިރާސާތައް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ދިރާސާގައި ބޭނުންކުރި މީހުންގެ ޓެސްޓްތައް ހެދުން އެތައް އަހަރަކަށް ކުރިއަށް ގެންދިޔަ އިރު ވެސް މަދިރި ދޯޅުވުމުގައި ހުރި ތަފާތު ހަމަ އެގޮތަށް ދެމިގެންދިޔަ ކަމަށް، ފްލޮރިޑާ އިންޓަނޭޝަނަލް ޔުނިވަސިޓީގެ ނިއުރޮޖެނެޓިސިސްޓް، މެޓް ޑިގެނާރޯ ވިދާޅުވި އެވެ.

"އެތައް އަހަރެއް ވީ އިރު ވެސް މަދިރި ދޯޅު މީހުން ތިބީ ހަމަ އެގޮތަށް މަދިރި ދޯޅުވާ ބައެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

ހަންގަނޑުގައި ހާއްސަ ކެމިކަލްތަކެއް

ދިރާސާއިން ފެނުނީ މަދިރި ޝައުގުވެރިވާ މީހުންގެ ހަންގަނޑުގެ ތެރޭގައި ވަކި ވައްތަރެއްގެ އެސިޑް ގިނައިން އެކުލެވޭ ކަމެވެ. މި 'ތަތް މޮލެކިއުލްސް'އަކީ ހަމުގައި ހުންނަ ތެތް ފަށަލައިގެ ބައެއް ވެސް މެ އެވެ. އެކި މީހުންގެ ހަންގަނޑުގައި އެ އެސިޑްތައް އުފެދެނީ އެކި މިންވަރަށެވެ. ހަންގަނޑުގެ ތެރޭގައި އުޅޭ ހަށިގަނޑަށް ގެއްލުން ނުދޭ ޖަރާސީމެއް، މި އެސިޑްތައް ކަޔެވެ. ގައިން ދުވާ ވަސް އުފެދެނީ އެ މަރުހަލާގަ އެވެ.

ވޮޝާލް ވިދާޅުވި ގޮތުގައި ހަންގަނޑަށް ގެއްލުން ނުދީ އެ އެ އެސިޑްތައް އުފެދުން ނުހުއްޓުވޭނެ އެވެ. 

އެކަމަކު މަދިރިން ދުރުވާނެ އާ ގޮތްތައް ހޯދަން މި ދިރާސާއިން އެހީތެރިވެދޭނެ ކަމަށް، ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ނިއުރޮބައޮލޮޖިސްޓް ޖެފް ރިފެލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަންގަނޑުގެ ތެރޭގައި އުޅޭ ޖަރާސީމަށް ކޮންމެވެސް ކަހަލަ ބަދަލެއް ގެނެސް، މަދިރިއަށް އޮޅުވާލެވޭ ކަހަލަ ގޮތެއް ހޯދިދާނެ އެވެ. މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، މަދިރިއާ ހަނގުރާމަކުރާނެ ގޮތްތައް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވުމެވެ. މަދިރިއާ ކުޅުނަސް އެއަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

މި ދިރާސާގައި ވެސް ވަނީ އެކަން ސާބިތުވެފަ އެވެ. އޭގެ ސް ދުވުމުގެ ހިއްސަށް ގެއްލުން ދިނުމުގެ ގޮތުން ޖީން ބަދަލުކޮށްގެން ބޭނުންކުރި މަދިރިތައް ވެސް، ގަޔާވާ ވަސް ހުރި ދިމާލަށް އެއް ލަޝްކަރެއްގެ ގޮތުގައި ދިޔަ އެވެ.

"މަދިރިއަކީ ފަސޭހައިން ގުޑުވާލެވޭ އެއްޗެއް ނޫން،" ވޮޝާލް ވިދާޅުވި އެވެ.

"އަހަރެމެން ހޯދައި، އަހަރެމެންގެ ގައިގައި ހަފާނެ އެތައް އުކުޅެއް އޮންނަނީ އަބަދުވެސް ތައްޔާރުކޮށްފައި." 

އެހެންވީމާ މަދިރިއާ ދޯޅު މީހުންނަށް އަދި ސަލާމަތެއް ނެތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް