Majlis 2024

ބީސީސީ އިން އިންތިޒާމްކުރި "ޑޭއައުޓް" އިވެންޓް އިން ބައްދަލުވީ ހުނަރުވެރި މަސައްކަތްތެރިން (ދައުރު ފޮޓޯ/ އަނާމް އަޒްމީލް)

'ޑޭއައުޓް' އިން ބައްދަލުވި ތަފާތު ފަސް ހުނަރުވެރިން

3 ދުވަހަށް ބީސީސީއިން ކުރިއަށް ގެންދިޔަ އިވެންޓަކީ ގޭގައި މަސައްކަތް ކުރާ މީހުންގެ މަސައްކަތް ދައްކާލަން ލިބުނު ފުރުސަތެއް
24 އޮކްޓޯބަރު 2021
1

ކޮވިޑް-19ގެ ހާލާތަށް ފަހު އެކި ފެއާތައް އަލުން މިހާރު އަންނަނީ ބާއްވަމުންނެވެ. ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި އިވެންޓް ރޭގައި ނިންމާލީ، ބައިވެރިންނާނައި އންތިޒާމްކުރި ފަރާތުން ބުނާ ގޮތުގައި 'ކާމިޔާބު އިވެންޓެއް'ގެ ގޮތުގަ އެވެ.

ގޭގައި ތިބެގެން އެކި މަސައްކަތްކުރާ މީހުންނަށް ހާއްސަކުރި ފެއާގައި 30 މީހުން ބައިވެރިވި އެވެ.

ބީސީސީ އިން މި ފެއާ އިންތިޒާމްކުރީ ގޭގެ މަސައްކަތްކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ޒައީމާ ހުސެންމަނިކު: ގދ ގައްދުއަށް ނިސްބަތްވާ ކުޅަދާނަ ތުނޑު ކުނާ ވިޔުންތެރިއެއް (ދައުރު ފޮޓޯ/ އަނާމް އަޒްމީލް)

 ގދ. ގައްދުއަށް ނިސްބަތްވާ ޒައީމާ ހުސެން މަނިކު އާއި އެ ރަށު މަރިޔަމް ފާއިޒާ، އެއް ޓެންޓްގައި އިށީދެގެން ތިއްބެވެ. އެމީހުން ދައްކާލީ ދިވެހި ތާރީހާއި ސަގާފަތާއި އާދާކާދާ ހިމެނޭ އުފެއްދުންތަކެވެ. ދިވެހިން އަންހެނުންގެ ޒަމާންވީ މަސައްކަތްތެރި ކަމުގެ ހުނަރެވެ.

ތުނުޑުކުނާ ވިޔާ ހަރެއް ބަހައްޓާލައިގެން ފަސޭހަކަމާއި ފަރިތަކަމާއި އަތުގެ ހަރަކާތްތަކުން ފަހުރުވެރިކަމާ އެކު ޒައީމާ ވިޔަމުން ދިޔަ އެވެ. އެ މަންޒަރު ބަލަން އޭނާ ވަށައިގެން އެތައް ބަޔަކު ތިބީ އާޝޯހު ވެފަ އެވެ. އެކި އުމުރުގެ މީހުންނެވެ. ބަައެއް މީހުން ފޯނުން ފޮޓޯ ނަގާލަ އެވެ. ޒައީމާގެ ހަރަކާތްތައް ޖާދުލެއްހާ ހަލުވި އެވެ. ގދ. ފިޔޯރީ އިން ގެންނަ ހާއްސާ "ހާ" ގައި ކުލަޖައްސައިގެން ތަފާތު ޑިޒައިންތަކަށް ވިޔެ ފުރިހަމަކޮށްފައިވާ  ކުނާތައް އޭނާގެ ކައިރީގައި ހުރި މޭޒެއްގައި ވިއްކަން ބަހައްޓާފައި ހުއްޓެވެ.

މަރިޔަމް ފާއިޒާ (ކ) އާއި އޭނާގެ އެކުވެރިޔާ ޒައީމާ  ތުނޑުކުނާ ވިޔަން ދަސްކޮށްދޭން ޝައުގުވެރިވޭ (ދައުރު ފޮޓޯ/ އަނާމް އަޒްމީލް)
ޒައީމާ ތުނޑުކުނާ ވިޔަނީ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)

މުޅި ރާއްޖެއަށް ބަލާއިރު ގދ. ގައްދުއަކީ ތުނޑުކުނާ ވިޔުމަށް އެންމެ މަޝްހޫރު އެއް ރަށެވެ.  ވިޔުމުގައި ވޭތުވެ ދިޔަ 30 އަހަރު ފޫހިކަމެއްނެތި މަސައްކަތް ކުރަމުން އައި ގާތް ދެ އެކުވެރިންގެ މި މަސައްކަތް މި ޑޭއައުޓް އިން ފެނުމަކީ އުފަލެކެވެ.

ޒައީމާ ބުނީ ފެއާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އޭނާގެ މުޅި އުމުރު ނިސްބަތްވި ހާއްސަ މަސައްކަތް ކުރާތަން ހަމަ ލޮަލަށް އެހާ ގިނަ ބަޔަކަށް އޭގެ ކުރިއަކުން ފެނިފައެއް ނުވެ އެވެ. އެކަމަކު މި ފެއާގެ ސަބަބުން ވަރަށް ގިނަ ޒުވާނުނަށް ސަގާފީ އެ މަސައްކަތް ފެނުމުގެ ފުރުސަތު ލިބުނެވެ.

ދިވެހި ސަގާފަތާ ގުޅޭ މިފަދަ މަސައްކަތް ކުރާ މީހުން މަދުވަމުން އަންނަ އިރު ތުނޑުކުނާ ވިޔުމުގެ ހުނަރު އަހަރުމެންގެ ޒުވާން ޖީލަށް ދަސްކޮށްދޭން ޒައީމާ ޝައުގުވެރިވެ އެވެ.

ތުނޑުކުނާތަކެއް: މިއީ ރާއްޖޭގެ ދުވަސްވީ މަސައްކަތެއް (ދައުރުފޮޓޯ/ އަނާމް އަޒްމީލް)

"ގިނަ މީހުންނަކަށް ނުފެނޭ މި މަސައްކަތް ކުރާ ތަނެއް މީގެ ކުރިޔަކުން. ޝައުގުވެރިވާ މީހުންނަށް މަސައްކަތް ދަސްކޮށްދޭން އަހަރުމެން މިތިބީ ތައްޔާރަށް،" ޒައީމާ ބުންޏެވެ.

އެހެން މޭޒެއްގެ ކައިރީގައި ހުރީ ފާތިމަތު ޝަފީގް އެވެ. އަބަދުވެސް އާޓާއި ފަންނަން ލޯބިކުރެ އެވެ. ކައިރީގައި ދަރިފުޅު ހުއްޓެވެ. ދެމައިން ތިބީ ފާތިމަތު ހަދާ އެކި ކަހަލަ ބިއްލޫރި ލޯގަނޑާއި، ކްލޭ އިން ހަދާފައި ހުރި ޖުވެލެރީ ޑިޝް އަދި ގޭތެރޭ ޒީނަތްތެރިކުރަން ބަހައްޓާ އެހެނިހެން އާޓު ސާމާނު ވިއްކާށެވެ.

އާޓިސްޓް އަދި ގޭގައި އެ މަސައްކަތް ކުރަމުން އަންނަ ފާތިމަތު ޝަފީގް އޭނާގެ މަސައްކަތެއް ދައްކާލަނީ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)

ކޮވިޑްގެ ކުރިން އޭނާ ދިރިއުޅުނީ މެލޭޝިއާގަ އެވެ. އެކަމަކު ކޮވިޑް-19 ކުރިމަތިވުމުން މާލެއަށް ބަދަލުވި އެވެ.

"އަޅުގަނޑުގެ މާމަ ސަނީޑޭލް އައިސާދީއަކީ ވަރަށް ގިނަ މައުރަޒުތަކުގައި ބައިވެރިވެ ވަރަށް ގިނަ ވަނަތައް ހޯއްދަވާފައިވާ ބޭފުޅެއް. މާމަގެ ފަރާތުން ފަންނާއި ހުނަރަށް ޝައުގުވެރިވީ،" ފާތިމަތު ބުންޏެވެ.

މިއީ އޭނާ ބައިވެރިވި ފުރަތަމަ މައުރަޒެވެ. އެކަމަކު އޭނާއަށް ލިބުނު ހިތްހަމަޖެހުން ވަރަށް ބޮޑެވެ.

"ވަރަށް ރަނގަޅު އޮޕޮޗުނިޓީއެއް މިއީ. ކޮން ކަހަލަ ކަމެއްތޯ ކުރެވޭނީ، ކޮން ކަހަލަ ކަންތައްތަކަށްތޯ ޑިމާންޑް އޮތީ ބަލައިލަން ރަނގަޅު ފެއާއެއް. އަދި އިންކަމްއެއް ޖެނެރޭޓް ވެސް ކުރެވިދާނެ،" ފާތިމަތު ބުންޏެވެ.

ފާތިމަތުގެ ބައެއް މަސައްކަތްތައް ދައްކާލަނީ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)

ވަޒީފާ އެއްގެ ގޮތުން އަމިނީއްޔާ ސްކޫލްގެ ލައިބްރަރީގައި 10 އަހަރު ހޭދަކޮށް ރާއްޖެއިން ބޭރު އުޅުމަށް ފަހު މިހާރު އާތިފާ ހަސަން ގޭގައި ކުރަނީ ކްރާފްޓްގެ މަސައްކަތެވެ. ތިމާވެއްޓާ ރަހުމަތްތެރި އެވެ. އޭނާގެ މަސައްކަތުގެ މައިގަނޑު އެއްޗަކީ ބިއްލޫރި ފުޅި އެވެ. އޭނާގެ ހުނަރުން އެ ފުޅިތައް ޖަރީކޮށްލަ އެވެ.

ދިވެހި ލިބާސް އިން އިންސްޕިޔަވެގެން އާތިފާ ހަސަން ރޮދިން ޖަރީކޮށްފައިވާ ފުޅިތަކެއް ދައްކާލަނީ (ދައުރުފޮޓޯ/އަނާމް އަޒްމީލް)

ވިއްކަން ބަހައްޓާފައި ހުރި ކޮންމެ ފުޅިއަކުން ވެސް ދައްކައިދެނީ އާތިފާގެ ހުނަރެވެ. އެކި ފުޅިތަކުގައި އެކި ޑިޒައިންތަކެވެ. ފިހާރަފިހާރައަށް ގޮސްގެން އޭނާ އެއްކުރާ ފުޅީގައި ރޮދި އޮޅާލައި ޒީނަތްތެރިކޮށްލަނީ ދިވެހި ކަަސަބުން ޖަރީކުރި ދިވެހި ލިބާހެއް ގޮތަށެވެ.

އާތިފާގެ މަސައްކަތް ކަސްޓަމަރަކު ބަލަނީ (ދައުރުފޮޓޯ/އަނާމް އަޒްމީލް)
އާތިފާގެ ޑިޒައިން އެޅި ފުޅިއެއް ހިފަހައްޓާލައިގެން ޒުވާނަކު  (ދައުރު ފޮޓޯ/ އަނާމް އަޒްމީލް)

"ތްރެޑް އޮޅާފައި އެ ހުންނަނީ. ކޮންމެ އެއްޗަކީ ވެސް ހަމަ ފަށެއް. ގާތްގަނޑަކަށް ދެ ގަޑި އިރެއްހާ އިރު އިނދެގެން ފުޅިއެއް ނިންމާލާވޭ،" މަސައްކަތުގެ ވަރަށް ކުރު ހުލާސާއެއް ކިޔައިދެމުން އާތިފާ ބުންޏެވެ.

"ކަސަބު ބޯވަޅު ނޫނަސް ކުރީ ޒަމާނުގެ ލިބާސްތައް މިގޮތަށް ދައްކާލަން ބޭނުންވަނީ. ފެއާއެއްގައި ބައިވެރިވެ އަންހެނުންނަށް މި ކަހަަލަ ފުރުސަތުތަކެއް  ފަހިވާތީ ވަރަށް އުފަލުން މިހިރީ. އަޅުގަނޑު ބޭނުންވަނީ ދިވެހި ސަގާފަތާ ގުޅޭ އާޓް  އުފައްދަން."

އެވަގުތު ވެސް އެކި މީހުން ގެންދިޔައީ އޭނާގެ ސްޓޯލަށް ޒިޔާރަތްކުރަމުންނެވެ.

ޑޭއައުޓް އިވެންޓްގެ ބައިވެރިންގެ ތެރެއިން ޒުވާން އެއް މަސައްކަތްތެރިޔަކީ ޝަފްނާ ފަޔާޒް، 23 އެވެ. ބަލިމަޑުކަމުގެ ތެރޭގައި ޝަފްނާ އުޅުނީ ވަޒީފާއެއް ނުލިބިގެންނެވެ. އޭރު ކަންތައްތައް އޮތީ އަވަހަކަށް ވަޒީފާއެއް ލިބޭ ގޮތަކަށް ވެސް ނޫނެވެ. ޝަފްނާ ބުނި ގޮތުގައި މަސައްކަތެއް ނުކޮށް އެއްވެސް ވަގުތެއް ހޭދަކުރާކަށް ބޭނުމެއް ނުވެ އެވެ. ހޮބީއެއްގެ ގޮތުގައި އޭނާ ފެށި މަސައްކަތް މިހާރު މިއޮތީ ކުޑަ ވިޔަފާރިއަކަށް ބަދަލުވެފަ އެވެ

ޒުވާން ފަންނުވެރިޔާ ޝަފްނާ ފަޔާޒް އޭނާގެ ސްޓޯލްގައި (ދައުރުފޮޓޯ/ އަނާމް އަޒްމީލް)

ސިމެންތި ބޭނުންކޮށްގެން އެކި ކުލަކުލައިން ތަފާތު އެތައް އެއްޗެއް މިހާރު އޭނާ ހަދަ އެވެ. ގަސް މުށި، މޭޒުމަތީ ބަހައްޓާ ޓްރޭ، ޖުވެލެރީ ޑިޝް، ރިންގް ހޯލްޑާ، ޕެންހޯލްޑާ މިހެން ގޮސް ތަފާތު އެކި ބާވަތްތަކެވެ.

ޝަފްނާ ހީކުރި ވަރަށް ވުރެ ބޮޑަށް އެ އުފެއްދުންތަކަށް ޑިމާންޑް އޮތް ކަން ފެއާ އިން އެނގުނެވެ. އެއީ އޭނައަށް ލިބުނު އުއްމީދުގެ އިތުރުން ބޮޑު އުފަލެއް ވެސް މެ އެވެ. އޭނާ މިހާރު ބޭނުންވަނީ ދައްތަ އާއި މަންމަގެ އެހީތެރިކަމާ އެކު އެ ރޮނގުން ކުރިއަށް ދާށެވެ.

ޝަފްނާގެ ބައެއް މަސައްކަތްތައް (ދައުރުފޮޓޯ އަނާމް އަޒްމީލް)

ޒުވާން މަންމަ، ބުޝްރާ މުހައްމަދުގެ ހަތަރު އަހަރުގެ ކުއްޖެއް ހުރެއެވެ. ފާއިތުވީ 10 އަހަރު މެލޭޝިއާގައި މަސައްކަތްކުރުމަށް ފަހު ރާއްޖެ އައި ތަނުން ކޮވިޑް ހާލަތު ކުރިމަތިވި އެވެ. ގޭގައި ހުރެ ހަމައެކަނި ދަރިން ބެލުމުގެ ޒިންމާ ނަގަން ފެށި އެވެ. ދެން ލިބެން ފެށި ހުސް ވަގުތުގައި ކުރާނީ ކޮން ކަމެއްތޯ ވިސްނަން ތަފާތު ކަންކަމަށް ނަޒަރު ހިންގާލި އެވެ. އޭނާގެ ހިތްކީ ގަހަނާ ހެދުމަށެވެ.

ބުޝްރާ މުހައްމަދު އޭނާގެ ވިޔުމުގެ މަސައްކަތެއް ދައްކާލީ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)

މަސައްކަތް ފެށީ އާދައިގެ ގޮތަކަށް ބީޑް މަސައްކަތުންނެވެ. މިހާރު ރެޒިން އިން ބޮލުގައި ޖަހާ ދައްޗާއި ކަންފަތު ލާ އެއްޗެހި ވެސް ހަދަ އެވެ. ބުޝްރާގެ މަސައްކަތް ފެންނަނީ ހަމައެކަނި ގާހަނާ ހެދުމުގެ ތެރެއަކުން ނޫނެވެ. ވިޔެގެން ވޫލް އިން ކުރާ ކްރޯޝޭ މަސައްކަތް ވެސް އޭނާ ކުރެއެވެ. 

ބުޝްރާ ހަދާފައިވާ ބައެއް ގަހަނާ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)

މިއީ އޭނާގެ ވެސް ފުރަތަމަ ފެއާ އެވެ. ބުޝްރާ ބުނާ ގޮތުގައި މިއީ ވަރަށް ރަނގަޅު އެކްސްޕޯޝާއެކެވެ. 

"ގޭގައި މަސައްކަތްކުރާ މީހުންނަށް މިކަހަލަ ފުރުސަތެއް ލިބޭނީ މަދުން. އޮންލައިންކޮށް ކުރާ ކަމެއް އޮންނާނީ. ކަސްޓަމަރުންނާ ބައްދަލުވީމާ އެމީހުންގެ ޓޭސްޓް ހުންނަ ގޮތް އެނގޭ. ވަރަށް އުފާވޭ މިކަހަލަ ފުރުސަތެއް ލިބުނީމަ،" ބުޝްރާ ބުންޏެވެ.

ޑޭއައުޓް އިވެންޓެގައި ހުރި ކާބޯތަކެތި ވިއްކާ ސްޓޯލެއް: މިއީ އެތައް ބައެއްގެ މަސައްކަތް ފެނުނު އިވެންޓެއް(ދައުރުފޮޓޯ/ އަނާމް އަޒްމީލް)
ޒުވާން ވިޔަފާރި ވެރިޔަކު އޭނާގެ އުފެއްދުމެއް ދައްކާލަނީ (ދައުރުފޮޓޯ އަނާމް އަޒްމީލް)

 ޑޭއައުޓް އިވެންޓުން ފެނުނީ އަމިއްލަ އުފެއްދުންތަކާއި މޮޅެތި ހިޔާލުތަކެވެ. މިފަދަ އިވެންޓަކުން އެތައް ހުނަރެއް އެއް ތަނަކުން ފެންނަ އިރު ރާއްޖޭގައި ކުދި ވިޔަފާރިއަށް ޝައުގުވެރިވާ މީހުންގެ އަދަދު ގިނަކަން އެނގެ އެވެ. ކުދި ވިޔަފާރި ފުޅާވުމަކީ ލިބޭ ކުރިއެރުމެކެވެ. ސަބަބަކީ ކުދި ވިޔަފާރި އިސާހިތަކު ބޮޑު ވިޔަފާރިއަކަށް ބަދަލުވެ އެއިން ގިނަ ބަޔަކަށް ނަފާ ލިބުމުގެ ފުރުަސަތު އޮތީމަ އެވެ. 

ބީސީސީގެ މި އިވެންޓް ކާމިޔާބެވެ.

ކޮމެންޓް (1)

މާކަނާ_ކަލޯ

24 އޮކްޓޯބަރު 2021
މިއީ ވަރަށް ރަގަޅު ކަމެއް، ރާއްޖޭގެ ބޮޑެތި ހުރިހައި ރަށެއްގައިވެސް ކުރަން. އެކި ފަންނުގެ ކްރިއޭޓިވް މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުސަތު ގޭގައި ތިބެގެން، ކުޑަ ސްކޭލެއްގައި ކުރާ މީހުންނަށް ހޯދައި ދިނުން. މި ފަދަ މާކެޓްތައް އިސްތިހާރުކުރަނިކޮށް ޓޫރިސްޓުން ވެސް މިފަދަ ތަންތަނަށް ޒިޔާރަތް ކުރާނެކަމަށް ފެނޭ. އަދި މިއާއެކު ބައެއްކަހަލަ ސަގާފީ ޝޯވެސް ބޭއްވިދާނެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް