ޕީޕީއެމްގެ 'އިންޑިއާ އައުޓް' ކެމްޕެއިންގެ ދަށުން 'ނޭވާހޮޅިއަށް' ނަމުގައި ބާއްވަން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސްއަޅަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ކުށަކަށް ހަދަން ގާނޫނަށް އިސްލާހު ގެންނަނީ

އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުމަކީ ވެސް ކުށަކަށް ހަދަން އެ ބިލުގައި ހިމަނާފައިވޭ

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހުން ބިލެއް އެކުލަވާލައިފި އެވެ.

ބުނީ ކީކޭ؟ - އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިހާރު ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއަމާންކަމާއި ރައްކާތެރިކަމާއި އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި، ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށް އެ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި ކުށަކަށް ހަދަން ހުށަހަޅާ މައިގަނޑު ކަންތަކަކީ:

  • އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން

  • އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން

  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން

  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން

މާލިއްޔަތު ކޮމިޓީގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތަފްސީލު - އޭޖީ އޮފީހުން މި ބިލު އެކުލަވާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގައި މީހުންނަށް ހަމަލާދީ މުދަލަށް ގެއްލުންދިން މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެ މައްސަލައިގައި މިހާތަނަށް ވަނީ 10 މީހުން ހައްޔަރުކޮށްފަ އެވެ.

އެ ހަރަކާތަކީ ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގުޅިގެން ބޭއްވި ހަރަކާތެކެވެ. އިންޑިއާގެ ހައި ކޮމިޝަނަރާއި ބޭރުގެ އެހެނިހެން އެމްބެސެޑަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ވަރަކަށް މިނެޓު ވަންދެން ހަމަނުޖެހުން ހިންގި އެވެ. އެ މީހުން އެ ތަނުން ބޭރުކުރެވުނީ ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެންނެވެ.

ހާދިސާ ކުރުކޮށް:

  • އެ މީހުން ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން

  • ފުލުހުން ވަނީ މަގުމަތިން ބެރިކޭޑު ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައި

  • ނަމަވެސް މުޒާހަރާގެ ބައިވެރިން ފެންސް ފޫ އަޅުވާލައި ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނަށް ދިމާލަށް ގޮސް އެ މީހުންނަށް އިންޒާރުދީ އެތަނުން ނުކުތުމަށް އަންގަމުން ދިޔަ

  • އެ ސަރަހައްދުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދާލައި، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި

  • އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ވަރަކަށް މިނެޓު ވަންދެން ހަމަނުޖެހުން ހިންގި ފަހުން، އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން

  • އެ ހަރަކާތުގައިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުން ވެސް ބައިވެރިވި

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން (ފޮޓޯ/އަލްހާރިޔަ)

ގުޅުންހުރި ކަމެއް - އޭގެ އިތުރުން، އިންޑިއާ އިން ރާއްޖޭގައި ސިފައިން ބައިތިއްބައި ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީން 'އިންޑިއާ އައުޓް'ގެ ނަމުގައި ހަރަކާތެއް ކުރިއަށްގެންދެ އެވެ. އެ ހަރަކާތުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް އަސަރު ކޮށްފާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެކަން ހުއްޓުވަން މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ރިޔާސީ ގަރާރެއް ވެސް ނެރުއްވި އެވެ.

އިދިކޮޅުން 'ނަބިއްޔާގެ ދިފާއުގައި' ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތަކީ ވެސް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ އިސް އޮފިޝަލަކު ކީރިތި ރަސޫލާއާ ބެހޭގޮތުން އިހުތިރާމުކުޑަކޮށް ވާހަކަ ދައްކި ދެއްކުން ކުށްވެރި ނުކުރާ ކަމަށް ބުނެ ހިންގާ ހަރަކާތެކެވެ. އެ ހަރަކާތުގެ ތެރެއިން ވެސް އިދިކޮޅުން ދަނީ އެ ގައުމުގެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް (1)

ގާރީ

23 ޖޫން 2022
އަވަސް ކުރޭ! މާ ލަސްވެސް ވެއްޖެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް