Majlis 2024

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. މާޅޮހުގެ ކެމްޕޭން ޖަގަހައިގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

އިދިކޮޅުން ޕްރައިމަރީ ގަޑުބަޑުކުރަން އުޅެނީ ރިޔާސީ އިންތިހާބުން ބަލިވާނެތީ: ރައީސް

ރައީސް ވިދާޅުވީ ކެމްޕޭން ކުރަން އޮތް ފުރުސަތު ހަމަވާން ހަތަރު ދުވަހަށް ވެފައި ވާއިރު، އެހެން ޕާޓީތަކުގެ ނުފޫޒު ޕްރައިމަރީގެ ތެރެއަށް ވަދެފައިވާ މިންވަރު ފެންނަމުންދާ ކަމަށް
24 ޖެނުއަރީ 2023

އއ. މާޅޮސް - އިދިކޮޅު ޕާޓީތަކަށް އަންނަ ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް ވާދަކޮށްލުމުގެ ފުރުސަތެއް އޮތީ އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި އެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގަދަ ވިއްސާރައިގައި ރައީސް ސޯލިހު މި ރަށަށް ވަޑައިގަތީ މިއަދު ހެނދުނު އެވެ. އެ ގަޑީގައި ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް، ބަނދަރު ސަރަހައްދުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން، ކުޑަ ނަގައިގެން އެ މަނިކުފާނަށް މަރުހަބާ ކިޔަން ގޮސް ތިއްބެވެ.

ބުނީ ކީކޭ؟ - މާޅޮހުގެ ކެމްޕޭން ޖަގަހައިގައި މި ދާއިރާގެ ރަށްރަށުގެ އެމްޑީޕީ މެމްބަރުންނާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ޕްރައިމަރީގައި ކެމްޕޭން ކުރަން އޮތް ފުރުސަތު ހަމަވާން ހަތަރު ދުވަހަށް ވެފައި ވާއިރު، އެހެން ޕާޓީތަކުގެ ނުފޫޒު މި ޕްރައިމަރީގެ ތެރެއަށް ވަދެފައިވާ މިންވަރު ފެންނަމުންދާ ކަމަށެވެ. އެ މަނިކުފާނުގެ އެ ވާހަކަފުޅު އަމާޒުކުރެއްވީ އިދިކޮޅު ޕީޕީއެމް އިން މި ޕްރައިމަރީއާ ދިމާކޮށް ހިންގާ ހަރަކާތްތަކަށެވެ.

"މިހާ ހިސާބަށް އައިއިރު މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް، މީގެ ތެރޭގައި އެހެން ކުލަތައް އެބަ ޖެހޭ. ވިސްނަން ވާނެ މިކަމާ ދޭތެރޭގައި، ބޭނުމަކީ ކޮބައިކަން. ބައެއް ރަށްރަށުން އެ މަންޒަރު މިހާރު ފެންނަމުން އެ ދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އއ. މާޅޮހުގައި. (ފޮޓޯ/ކެމްޕޭން ޓީމް)

ގުޅުންހުރި ކަމެއް - ރައީސް ސޯލިހަށް ކެމްޕޭން ކުރެއްވުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މިދިޔަ އާދިއްތަ ދުވަހު ތުޅާދުއަށް ވަޑައިގަތުމުން އެ ރަށުގައި އިދިކޮޅު ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓުން އިސްވެ ތިބެ ވަނީ ހިސާންއާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އަދި ރައީސް ސޯލިހު ރަށްރަށަށް ކުރައްވައި ކެމްޕޭން ދަތުރުތަކާ ދިމާކޮށް ވެސް އިދިކޮޅު ފަރާތްތަކުން އެ ރަށްރަށުގައި މުޒާހަރާކުރެ އެވެ.

އިދިކޮޅުގެ އެ ހަރަކާތްތަކަށް، މި ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ހިތްވަރު ދޭ ކަމަށް، ރައީސް ސޯލިހުގެ ފަޅިން ތުހުމަތު ކުރެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް އެ ބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ ވެސް މީގެ ތެރެއަށް [ޕްރައިމަރީ ތެރެއަށް] ވަދެ، މި ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެ ބޭފުޅުން ނުކުމެ އެ ތިބީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތަފްސީލު - ރައީސް ސޯލިހު ވިދާޅުވީ މި ޕްރައިމަރީއަށް އެހެން ޕާޓީތަކުން ނުފޫޒު ފޯރުވަން އުޅޭ ސަބަބު އެނގި ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ސާފުކޮށް އެމްޑީޕީއަށް ވެރިކަމުގައި ދެމި ތިބެން އޮތްކަން އެނގޭތީ، އެ ކަމަށް ހުރަސް އެޅެން އޮތް ކަންތައްތައް އެ ބޭފުޅުން އެ ކުރައްވަނީ،" ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް އެ ބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ ވެސް މީގެ ތެރެއަށް [ޕްރައިމަރީ ތެރެއަށް] ވަދެ، މި ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެ ބޭފުޅުން ނުކުމެ އެ ތިބީ."

ރައީސް ސޯލިހު އއ. މާޅޮހުގެ ކެމްޕޭން ޖަގަހައިގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ފުރިހަމަ ޑިމޮކްރެޓިކް ނަމޫނާއެއް ދައްކަމުން އަންނަ ޕާޓީއެއް ކަމަށާއި އެ ޕާޓީގެ ޕްރައިމަރީތައް އަބަދު ވެސް ވާދަވެރިވާނެ ކަމަށެވެ.

"މި ޕްރައިމަރީ ވެސް ވެގެންދާނެ ރާއްޖެއަށް ނަމޫނާއަކަށް، ދެން ހުރި ސިޔާސީ ޕާޓީތަކަށް. އެހެންވީމަ މީގެ ތެރެއަށް ވަދެ މި ގަޑުބަޑުކޮށް ކިރިޔާ ވެސް ފުރުސަތެއް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށްލެވޭނެ ފުރުސަތެއް އޮތް ގޮތަށް އަނބުރާލަން ކުރާ މަސައްކަތެއް މިއީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ޕްރައިމަރީ ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެއަށް ފަހު ރިޔާސީ އިންތިހާބު ވެސް ފަސޭހަކަމާ އެކު ކާމިޔާބުކުރައްވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް