މާލެއަށް ކުރަމުންދާ ވިއްސާރައިގައި އިމާރާތެއްގެ މަތިން ފިލާތަކެއް ވެއްޓޭ މަންޒަރު ފެންނަ ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް

ހުޅުމާލެ

ގަދަ ވަޔާ އެކު އިމާރާތެއްގެ މަތިން ވެއްޓުނު ފިލާތަކަކުން މީހަކު ސަލާމަތްވީ ކިރިޔާ

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އެއްގަމު ދަތުރު ކުރާއިރު ވެސް ސަމާލުވުމަށް އެދިފައި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ޖެހެމުންދާ ގަދަ ވައިގެ ތެރޭގައި، ހުޅުމާލޭ ދެ ވަނަ ފޭސްގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ފިލާގަނޑުތަކަކުން މީހަކު ހަނި ގޮތަކަށް ސަލާމަތް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެޕޯލޯއާ ހަވާލުކޮށްގެން ސަރުކާރުން އިމާރާތްކުރަމުންދާ ފްލެޓުތަކުގެ މަތީގައި ބަހައްޓާފައި ހުރި ފިލާތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ވައި ރޯޅިއަކާ އެކު އެއްލައިލަ އެވެ. ފެންނަ ފެނުމަށް 10 ވަރަކަށް ފިލާގަނޑު އިމާރާތުގެ ހަތް ވަނަ ބުރީގެ މަތިން ނައްޓާލައިގެން ގޮސް މަގުމައްޗަށް ވެއްޓެ އެވެ.

ތަފްސީލް - އެ ފިލާގަނޑުތަކާ އެކު އެ ސައިޓުގެ އެންމެ މަތީގައި ހުރި ބައެއް ސާމާނު ވެސް ވެއްޓެ އެވެ. އެއީ ދަގަނޑު ނުވަތަ ލަކުޑި ކަމެއް ސާފެއް ނޫނެވެ.

ފިލާގަނޑުތައް ވެއްޓުނީ، ޕާކްކޮށްފައި ހުރި ކާރުތަކެއް ކައިރިއަށެވެ. އަދި ބައެއް ފިލާތައް އެ އިމާރާތް ކައިރީގައި ސައިކަލުގައި މަޑުކޮށްގެން ހުރި މީހެއް ކައިރިއަށް ވެއްޓޭ މަންޒަރު ވެސް ފެނެ އެވެ. އެ މީހާ އޭގެން ސަލަމަތްވީ ކިރިޔާ އެވެ.

އެ ވަގުތު އެތާ ކައިރިން ލާފައި އިތުރު ދެ މީހަކު ވެސް ސައިކަލުގައި ދިޔަ އެވެ. އެކަމަކު، އެ މީހުންނާ ދިމާލަށް އިމާރާތުން ވެއްޓުނު އެއްވެސް އެއްޗެއް ނުދެ އެވެ.

ވައިގަދަވެ، އެކި ތަންތަނަށް ގެއްލުންވަމުންދާއިރު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ އެއްގަމު ދަތުރު ކުރާއިރު ވެސް ސަމާލުވުމަށް އެދިފަ އެވެ. އޭގެ އިތުރުން، ކަނޑާއި ވައިގެ މަގުން ދަތުރު ކުރާއިރު ސަމާލުކަން ދިނުމަށާއި ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ ފަހުގެ މައުލޫމާތު ހޯދުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

އެނގުން މުހިންމު - ވައިގަދަވުމުގެ ސަބަބުން ހިޔާ ފްލެޓު ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. އެގޮތުން، ކުނިތައް ވަޔާ އެކު މައްޗަށް އަރައި އެކި ދިމާލަށް ދިއުމާއި ވެލީގެ އުނދަގޫ ކުރިމަތިވެ އެވެ. އަދި ޕާކްކޮށްފައި ހުންނަ ސައިކަލުތައް ވެސް ޕާކިން ޒޯނު ތެރެއަށް ވެއްޓެ އެވެ. އެ ސަރަހައްދުގައި ގަސްތައް މަދުވެފައި އިމާރާތްތަކުގެ ދޭތެރޭގައި ހުސް ޖާގަ އޮންނާތީ ވައިގެ އަސަރު ކުރާލެއް ބޮޑުވާ ކަމަށް ބައެއް މީހުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް