Majlis 2024

ޖެނީ ކީތުގެ މައުރަޒު 'ވޯޓާމާކް'ގައި އޭނާގެ ތައާރަފެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އާޓް

ޖެނީ ކީތުގެ ހިތްގައިމު ކުރެހުންތައް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލައިފި

ކެނެޑާގެ ކޮންޓެމްޕޮރަރީ އާޓިސްޓުގެ މި މައުރަޒުގައި ހިމެނެނީ ރާއްޖެއިން ހިޔާލު ހޯދައިގެން އޭނާ ތައްޔާރުކުރި ކުރެހުންތައް
12 ޑިސެމްބަރު 2022

އާޓް ގެލެރީ މާލެގައި މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލި ކުރެހުމުގެ މައުރަޒުގައި ދައްކާލަނީ ކެނެޑާގެ ކޮންޓެމްޕޮރަރީ އާޓިސްޓު ޖެނީ ކީތުގެ ކުރެހުންތަކެކެވެ. 'ވޯޓާމާކް' އަކީ ޖެނީ ރާއްޖޭގައި ހުށަހަޅައިދޭ ފުރަތަމަ ސޯލޯ މައުރަޒެވެ. މައުރަޒުގައި އޭނާގެ ބޮޑު ނުވަ ކުރެހުމެއް ދައްކާލަ އެވެ.

މި މައުރަޒުގައި ހިމެނޭ ކުރެހުންތަކުން ދައްކައިދެނީ ޖެނީގެ ނަޒަރުން ރާއްޖެ އެވެ. މިއީ އާޓް ގެލެރީ މާލެއާ އެކު އޭނާ ފުރިހަމަ ކުރި އާޓިސްޓް ރެޒިޑެންސީ ޕްރޮގްރާމްގެ ދަށުން، ޖެނީ ރާއްޖެ އައިސް، ރާއްޖެއިން ހިޔާލު ހޯދައިގެން 26 ދުވަހުގެ ތެރޭގައި ނިންމި ކުރެހުންތަކެކެވެ.

ޖެނީ ކީތުގެ 'ވޯޓާމާކް'ގެ ކުރެހުމެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ޖެނީ ކީތުގެ މައުރަޒު 'ވޯޓާމާކް'ގެ ކުރެހުމެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ރާއްޖޭގެ ގުދުރަތީ މަންޒަރުތައް ދައްކައިދޭ މި ކުރެހުންތަކުން ފެންނަނީ ރަށުތެރެއިން އާއްމުކޮށް ފެންނަ ޖަނަވާރާއި ސޫތްޕެވެ. އެގޮތުން ކަނބިލި، ހުނބުޅު އަދި ވާ ފަދަ ޖަނަވާރު އޭނާ ކުރަހައިފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގައި އިރުއޮއްސޭ މަންޒަރު އަދި ވިލު ނޫ މޫދުގައި މީހަކު ފަތާ މަންޒަރު ވެސް ހިމެނެ އެވެ.

މި ކުރެހުންތަކުން ފެންނަނީ ޖެނީ ރާއްޖޭގައި ހުރި ދުވަސްތަކުގައި ފެނުނު މަންޒަރުތަކޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު މީގެ ކޮންމެ ކުރެހުމެއް ޖެނީ ދައްކައިދެނީ ވަރަށް ހިތްގައިމު މަޑު ކުލަތަކަކުންނެވެ. އިރުއޮއްސޭ މަންޒަރުން ފެށިގެން، ރަށުތެރޭގެ މަންޒަރުތައް ވެސް އޭނާ ހުށަހަޅައިދެނީ ވަރަށް ހުވަފެނީ ކުލަތަކަކުންނާއި ބައްޓަންތަކުންނެވެ. ޖެނީ ބުނިގޮތުގައި މި ކުރެހުންތައް ތައްޔާރުކުރަން ބޭނުންކުރި ކުލަތައް ހޯދީ ރާއްޖެ އައިހެވެ.

ޖެނީ ކީތުގެ މައުރަޒު 'ވޯޓާމާކް'ގެ ކުރެހުމެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ޖެނީ ކީތުގެ މައުރަޒު 'ވޯޓާމާކް'ގެ ކުރެހުމެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ޖެނީ ކީތުގެ މައުރަޒު 'ވޯޓާމާކް'ގެ ކުރެހުމެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ޖެނީ ބުނިގޮތުގައި ދަތުރުކުރުމާއި ގުދުރަތީ މާހައުލާއި އާޓް އަކީ އޭނާ ވަރަށް ގަޔާވާ ކަންކަމެވެ. އަދި ރާއްޖެއިން އޭނާ ދުށް މަންޒަރުތައް ވަރަށް ހިތްގައިމު ކަމަށް ބުންޏެވެ. ރާއްޖޭގެ ތިމާވެށީގެ ރީތިކަމާއި ނާޒުކުކަން ފާހަގަވެ އެއިން ހިޔާލު ހޯދި އެވެ.
ޖެނީ މީގެ ކުރިން ކުރަހާފައިވާ ކުރެހުންތަކުން ވެސް ފެންނަނީ ޖަނަވާރާއި ގުދުރަތީ މަންޒަރުތަކެވެ.

އާޓް ގެލެރީ މާލެގައި 'ވޯޓާމާކް' މައުރަޒު ކުރިއަށްދާނީ މި މަހުގެ 23 ވަނަ ދުވަހާ ހަމައަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް