Majlis 2024

ޓީއެމްއޭގެ އޮޕަރޭޝަނަށް އައި ހުއްޓުމާ އެކު މިއަދު އެއާޕޯޓްގައި މީހުން ތޮއްޖެހިފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓީއެމްއޭ

އާ އަހަރުގެ ޗުއްޓީ ހަރާބު، އެއާޕޯޓްގައި ފަސް ގަޑިއިރު

ޓީއެމްއޭގެ ސިސްޓަމް ޑައުންވެ އިއްޔެ ކުރިމަތިވި މައްސަލަ މުޅިން ހައްލުވާނެ އިރެއް އެ އެއާލައިނަކަށް ވެސް ނޭނގޭ
1 ޖެނުއަރީ 2023

އެތައް ހާސް ޑޮލަރެއް ހަރަދުކޮށް އާ އަހަރު ފާހަގަކުރަން ރާއްޖެ އައި ޓޫރިސްޓުންނަށް އިއްޔެއަކީ ބަދުނަސީބު ދުވަހެކެވެ. މިއަދު ވެސް ބައެއް ޓޫރިސްޓުންނަށް ހަމަ އެ މައްސަލަ އެވެ.

ޓޫރިސްޓުން ރިސޯޓްތަކަށް އުފުލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ ސިސްޓަމަށް ބަޔަކު ދިން 'މެލްވެއާ' ހަމަލާއާ އެކު މީހުން ޗެކިން ނުކުރެވި ދަތުރުތައް ހުއްޓުނެވެ. އެއާ އެކު އެތައް ޓޫރިސްޓުންނެއްގެ ޗުއްޓީ ހަރާބުވީ އެވެ.

"އަހަރެމެންގެ ބައެއް ގެސްޓުން ފަސް ގަޑިއިރު ރިސޯޓަށް ނުގޮސް އެއާޕޯޓްގައި މަޑުކުރަން ޖެހުނު. ގާތްގަނޑަކަށް 50 އެތައް ޓޫރިސްޓުންނެއް ތާށިވި އަހަރެމެންގެ އެކަނި،" މަތީ ފަންތީގެ ރިސޯޓެއްގެ އެއާޕޯޓް ރެޕަކު، ނަން ނުޖަހާ ގޮތަށް، 'ދައުރު'އަށް ބުންޏެވެ.

ރިސޯޓެއްގެ މުވައްޒަފަކު ޓޫރިސްޓުންނާ ހަވާލުވަނީ: މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބާރު ބޮޑު ދުވަސްވަރު -(ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާ ބުނި ގޮތުގައި ޓީއެމްއޭގެ ބޯޓްތައް ގްރައުންޑްވުމާ އެކު، ވަރަށް ބޮޑު ހާސްކަމެއްގެ ތެރެއަށް ރިސޯޓްތަކާއި ޓްރެވަލް އެޖެންޓުން ވެސް ވެއްޓުނެވެ. އަދި ޓޫރިސްޓުން ރިސޯޓްތަކަށް ފޮނުވަން އެހެން އިންތިޒާމްތައް ހަމަޖައްސަން ޓީއެމްއޭއިން ކުއްލިއަކަށް އެންގުމުން، އެކަމަށް އެތައް ވަގުތެއް ނެގި ކަމަށް ވެސް އޭނާ ބުންޏެވެ. 

"ޑޮމެސްޓިކަށް އެންމެން ޖެހުނީ ޑައިވާޓް ކުރަން މި ރިސޯޓްގެ. ފްލައިޓުން ޓިކެޓް ހޯދުމާ މިކަންކަމަށް ވަރަށް ބޮޑަށް ވަގުތު ނެގި. އެ މީހުން އެހާ ބޮޑު އަގެއް ދައްކައިގެން އަންނަ އިރު އެކަހަލަ ކަމެއް ވީމާ، ގިނަ މީހުން ވަރަށް ހިތްހަމަނުޖެހި ޝަކުވާކުރި،" އޭނާ ކިޔައިދިނެވެ.

ޓީއެމްއޭގެ ޗެކިން ސިސްޓަމް އަދިވެސް އާންމު ހާލަތަކަށް ނުގެނެވެ އެވެ. އެހެންވެ، މިހާރު ޗެކިން ކުރަނީ ފޮތެއްގައި ލިޔެގެން މެނުއަލްކޮށެވެ. އެއަށް ފަހު އެ މައުލޫމާތު ފަހުން ސިސްޓަމަށް އެންޓަކުރަނީ އެވެ. އެހެންވެ، ގިނަ ފްލައިޓްތައް އަންނަ ވަގުތެއް ނަމަ، ވަރަށް ބޮޑަށް ޗެކިން ކިޔު ބޮޑުވެ އެވެ. މީހުން ތޮއްޖެހެ އެވެ.

ވީއައިއޭގެ އެރައިވަލްސް ޓާމިނަލްގެ ބޭރުގައި ހުންނަ ޓީއެމްއޭގެ ކައުންޓަރު: ސިސްޓަމް ޑައުންވުމުން ވަރަށް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"މިހާ ވަގުތު ހައްލު ނުވެ ދާތީ ކަންބޮޑުވުމަކީ. ރަނގަޅު ކޮމިޔުނިކޭޝަނެއް ވެސް ނެތް ހަގީގަތުގައި. މިހާރު އެހެންވެ، ގިނަ ރިސޯޓްތަކުން ޓީއެމްއޭއަށް ޑިޕެންޑްނުވެ އެދަނީ ރިސޯޓްތަކަށް ޓޫރިސްޓުން ފޮނުވަމުން،" އެއާޕޯޓްގައި މަސައްކަތްކުރާ އެހެން ރިސޯޓެއްގެ މުވައްޒަފަކު، ނަން ނުޖަހާ ގޮތަށް، ކިޔައިދިނެވެ.

ޓީއެމްއޭއިން ބުނަނީ ސިސްޓަމް އާންމު ހާލަތަކަށް ގެނެވޭނޭ ވަގުތެއް ބުނަން ނޭނގޭ ކަމަށެވެ. 

ރިސޯޓްތަކަށް ޖެހިފައި ވަނީ ޑޮމެސްޓިކް ފްލައިޓްތަކާއި އެހެން ސީޕްލޭން އޮޕަރޭޓަރުން މެދުވެރިކޮށް، ނުވަތަ ލޯންޗުފަހަރު ކުއްޔަށް ހިފައިގެން ޓޫރިސްޓުން އުފުލާށެވެ.

"މުޅި ސިސްޓަމް ހަމަޔަކަށް އެޅި ޔަގީންކަން ލިބުނީމާ އަޅުގަނޑުމެން ދެން ޓީއެމްއޭގައި ގެސްޓުން އުފުލާނީ،" ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ޓޫރިސްޓުންނަށް ދިމާވި ދަތިތަކާ ހުރެ ބައެއް ރިސޯޓްތަކުންނާއި ޓްރެވަލް އެޖެންޓުން ނިންމާފައި ވަނީ އެ މީހުންނަށް ބަދަލު ވެސް ދޭށެވެ. ނަމަވެސް ޓީއެމްއޭއިން ރިސޯޓްތަކާ އެފަދަ ވާހަކައެއް އަދި ނުދައްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް