Majlis 2024

ލަންކާގައި މުޒާހަރާ ކުރާ މީހުން އިއްޔެ ރައީސް އޮފީސް ގޯތިތެރޭގައި. (ފޮޓޯ/އޭޕީ)

ސްރީ ލަންކާ

ބަތަލުންގެ ނިމުމާއި ލަންކާގެ ދަތި އުނދަގޫ ކުރިމަގު

ދާހިލީ ހަނގުރާމަ ކާމިޔާބު ކުރެއްވި ބަތަލުންގެ ގޮތުގައި ގިނަ ބަޔަކު، ހާއްސަކޮށް ބައި ގިނަ ސިންހަޅަ ނަސްލުގެ މީހުން ތައުރީފުކުރަމުން އައި ރާޖަޕަކްސަ އާއިލާއަށް މިހާރު ވަނީ މުޅި ގައުމުގެ ރުޅިވެރިކަން އަމާޒުވެފައި
10 ޖުލައި 2022

މުހިންމު ނުކުތާތައް

ސިންހަޅައިންނަށް ވެސް އެންމެ ފަހުން ވަނީ ހޭވެރިކަން ވެރިވެފައި

ރައީސް ގޯތާބާޔަ އާއި ބޮޑުވަޒީރު ރަނިލް ވަނީ އިސްތިއުފާ ދެއްވަން އެއްބަސްވެވަަޑައިގެންފައި

އިގްތިސާދު ހަމައަކަށް އެޅެން އަދި އެތައް އަހަރެއް ނަގާނެ

"ރާޖަޕަކްސަ ލަންކާ ސަލާމަތް ކޮށްދީފި،" ސްރީ ލަންކާގެ މައި އެއާޕޯޓް، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އާއި ކޮލަމްބޯއާ ދެމެދު އަލަށް އަޅާފައިވާ ހައިވޭން ކާރުގައި ދުއްވާފައި ދަމުން، އެކުގައި ކިޔަވަން އުޅުނު ހަންސަނީ ވީރަތުންގާ ބުންޏެވެ.

އެއީ މީގެ 11 އަހަރު ކުރި އެވެ. ގާތްގަނޑަކަށް 30 އަހަރު ވަންދެން ކުރި ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަހު ލަންކާ އޭރު އެނބުރިގެންފައި ވަނީ އިގްތިސާދީ ގޮތުން ދެކުނު އޭޝިއާގެ މައި ތަނބަށް ވުމަށެވެ. ޗައިނާ އިން އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ނަގައިގެން ލަންކާގެ އެކި ހިސާބުތަކުގައި، ހާއްސަކޮށް ބައި ގިނަ ސިންހަޅައިން ދިރިއުޅޭ ދެކުނު ސަރަހައްދުތަކުގައި ބޮޑެތި މަޝްރޫއުތައް ހިންގަމުން ދިޔަ އެވެ. ހައިވޭތަކާއި ސްޓޭޑިއަމްތަކާއި ބަނދަރުތައް ބާރު ސްޕީޑުގައި އަޅަމުން ދިޔަ އެވެ.

އެކަމަކު، އިގުތިސޯދީ ކާރިސާއެއްގެ ސަބަބުން ލަންކާގެ 22 މިލިއަން މީހުންގެ ދިރިއުޅުން މިހާރު އެ ފުށް މި ފުށަށް ޖެހިފައި ވާއިރު، އެ ގައުމުގެ ކުރިމަގު އޮތީ ހަތަރު އަނގޮޅި ކަންމަތީގަ އެވެ. ދާހިލީ ހަނގުރާމަ ކާމިޔާބު ކުރެއްވި ބަތަލުންގެ ގޮތުގައި ގިނަ ބަޔަކު، ހާއްސަކޮށް ބައި ގިނަ ސިންހަޅަ ނަސްލުގެ މީހުން ތައުރީފުކުރަމުން އައި ރާޖަޕަކްސަ އާއިލާއަށް މިހާރު ވަނީ މުޅި ގައުމުގެ ރުޅިވެރިކަން އަމާޒުވެފަ އެވެ.

"ރާޖަޕަކްސާ އާއިލާ އިން މި ހާލު އަހަރެމެންނަށް ޖައްސާނެ ކަމަކަށް ދުވަހަކު ވެސް ހިއެއް ނުކުރަން،" ރިސާޗު އިންސްޓިޓިއުޓެއްގައި މިހާރު މަސައްކަތް ކުރާ، ދެ ކުދިންގެ މަންމަ ހަންސަނީގެ ހާލު ބަލައިލުމަށް މެސެޖުކޮށްލުމުން އިއްޔެ ބުންޏެވެ.

ރާޖަޕަކްސަ އާއިލާއަށް މިކަން ދިމާވީ ކިހިނެއް؟ ދެން ވާނީ ކިހިނެއް؟

މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން މުޒާހަރާގެ ބައިވެރިން ދިޔައީ ރައީސް ގޯތާބާޔަ ރާޖަޕަކްސަ އާއި އޭނާގެ ބޭބެ، ބޮޑުވަޒީރު މަހިންދަ ރާޖަޕްކަސްގެ އިސްތިއުފާއަށް ގޮވަމުންނެވެ. ގައުމު އިގުތިސޯދީ އަނދަވަޅަކަށް ވައްޓާލައި ގައުމު ބަނގުރޫޓުކޮށްލިކަމުގެ ތުހުމަތު އަޅުވަމުންނެވެ.

މަހިންދަ މިދިޔަ މޭ މަހު އިސްތިއުފާ ދެއްވީ، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދިޔަ މީހުންގެ ގަޔަށް އޭނާގެ ސަޕޯޓަރުން ހަމަލާ ދީ، މުޅި ގައުމުގައި ނުރައްކާތެރި ކުރިމަތިލުންތަކެއް ހިންގާފައި ވަނިކޮށެވެ. އެއާ އެކު، ސިޔާސީ އެތައް ބައެއްގެ ގޭގޭގައި ހުޅުޖަހައި އަންދާލާފައި ވާއިރު، އޭގެ ތެރޭގައި ރާޖަޕަކްސަގެ މިލްކިއްޔާތުގައި ހުރި ބައެއް ގެތައް ވެސް ހިމެނެ އެވެ.

ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސް (ވ) އާއި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ. (ފޮޓޯ/އޭއެފްޕީ)

މަހިންދަ، 76، ރަސްމީ ގެއިން ނެރެން ޖެހުނީ ރުޅި އައިސްފައި ތިބި އާންމުންގެ ބަޔަކު އެ ގެ ވަށާލުމުންނެވެ. އޭނާގެ ސަލާމަތަށް، އުތުރު އިރުމަތީ ކަނޑުގެ ސިފައިންގެ މަރުކަޒެއްގައި އޭނާ ފޮރުވައިގެން ގެންގުޅެން ޖެހުނެވެ. ލަންކާގެ ކޯޓަކުން ވަނީ އޭނާ ފުރުން މަނާކޮށްފަ އެވެ. މިއީ ދެ ފަހަރެއްގެ މަތިން ރައީސްކަން ކުރެއްވި އަދި އެއް އިރެއްގައި ބަތަލެއްގެ ގޮތުގައި ބެލި ބޭފުޅަކަށް ލިބޭނެ ވަރަށް ބޮޑު 'ނިކަމެތިކަމެކެ'ވެ.

މަހިންދަ އިސްތިއުފާ ދެއްވިޔަސް، ގޯތާބާޔަ، 72، އަށް ހިންދެމިލެވޭ ވަރެއް ނުވި އެވެ. ޕްރެޝަރު ބޮޑުވުމުން، ރައީސްގެ ބައެއް ބާރުތައް މަޖިލީހަށް ބަދަލުކުރުމަށް އެއްބަސްވެވަޑައިގެންނެވުމާއި ރާޖަޕަކްސަ އާއިލާއަށް ހަމްދަރުދީ ވާ ކަމަށް އެތައް ބަޔަކު ޝައްކުކުރާ ރަނިލް ވިކްރަމަސިންހާ ބޮޑުވަޒީރަކަށް އައްޔަންކުރުން ފަދަ ބައެއް ލުއިތައް ދެއްވައިގެން މަގާމުގައި ދެމި ހުންނެވޭނެ ކަމަށް ބެއްލެވިޔަސް، އެކަން ވެސް ކާމިޔާބެއް ނުވި އެވެ. ރުޅި އައިސް ތިބި ރައްޔިތުން ރައީސްގެ ރަސްމީ ގެ އާއި އޮފީހަށް އިއްޔެ ވަދެގަތުމުން ގޯތާބާޔައަށް ޖެހިވަޑައިގަތީ ފިއްލަވާށެވެ. އަންނަ ބުދަދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ ރައީސް މެދުވެރިކޮށް އިއުލާން ކުރެއްވިޔަސް، ގޯތާބާޔަގެ ހިލަމެއް ވެސް ނެތެވެ.

އާންމުން އިއްޔެ ރިޔާސީ ގަނޑުވަރުގެ ތެރޭގައި. (ފޮޓޯ/އޭއެފްޕީ)
ރިޔާސީ ގަނޑުވަރަށް އާންމުން ވަދެ ފުރިފައި: މިއީ ދުނިޔެއިން ވެސް އާންމުކޮށް ފެންނާނެ މަންޒަރެއް ނޫން (ފޮޓޯ/އޭއެފްޕީ)

މިއީ ފާއިތުވީ 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ލަންކާގެ ސިޔާސީ މައިދާނުގައި ވަކި ހިއްޕާލާފައި ތިބި އާއިލާއަކަށް ލިބުނު ވަރަށް ބޮޑު ވެއްޓުމެކެވެ.

މަހިންދަ އަކީ ތަމަޅަ ޓައިގަރުންގެ ހަނގުރާމަވެރިން 2009 ގައި ބަލިކުރި ބަތަލުގެ ގޮތުގައި ސިންހަޅަ އިން ފާހަގަކުރި ބޭފުޅެކެވެ. ހަނގުރާމައިގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި އެކި ހަފްލާތަކާއި ޕެރޭޑުތަކުގައި މަހިންދަ ސިފަކުރީ ސިންހަލަ ބުޑިސްޓް ރަސްރަސްކަލުންނާ އެއް ހިސާބެއްގަ އެވެ.

މަހިންދަގެ ބައްޕައަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ލީޑަރުގެ މަގާމު އަދާކުރެއްވުމަށް ފަހު މަހިންދަ 2004 ގައި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި އެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ގޯތާބާޔަ ޑިފެންސް ސެކްރެޓަރީއަކަށް އައްޔަންކުރެއްވި އެވެ. އެއީ ލަންކާގެ އަސްކަރިއްޔާ އިން ރިޓަޔާ ކުރެއްވުމަށް ފަހު، ސިޔާސީ ކަންކަމާ ދުރުގައި އެމެރިކާގައި އުޅުއްވަމުން ގެންދެވި ކޮއްކޮއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ބޭބެގެ ކެމްޕޭނަށް އެނބުރި ލަންކާއަށް ވަޑައިގެންނެވި ގޯތާބާޔަ މަޝްހޫރުވީ ހަނގުރާމައިގެ ފަހު ދުވަސްތަކުގައި އޭނާ ގެންގުޅުއްވި ރަހުމު ކުޑަ އުސޫލުތަކުގެ ސަބަބުންނެވެ.

ދާދި އަވަހަށް ރާޖަޕަކްސަ އާއިލާގެ އެހެން މީހުން ވެސް ސަރުކާރާ ގުޅިވަޑައިގަތެވެ.

ލަންކާގައި މުޒާހަރާ ކުރާ މީހުން އިއްޔެ ރައީސް އޮފީސް ކައިރީގައި (ފޮޓޯ/އޭޕީ)
 ރައީސް އޮފީސް ކައިރީގައި މުޒާހަރާކުރާ މީހުން އިއްޔެ ވަނީ ރައީސް އިސްތިއުފާ ދެއްވަން މަޖުބޫރުކޮށްފައި (ފޮޓޯ/އޭޕީ)

މަހިންދަގެ ވެރިކަން ހީނުކުރާ ގޮތަކަށް 2015ގައި ބަދަލުވުމަށް ފަހު އައި ސަރުކާރުން ގާނޫނުއަސާސީ އިސްލާހުކޮށް، ފަސް އަހަރުގެ ދެ ދައުރަށް ވުރެ ދިގު މުއްދަތަކަށް ވެރިކަން ނުކުރެވޭ ގޮތަށް ހެދުމުން ރާޖަޕަކްސާ އާއިލާ އިން ނިންމީ ގޯތާބާޔަ ރައީސްކަމަށް ގެނައުމަށެވެ. ލަންކާގެ ތާރީހުގައި ވެސް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެއް ބޭފުޅާގެ ގޮތުގައި ގޯތާބާޔަ 2019ގައި ވެރިކަމަށް ވަޑައިގަތީ އޭރު އޮތް ސަރުކާރުގެ އެތެރޭގެ ކޯޅުންތައް ބޮޑުވުމާއި 2019ގެ އީސްޓާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ސަލާމަތީ ގޮތުން އޮތް ނުތަނަވަސްކަމުގެ ފައިދާ ނަގައިގެންނެވެ.

އޭގެ ތިން އަހަރު ފަހުން އެ ހާލަތު މުޅިން ބަދަލުވެއްޖެ އެވެ. ރާޖަޕަކްސަ އާއިލާއާ ދެކޮޅު ޝުއޫރުތައް މުޅި ލަންކާގައި ފެތުރިގެން ދިޔަ އިރު، ވެރިކަމުގަ އާއި ސިޔާސީ ކަންކަމުގައި ވެސް އެ އާއިލާގެ އެއްވެސް ބޭފުޅަކަށް ދެމިހުންނެވުމުގެ ފުރުސަތު ކުޑަ އެވެ. އެކަމަކު ގޯތާބާޔަ ގެންގުޅުއްވާ ހަރުކަށި ވިސްނުމުގެ ސަބަބުން، އަސްކަރިއްޔާގެ ބޭނުން ކުރައްވައިގެން ވެސް ވެރިކަމުގައި ދެމިހުންނެވުމަށް މަސައްކަތް ކުރައްވަފާނެ ކަމުގެ ބިރު އެބަ އޮތެވެ.

ސިންހަޅައިން ވެސް އެންމެ ފަހުން ހޭލައިފި

މަހިންދަ އާއި ގޯތާބާޔަ ރާޖަޕަކްސަގެ އިތުރުން މުޅި އެ އާއިލާ އަކީ ވެސް އެތައް އަހަރެއް ވަންދެން ސިންހަޅަ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ބައެކެވެ. މަހިންދަގެ ސަރުކާރުން ބައި މަދު މުސްލިމުންނާއި ތަމަޅައިންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ސިންހަޅަ މެޖޯރިޓީގެ ތެރެއިން ގިނަ މީހުން މީގެ ކުރިން ބަހެއް ނުބުނެ އެވެ. ހަނގުރާމައިގައި ތަމަޅައިން ބަލިކުރުމަށް ފަހު، ސަޕޯޓް ދެމެހެއްޓުމަށް ބައި މަދު އަނެއް ގްރޫޕް ކަމަށްވާ މުސްލިމުންނާ ދެކޮޅަށް ހައްދު ފަހަނަ އެޅި ސިންހަޅަ ފާދިރީންގެ ގްރޫޕްތައް ބޭނުންކޮށްގެން ރާޖަޕަކްސާ އާއިލާ އިން ހިންގި ނޭއްގާނީ އަމަލުތައް، ގިނަ ސިންހަޅައިން ތިބީ ވަރިހަމަކޮށްލައިގެންނެވެ.

އެކަމަކު މިހާރު މުޅި ގައުމު ވޭތުކުރަމުންދާ އިގްތިސާދީ ތަދުގެ ތެރެއިން ހުރިހާ ނަސްލުތަކަކާއި ދީންތަކެއްގެ މީހުން އެއްބައިވަންތަވެ، މުޒާހަރާގައި ބައިވެރިވާ ސިންހަޅަ އިން ވެސް އަންނަނީ ބައި މަދު މީހުންގެ ހައްގުތަކަށް ތާއީދުކޮށް އަޑު އުފުލަމުންނެވެ.

"ހަގީގަތުގައި އިގްތިސޯދީ ތަދުމަޑުކަން ތަހައްމަލު ކުރަން ޖެހުމުން މެޖޯރިޓީ މީހުންނަށް ވެސް ވިސްނިއްޖެ. އެ ހިސާބުން އެ މީހުންގެ ވިސްނުން ފުރޮޅިގެން ދިޔައީ،" އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ގާނޫނީ ވަކީލެއް ކަމަށްވާ ބަވާނީ ފޮންސޭކާ ވިދާޅުވި އެވެ.

އުނދަގޫ ދުވަސްތައް ނިމެން ގާތް ވެސް ނުވޭ

ލަންކާ ވަނީ 51 ބިލިއަން ޑޮލަރު ދަރައިފަ އެވެ. އެ ލޯނުތަކަށް އިންޓްރެސްޓް ނުދެއްކޭ ތާނގައި ދަރަންޏަށް ނަގާފައިވާ ފައިސާގެ ކުޑަ މިންވަރެއް ވެސް އަނބުރާ ދެއްކޭނެ ގޮތެއް ނެތެވެ. އީސްޓާ ބޮމުގެ ހަމަލާތަކަށް މާ ގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުގެ އިތުރަށް، ރައްކާތެރިކަމާ މެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން އިގްތިސާދު ކުރިއެރުވުމުގެ މުހިންމު އިންޖީނެއް ކަމަށްވާ ފަތުރުވެރިކަން ވަނީ ހީނަރުވެފަ އެވެ. ލަންކާ ރުޕީސްގެ އަގު %80 ދަށަށް ގޮސްފައި ވާއިރު، އިމްޕޯޓްގެ އަގު ބޮޑުވެ، ކާބޯތަކެތީގެ އަގު %57 އުފުލިފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ނަތީޖާއަކީ، ޕެޓްރޯލާއި ކިރާއި ކައްކާ ގޭސް އަދި ބޭސް އެތެރެކުރުމަށް ވަރަށް މަދުން ނޫނީ ފައިސާ ނުލިބި، ގައުމު ބަނގުރޫޓުވުމެވެ. އިސްތިއުފާ ދެއްވާނެކަން އިއްޔެ އިއުލާނު ކުރެއްވި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިދިޔަ ހަފްތާގައި ވިދާޅުވި ގޮތަށް، "އިގްތިސާދު ފުނޑިއްޖެ" އެވެ.

އާންމު ގޮތެއްގައި ލަންކާގައި ކާބޯތަކެތި ނުލިބިގެން މީހުން ބަނޑަށް ޖެހެނީ ވަރަށް މަދުންނެވެ. ނަމަވެސް، އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ބުނި ގޮތުގައި، 10 އާއިލާގެ ތެރެއިން ގާތްގަނޑަކަށް ނުވަ އާއިލާއަކުން ދުވަހުގެ ބައެއް ގަޑިތަކުގައި ނުކައި ތިބުން ނުވަތަ ގޭގައި ހުރި ކާބޯތަކެތި ގިނަ ދުވަހު ބޭނުންކުރެވޭ ގޮތަށް އިގްތިސާދު ކުރަން ވަނީ ފަށާފަ އެވެ. މިހާރު ވެސް ތިން މިލިއަން މީހުންނަށް ކުއްލި އިންސާނީ އެހީ ލިބެމުންދާ ކަމަށް ވެސް އދ. އިން ބުނެ އެވެ.

ބޭހާއި ސިއްހީ އާލާތްތައް ފަދަ ކޮންމެހެން ބޭނުންވާ ސާމާނު ހޯދަން ޑޮކްޓަރުން ސޯޝަލް މީޑިއާގައި އެހީއަށް އެދެން ވަނީ ފަށައިފަ އެވެ. ވަޒީފާ ހޯދުމުގެ ބޭނުމުގައި ލަންކާ އިން ބޭރަށް ދާން ޕާސްޕޯޓް ހޯދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސަރުކާރުގެ މަސައްކަތްތެރިންނަށް އަމިއްލަ ކާބޯތަކެތި ހެއްދުމަށް ވަގުތު ދިނުމުގެ ގޮތުން ތިން މަސްދުވަހުގެ މުއްދަތަށް ހަފްތާގެ އިތުރު އެއް ދުވަސް ޗުއްޓީގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ސިޔާސީ ގޮތުން ހަމައަކަށް އެޅިފައިވާ ސަރުކާރެއް ނެތި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު މިހާރު ފަށާފައިވާ ބެއިލްއައުޓް ޕެކޭޖެއް ހޯދުމުގެ މަޝްވަރާތަކާއި ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އުނދަގޫވާނެ އެވެ. އެކަމަކު ދެން އަންނަ ސަރުކާރަކުން އެކަން އަވަހަށް ނުކޮށްފި ނަމަ، ކަރަންޓާއި ތެލާއި ބޭހާ ނުލާ އުޅެން ޖެހިފައިވާ ލަންކާގެ ރައްޔިތުން ބަނޑަށް ޖެހި، ލަންކާގައި ބޮޑު އިންސާނީ ކާރިސާއެއް އުފެދުމުގެ ފުރުސަތު ބޮޑެވެ.

ކޮލަމްބޯގެ ބޭރުން އޮންނަ ނުގޭގޮޑާ ސަރަހައްދުގައި ދިރިއުޅޭ ހަންސަނީ ބުނާ ގޮތުގައި، ވެރިކަމުގައި ކޮންމެ ބަޔަކު ތިއްބަސް، އޭނާ ފަދަ އާންމު ރައްޔިތުން ބޭނުންވަނީ ހަމައެކަނި އަސާސީ ބޭނުންތައް ފުއްދައި ދިނުމެވެ. ވެރިންގެ ކިބައިން އިތުރު ކަމެއް ބޭނުމެއް ނުވެ އެވެ.

"އަހަރެން ބަލަހައްޓާނެ އާއިލާއެއް އެބަ އޮތް. ދެ ކުދިންނަށް ކާން ދޭން ޖެހޭ. އަހަންނާއި ފިރިމީހާ ވެސް ކައިގެން ބޮއެގެން އުޅެން ޖެހޭ. ސިޔާސީ މީހުންނަށް އެ މީހުންގެ މުއްސަނދިކަމާ އެކު ސަލާމަތް ވެވިދާނެ. އެކަމަކު އަހަރެމެންނަށް އަދި މި ތަދުން ސަލާމަތް ވެވޭނެ ދުވަހެއް ވެސް ނޭނގެ،" ހަންސަނީ، 31، ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް