އެމެރިކާގައި މަންކީޕޮކްސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 6،600 އިން މައްޗަށް ގޮސްފައި (ފޮޓޯ/ އީޕީއޭ)

އެމެރިކާ

މަންކީޕޮކްސް އަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި

މި ބަލި ޖެހިދާނެ ކަމަށް ބެލެވޭ މީހުން ވީހާ ވެސް އަވަހަކަަށް ވެކްސިން ޖެހުމަށް ސިއްހީ އޮފިޝަލުން ދަނީ ބާރު އަޅަމުން

އެމެރިކާގައި ހަލުވިކަމާ އެކު މަންކީޕޮކްސް ބަލި ފެތުރެމުން ދިޔުމާ ގުޅިގެން އެ ބައްޔަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް އެމެރިކާގެ ސަރުކާރުން އިއުލާނުކޮށްފި އެވެ.

އެމެރިކާ ސަރުކާރު މި ގޮތަށް ނިންމުމާ އެކު، މިބަލި ފެތުރުން ހުއްޓުވުމަށް ގައުމީ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ހުޅުވި، ވެކްސިނާއި ފަރުވާތައް ފޯރުކޮށް ދިނުމުގެ މަސައްކަތްތައް އިތުރަށް ހަލުވި ވެގެންދާނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ މީގެ ދެ ހަފްތާ ކުރިން މަންކީޕޮކްސް އަކީ ދުނިޔޭގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅާފަ އެވެ.

އެމެރިކާގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި އެ ގައުމުގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 6،600 އިން މައްޗަށް ގޮސްފަ އެވެ. އަދި މީގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި ކޭސްތައް ފެނިފައި ވަނީ މިދިޔަ ހަފްތާގައި މަންކީޕޮކްސްގެ އިމަޖެންސީ އިއުލާނުކުރި ނިއު ޔޯކު ސްޓޭޓުންނެވެ.

ދެން އެންމެ ގިނައިން މި ބަލި ފެނިފައިވާ ކެލިފޯނިއާ އާއި އިލިނޯއީ އިން ވެސް ވަނީ މި ހަފްތާގެ ކުރީކޮޅު އިމަޖެންސީ އިއުލާނުކޮށްފަ އެވެ.

އެމެރިކާގެ ސެންޓާ ފޮ ޑިސީސް ކޮންޓްރޯން އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން މަންކީޕޮކްސް ބަލި ޖެހިފައިވާ މީހުންގެ އަދަދު މުޅި ދުނިޔޭގައި މިހާރު އުޅެނީ 26،000 އިން މަތީގަ އެވެ.

އެމެރިކާއިން މަންކީޕޮކްސް އަކީ ގައުމީ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައެޅުމާ ގުޅޭ (ވީޑިއޯ/ އޭބީސީ ނިއުސް)

މަންކީޕޮކްސް ފެތުރެނީ ބަލި ޖެހިފައިވާ މީހަކާ ގާތް ގުޅުމެއް ބޭއްވުމުންނެވެ. އަދި މިހާތަނަށް މި ބަލި އެންމެ ގިނައިން ފެންނަމުން ދަނީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގަ އެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ އެކި ތަންތަނުގައި، ވަރަށް ތަދުވާ އަދި ހިރުވާ ބިހިތަކެއް ވައްތަރުގެ ފިތްތަކެއް ނަގަ އެވެ. އަދި މިއާއެކު ބަލިމީހާގެ ހަށިގަނޑަށް އެހެނިހެން މައްސަލަތައް ވެސް ކުރިމަތި ކުރުވަ އެވެ. 

އާންމުކޮށް މަންކީޕޮކްސް ބަލި ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތައް މަދެވެ. އަދި ހޮސްޕިޓަލުން ފަރުވާ ހޯދަން ނުޖެހި ގިނަ ބަޔަކު ރަނގަޅު ވެސް ވެ އެވެ. ނަމަވެސް މި ބަލީގައި ކުޑަކުދިން މަރުވާ މިންވަރު އިތުރު ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ދީފަ އެވެ.

މަންކީޕޮކްސް ޖެހިދާނެ ކަމަށް ބެލެވޭ މީހުން ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށް އެމެރިކާ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި މަސައްކަތް ކުރައްވާ ސިއްހީ މާހިރުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް

Placeholder

އެމެރިކާ

އެމެރިކާ