Majlis 2024

ފްލޯޓިން ސިޓީގެ ކުލަ ރީތި ކުރެހުން: ޑަޗް ޑޮކްލޭންޑްސްގެ އެ ފެންވަރު ހުރިކަމާ މެދު ވެސް ސުވާލު އުފެދޭ

ފްލޯޓިން ސިޓީގެ ހުވަފެން އޮޔާދަނީ

މި ސިޓީއެއް ހެދުމުގެ ވާހަކަ ޑަޗް ޑޮކްލޭންޑްސް ދައްކާތާ 13 އަހަރު ވެއްޖެ

މުހިންމު ނުކުތާތައް

ޑަޗް ޑޮކްލޭންޑްސްއަށް ދިން ބައެއް ފަޅުތައް ވިއްކައިގެން ބޮޑު ފައިދާއެއް ނެގި

ފްލޯޓިން ސިޓީގެ އެއްވެސް ކަމަކަށް އަދި ހަގީގީ ކުލައެއް ނާރާ

އެންމެ ފަހުން އެއްބަސްވުމަށް ބަދަލު ގެނެސް ސަރުކާރުން ވަނީ ފަސޭހަތަކެއް ދީފައި

މުޅި ދުނިޔޭގައި ވެސް އެންމެ ފުރަތަމަ ފެނުން މަތީގައި ހަދާ ފްލޯޓިން ސިޓީ ރާއްޖޭގައި ބިނާކުރަން ޑަޗް ޑޮކްލޭންޑްސްއިން ރީތި ކުރެހުންތައް ދުނިޔެއަށް ދައްކަން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރު އެވެ. 

އޭރު ވެސް އެ ކުންފުންޏަށް އެ މަޝްރޫއު ހިންގަން މާލެ އަތޮޅުން އެތައް ފަޅެއް ހަވާލުކުރި އެވެ. އެކަމަކު 2012 ގައި ރައީސް ނަޝީދުގެ ސަރުކާރު ނިމުމަކަށް އައުމާ އެކު އެ ހުވަފެނަށް ވެސް ނިމުން އައީ އެވެ.

މިހާރު އަނެއްކާވެސް އިނގިރޭސި ނޫހެއްގައި 2015ގައި ޖެހި ލިޔުމަކާ އެކު އެ ސިޓީގެ ހުވަފެންތައް ޑަޗް ޑޮކްލޭންޑްސްއިން ދުނިޔެއަށް ދައްކަން މިއޮތީ ފަށައިފަ އެވެ. ފްލޯޓިން ސިޓީއެއް ހެދުމުގެ މަޝްރޫއު ރަސްމީވެ އެއްބަސްވުމެއް ހެދީ މި ސަރުކާރުގައި 2019ގަ އެވެ. އޭގެ ތިން އަހަރު ފަހުން ވެސް މާ ބޮޑެތި މަސައްކަތްތަކެއް ނުކުރެވި އުޅެނިކޮށް މަޝްރޫއަށް ބަދަލުތައް ގެނެސް އާ އެއްބަސްވުމެއްގައި ބުރާސްފަތިދުވަހުގެ ރޭ ކުއްލިއަކަށް ސޮއިކުރި އެވެ. 

އެ ސިޓީގެ ކުލަ މަންޒަރުތައް ދައްކަން ފެށިތާ 12 އަހަރު ވީއިރު ވެސް އޮތީ ހުވަފެނެއްގެ ގޮތުގަ އެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ 

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ކުއްލި ރަސްމިއްޔާތެއްގައި ފްލޯޓިން ސިޓީ ތަރައްގީކުރުމުގެ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް ސޮއިކުރީ އިންޓަގްރޭޓެޑް ޓޫރިޒަމް ފެސިލިޓީއެއްގެ ގޮތުގައި އެތަން ތަރައްގީކުރާ ގޮތަށެވެ. އެއީ ޓޫރިޒަމް ޒޯނެއްގައި އެކި ގިންތިތަކުގެ އެހެން ހިދުމަތްތައް ވެސް ދެވޭ ގޮތަށް މަޝްރޫއު ހިންގަން ދޭ ހުއްދައެކެވެ. 

ފްލޯޓިން ސިޓީގެ ރީތި ބައެއް ކުރެހުންތައް: އަދި ފެންނަނީ ހުސް ވާހަކަތަކެއް

އެކަމަކު މި މަޝްރޫއު ހަގީގަތަކަށް ހަދާ ތަން ފެންނާނެކަމާ މެދު އަދިވެސް ޝައްކެވެ. މުޅިން ވެސް ލިޔުންތަކުގައި ސޮއިކުރަނީ އެވެ. ޑަޗް ޑޮކްލޭންޑްސްގެ މަޝްރޫއުއަކީ އެ މަނިކުފާނާ ގުޅޭ ކަމެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މިދިއަ ބުދަދުވަހު އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވެފަ އެވެ.

ފްލޯޓިން ސިޓީގެ ކަންކަން ކުރިއަށް ގެންދަން ސަރުކާރުން ހުރަސްއަޅަނީ އެހެންވެގެން ކަމަށް ވިދާޅުވުމުން، އެ ވާހަކަފުޅަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައްދު ވެސް ދެއްވި އެވެ. ދެން ފެނުނީ އަނެއް ދުވަހު އާ އެއްބަސްވުމެއް ހެދި ތަނެވެ. 

ފައްޔާޒު ވިދާޅުވަނީ އޮޅުވާލުމެއް ކަމަށް

ނަޝީދު ވިދާޅުވާ ގޮތުގައި މުޅި ދުނިޔޭގައި ވެސް މުޅިން އަލަށް ހަދާ ފްލޯޓިން ސިޓީގެ މަޝްރޫއު ކުރިއަށް ނުގޮސްގެން އުޅެނީ އެ މަޝްރޫއު ކުރިއަށްދާނެ މަގެއް ސަރުކާރުން ނުދައްކައިގެންނެވެ. އެކަމަކު ފައްޔާޒު އެ ވާހަކަތައް ދޮގުކުރައްވާ ވިދާޅުވަނީ ޑަޗް ޑޮކްލޭންޑްސްއިން އެ މަޝްރޫއު ހިންގަން އުޅެނީ ރާއްޖޭގެ ގާނޫނުތައް ހުއްދަކުރާ ގޮތަކަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ތަނެއްގެ ފަޅުތެރޭގައި ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ހިންގަން ހުއްދައެއް ނުދެވޭނެ އެވެ.

ފްލޯޓިން ސިޓީ ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް

މިނިސްޓަރު ތުހުމަތުކުރެއްވީ މުޅި މަޝްރޫއަކީ ބޮޑު އޮޅުވާލެއް ނުވަތަ ސްކޭމެއް ކަމަށެވެ. އެ ސިޓީ ހެދުމުގެ ބަދަލުގައި އެ ކުންފުނިން ތިން ފަޅެއް ވިއްކާލައިގެން މިހާރު ވެސްބޮޑު ފައިދާއެއް ނަގާފައިވާ ކަމަށް ފައްޔާޒު ތުހުމަތުކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލޯޓިން ސިޓީ ހަދަން ނިންމާފައިވާ ފަޅު ހިއްކައިގެން އިތުރު ހަ ރަށެއް ހަދައި ވިއްކާލަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަޝްރޫއަށް ހިލޭ ދިން ފަޅުތަކުން ބޮޑު ފައިދާއެއް ނެގިއިރު މަޝްރޫއުގައި ހަގީގީ ކުލަ ނުޖެހި ދިގުލައިގެން ދާތީ ފައްޔާޒު ސުވާލު އުފެއްދެވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ފްލޯޓިން ސިޓީ ތަރައްގީކުރާ ޑަޗް ޑޮކްލޭންޑްސްއަށް ވަނީ މާލެ އަތޮޅުން ހަތަރު ފަޅެއް ދޫކޮށްފަ އެވެ. އެއީ:

  • 1-

    ލެގޫން 19 : 4°16'36.46 N 73°27'35.98 E

  • 2-

    ލެގޫން 37 : 4°22'1.70"N 73°24'56.43"E

  • 3-

    ލެގޫން 7 :  4°14'9.88"N 73°28'47.93"E

  • 4-

    ލެގޫން 9 : 4°15'6.27"N 73°26'30.91"E

ޑަޗް ޑޮކްލޭންޑްސްގެ މާސްޓަޕްލޭންގެ ކުރެހުންތަކުން ފެންނަ ގޮތުގައި ލެގޫން 19، އެ ކުންފުނިން ތަރައްގީކުރަނީ ރިސޯޓެއްގެ ގޮތުގަ އެވެ. ފްލޯޓިން ސިޓީ ހަދަން ނިންމާފައި ވަނީ ލެގޫން 7 އަދި 9ގަ އެވެ. އެ ފަޅުތަކުގެ ވަށައިގެން ހިއްކާ ރަށްތަކުގައި ޔޮޓް މެރީނާއަކާއި ފަސްތަރީގެ ދެ ރިސޯޓު ވެސް ތަރައްގީ ކުރަން ވަނީ ހަމަޖެހިފަ އެވެ.

އިކޮނޮމިކް ކައުންސިލުން ސުވާލުތަކެއް

އެ މަޝްރޫއާ މެދު އިކޮނޮމިކް ކައުންސިލްގައި ސުވާލު އުފެދުނީ ލެގޫން 7 އަދި 9ގައި ހަދާ ފްލޯޓިން ސިޓީގެ ގެތައް ރިއަލް އެސްޓޭޓްގެ ގާނޫނުގެ ދަށަށް ވައްދައި ޓޫރިޒަމްގެ ގާނޫނުން އެބައި އުނިކުރަން އެ ކުންފުނިން ހުށަހެޅުމުންނެވެ. ޑޮކްލޭންޑްސްގެ މައްސަލައަކަށް ވަނީ ޓޫރިޒަމް ޒޯނަކުން، އާންމު ދިވެހިންނަށް ރިއަލް އެސްޓޭޓްގެ އުސޫލުން ގެ ނުވިއްކޭތީ އެވެ. އެ ކުންފުނިން ރާވާފައި އޮތީ 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ)އަށް ސޯޝަލް ހައުސިންގެ ގޮތުގައި ބައެއް ގެތައް ދިވެހިންނަށް ވިއްކާށެވެ. އެކަމަށް ހުއްދަ ހޯދަން އެ ކުންފުނިން ބޭނުންވަނީ އެވެ. އިކޮނޮމިކް ކައުންސިލްގައި ބަހުސް ފެށުނު ހިސާބަކީ އެ އެވެ.

ފްލޯޓިން ސިޓީ ތަރައްގީކޮށް ނިމުމުން އެތަން ވާނީ ނަމޫނާއަކަށް

ފްލޯޓިން ސިޓީ ޕްރޮޖެކްޓް:

  • 5،000 ހައުސިން ޔުނިޓް 

  • 35 ލަގްޒަރީ ވިލާ

  • 900-1500 އަކަފޫޓުގައި ދެ ބުރިއަށް ހަދާ ތިން ކޮޓަރީގެ އެޕާޓްމަންޓުތައް

  • އެޕާޓްމަންޓެއްގެ އަގު - 4-2 މިލިއަން ރުފިޔާ

  • ފްލޯޓިން ސިޓީ ހަދާނީ ނެދަލެންޑްސްގައި ބޭނުންކުރާ ޓެކްނޮލޮޖީ

ޑޮކްލޭންޑްސްގެ ސީއީއޯ ޕައުލް އެޗްޓީއެމް ވެން ޑަ ކޭމްޕް ވިދާޅުވީ މި ފަހުން ސީއެންއެން ފަދަ ތަންތަނުން އެ ސިޓީގެ ލިޔުންތައް ފެނިގެން ވަރަށް ގިނަ ދިވެހިން އެ ތަނުން ގެ ގަންނަން ޝައުގުވެރިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މުސްތަގުބަލުގައި ދިވެހިން އުޅެން ބޭނުންވާނީ މިކަހަލަ ގެތަކުގަ އެވެ. ދިވެހިންނަށް އެތަނުން ގެ ވިއްކަން ހުއްދައަކަށް އެދެނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒުގެ ސުވާލަކަށް ވަނީ އެހާ ގިނަ ފަޅުތައް ދީގެން ވެސް ޑަޗް ޑޮކްލޭންޑްސްއަށް އެކަން ނުކުރެވިދާ ސަބަބާ މެދު އެވެ. އަދި ޓޫރިޒަމް ޒޯނެއްގެ މެދުން ވަކި ހިސާބެއް ސޯޝަލް ހައުސިންއަށް ހާއްސަ ކުރުމަކީ ގާނޫނުތައް އޮތް ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅު ވަނީ ގާނޫނަށް ބަދަލު ނުގެނެސް ޑޮކްލޭންޑްސްއިން ބޭނުންވާ ގޮތަށް މަޝްރޫއަށް ހުއްދަ ދެވެން ނެތް ކަމަށެވެ.

އަނެއް މައްސަލައަކަށް ވަނީ އެކުއިޒިޝަން ކޮސްޓެއް ނެތި ސަރުކާރުން އެ ކުންފުންޏަށް ދިން ފަޅުތައް ވިއްކައިގެން ބޮޑެތި އަދަދުތަކުން ފައިސާ ނެގިޔަސް މަޝްރޫއު ކުރިއަށް ނުދިޔުމެވެ. އެ ސަބަބުތަކާ ހުރެ އިކޮނޮމިކް ކައުންސިލްގެ ތެރޭ މަޝްރޫއާ މެދު ޝައްކުތައް އުފެދުނީ އެވެ. 

ފްލޯޓިން ސިޓީގެ އެއްބަސްވުމަށް ބަދަލު ގެނެސް އާ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު -- (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ޕައުލް ޔަގީންކަން ދެއްވަނީ ކޮންމެ ގޮތަކަށް ވާހަކަތައް ދެކެވުނު ނަމަވެސް އެ މަޝްރޫއު ހަގީގަތަކަށް ހަދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހުރިހާ ހަކަތައެއް ހުރީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ ފްލޯޓިން ސިޓީ ނިންމާ މީހުންނަށް އުޅެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީކުރުމެވެ. އެ ސިޓީގެ ހަގީގީ މަންޒަރު އާންމުންގެ ލޮލަށް އަދި ނުފެންނަނީ ގެތައް އެހެން ތަނެއްގައި ހަދާތީ ކަމަށެވެ. 

"މި ސިޓީ ތަރައްގީ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން މިއަންނަނީ ކުރަމުން. އެކަމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހެން. ދޭ ޔަގީންކަމަކީ މިކަން ހަގީގަތަކަށް ހަދާނެކަން. މިއީ މިކަމުގެ ތަޖުރިބާ ހުރި ކުންފުންޏެއް،" ޕައުލް ވިދާޅުވި އެވެ.

"ދިވެހިން އެކަން ޔަގީންކުރޭ. މި ނޫން މަސައްކަތެއް އަޅުގަނޑުމެން ނުކުރަން."

އޭނާ ވިދާޅުވި ގޮތުގައި ނެދަލެންޑްސްގައި ވެސް އެންމެ ފުރަތަމަ ފެނުން މަތީގެ ގެތައް އެ ކުންފުނިން އެޅިއިރު އެކަމާ ސުވާލު އުފެއްދި އެވެ. ނަމަވެސް އޭނާ ވިދާޅުވީ މިއަދު ނެދަލެންޑްސްގައި އެންމެ ގިނަ މީހުން ދިރިއުޅެން އެންމެ ހިތް ފަސޭހަ ގޮތަކީ އެއީ އެވެ. އެކަމަށް އޮންނަ ޑިމާންޑް ވެސް ވަނީ ބޮޑުވެފަ އެވެ.

"ފުރަތަމަ ޝައްކުތައް ހުންނާނެ. އެކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ޕައުލް ވިދާޅުވި އެވެ.

ފްލޯޓިން ސިޓީގެ ގެތައް ހުންނާނެ ގޮތުގެ ނަމޫނާއެއް

ރޯދައިގެ ފަހުން ފެންނަން ބުނި ގެތައް ނުފެނުނު

ޕައުލް ކިތަންމެ ވަރަކަށް ޔަގީންކަން ދެއްވި ނަމަވެސް ފުރަތަމަ ޓެސްޓުން ވެސް އެ ކުންފުނި ވީ ފެއިލް އެވެ. މިދިޔަ ފެބުރުއަރީ މަހު އެ ކުންފުނިން އިއުލާންކުރީ ފްލޯޓިން ސިޓީގެ ގެތައް ހަދަން ބައިސަން ކިޔާ ދިވެހި ކުންފުންޏަކާ ހަވާލުކުރި ކަމަށެވެ. އަދި މިދިއަ ރޯދައިގެ ފަހުން ދިވެހިންނަށް އެ ސިޓީގެ ގެތަކަށް ގޮސް އެތަން ބަލައިލެވޭނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ. އެކަމަކު ބުނި ގޮތަކަށް އެކަމެއް ނުވި އެވެ.

ޕައުލް ވިދާޅުވީ އެ މަސައްކަތް ލަސްވީ ސީދާ ނެދަލެންޑްސްއިން ބައެއް ތަކެތި ގެންނަން ޖެހުމާއި އެގްރިމަންޓަށް ބަދަލު ގެނައުމުގެ ކަންކަން ކުރިއަށް ދިޔުމުން ކަމަށެވެ.

ނަމަވެސް އެ ސިޓީގައި ހަދާ ސާމްޕަލް ގެ މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގެ ފަޅު ތެރޭގައި ބެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމުގެ ޔަގީންކަން ޕައުލް ދެއްވި އެވެ. އަދި އޮގަސްޓް މެދު ތެރޭގައި އެތަނަށް ޒިޔާރަތްކޮށް ތަޖުރިިބާ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފްލޯޓިން ސިޓީ ނިމުމުން ހުންނާނެ ގޮތުގެ ހިޔާލީ މަންޒަރެއް
ފްލޯޓިން ސިޓީ: އަދި އޮތީ ކުރެހުމެއްގެ ގޮތުގައި

"ދިވެހިންނަށް އެ މަންޒަރު ފެންނާނެ،" ޕައުލް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިއީ ރާއްޖޭގެ ޓޫރިޒަމަށް އަނެއްކާވެސް އަންނާނެ އާ ކޮންސެޕްޓެއް ކަމަށެވެ. އެ ކުންފުނީގެ ތަސައްވަރު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. ކުރެހުންތަކާއި ހިސާބުތައް ވެސް ހުރީ ރަނގަޅަށް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު މިނިސްޓަރަށް ވެސް ޔަގީންކަން ނުދެއްވޭ ކަމަކީ މުޅިން އަލަށް ކުރަން މިއުޅޭ ކަންތައް ކާމިޔާބުވާނޭ ކަމާ މެދު އެވެ.

ފްލޯޓިން ސިޓީއަކީ މިހާތަނަށް ހިޔާލީ ކުރެހުންތަކެކެވެ. އެހެންވެ އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ގިނަ މީހުންނަށް އަދިވެސް އުނދަގުލެވެ.  އަދި މުޅި މަޝްރޫއަކީ ބޮޑު އޮޅުވާލުންގަނޑެއް ކަމަށް ކުރެވޭ ޝައްކު ފިލައިދާން ވެސް ކައިރިއެއް ނުވެ އެވެ.

ކޮމެންޓް (4)

އަލްއަމީރު

25 ޖޫން 2022
ތިމީހުނަށް ރައިސް ނަޝީދު ހިލޭ ދީފަ ހުރި ފަޅުތަކުން ބައެއް ވިއްކާލާފަ އޭގެ ފައިދާވެސް ނެގި ބަޔެއް ޑަޗް ޑޮކްލެންޑްސް އަކީ. ހޮޅީންނަށް ވެސް ހުރި ހުތުރެއް ތި ޑަޗް ޑޮކްލެނެޑްސް އަކީ
2 0

އިނާޔާ

25 ޖޫން 2022
އޭރުވެސް، މިހާރުވެސް ގަބޫލުކުރަނީ ސްކޭމްއެއް ކަމަށް. ފަޔާ މިވާހަކަތައް ކިޔައި ދިނީމާ އިތުރަށް ޔަގީންވެއްޖެ
2 0

ބަކުރުބެ

25 ޖޫން 2022
ފޮނި ވާހަކަ ނުދައްކާ ގާނޫނު ތަންނުދޭ ނުކިޔާ ކަންކުރެވޭނެ ގޮތަކަށް ތިޔަ އެއްޗެއް ބަދަލުކޮށްގެން ތިކަން ކޮށްބަލަ، ތީ މަތިން ބާއްވާލެއްވި ގާނޫނެއްތަ، އެކަން ނުވެގެން ތިއުޅެނީ.
0 0

ހިތަދޫ 2

25 ޖޫން 2022
13 އަހަރު ވީ އިރު ދުނިޔޭގެ އެހެން ދިމާލަކުވެސް މިމީހުންނަށް އަދި ނުވެ އޮތް ކަމެއް ނިކަން ބަޔަކު ސާފު ކޮއްބަލަ. މި ބޮދު ސްކޭމް އެއް މިހާރުވެސް 5 ފަޅު ދީފަ އެއޮތީ ބޮދު ޖަރީމާއެއް. މި އަނެއްކާ އެންވައިރަމެންޓަލީވެސް ވައިބަލް ކަމެއްނޫން!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް