Majlis 2024

ށ. ކޮމަންޑޫ އާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާޒިމް ވާހަކަދައްކަވަނީ. (ފޮޓޯ/އެމްޓީސީސީ)

ސަރުކާރު ލަހޭ ބުނަނީ 'ފާސްޓާއި ސްލޯ އޮޅިފައި' ތިބުމުން: އާޒިމް

މި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއްގެ މަސައްކަތް ހުއްޓިފައި ނުހުންނާނެ ކަމަށް އާޒިމް ވިދާޅުވި
15 ޖެނުއަރީ 2022

މި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއްގެ މަސައްކަތް ހުއްޓިފައި ނުހުންނާނެ ކަމަށް ވިދާޅުވެ، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ކުރީ ސަރުކާރަށް ވުރެ މާ ލަސް ދުވެެއްޔެއްގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަމާޒުކުރާ ފާޑުކިޔުންތަކަށް، ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ ކުންފުނި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިއްޔެ ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ފަޅުރަށް، މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އިފްތިހާރުކުރުމަށް އިއްޔެ ކޮމަންޑޫގައި ބޭއްވި ހަފްލާގައި އާޒިމް ވަނީ މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކަށް އަލިއަޅުވާލައްވާފަ އެވެ. އޭނާ ވިދާޅުވީ:

  • 1-

    މި ސަރުކާރުން ވަނީ އެމްޓީސީސީއާ 150 މަޝްރޫއު މިހާތަނަށް ހަވާލުކޮށްފައި

  • 2-

    އޭގެ ތެރެއިން 50 މަޝްރޫއެއްގެ މަސައްކަތް ނިންމައި ވަނީ ހަވާލުކޮށްފައި

  • 3-

    ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއާ އެކު، މި ވަގުތު 69 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ކުރިއަށް އެބަދޭ

  • 4-

    ބާކީ ހުރި މަޝްރޫއުތަކުގައި މިހާރު ކުރިއަށް ދަނީ ޕްލޭނިން މަސައްކަތްތައް

އެމްޓީސީސީން މި ފަހުން ނިންމާފައިވާ، މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު. (ފޮޓޯ/އެމްޓީސީސީ)

މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދުވެލި މަޑުކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަނީ، އާޒިމް ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަގު ވައްޓާލުމަށެވެ. އޭނާ ވަނީ، މަޝްރޫއުތައް ކުރިއަށް ދާ ދުވެއްޔާ ގުޅޭ ގޮތުން، ތަފާސްހިސާބުތަކާ އެކު ވާހަކަދައްކަވާފަ އެވެ. އެގޮތުން، އާޒިމް ފާހަގަކުރެއްވި ގޮތުގައި:

  • 1-

    ކުރިން ރަށެއްގެ ބަނދަރެއްގެ މަސައްކަތް ނިންމަން ދެތިން އަހަރު ހޭދަވޭ؛ މިހާރު އެއް އަހަރުން ބަނދަރެއް ހަދައި ނިންމާލެވޭ

  • 2-

    ބިން ހިއްކައިގެން އެއާޕޯޓެއް އަޅަން ކުރިން ދެތިން އަހަރު ނަގާ؛ މިހާރު 18 މަސްދުވަހުން ނިމޭ

"އެއާޕޯޓެއް ހުޅުވަން ގޮސްފައި، ޓާމިނަލެއް ނެތުމުން ކުނޑައެއް ނަގައިގެން އޭނާ ތެމިފައި ހުރި މަންޒަރު ތިބޭފުޅުންނަށް ފެންނާނެ. މިހާރު އެހެންތޯ އެކަން މި ކުރަނީ؟ މިހާރު ޓާމިނަލާ ހުރިހާ ކަމެއް ނިންމާފައި އަޅުގަނޑުމެން ބަރާބަރަށް ފުރިހަމަ އެއާޕޯޓެއް ދެމުން މި ދަނީ،" 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހދ. ކުޅުދުއްފުށީގައި އެޅި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް ޔާމީން އެ ރަށަށް ވަޑައިގެން، ވާރޭގެ ތެރޭގައި އެއާޕޯޓު ހުޅުވައިދެއްވުމަށް އިޝާރާތްކުރައްވައި އާޒިމް ވިދާޅުވި އެވެ.

ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފެށުމަށް، އެމްޓީސީސީގެ ކޮޅުވެއްޓިއެއް އެ ރަށުގައި އިއްޔެ ބަނދަރުކޮށްފައި. (ފޮޓޯ/ޕީއެސްއެމް)

އާޒިމް ވިދާޅުވީ އެމްޓީސީސީ ހިމެނޭ ގޮތުން ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ހިންގާ މަޝްރޫއުއަކަށް ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަންކަން، އެ ކަމެއް ރައީސް ސޯލިހާ ހިއްސާކުރުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަމަޖައްސައި ދެއްވާ ކަމަށެވެ. އޭގެ މިސާލެއް އޭނާ ހިއްސާކުރެއްވި އެވެ. އެއީ:

  • ފެން ކުންފުނި، އެމްޑަބްލިއުއެސްސީ ހިންގުމާ އޭނާ ހަވާލުވެ ހުންނެވި އިރު، މާލޭގެ ފެނުގެ ނިޒާމު ރަނގަޅުކުރެވޭނީ އެ ކަމަށް ބޭނުންވާ ބިން އެ ކުންފުންޏަށް ލިބިގެން ކަމަށް ރައީސަށް ދެންނެވުމުން، އެ ބައްދަލުވުމުގައި އިންނަވާފައި ރައީސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ގުޅުއްވައި ހަފްތާއެއްގެ ތެރޭގައި އެކަން ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންނެވި

އިންތިހާބެއް އައިމާ މިސަރުކާރުގެ ހަލުއި ދުވެލި މަޑުކުރާކަށް ނުޖެހޭ. މަޑުކުރަން އުޅޭ މީހުންނަށް އަޅުގަނޑު ދަންނަވާލާނީ ތިބޭފުޅުން ތި ތިބީ ފާސްޓާއި ސްލޯ އޮޅިފައޭ، ހެޑަށް އޮޅިފައޭ ތި ތިބީ. އެނގޭ ނަމަ، ހަމަ ގައިމު ވެސް ތިބޭފުޅުން ސްލޯ ވާހަކައެއް ނުދައްކާނެ.

އާދަމް އާޒިމް/ އެމްޓީސީސީގެ ސީއީއޯ

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތަކީ، އާޒިމް ފާހަގަކުރެއްވި ގޮތުގައި، އެމްޓީސީސީގެ ހަޔާތުގައި އެންމެ އަވަހަށް އަމަލީ މަސައްކަތް ފަށާ އެއް މަޝްރޫއެވެ. އަދި މިއީ، އޭނާ ވިދާޅުވި ގޮތުގައި، އެ ކުންފުނިން އެއް ރަށަކަށް އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ ސާމާނު ގެނައި ފަހަރު ވެސް މެ އެވެ.

"އިންތިހާބެއް އައިމާ މިސަރުކާރުގެ ހަލުއި ދުވެލި މަޑުކުރާކަށް ނުޖެހޭ. މަޑުކުރަން އުޅޭ މީހުންނަށް އަޅުގަނޑު ދަންނަވާލާނީ ތިބޭފުޅުން ތި ތިބީ ފާސްޓާއި ސްލޯ އޮޅިފައޭ، ހެޑަށް އޮޅިފައޭ ތި ތިބީ. އެނގޭ ނަމަ، ހަމަ ގައިމު ވެސް ތިބޭފުޅުން ސްލޯ ވާހަކައެއް ނުދައްކާނެ،" ޖަލްސާގައި ތިބި މީހުންގެ ކައިރިން މި ސަރުކާރުގެ ދުވެލި "ސްލޯ ތޯ" ތަކުރާރުކޮށް އައްސަވަމުން އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީއަށް 41 އަހަރު ފުރުމުގެ އުފަލުގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާޒިމް. (ފޮޓޯ/ ރައީސް އޮފީސް)

އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި ހުސައިން ވަހީދު މިދިޔަ މަހު އަވަހާރަވުމުން އެ ދާއިރާގެ ގޮނޑި ހުސްވެ، ބައި-އިލެކްޝަނެއް އިއުލާނުކޮށްފައި ވާއިރު، ޕާޓީތަކުން އަންނަނީ އެ އިންތިހާބަށް ފޯރިއާ އެކު ކެމްޕޭނު ކުރަމުންނެވެ.

އަންނަ މަހުގެ 5ގައި ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި އަލަށް އުފެއްދި މޯލްޑިވިސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ވާދަކުރެ އެވެ. އިންތިހާބާ ދިމާކޮށް، ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އިއުލާނުކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް