Majlis 2024

މާލިއްޔަތު ކޮމިޓީން މި މަހުގެ ކުރީކޮޅު ބޭޭއްވި ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިގްތިސާދު

5 މަހުގެ އާސާސީ ބޭނުންތަކަށް ފުދޭ ވަރަށް ރިޒާވްގައި ފައިސާ އެބަހުރި: އަމީރު

އަމީރުގެ ޖަވާބު އަމީންއާއްމު މަޖިލީހަށް އިއްވެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އެ ޖަވާބާ މެދު ނުރުހުން ފާޅުކުރައްވާފައި

އަންނަ މަހުގެ ނިޔަލަށް، ދައުލަތުގެ ރިޒާވްގައި ފަސް މަސްދުވަހުގެ އާސާސީ ބޭނުންތަކަށް ފުދޭ ވަރަށް ފައިސާ ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަމީރު މިހެން ވިދާޅުވީ ދައުލަތުގެ ރިޒާވްގައި އަސާސީ ބޭނުންތަކަށް ފައިސާ ހުރި ވަރާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިނިސްޓަރާ ކުރެއްވި ސުވާލަށް މިއަދު ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ.

ތަފްސީލް - އީވާގެ ސުވާލުގައި ފާހަގަކުރެއްވި ކަންކަން:

  • މި މަސް ފެށުނުއިރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު

  • މި މަހާއި އަންނަ މަހު 130 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދަރަނި އަނބުރާ ދައްކަން ހޭދަކުރަން ޖެހޭ

  • އެ 130 މިލިއަން ޑޮލަރުގެ އިތުރުން، މި ދެ މަހުގެ ބަޖެޓުކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް

  • އަންނަ މަސް ނިމޭއިރު ބޭނުންކުރެވޭ ރިޒާވްގައި ކިތައް ދުވަހުގެ ކާޑާއި ތެލާ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ ސުވާލު ކުރެއްވި

ބުނީ ކީކޭ؟ - މި ސުވާލަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް މެނޭޖްކޮށް، ތަފާސްހިސާބުތައް ބަލަހައްޓައި އަންދާޒާތައް ތައްޔާރުކުރުން ގާނޫނީ ގޮތުން ހަވާލުކޮށްފައި ވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ކަމަށެވެ. ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ނުވަތަ ޔޫސަބަލް ރިޒާވް އަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ އޮތޯރިޓީން ހާމަކުރާ މިންވަރެއް ނޫނެވެ.

"ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަކަށް ފަސް މަސްދުވަހަށް ފުދޭ ވަރުގެ ޔޫސަބްލް ރިޒާވް ހުންނާނެ،" ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކާ ހަވާލާދެއްވައި އަމީރު ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ ރިޒާވްއާ ގުޅޭ އިތުރު މައުލޫމާތު އެމްއެމްއޭ އިން ސާފުކުރެއްވުމަށެވެ.

ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަކަށް ފަސް މަސްދުވަހަށް ފުދޭ ވަރުގެ ޔޫސަބްލް ރިޒާވް ހުންނާނެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

އެނގުން މުހިއްމު - އަސާސީ ބޭނުންތަކަށް ވާ ވަރަށް ދައުަލަތުގެ ރިޒާވްގައި ފައިސާ ހުރިތޯ ބެލުމަށް އީވާ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު  ދައުލަތުގެ ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާ ވާ ވަރަށް ދަށްވެދާނެ ކަމުގެ އިންޒާރު ދެއްވާފައިި ވަނިކޮށެވެ.

ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް މާލިއްޔަތު ކޮމިޓީން މި މަހުގެ 13ގައި ބޭއްވި ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 316 މިލިއަން ޑޮލަރު ކަމަށެވެ. އަދި މި އަހަރު ނިމޭއިރު 214 މިލިއަން ޑޮލަރަށް ނެޓް ރިޒާވް ވެއްޓޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިއްޒަތްތެރި ވަޒީރުގެ ޖަވާބުގައި އަޅުގަނޑު ދެކޭ ގޮތުގައި މީގައި އުނިކަމެއް އެބަވޭ. އިއްޒަތްތެރި ވަޒީރަކަށް ވިދާޅެއް ނުވެވޭނެ މާލީ ކަންކަން އެއީ އިއްޒަތްތެރި ވަޒީރަށް ހަވާލުވެފައި ނުވާ ކަންކަމެކޭ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެމްއެމްއޭ އިން ބުނީ މި އަހަރު ނިމޭއިރު ރިޒާވް ދަށްވާނެ ކަމަށް ބެލެވެނީ އިންފްލޭޝަނާ ހެދި ތަކެތި އިމްޕޯޓް ކުރުމަށް ހިނގާ ހަރަދު ބޮޑުވާތީ އެވެ.

އަމީރުގެ ޖަވާބު ނަޝީދަށް ކަމަކުނުދިޔަ؛ އިސްލާހުކުރަން އެދިވަޑައިގަތް

އަމީރުގެ ޖަވާބު އަމީންއާއްމު މަޖިލީހަށް އިއްވެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އެ ޖަވާބާ މެދު ނުރުހުން ފާޅުކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ދައުލަތުގެ މާލިއްޔަތާ ބެހޭ ހުރިހާ ކަމެއް ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.

"އިއްޒަތްތެރި ވަޒީރުގެ ޖަވާބުގައި އަޅުގަނޑު ދެކޭ ގޮތުގައި މީގައި އުނިކަމެއް އެބަވޭ. އިއްޒަތްތެރި ވަޒީރަކަށް ވިދާޅެއް ނުވެވޭނެ މާލީ ކަންކަން އެއީ އިއްޒަތްތެރި ވަޒީރަށް ހަވާލުވެފައި ނުވާ ކަންކަމެކޭ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވަނީ. (ފޮޓޯ/މަޖިލިސް)

ގާނޫނު އަސާސީގެ 134 ވަނަ މާއްދާގެ ދަށުން، މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމަށް މިނިސްޓަރަށް މަޖުބޫރު ވާނެކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އިއްޒަތްތެރި ވަޒީރުގެ އަރިހުން އެދެން އިއްޒަތްތެރި ވަޒީރުގެ ސިޓީ އަލުން އިސްލާހުކުރައްވައި މި މަޖިލީހަށް ފޮނުއްވައިދެއްވުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ކަމަށްވާ ޖޭޕީމޯގަން އިން ވަނީ ބުނެފަ އެވެ. އެކަމަކު ސަރުކާރުން ތަކުރާރުކޮށް ބުނަނީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް