ސްޓެލްކޯ ކުރިމަތިން ބަޔަކު ހިނގާފައި ދަނީ: މި މަހު ހޫނު ގަދަވާނެތީ ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވާން އެ ކުންފުނިން ވަނީ އެދިފައި

ކަރަންޓު

މި މަހު ހޫނު ގަދަވާނެތީ ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވާން އެދިއްޖެ

އަހަރުގެ އެންމެ ހޫނު ގަދަ މަސް ކަމަށްވާ އޭޕްރީލް އާއި ރޯދަމަހާ ދިމާވާ މި ދުވަސްވަރު ކަރަންޓް ބޭނުންކުރުން އިތުރުވާނެތީ ސްޓެލްކޯ އިން އެދެނީ ކަރަންޓް އިގްތިސޯދުކުރުމަށް

މި ދުވަސްވަރު ރާއްޖެއަށް ހޫނު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީ، ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.

އެނގުން މުހިއްމު - މެޓުން ލަފާކޮށްފައިވާ ގޮތުގައި އަހަރު ތެރޭ އެންމެ ހޫނު ގަދަވާނީ މި މަހު އެވެ. މިއީ އާއްމު ގޮތެއްގައި ހުރިހާ އަހަރެއްގައި ވެސް އެންމެ ހޫނު ގަދަ މަހެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯއިން ބުނިގޮތުގައި އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރަށް ވުމުގެ އިތުރުން ރޯދަމަހާ ދިމާވާތީ، ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރު ވާނެ ކަމަށް ލަފާ ކުރެވެ އެވެ. އެހެންވެ، ކަރަންޓު އިގްތިސޯދު ކުރުމުގައި އިތުރު ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން އެދެ އެވެ.

"އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރަން،" ސޯޝަލް މީޑިއާގައި އާއްމު ކުރި މެސެޖެއްގައި ސްޓްލެކޯއިން ބުންޏެވެ.

ކަރަންޓުގެ ހަރަދު ކުޑަ ކުރާނީ ކިހިނެއް؟

ރާއްޖޭގައި އާއްމު ގޮތެއްގައި ގެއަކުން އެވްރެޖް ގޮތެއްގައި 2.5 ކިލޯވޮޓުގެ ކަރަންޓު ބޭނުން ކުރެ އެވެ. އެންމެ ބޮޑު ހަރަދެއް ގިނަ ފަހަރު ހޭދަ ވަނީ އޭސީ އަށެވެ. 

  • ކޮޓަރިން ނުކުންނަ ކޮންމެ ފަހަރަކު އޭސީ ނިއްވާލުން ރަނގަޅެއް ނޫން. އޭގެ ބަދަލުގައި އެންމެ ރަނގަޅު ފިނިހޫނުމިނުގައި ޖައްސާފައި ބަހައްޓާ.

  • އޭސީގެ އެންމެ ރަނގަޅު ފިނިހޫނުމިނަކީ 22-24 ޑިގްރީ ސެލްސިޔަސް

  • އޭސީ ޖައްސާފައި ހުންނަ ވަގުތުތަކުގައި ވައި ބޭރުވާނެ ގޮތްތައް ބަންދުކޮށްލާ

  • ބޭނުން ނުކުރާ ވަގުތުތަކުގައި ފަންކާ އާއި ބޮކި ފަދަ ތަކެތި ނިއްވާލާ

  • ދޮންނަ މެޝިނާއި އައިސް އަލަމާރި ފަދަ އެއްޗެހި ގަންނައިރު، 1000 ވޮޓު އިންވާޓާ އެއްޗެހި ބޭނުން ކުރޭ

އޭޕްރީލް މަހު ހޫނު ގަދަވަނީ ކީއްވެ؟

މެޓުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި ވެސް އެންމެ ހޫނު ގަދައީ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އާއްމު ގޮތެއްގައި މި މަހު 30-32 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މައްޗަށް ދެ އެވެ.

ފިނިހޫނުމިނަށް އެހާބޮޑު ބަދަލެއް އަންނަނީ، މެޓުން ބުނާގޮތުގައި، މިއީ ދެ މޫސުން ބެދޭ ދުވަސްވަރަށް ވާތީ އެވެ.

  • އިރުވައި މޫސުން: ޖެނުއަރީން މާޗު މަހުގެ ނިޔަލަށް

  • ހުޅަނގު މޫސުން: މެއި މަހުން ނޮވެމްބަރުގެ ނިޔަލަށް

  • އޭޕްރީލް މަހަކީ މޫސުން ބަދަލުވާ ދުވަސްވަރު ކަމުން ފިނިހޫނުމިނަށް ބަދަލު އާދޭ

ދެ މޫސުން ބެދޭ މި ދުވަސްވަރު ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވެ އެވެ.

މެޓުން ލަފާ ކުރާ ގޮތުގައި، އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް މި މަހު ވާރޭ ވެހޭނެ އެވެ. އެކަމަކު އެހެން ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު މަދުވާނެ އެވެ.

ވާރޭ ވެހުނު ނަމަވެސް، މި ދުވަސްވަރު ހުރިހާ ހިސާބެއްގެ ފިނިހޫނުމިން އާއްމު މިންގަނޑަށް ވުރެ މަތިވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް