ޕްރެމިއަ ލީގު

މެންޗެސްޓާ ޔުނައިޓެޑުން އެރިކްސެން އަށް ޝައުގުވެރިވޭ

އޭނާ އަށް ދިމާވި ސިއްހީ މައްސަލަ މިހާރު ވަނީ ހައްލުވެފައި

ބްރެންފޯޑުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން އަށް މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރުގެ ޔޫރޯގެ މެޗެއްގެ ތެރެއިން ހިތުގެ ހިނގުން ހުއްޓި، ފަރުވާ ހޯދަން ޖެހުމުން ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައިސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ހިތަށް ދިމާވި މައްސަލައާ ގުޅިގެން ޑިވައިސްއެއް ލައްވައިގެން ކުޅެން ޖެހޭތީ، އޭރު ކުޅެމުން ދިޔަ އިންޓަ މިލާނުން އޭނާ ދޫކޮށްލީ އެވެ. އެއީ އެ ހާލަތުގައި ކުޅެން އިޓަލީ އޮލިމްޕިކް ކޮމިޓީން ހުއްދަ ނުދޭތީވެ އެވެ.

އެއާ އެކު މި އަހަރުގެ ޖެނުއަރީ މަހު ކުރު މުއްދަތުގެ ކޮންޓްރެކްޓެއްގެ ދަށުން ބްރެންފޯޑާ ގުޅުނީ އެވެ.

ބްރެންފޯޑުން އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރަން ބޭނުންވެ އެވެ. އެ ޓީމުގެ ކޯޗު ވަނީ އެ ވާހަކަ މީޑިއާގައި ބުނެފަ އެވެ.

އަދި އެރިކްސެންގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އިން ވެސް އޭނާ ގެންނަން ބޭނުންވެ އެވެ. ޓޮޓެންހަމްގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ އިންޓައާ ގުޅުނުއިރު އެ ޓީމުގެ ކޯޗެވެ. ކޮންޓޭގެ ކޯޗުކަމުގައި އެރިކްސެން އިންޓައާ އެކު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ.

އެކަމަކު ބްރެންފޯޑާއި ޓޮޓެންހަމް އަށް ވެސް މިހާތަނަށް އެރިކްސެން ހިތްހަމަޖެހޭ ވަރުގެ އޮފާއެއް ނުދެވެ އެވެ.

އޭގެ ސަބަބުން އެރިކްސެން ގެންދިއުމުގެ ފުރުސަތު މެންޗެސްޓާ ޔުނައިޓެޑަށް ހުޅުވިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑުގެ އާ ކޯޗު އެރިކް ޓެން ހާގް އެ ޓީމު އަލުން ބިނާކުރަން ކުރާ މަސައްކަތުގައި އެރިކްސެން ފަދަ އުފެއްދުންތެރި މިޑްފީލްޑަރެއް ބޭނުންވެ އެވެ.

ޓެން ހާގް އަންނަނީ ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް ގެންނަން ވެސް މަސައްކަތްކުރަމުންނެވެ. ބާސެލޯނާގެ ދަރަނި ބޮޑުވެފައިވާތީ އެ ޓީމުން އޭނާ ވިއްކާލުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު އަދި ކްލަބާ އެކު ވެސް އަދި ކުޅުންތެރިއާއާ އެކު ވެސް މިހާތަނަށް ޔުނައިޓެޑަށް އެއްބަސްވުމަކަށް ނާދެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް