އެސްޓީއޯ ހެޑް އޮފީސް އިމާރާތް. (ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް)

އެސްޓީއޯ

ތެޔޮ ވިއްކުން އިތުރުކޮށް، އެސްޓީއޯއަށް 11 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯ ގުރޫޕުން ކުރާ ވިޔަފާރީގެ ގިނަ ބައިތަކުން 2020 އާ އަޅާބަލާއިރު ވަނީ ކުރިއެރުން ހޯދާފައި

ތެލުގެ ވިޔަފާރިން ހޯދި ކުރިއެރުމާ އެކު މިދިޔަ އަހަރު އެސްޓީއޯ ގުރޫޕުގެ އާމްދަނީ %32 އިތުރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ 2021ގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 11.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާ އެކު ވެސް އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އިތުރުވުމުންނެވެ.

އެސްޓީއޯ ގުރޫޕުގެ 2021ގެ މާލީ އުސްއަލިތައް:

  • ޖުމުލަ އާމްދަނީ: 11.2 ބިލިއަން ރުފިޔާ

  • ޖުމުލަ ފައިދާ: 1.9 ބިލިއަން ރުފިޔާ

  • ހިންގުމުގެ ފައިދާ: 450.8 މިލިއަން ރުފިޔާ

  • ސާފު ފައިދާ: 185.6 މިލިއަން ރުފިޔާ

އެސްޓީއޯ ކުންފުނީގެ 2021ގެ މާލީ އުސްއަލިތައް:

  • ޖުމުލަ އާމްދަނީ: 10.1 ބިލިއަން ރުފިޔާ

  • ޖުމުލަ ފައިދާ: 1.5 ބިލިއަން ރުފިޔާ

  • ހިންގުމުގެ ފައިދާ: 642.9 މިލިއަން ރުފިޔާ

  • ސާފު ފައިދާ: 486.8 މިލިއަން ރުފިޔާ

ވިޔަފާރީގެ ގިނަ ސެގްމަންޓުތަކުން ކާމިޔާބު އަހަރެއް

އެސްޓީއޯ ގުރޫޕުން ކުރާ ވިޔަފާރީގެ އެކި ބައިތަކަށް ބަލާއިރު، ގިނަ ބައިތަކުގެ މާލީ ނަތީޖާ 2020 އާ އަޅާބަލާއިރު ވަނީ ރަނގަޅުކޮށްފަ އެވެ.

ޓްރޭޑިން ސެގްމަންޓް (ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މެޑިކަލް ސާވިސަސް، ޕީޕަލްސް ޗޮއިސް)

  • ޓްރޭޑިން ސެގްމަންޓުން ތިން ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދި (%1 ދަށް އަދަދެއް)

  • އާމްދަނީގެ %49 ހިއްސާކުރީ މެޑިކަލް ހިދުމަތްތަކުގެ ބައިން

  • އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ކޮންސްޓްރަކްޝަން ސޮލިއުޝަންސް

  • ޕެންޑެމިކްއަށް ފަހު ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއެރުމާ އެކު ޓްރޭޑިން ސެގްމަންޓަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވި

އެސްޓީއޯއިން ސުޕަމާކެޓް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ބޭރު (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ތެލުގެ ވިޔަފާރި

އެސްޓީީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ކުރާ ޑީސަލް އާއި ޕެޓްރޯލް ވިޔަފާރީގެ އިތުރުން އެސްޓީއޯއިން ޖެޓް ފިއުލްގެ ވިޔަފާރި ވެސް ކުރެ އެވެ.  އެގޮތުން:

  • މިއީ އެސްޓީއޯ ގުރޫޕަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ސެގްމަންޓު

  • ތެލުގެ ވިޔަފާރިން އާމްދަނީގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ (2020 އާ އަޅާބަލާއިރު %63 ގެ އިތުރުވުމެއް)

  • ތެޔޮ ވިއްކި މިންވަރު ވެސް މިދިޔަ އަހަރު %26 އިތުރު

ހުޅުމާލެގައި ހުންނަ އެފްއެސްއެމް ޝެޑުން މީހުން ތެޔޮ އަޅާތަން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ގޭސް (މޯލްޑިވް ގޭސް)

  • ގޭހުގެ ވިޔަފާރިން އާމްދަނީގެ ގޮތުގައި 205 މިލިއަން ރުފިޔާ ހޯދި (%4 ގެ ކުރިއެރުމެއް)

  • މުޅި ރާއްޖޭގެ މާކެޓު ހިއްސާ %58 އަށް ފުޅާކުރި (އިތުރު 21 ރިސޯޓު، 10 އެފްއެންބީ އައުޓްލެޓު، 55 އެޖެންޓުން)

ތިލަފުށީގައި ހުންނަ މޯލްޑިވް ގޭހުގެ ފިލިންގް ސްޓޭޝަން. (ފޮޓޯ/މޯލްޑިވް ގޭސް)

އިންޝުއަރެންސް (އެލައިޑް އިންޝުއަރެންސް)

  • އާމްދަނީގެ ގޮތުގައި 166 މިލިއަން ރުފިޔާ (%7 ގެ ހީނަރުކަމެއް)

  • އާމްދަނީ ދަށްވީ ޕެންޑެމިކްގެ ސަބަބުން ކަމަށް މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވޭ

އެލައިޑް ބިލްޑިން އިމާރާތް. (ފޮޓޯ/މޯލްޑިވްސް ފައިނޭންޝަލް ރިވިއު)

ފިޝަރީޒް (މިފްކޯ)

  • އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ (%17 ގެ އިތުރުވުމެއް)

  • ރިކޯޑު އަދަދަކަށް މަސް ކިރުވައި، އެކްސްޕޯޓު ކުރި

  • މަސް ކިރުވި އަދަދު: 58،250 މެޓްރިކް ޓަނު

  • މަސް އެކްސްޕޯޓު ކުރި އަދަދު: 415،821 މެޓްރިކް ޓަނު

މިފްކޯ އިން ޅ. ފެލިވަރުގައި ހިންގާ މަސް ފެކްޓްރީގައި މަސްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ޕީއެސްއެމް)

ޝިޕިން (މޯލްޑިވްސް ސްޓޭޓް ޝިޕިން)

  • އާމްދަނީގެ ގޮތުގައި 141 މިލިއަން ރުފިޔާ (%331 ގެ ކުރިއެރުމެއް)

  • ޝިޕިން ހިދުމަތް ފުޅާކުރަން 680 ކޮންޓެއިނަރު އުފުލޭ ބޯޓެއް (އެމްއެސްއެސް ގަލީނާ) ގެނައި

އެމްއެސްއެސް ގަލީނާ ކާގޯ ބޯޓް: މިއީ 680 ކޮންޓެއިނަރު އުފުލޭނެ ބޯޓެއް (ފޮޓޯ/އެމްއެސްއެސް)

އެސްޓީއޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ 30 މެއި ވާ ހޯމަ ދުވަހުގެ ރޭ 9 ޖަހާއިރު ކްރޮސްރޯޑްސްގެ އިވެންޓު ހޯލްގަ އެވެ. މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ހިއްސާދާރުންނަށް އޮންލައިންކޮށް ވެސް އެ ޖަލްސާގައި ބައިވެރިވެވޭނެ އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 65ރ. ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް