Majlis 2024

"ވިއަވަތި ރާއްޖެ" މަހާސިންތާގައި އޭޖީ އިބްރާހިމް ރިފްއަތު: އޭޖީ އޮފީހުން މިއަދު ބުނެފައި ވަނީ ކައުންސިލުތަކުގެ އިހްތިސާސް ހިމެނޭ ބިންތަކުގެ މައްސަލަތަކުން އޭޖީ އޮފީސް ވަކިވާން ނިންމާފައިވާ ކަމަށް 16 ޑިސެމްބަރު 2019 (ފޮޓޯ/ ރައީސް އޮފީސް)

ސުޕްރީމް ކޯޓުގެ ހުކުމާއެކު، ކައުންސިލުތަކުގެ އިހްތިސާސްގައިވާ ބިންތަކުގެ މައްސަލަތަކުން އޭޖީ އޮފީސް ވަކިވަނީ

ސުޕްރީމް ކޯޓުން އިއްޔެ ނިންމާފައި ވަނީ ކައުންސިލުތަކުގެ އިހްތިސާސްގައި ހިމެނޭ މައްސަލަތަކުގައި ދައުވާކޮށް ދައުވާ ލިބިގަންނަން ޖެހޭނީ އޭޖީ އޮފީހުން ނޫން ކަމަށާއި ކައުންސިލުތަކުން އަމިއްލައަށް ކަމަށް

ކައުންސިލުތަކުގެ އިހްތިސާސް ހިމެނޭ މައްސަލަތަކުގައި ކައުންސިލުތައް ތަމްސީލު ކުރާނީ އެޓާނީ ޖެނެރަލްގެ އޮފީހުން ނޫން ކަމަށާއި ކައުންސިލުތަކުން އަމިއްލައަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން ކައުންސިލުތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތަކުގެ މައްސަލަތަކުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަކިވާން ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - އދ. ފެންފުށީ ބަންޑާރަ ގޯއްޗަކުން ބައެއް ގާނޫނާ ހިލާފަށް އުނިކޮށްފައިވާ ކަމަށް ބުނެ އެ ބައި އިތުރުކޮށްދިނުމަށް އެދި، މ. އުމާން، އައްބާސް އަލީކަލޭފާނުގެ ދައުވާކުރި މައްސަލައެއްގައި ހައި ކޯޓުން ނިންމާފައި ބަންޑާރަބިން ހިމެނޭ މައްސަލަތަކުގައި ކައުންސިލުތަކަށް އަމިއްލައަށް ކޯޓުގައި ތަމްސީލު ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ގާނޫނީ ލަފާ ދިނުމާއި ދައުލަތް ތަމްސީލު ކުރަން ޖެހޭނީ އޭޖީ އޮފީހުން ކަމަށް ނިންމާފައިވެ އެވެ.

އެކަމަކު، އެއީ ލާމަރުކަޒީކޮށް ރާއްޖެ ހިންގުމާ ހިލާފު ކަމެއް ކަމަށް ބުނެ ހައި ކޯޓުގެ ހުކުމް އޭޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ، ކައުންސިލުގެ އިހްތިސާސް ހިމެނޭ މައްސަލަތަކުގައި ކައުންސިލުތަކުން ދައުވާ ކުރަން ޖެހޭނީ އަދި ދައުވާ ލިބިގަންނަން ޖެހޭނީ އަމިއްލައަށް ކަމަށެވެ.

ބުނީ ކީކޭ؟ - ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މިއަދު އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ ނިންމުމާއެކު، ކައުންސިލުތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތަކާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެ އޮފީހުން ހާޒިރުވާން ޖެހޭ ގޮތަށް ކުރިއަށްގެންދާ ހުރިހާ މައްސަލަތަކުން ވަކިވާން ނިންމާފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ މި ނިންމުވުމާ ގުޅިގެން ކައުންސިލުތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތަކާ ގުޅޭ ގޮތުން ކައުންސިލުތަކުގެ މައްޗަށް ދައުވާ އުފުލި ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން މި އޮފީސް ހާޒިރުވާން ޖެހޭ ގޮތަށް ހުށަހަޅައި ހިނގަމުންދާ މައްސަލަތައް ރައްދުވާ ކައުންސިލުތަކަށް އަނބުރާ ފޮނުވާލުމަށް ވަނީ ނިންމާފަ އެވެ." އޭޖީ އޮފީހުން ބުނެފައިވެ އެވެ.

ކައުންސިލުތަކުގެ ބިންތަކުގެ މައްސަލަތަކުގައި އޭޖީ އޮފީހުން ވަކާލާތު ކުރުމަކީ މަސްލަހަތު ފުށޫ އަރާ ކަމެއް ކަމަށް އެ އޮފީހުން ދެކެ އެވެ. އެޓާނީ ޖެނެރަލް އަކީ، ސަރުކާރުގެ އިސް ވަކީލަކަށް ވާތީ އޭޖީ އޮފީހުން ކައުންސިލުތައް ތަމްސީލު ކުރުމަކީ ކައުންސިލުތަކަށް ލިބިފައިވާ މިނިވަންކަމަށް ފުށޫއަރާ، އަދި ދެ ފަރާތުގެ މަސްލަހަތު ވެސް ފުށޫއަރާފާނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ވެ އެވެ.

ކައުންސިލުތަކަކީ އަމިއްލައަށް ދައުވާކޮށް ދައުވާ ލިބުމުގެ ބާރު އޮންނާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި އޮންނަ އިރު އެ ގާނޫނު ހައި ކޯޓުން މާނަ ކުރީ ގޯސްކޮށް ކަމަށް ވެސް އެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް