ނަރީމާ އަލީ: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެންމެ ފުރަތަމަ ހަތަރު މުވައްޒަފުންގެ ތެރޭގައި ހިމެނުނު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަރީމާ: އެމްއެމްއޭގެ ނަމޫނާ ހިދުމަތްތެރިޔާ

އެމްއެމްއޭގެ ފުރަތަމަ އަންހެން މުވައްޒަފު 41 އަހަރު ވަންދެން ވަނީ ހިދުމަތްކުރައްވާފައި

މުހިންމު ނުކުތާތައް

ދައުލަތުގެ ހަޒާނާ ބެލެހެއްޓުމުގައި 25 އަހަރު އުޅުނު

އޮފީހަށް ސަލާން ބުނި ދުވަހެއް ނެތް

'މުހައްމަދު ރަސޫލުﷲ' ޕްރޮގްރާމްގެ ނިބިހޫރަށް އަޑު އެޅީ ވެސް ނަރީމާ

ނަރީމާ އަލީ ސަރުކާރުގައި ހިދުމަތް ފެއްޓެވީ 1976 ވަނަ އަހަރެވެ. އޭރު އަދި މަރުކަޒީ ބޭންކް ވުޖޫދަށް ވެސް ނާދެ އެވެ. ނަރީމާ ސަރުކާރުގެ ބޮޑު އިސްޓޯރާ ގުޅުނުތާ މާ ގިނަ ދުވަހެއް ނުވެ އެ ތަން އެސްޓީއޯގެ އެކައުންޓްސް ޑިވިޝަނަށް ބަދަލުވި އެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) 1981ގައި އުފެއްދުމާ އެކު، އެސްޓީއޯ އެކައުންޓްސް ޑިވިޝަންގައި މަސައްކަތް ކުރަމުން އައި 32 މުވައްޒަފުންގެ ތެރެއިން، ހަތަރު މީހެއް ފިޔަވައި އެހެން ހުރިހާ މުވައްޒަފުން ސަރުކާރުގެ އެހެން އިދާރާތަކަށް ބަދަލުކުރި އެވެ.

ނަރީމާ ވީ، އަލަށް އުފެދުނު މަރުކަޒީ ބޭންކުގެ ފުރަތަމަ އަންހެން މުވައްޒަފަށެވެ.

"ސިންގަޕޫރު މަނިކުފާނު، ސިމްލާ އަހައްމައިދީ، އަބްދުﷲ ރަފީގު އަދި އަޅުގަނޑު ފިޔަވައި އެހެން އެންމެން އެކި އޮފީސްތަކަށް ބަދަލުކުރީ،" ނަރީމާ، 65، ކިޔައިދެއްވި އެވެ.

އަންހެނުން ވަޒީފާ އަދާކުރުން އާއްމު ނޫން އެ ޒަމާނުން ފެށިގެން ނަރީމާ ވަނީ 46 އަހަރު ވަންދެން ދައުލަތަށް ހިދުމަތްކުރައްވައިފަ އެވެ. އޭގެ ތެރެއިން އެމްއެމްއޭގައި ހޭދަކުރެއްވި 41 އަހަރުގެ ދިގު މުއްދަތުގައި 25 އަހަރު ވަންދެން ދައުލަތުގެ ހަޒާނާ ބެލެހެއްޓެވި އެވެ. މިދިޔަ މާޗު މަހު އެމްއެމްއޭގެ މެނޭޖަރެއްގެ މަގާމުން ރިޓަޔާކުރެއްވުމާ ހަމައަށެވެ.

ނަރީމާ ގޭގެ ޓެރަހުގައި އިންނަވައި 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ނަރީމާ އެންމެ ފުރަތަމަ ސަރުކާރާ ގުޅިވަޑައިގަތީ ކްލާކެއްގެ މަގާމަށެވެ. އެމްއެމްއޭގައި އެންމެ ފުރަތަމަ ކުރަން ފެއްޓެވީ ސިޓީ ބަހަން ހަވާލުކުރުމާއި ބެހުމުގެ މަސައްކަތެވެ. އެ ދުވަސްވަރު އެއް އޮފީހުން އަނެއް އޮފީހަށް ފޮނުވާ ސިޓީތައް ބެހުން އޮންނަނީ ޕިޔޯނުންނާއި ސަރުދާރުންގެ ވަޒީފާގެ ގޮތުގަ އެވެ. ނަމަވެސް އެ މީހުން ނާންނަ ދުވަސްތަކާއި އެކި ކަންކަން ދިމާވެގެން ނަރީމާ އަމިއްލައަށް ސިޓީ ހިފައިގެން އޮފީސްތަކަށް ވަޑައިގަނެ އެވެ.

"އެމްއެމްއޭ އިން ފެށިގެން ދިވެހިރާއްޖޭގެ އަޑަށް، [އޭރު ހެންވޭރުކޮޅުގައި ހުންނަ] އެބަ ދަން ހިނގާފައި ސިޓީ ހިފައިގެން،" ސަރުކާރާ އަލަށް ގުޅުނު ދުވަސްވަރު ހަނދާނަށް ގެންނަވަމުން ނަރީމާ ވިދާޅުވި އެވެ.

އެ ޒަމާނުގެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ވާރޭ ވެހޭ ދުވަސްވަރު މަގުމަތީ ހެދިފައި އޮންނަ ފެންގަނޑުތައް ހުރަސްކޮށް ބައިސްކަލުގައި އޮފީހަށް ދާ ދިއުމެވެ. ހިނގާ މީހުން ފެނުގައި ނުޖެހި ގިރާކުރަން ފެންގަނޑު ތެރޭގައި ހުންނަ ގާތަކުގައި އަޅައިގަނެ ފެންގަނޑަށް ވެއްޓުމާއި އަތުގައި އޮންނަ ކޮތަޅަކުން ގަންބޫޓު ނަގައިގެން ފެންގަނޑު ހުރަސް ކުރަން އެއަށް އަރައިގެން އޮފީހަށް ދާ ގޮތުގެ ހަނދާން ނަރީމާ އާކުރެއްވި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސިޓީ ބެހުމުގެ މަސައްކަތުގައި އުޅުއްވި ނަރީމާއަށް ވަޒީފާގައި ކުރިއެރުންތައް ލިބެމުން އަ އެވެ. އޮފީސްތަކުގައި ކޮމްޕިއުޓަރު ހުންނަ ޒަމާނެއް ނޫން ކަމުން، ނަރީމާގެ ރީތި އަތުލިޔުމަށްޓަކައި މުހިއްމު މަސައްކަތެއް ވެސް ހަވާލުކުރި އެވެ.

ދައުލަތުގެ ހަޒާނާ ބެލެހެއްޓުމުގައި މުހިއްމު ދައުރެއް

އެމްއެމްއޭގެ މިހާރުގެ އިމާރާތް ހެދުމުގެ ކުރިން ދައުލަތުގެ ހަޒާނާ ރައްކާކޮށްފައި ހުންނަނީ ސިފައިންގެ މައި މަރުކަޒު ބަނޑޭރިކޮށީގަ އެވެ. ހަޒާނާ ހުޅުވަން ކަނޑައެޅިފައިވާ ވަކި ޕްރޮޓޮކޯލެއް އޮވެ އެވެ. ރައީސް އޮފީހުގެ ހުއްދައަށް އެދުމާއި ހަޒާނާ ހުޅުވުމުގައި ހަރަކާތްތެރިވާ ބައެއް އިދާރާތަކުގެ މީހުންނަށް ބަނޑޭރިގެއަށް ދާން އަންގާ ފޮތްތައް ބެލެންސްކުރުމުގެ މަސައްކަތް ނަރީމާ ކުރެއްވި އެވެ.

"ސެކްޝަންގެ މެނޭޖަރު ވެސް ހިތްހަމަޖެހެނީ އަޅުގަނޑު އެ މަސައްކަތް ކުރީމަ. ރަނގަޅަށް ކުރާތީ. ކުށެއް ނުޖަހާ ހިސާބު ބަލަހައްޓާތީ. ފައިސާ ނެރެ ނިމުނީމަ ލިޔެކިޔުން ހަމަޖައްސައި އެ ތަނުގައި ސައި ވެސް އޮންނާނެ. އަޅުގަނޑު އެ ސައި ތައްޔާރުކުރަނީ ވެސް، މަސައްކަތު މީހުނެއް ނުތިބޭ،" ނަރީމާ ވިދާޅުވި އެވެ.

އޭނާ އެމްއެމްއޭގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރެއިން އެންމެ ހަނދާނުން ނުފިލާ އެއް ތަޖުރިބާއަކީ ނޮވެމްބަރު 3ގެ ހަމަލާގެ ފަހުން މާލެއަށް ވެރިވެފައި އޮތް ނުތަނަވަސްކަމުގެ ތެރޭގައި ދައުލަތުގެ ހަޒާނާ ހުޅުވަން ޖެހިގެން އެ މަސައްކަތް ކުރައްވަން އޮފީހަށް ނުކުންނެވި ދުވަހެވެ.

"އެ ކަންތައް ހިނގިތާ ދެ ދުވަސް، ތިން ދުވަސް ފަހުން ހަަޒާނާ ހުޅުވަން ޖެހިގެން އެ މަސައްކަތުގައި އުޅުނިން. މާލެ އޮތީ ބިރުވެރިކޮށް،" ނަރީމާ ކިޔައިދެއްވި އެވެ.

ސަރުކާރާ 1976 ވަނަ އަހަރު ގުޅިވަޑައިގަތުމަށް ފަހު މި އަހަރު ރިޓަޔާކުރެއްވި ނަރީމާ ހަނދާނީ ފިލާތަކެއް ކައިރީ ހުއްޓިލައިގެން (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ހަޒާނާ ހުޅުވާ ދުވަހެއް ވެއްޖެއްޔާ ޗުއްޓީގައި ހުންނަވާފައި ވެސް ނަރީމާ އޮފީހަށް ނުކުންނަވަ އެވެ. އެކަން ހުއްޓުމަކަށް އައީ ގަވަރުނަރަކަށް ޑރ. އަޒީމާ އާދަމް ހުންނެވި އިރު، ޗުއްޓީގައި އޮފީހަށް ނުކުމެ ހަޒާނާ ހުޅުުވުމުގެ މަސައްކަތުގައި ނަރީމާ އުޅުއްވާކަން އެނގިވަޑައިގަންނަވައި އެކަން މަނާކުރެއްވި ހިސާބުންނެވެ.

"އަޒީމާ ވިދާޅުވީ މިއަދުން ފެށިގެން ހަޒާނާ މަސައްކަތް ކުރާނީ ނަރީމާއެއް ނޫނޭ، ކޭޝް ޑިޕާޓްމަންޓުންނޭ. ނަރީމާ ވަރަށް ގިނަ ދުވަހު ތި މަސައްކަތް ކޮށްފީމެއް ނޫންހޭ،" ނަރީމާ ވިދާޅުވި އެވެ.

ދައުލަތުގެ ހަޒާނާ ބެލެހެއްޓުމުގައި 25 އަހަރު ހޭދަކުރެއްވުމަށް ފަހު އެ މަސައްކަތާ ދުރުވާން ޖެހިވަޑައިގަތުމުން އޭނާއަށް ފުން އިހްސާސްތަކެއް ކުރެއްވުނެވެ.

"ވަރަށް ދެރަވި އިތުރަށް ހަޒާނާގެ މަސައްކަތް ކުރަން ނުލިބުނީމަ. އެ މަސައްކަތުގައި ދެން އުޅުއްވި ބޭފުޅެއް ހެވިފައި ބުނާނެ ދެރަވެފައި ދޯއޭ ތި އިންނަނީ. އެމީހުން އެ މަސައްކަތް ކުރާ އިރު އިންނަން ބަލަހައްޓައިގެން،" ނަރީމާ ވިދާޅުވި އެވެ.

1 ޖުަލައި ގައި 20 ރުފިޔާގެ އައު ނޫޓު ނެރެދެއްވީ ނަރީމާ

އެމްއެމްއޭގައި ނަރީމާއަށް ވަރަށް ގިނަ ވެރިންނާއި ގަވަރުނަރުންނާއި ގަވަރުނަރުންގެ ނާއިބުންނާ ބައްދަލުވި އެވެ. އެ އެންމެންގެ ލިޑަޝިޕް ތަޖުރިބާކުރެއްވި އެވެ. އެފަދަ މުހިއްމު މުއައްސަސާއެއްގެ ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނުނުކަމީ އޭނާއަށް ފަހުރެކެވެ.

އެމްްއެމްއޭގެ ވެރިން ވެސް އޭނާގެ ހިދުމަތުގެ އަގުވަޒަންކުރެ އެވެ. އެގޮތުން މި ފަހުން ވަނީ 20 ރުުފިޔާގެ އާ ނޫޓު ނެރުމުގެ ޝަރަފު ނަރީމާއަށް ދީފަ އެވެ.

ހިދުމަތުގައި އިހުލާސްތެރިކަން

ނަރީމާ ސަރުކާރުގައި ހޭދަކުރެއްވި 41 އަހަރު ތެރޭ ދުވަހަކު ވެސް ސަލާމް ބުނެ، ގަޑިޖެހިފައެއް ނުވެ އެވެ. ނާންނަ ދުވަހެއް ނެތެވެ. އެމްއެމްއޭގެ މިހާރުގެ އިމާރާތް ހަދަން ކުރީގެ އުމަރު ޝޮޕިން އާކޭޑް (މިހާރުގެ އެލައިޑް ބިލްޑިން) އަށް އޮފީސް ބަދަލުކުރި އިރު ނަރީމާއާ އޮފީސް ހުޅުވުމުގެ ޒިންމާ ހަވާލުކޮށްފައި އޮތް އެއް ސަަބަބަކީ ވެސް އޭނާއަކީ ގަޑިއަށް ފަރުވާތެރި މުވައްޒަފަކަށް ވުމެވެ.

"ބައެއް ދުވަސް ދުވަހު ވާރެއާ ތެމިފޯވެގެން ބަނޑޭރިގެއިން ތަޅުދަނޑި ނަގައިގެން  އޮފީސް ހުޅުވާފައި މީހުން ވައްދަނީ،" އެ ދުވަސްތައް ހަނދާނަށް ގެންނަމުން ނަރީމާ ވިދާޅުވި އެވެ.

ވަޒީފާއަށް އިހްލާސްތެރިވުމުގައި ނަރީމާއަށް ނަމޫނާއަކަށް ފެނިވަޑައިގަތީ އޭނާގެ ބައްޕަ އެވެ.

"ބައްޕަ އިސްލާމީ މަރުކަޒުގެ ވޮޗަރަކަށް އުޅުއްވާނީ. ކިތަންމެ ވިއްސާރަ ވިޔަސް، ގަންބޫޓަށް އަރައިގެން ދާނީ. ބައްޕަ ދަންޏާ އަހަންނަށް ވެސް ދެވޭނޭ ވަޒީފާއަށް، އެހެން ހިތަށްއަރަނީ،" ނަރީމާ ވިދާޅުވި އެވެ.

ނަރީމާގެ ހިދުމަތަށް އެމްއެމްއޭ އިން ދިން ހަނދާނީ ފިލާ އަދި އެކުގައި މަސައްކަތް ކުރި މުވައްޒަފުން ލިޔެފައިވާ ޅެމެއް ފްރޭމްކޮށްފައި

އެއް ވަޒީފާއެއްގައި އެހާ ދިގު މުއްދަތަކަށް ދެމިހުންނެވުނީ އާއިލާގެ އެހީތެރިކަން ލިބިގެންނެވެ. އެއީ ވިހެއުމުން މިހާރު މި އޮންނަ ގޮތަށް ހަ މަސް ދުވަހުގެ ދިގު ޗުއްޓީއެއް ލިބޭ ޒަމާނެއް ނޫނެވެ. ދަރިން ލިބޭ ފަހުން އަންހެނުން ވަޒީފާއަށް ނުކުތުމަށް އޮންނަ ހުރަހަކަށް ވެސް ވަނީ ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތެވެ. ނަމަވެސް ނަރީމާއަށް އާއިލާގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލުމުގެ ސަބަބުން، ވަޒީފާގެ މެދުކެނޑުމެއް ނާދެ އެވެ.

"މަންމަ، އަނެއް މަންމަ (މައިދައިތަ)ގެ އެހީތެރިކަން ލިބުނު. އަޅުގަނޑުގެ ހުރީ އެންމެ އަންހެން ދަރިފުޅެއް. ދަރިފުޅު ގްރޭޑް 6 ގައި އުޅެނިކޮށް މަންމަ ނިޔާވީ. އެ ފަހުން އެއްބަނޑު އެއްބަފާ މީހުން އެހީތެރިވޭ. ދަރިފުޅު ވެސް ދުވަހަކު ވެސް މައްސަލައެއް ނުޖައްސާ އޮފީހަށް ނުކުންނާތީއެއް،" ނަރީމާ ވިދާޅުވި އެވެ.

އޮފީހުގައި ނަރީމާ އެންމެ ފަހުން ކުރެއްވި މަސައްކަތަކީ ޕޭމަންޓް ސެޓްލިން ސެކްޝަންގައި ޓްރާންސެކްޝަންތައް އެޕްރޫވް ކުރުމެވެ. ފަހަކަށް އައިސް މަސައްކަތް ލުއިވި ނަމަވެސް އަބަދުވެސް މަސައްކަތުގައި އުޅުމުގެ ޖޯރު އޭނާގެ ކިބައިގައި ހުއްޓެވެ.

"ފަހުން އައިސް ނޯވޭ މާ ބޮޑު މަސައްކަތެއް. މަސައްކަތް ހަވާލުކުރަން ނުކެރެނީ ހެން ހީވަނީ،" ހަވާލުކުރި ކޮންމެ މަސައްކަތެއް ކުރުމުގެ ޖޯޝާ އެކު ވަޒީފާ އަދާކުރެއްވި ނަރީމާ ވިދާޅުވި އެވެ.

އަދާކުރާ ވަޒީފާއަކީ މީހެއްގެ ހަޔާތުގައި ވަރަށް ބޮޑު ބައެކެވެ. އޮފީހުން ގާތް ރަހުމަތްތެރިން ލިބިވަޑައިގެންނެވިކަން ނަރީމާ ފާހަގަކުރެއްވި އެވެ. 

ނަރީމާ (މ) އެއްއެމްއޭގައި އެކުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންނާ އެކު 

"އޮފީހުގައި ގިނައީ ޒުވާނުން. އެމީހުންނާ ގާތް ގުޅުމެއް އޮވޭ. ދޭ ނަސޭހަތްތައް އަޑުއަހާ. އެމީހުންނާ އެކު އުޅޭ އިރު އިހްސާސެއް ނުކުރެވޭ އަޅުގަނޑަކީ މާ އުމުރުން ދުވަސްވީ މީހެއް ކަމެއް،" ނަރީމާ ވިދާޅުވި އެވެ.

 މެއި 7 އެއީ ނަރީމާގެ ހިދުމަތުގެ އެންމެ ފަހު ދުވަހެވެ. އޭނާ ވިދާޅުވި ގޮތުގައި "ހުތުރު އަޑެއް ނީވި" އުމުރުން 65 އަހަރު ވެގެން އަމިއްލައަށް ރިޓަޔާކުރެއްވުމަކީ ޝަރަފެކެވެ. އެކަން ފާހަގަކުރުމަށް، ސެކްޝަންގެ މުވައްޒަފުން ދިން ޅެން ބައިތުތައް ހިމެނޭ ލޯގަނޑު އޭނާއަށް ހާއްސަ އެވެ. އެ ސްޓާފް މީޓިންގައި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.

"ދުވަހަކު ވެސް ނުދެކެން އެއްފަހަރާ އެހާ ގިނަ މުވައްޒަފުން ސްޓާފް މީޓިންއަކުން. ވަރަށް އުފާވި އެ ދުވަހު،" ނަރީމާ ވިދާޅުވި އެވެ.

ނިބިހޫރުގެ އަޑު

'މުހައްމަދުއްރަސޫލުﷲ' ޓީވީ ޝޯގެ ނިބިހޫރުގެ އަޑު އެޅީ ނަރީމާ

ރޯދަ މަހު ޓީވީއެމުން ދައްކާ މުހައްމަދު ރަސޫލުﷲ ޝޯގައި ހިމެނޭ މޫސާގެފާނުގެ ބައިގައި އުޅޭ ނަރީމާގެ އަަޑު މުހިއްމު ދައުރެއް އަދާކުރެ އެވެ. ރާނީގެ އެންމެ އިސް ބާނދީ އަދި ހާމާނަށް ޖާސޫސްކޮށްދޭ ނިބިހޫރުގެ ކެރެކްޓާއަށް އަޑުއަޅާފައިވަނީ ނަރީމާ އެވެ.

އަޑަށް އެއްވެސް ބަދަލެއް ނުގެނެސް ނަރީމާގެ އަސްލު އަޑުން ކުރައްވާފައިވާ މަސައްކަތެކެވެ. ދިވެހިންގެ ކަންފަތަށް އެ އަޑު ފަރިތަ އެވެ. ނަރީމާ ވިދާޅުވި ގޮތުގައި ފިހާރައަކަށް ވެންނެވިޔަސް އޭނާގެ އަޑު ޖެހިއްޖެ ނަމަ ބައެއް މީހުން "ތިއީ ވަރަށް ދަންނަ އަޑެއް" ކަމަށް ބުނެ އެވެ. އެމްއެމްއޭއާ އަލަށް ގުޅޭ މުވައްޒަފުންނަށް ވެސް ކެންޓީން ތެރެއިން އޭނާގެ އަޑު އިވުނަސް އެކަން ފާހަގަކުރެ އެވެ.

ނިބިހޫރުގެ ކެރެކްޓާއަށް އަޑު އަޅާފައިވާތީ، ނުދަންނަ މީހުންނަށް ވެސް އޭނާގެ އަޑު ފާހަގަކުރެވޭ (ދަައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނިބިހޫރުގެ އަޑު އަޅަން ކަށިމާ އަހުމަދު ޝާކިރު ފުރުސަތު ދެއްވި އިރު ނަރީމާގެ ފިރިކަލުން އަދި އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ މެންބަރު މުހައްމަދު އާސިފް މަސައްކަތްކުރެއްވީ ޓީވީއެމްގަ އެވެ. އަޑު ރެކޯޑް ކުރަން ހެޑްސެޓެއް އަޅައިގެން އަރަބި ޑައެލޮގް އަޑު އައްސަވާ އިރު ސްކްރީނުން އެކްޓް ކުރާ ތަން ފެނެ އެވެ. ދެން އަޑަށް އެ ޖަޒުބާތުތައް ގެންނަވައި، ޑައެލޮގްގެ ދިވެހި ތަރުޖަމާ ކިއުއްވަނީ އެވެ.

"ކޮންޓްރޯލް ރޫމްގައި އެންމެ މީހެއް ހުންނަނީ. ލަދެއް ވެސް ނުގަންނާނެއެއްނުން ދެން؟ ޑައެލޮގް ލިބެނީ އެ ރެއިން އެ ރެއަށް. ދުރާލާ ތައްޔާރުވާކަށް ފުރުސަތެއް ނުލިބޭ،" ނަރީމާ އެ ތަޖުރިބާ ކިޔައިދެއްވި އެވެ.

ރިޓަޔާމަންޓަށް ފަހު އޮތީ ހަމަޖެހިލުން

ވަޒީފާގައި އުޅުއްވި އިރު ނަރީމާއަށް އާދަވެފައި ހުރީ ފަތިސް ނަމާދަށް ހޭލައްވައިގެން ހެނދުނު ހިންގަވާފައި އޮފީހަށް ވަޑައިގަތުމެވެ. މިހާރު އޭގެ ބަދަލުގައި ބައެއް ދުވަސް ދުވަހު ރަސްފަންނަށް ވަޑައިގެން ކަސްރަތުކުރައްވަނީ އެވެ. ޓީވީ އިން ބައެއް ޕްރޮގްރާމްތައް ބައްލަވަ އެވެ.

ނަރީމާ (މ) ފިރިކަލުން އާސިފް އާއި ދަރިފުޅާއި މާމަ/ކާފަ ދަރިންނާ އެކު

ދަރިފުޅަށް ދެ ދަރިން ލިބި، 16 އަހަރާއި 10 އަހަރުގެ މާމަ ދަރިން ނަރީމާގެ އެބަ ތިއްބެވެ. އެ ކުދިންނާ އެކު އުޅެ، އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރެއްވުމަކީ އޭނާގެ އުފަލެވެ. ނަރީމާ ވިދާޅުވި ގޮތުގައި ރިޓަޔާމަންޓްގައި މާ ބޮޑު ޕްލޭނެއް ނެތެވެ. ކަސްރަތުކޮށްލުމާއި ގޭގެ ކޮންމެވެސް ތަނެއް ތަރުތީބުކޮށްލައި ކޮންމެވެސް މަސައްކަތެއްގައި އުޅުއްވަނީ އެވެ.

ނަރީމާ އަލީ: ސަރުކާރުގައި ހިދުމަތްކުރެއްވި 41 އަހަރު އޮފީހަށް ނުދާ އެންމެ ދުވަހެއް ވެސް ނެތް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދައުލަތަށް 41 ހިދުމަތް ކުރެއްވި ނަމަވެސް އެއީ އެހާ ދިގު މުއްދަތެއް ކަމެއް ނަރީމާއަކަށް އިހުސާސެއް ނުކުރެއްވެ އެވެ. އެމްއެމްއޭއާ މެދު އޭނާގެ ހިތުގައި އޮތީ އަމިއްލަ ގެއާ މެދު އޮންނަ ފަދަ ގާތްކަމެކެވެ. ނަރީމާ ވިދާޅުވި ގޮތުގައި ރިޓާޔާކުރެއްވުމުން އޭނާއަށް އިހްސާސްކުރެއްވުނީ "ގެ އާއި ދަރިން ދޫކޮށްލާފައި އަމިއްލަ ގެއަށް އާދެވުނު ކަމުގެ އިހްސާސް" އެވެ.

ނަރީމާ ފަދަ ހިދުމަތްތެރިންގެ އަގު އެންމެ ފުރިހަމައަށް ވަޒަންކުރަން ޖެހެ އެވެ. އެމީހުންގެ ދިރިއުޅުމުން އެތައް ބަޔަކަށް މިސާލު ނެގޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް