ވިކްޓްރީ ޓީމު ހިންނަވަރަށް ފުރުމުގެ ކުރިން އެއާޕޯޓުގައި ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. (ފޮޓޯ/ވިކްޓްރީ)

ދެ ވަނަ ޑިވިޝަނަށް ތައްޔާރުވާން ވިކްޓްރީ ހިންނަވަރުގައި ކޭމްޕްކޮށްފި

ވިކްޓްރީ އަލުން މި ހަރަކާތްތެރިވާން ފެށީ ދުވަސްތަކަކަށް ފަހު

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ވިކްޓްރީން ޅ. ހިންނަވަރުގައި އިއްޔެ އިން ފެށިގެން ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަން ފަށައިފި އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެފްއޭއެމުން ސަސްޕެންޑްކޮށްފައި އޮތް ކްލަބުން ދަރަނި ދެއްކުމާ އެކު އެ ސަސްޕެންޝަން މިދިޔަ ހަފުތާގައި ވަނީ އުވާލައިފަ އެވެ. އެކަމަކު ފަށަން ޖެހެނީ ދެ ވަނަ ޑިވިޝަނުންނެވެ.

އަންނަ ޖުލައި 4 ވަނަ ދުވަހު ފަށާ އެ މުބާރާތް ކާމިޔާބުކޮށް އަންނަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމަށް ވިކްޓްރީން ވަނީ، ނިސްބަތުން ރަނގަޅު ސްކޮޑެއް އެކުލަވާލައިފަ އެވެ. އެ ޓީމުގައި މިސްރުގެ ގޯލްކީޕަރަކާއި ޑިފެންޑަރަކާއި މިޑްފީލްޑަރެއް އަދި ޖޯޑަންގެ ފޯވާޑެއް ހިމެނެ އެވެ.

ވިކްޓްރީގެ ކޯޗަކީ ސްރީ ލަންކާގެ ކުރީގެ ކުޅުންތެރިޔާ ޕަކީރު އަލީ އެވެ. ލަންކާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ވަނީ ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާ އާއި ބަންގްލަދޭޝްގައި ވެސް ކޯޗުކޮށްދީފަ އެވެ. އޭނާގެ އެސިސްޓަންޓަކަށް ހަމަޖައްސާފައިވަނީ ވިކްޓްރީގެ ކުރީގެ ކެޕްޓަން އިސްމާއިލް އަނިލް އެވެ. އޭނާ ވަނީ ކުރިން ނިއު ރޭޑިއަންޓުގެ ކޯޗުކަންކޮށްފަ އެވެ.

ވިކްޓްރީން ހިންނަވަރުގައި 10 ދުވަސް ހޭދަކުރާނެ އެވެ. ވިކްޓްރީގެ ޕްރެކްޓިސްތައް އޮންނާނީ އެ ރަށުގެ ޓާފް ދަނޑުގަ އެވެ. މި ދަތުރުގައި އެ ޓީމުން ތިން ޓްރެއިނިން މެޗު ކުޅެން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން އެއް މެޗު ކުޅޭނީ ފުޓްބޯޅައިގެ ހަދަބާރު ބ. އޭދަފުށީ ޓީމަކާ ދެކޮޅަށެވެ.

ވިކްޓްރީގެ ދަރަނި ދައްކައި އަލުން ކްލަބް ހަރަކާތްތެރިކުރަން ފެށީ އެ ޓީމުގެ ކުރީގެ ފޯވާޑް ހުސެއިން އާދަމް މިދިޔަ އޭޕްރިލް މަހު ކްލަބުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ ކަމަށްވާ މުލިއާގޭ ޗީފް އޮފް ސްޓާފް ހުސެއިން އަކީ 1986 އާއި 1987 ގެ ފުޓްބޯޅަ ސީޒަނުގައި ވިކްޓްރީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ހުސެއިން ވިދާޅުވީ އެ ކްލަބަކީ ދިގު މާޒީއެއް އޮތް އަދި ވަރަށް ގިނަ ބަޔަކު ބުރަ މަސައްކަތްކޮށްފައި އޮތް ކްލަބެއް ކަމަށާއި ފައިސާ ނެތިގެން ވިކްޓްރީ ވުޖޫދުން ގެއްލިގެންވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ކްލަބާ ހަވާލުވީ ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ ކަމުގެ އުއްމީދު އޮތުމުން ކަމަށާއި އުއްމީދަކީ ދެ އަހަރެއްގެ ތެރޭ އަސްލު މަގުސަދު ހާސިލްކުރުމަށްޓަކައި ފުރަތަމަ ޑިވިޝަނަށް އެރުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ފަހުން ހަމައެކަނި ފުޓްބޯޅައަށް ހާއްސަވެފައި އޮތް ވިކްޓްރީން ކުރިއެކޭ އެއްގޮތަށް އަލުން އެހެން ކުޅިވަރުތަކުގައި ވާދަކުރުމަށް ވެސް އެ ކްލަބުން އަންނަނީ މަޝްވަރާކުރަމުންނެވެ. ގަލޮޅު އަވަށުގެ ކްލަބެއްގެ ގޮތުގައި 1972 ވަނަ އަހަރު އުފެދުނު ވިކްޓްރީން ވަނީ ފުޓްބޯޅަ، ވޮލީބޯޅަ، ކްރިކެޓް، ޓެނިސް އަދި ހޮކީގެ ގައުމީ މުބާރާތް މިލްކުކޮށްފަ އެވެ.

އެކަމަކު އަބަދުވެސް އެ ކްލަބް އެންމެ ހާއްސައީ ފުޓްބޯޅައިގަ އެވެ. ފުޓްބޯޅައިގެ ގައުމީ ތަށި ދެ ފަހަރު މިލްކުކުރި ހަމައެކަނި ކްލަބް ކަމަށްވާ ވިކްޓްރީ ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ކްލަބް މުބާރާތް ޕޮމިސް ކަޕް ކާމިޔާބުކުރި ފުރަތަމަ ދިވެހި ކްލަބް ވެސް މެ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް