Majlis 2024

ރައީސް ސޯލިހު މިއަދު ގދ. ތިނަދޫ އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ މުހާތަބުކުރައްވަނީ. (ފޮޓޯ/ރައީސް ސޯލިިހުގެ ކެމްޕޭން އޮފީސް)

ތިނަދޫން ރައީސަށް މަލުގެ މަރުހަބާއެއް؛ ރައީސް ދެއްވީ ސިޓީއެއްގެ އުންމީދު

ރަށުގެ ފަޅު ތެރެއިން ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި
22 ޖެނުއަރީ 2023

ގދ. ތިނަދޫ - ގދ. ތިނަދޫ ތަރައްގީކުރަނީ ސިޓީއަކަށް ބަދަލުކުރުމުގެ ވިސްނުމުގައި ކަމަށާއި މުސްތަގުބަލުގައި މި ރަށް ބަދަލުވެގެން ދާނީ ސިޓީއަކަށް ކަމަށް ވިދާޅުވެ، ރައީސް މި ރަށުގެ ރައްޔިތުންނަށް މިއަދު ބޮޑު އުންމީދެއް ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ތިނަދުއަށް ވަޑައިގެން މި ރަށުގެ އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ތިނަދުއާ މެދު ސަރުކާރުގެ އޮތީ ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ.

ބުނީ ކީކޭ؟ - އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ތިނަދޫގެ ހުރިހާ މަޝްރޫއުތަކެއް އަމާޒުކޮށްފައި ވަނީ ސިޓީއެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ލިބޭނެ ގޮތަށް، ސިޓީއެއް ތަރައްގީކުރުމަށެވެ. އެގޮތުން ރައީސް ފާހަގަކުރެއްވި ކަންކަމަކީ:

  • ތިނަދޫ ކައިރީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރާނެ

  • ތިނަދޫގައި ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ތަރައްގީކުރާނެ؛ އެ މަޝްރޫއުގެ ފުރަތަމަ ފޭސް މިހާރު ފަށައިގެން ކުރިއަށް އެބަދޭ

  • ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާނެ 

  • ޓޫރިޒަމް ތަރައްގީކުރަން ރީތި ރަށްތައް އެބަހުރި؛ އެއާޕޯޓް ތަރައްގީކުރަނީ އެ ރަށްތަކަށް ޓޫރިޒަމް ގެންނަން

"މި ރަށުގައި ހިންގާ ހުރިހާ މަޝްރޫއެއް މި ކުރިއަށް ދަނީ މި ރަށް ސިޓީއަކަށް ބަދަލުކުރުމަށް. އެ މަޝްރޫއުތައް ނިމޭއިރު މިއީ ސިޓީއަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބެން ހުންނަ ސިޓީއަކަށް ވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ގދ. ތިނަދޫ އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވަނީ (ފޮޓޯ/ރައީސް ސޯލިިހުގެ ކެމްޕޭން އޮފީސް)

ރައީސް ވިދާޅުވި ގޮތުގައި، މި ރަށުގެ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އެދެމުން އަންނަ އެއް ކަމަކީ ރަށުގެ ތޮށިލުމުގެ މަޝްރޫއުގެ ތެރެއިން ފަޅުގެ ތެރެއިން ބައެއް ހިއްކުމަށެވެ. އެ މަނިކުފާނު ވަނީ އެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ރަށުގެ ފަޅު ތެރެއިން ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

"ތިބޭފުޅުން އަޅުގަނޑުމެންނާ އެކު ތިއްބަވާ. ތިޔަބޭފުޅުން އެދޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދެމުން ދާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ރައީސް މިއަދު މެންދުރު މި ރަށަށް ވަޑައިގަތުމުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ނިކުމެ، އެ މަނިކުފާނަށް މަރުހަބާ ކިޔާފަ އެވެ. އެގޮތުން، އެ މަނިކުފާނަށް މި ރަށުން މަރުހަބާ ކީ ކަރުދާހުގައި ތައްޔާރުކޮށްފައިވާ ސަންފްލާވާ އަކުންނެވެ.

ރައީސް ވަނީ މި ރަށުން ކީ ހޫނު މަރުހަބާއަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް