ހަނިމާދޫ ސްކޫލުގެ ބޭރު ފާރުގައި ހަރުކޮށްފައި ހުރި ޕެނަލްބޯޑު އަނދައި ހުލިވެފައި: މި ހާދިސާގައި ސްކޫލަށް ވެސް ގެއްލުންތަކެއް ވެފައިވޭ. (ފޮޓޯ/ކައުންސިލް)

ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލުގައި ރޯވެ، 400،000ރ.ގެ ގެއްލުން ވެއްޖެ

އަލިފާން ރޯވީ ސްކޫލުގެ ބޭރުގައި ހުރި ޕެނަލް ބޯޑެއްގައި

ހދ. ހަނިމާދޫ ސްކޫލުގައި ހަރުކޮށްފައި ހުރި ޕެނަލް ބޯޑެއްގައި އިއްޔެ އަލިފާން ރޯވެ، އެ ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - އިއްޔެ އިރުއޮއްސެން އުޅެނިކޮށް އެ ހާދިސާ ހިނގީ ސްކޫލްގެ އިންފާރާއި އިމާރާތުގެ ފާރާ ދެމެދުގައި ހުރި ޕެނަލް ބޯޑެއްގައި ރޯވެގެންނެވެ.

ތަފްސީލު - ރޯވި އަލިފާނުގެ އަސަރު، ސްކޫލުގެ ކްލާސްރޫމުތަކަށް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން:

  • ބައެއް ކްލާސްރޫމުތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ 

  • ސީލިންގަށް ވެސް ގެއްލުންތަކެއް ލިބިފައިވޭ 

  • އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ރޯވި ޕެނަލް ބޯޑަށް

ބުނީ ކީކޭ؟ - ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލްސައްތާރު ހަސަން މިއަދު ވިދާޅުވީ ޕެނަލް ބޯޑު ހަލާކުވުމާ ގުޅިގެން މުޅި ސްކޫލުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

"ޕެނަލް ހަމަ އެއްކޮށް އަނދައި ހުލިވެފައި ވަނީ. މީގެ ގެއްލުން 400،000-500،000ރ.އަށް އަރާނެ،" އޭނާ ވިދާޅުވި އެވެ.

އަބްދުލްސައްތާރު ވިދާޅުވީ ވަގުތީ ގޮތުން ކްލާސްރޫމުތަކަށް ކޮންމެވެސް ގޮތަކުން ކަރަންޓު ދެވޭތޯ ބަލަމުން އަންނަ ކަމަށާއި ދާއިމީކޮށް ހައްލު ހޯދުމަށް އަދި ދުވަސް ނަގާނެ ކަމަށެވެ. ނަމަވެސް، އެއީ ކިހާ ދުވަހެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް