Majlis 2024

ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ. (ފޮޓޯ/އޭއެފްޕީ)

ރާއްޖެ-ލަންކާ

ދެ ވަނަ ފަހަރުން ގޯތާބާޔަ ރާއްޖެއަށް؛ އިސްތިއުފާ ދެއްވާނީ ފަހު މަންޒިލަށް ވަޑައިގެންނެވުމުން

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މެދުވެރިކުރައްވައި މަޖިލީހުގެ ރައީސް ނަޝީދަށް ގުޅުއްވައި ގޯތާބާޔައަށް ރާއްޖެ އެތެރެވެވޭނެ ކަމުގެ ޔަގީންކަން ހޯއްދެވި ކަމަށް ވޭ
13 ޖުލައި 2022

ރޭ ރާއްޖެ ގަޑިން 11:30 ހާއިރު ސްރީ ލަންކާ އެއާފޯސްގެ ކުޑަ މަތިންދާބޯޓެއް ލަންކާގެ މައި އެއާޕޯޓާ ޖެހިގެން އޮންނަ ވައިގެ ސިފައިންގެ މަރުކަޒުން ނައްޓާލި އެވެ. އެ ބޯޓުގައި ތިން މީހަކު ތިބި އިރު، ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ފަރާތްތަކަށް އެ ބޯޓުގައި ތިބި ފަސިންޖަރުންގެ މައުލޫމާތު އޮތީ އޮޅުވާލައިފަ އެވެ. ސަބަބަކީ، ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ބޯޓު ޖައްސަން ހުއްދަ ނުދީފާނެތީ އެވެ.

އެންޓޮނޮވް-32 މަރުކާގެ އެ ކުޑަ ބޯޓު ކަޓުނަޔަކަ އެއާފޯސް ބޭސް އިން ނައްޓާލިތާ 10 ވަރަކަށް މިނިޓުގެ ތެރޭގައި، ބޯޓު ދުއްވަން ތިބި ލަންކާގެ ވައިގެ ސިފައިންގެ ޕައިލެޓުންނަށް ލިބުނީ ކުއްލި ހަބަރެކެވެ. އެ ބޯޓުގައި ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްްސް އާއި އޭނާގެ އަނބިކަނބަލުން ލޯމާ ރާޖަޕަކްސް އަދި ބޮޑީގާޑަކު ތިއްބެވިކަން ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ފަރާތްތަކަށް އެނގުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޖައްސަން ދީފައި އޮތް ހުއްދަ ކެންސަލްކުރި ކަމުގެ ހަބަރެވެ.

ދެ ގަޑިއިރުގެ ދަތުރު ކުރުކޮށްލުމަށް ފަހު އެ ބޯޓަށް ޖެހުނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާހާއިރު އެނބުރި ލަންކާގައި ޖައްސާށެވެ.

ލަންކާގައި މުޒާހަރާ ކުރާ މީހުން މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ ގަނޑުވަރުގެ ތެރޭގައި. (ފޮޓޯ/އޭއެފްޕީ)

އެއީ، މުޒާހަރާ ކުރާ މީހުން ވަދެގަތުމުން ރިޔާސީ ގަނޑުވަރުން ފިއްލަވަން މަޖުބޫރުވެވަޑައިގެންނެވި ގޯތާބާޔަ އޭނާގެ އާއިލާއާ އެކު ލަންކާ އިން ފިއްލަވަން އުޅުއްވި ދެ ވަނަ ފަހަރެވެ. އޭގެ އެއް ރޭ ކުރިން، މިދިޔަ ހޯމަ ދުވަހުގެ ހަވީރު ކަޓުނަޔަކަ ވައިގެ ސިފައިންގެ މަރުކަޒަށް ގޯތާބާޔަ ވަޑައިގަތީ އެ ރެއިން އެ ރެއަށް ރާއްޖެ ވަޑައިގަންނަވާށެވެ. އެކަމަކު އެ ރޭ ވެސް އެކަން ވާ ގޮތެއް ނުވި އެވެ. ގޯތާބާޔަ ކައުންޓަރަށް ވަޑައިނުގެން އޭނާގެ ޕާސްޕޯޓުގައި ތައްގަނޑު ޖަހައިދޭން އެއާޕޯޓުގެ އިމިގްރޭޝަން އޮފިސަރުން އެ ރޭ ދެކޮޅު ހެދުމުންނެވެ. ގޯތާބާޔައަށް ޖެހިވަޑައިގަތީ އަސްކަރީ މަރުކަޒުގައި ހުންނަވާށެވެ.

ލަންކާ އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރޭ ވެސް އިމިގްރޭޝަން އޮފިސަރުންގެ ދެކޮޅު ހެދުންތަކާ ގޯތާބާޔައަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެކަމަކު ސިޔާސީ ބޭފުޅުންނާއި އިމިގްރޭޝަން އޮފިސަރުން ތަމްސީލު ކުރާ ޔޫނިއަންތަކުން ބާރުއެޅުމުން އެއާޕޯޓުގައި ތިބި އޮފިސަރުންނަށް މަޖުބޫރުވީ ގޯތާބާޔަގެ ޕާސްޕޯޓުގައި ތައްގަނޑު ޖަހައިދޭށެވެ.

އަސްކަރީ މަތިންދާބޯޓަކަށް އެއް ގައުމުން އަނެއް ގައުމަށް ދެވެނީ ފޮރިން މިނިސްޓްރީގެ ހުއްދަ ހޯދައިގެން، ޑިފެންސް މިނިސްޓްރީގެ ވެސް ރުހުމާ އެކު ހާރިޖީ އުސޫލުތަކުގެ ދަށުންނެވެ. ބޯޓުގައި ދަތުރުކުރާ މީހުންގެ އަދަދާއި އެއީ ކޮން ބައެއް ކަމާއި ބޯޓު ދަތުރުކުރާ ބޭނުމާއި އެ ގައުމެއްގައި ހޭދަކުރާނެ ވަގުތު ފަދަ މުހިންމު މަައުލޫމާތު ދުރާލާ ފޯރުކޮށްދޭން ޖެހެ އެވެ. ބޯޓު ޖެއްސުމަށް ކްލިއަރެންސް ދެނީ އެ މައުލޫމާތު ދީގެންނެވެ.

ދިވެހި ސަރުކާރުން ލަންކާގެ އެ އަސްކަރީ މަތިންދާބޯޓަށް އެންމެ ފުރަތަމަ ހުއްދަ ދިިނީ، ލަންކާ އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ހުރިހާ މައުލޫމާތެއް ދިނުމުންނެވެ. އެކަމަކު އޭރު ބޯޓުގައި ތިބި މީހުންގެ އަސްލު ނަން އޮތީ ސިއްރުކޮށްފަ އެވެ. އިންޑިއާ އިން ވެސް ގޯތާބާޔަ ނޭރުވި ކަމަށް ބުނާ މީޑިއާ ރިޕޯޓުތައް އޭރު ފެންމަތިވެފައި ވުމާ އެކު، ރާއްޖޭން ވެސް އެފަދަ ފިޔަވަޅެއް އަޅާފާނެ ކަމުގެ ބިރު ހީވުމުންނެވެ.

ނަޝީދުގެ ވެރިކަމުގައި 2 އޮކްޓޯބަރު 2011ގައި ލަންކާގެ އޭރުގެ ޑިފެންސް ސެކްރެޓަރީ ގޯތާބާޔައާ ނަޝީދު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ގޯތާބާޔަ އާއި އަނބިކަނބަލުން ތިއްބެވި ބޯޓު އެނބުރި ކަޓުނަޔަކާގައި ޖެއްސުމަށް ފަހު އަލުން ނައްޓާލީ އޭގެ ގަޑިއެއްހާއިރު ފަހުންނެވެ. މި ފަހަރު ގޯތާބާޔަ އޮތީ، ކަމުގެ މައުލޫމާތު ލިބިފައިވާ ލަންކާގެ އެކި މަސްދަރުތަކުުން ޔަގީންކޮށްދިން ގޮތުގައި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މެދުވެރިކުރައްވައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގުޅުއްވައި ގޯތާބާޔައަށް ރާއްޖެ އެތެރެވެވޭނެ ކަމުގެ ޔަގީންކަން ހޯއްދަވައިފަ އެވެ. ދިވެހި ސަރުކާރުގެ ބައެއް މަސްދަރުތަކުން ވެސް ޔަގީންކޮށްދިން ގޮތުގައި، އެ ބޯޓު ރާއްޖޭގައި ޖެއްސުމުގެ ހުއްދަ އަލުން ދިނީ ނަޝީދު ވަރަށް ބޮޑަށް ބާރުއަޅުއްވައިގެންނެވެ.

ގޯތާބާޔަ އާއި އާއިލާ ދަތުރުކުރެއްވި ބޯޓު ދަންވަރު 3:30 ހާއިރު ވީއައިއޭގައި ޖެއްސި އިރު އެ ބޭފުޅުންގެ އިސްތިގުބާލުގައި ނަޝީދު ހުންނެވި ކަމަށްވެ އެވެ. އެ ކަމަށް ބާރު ލިބޭ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފަ އެވެ.

ނަމަވެސް، މިކަމާ ގުޅޭ ގޮތުން ނަޝީދާއި ފޮރިން މިނިސްޓްރީގެ ބަހެއް ވެސް އަދި ނުލިބެ އެވެ. ފޮރިން މިނިސްޓްރީން ބުނީ މި މައްސަލައިގައި އަދި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

ގޯތާބާޔަ ރާއްޖެ ވަޑައިގަތީ، އެނގިފައިވާ ގޮތުގައި، ލަންކާ އިން ބޭރުވެވޭނެ އިތުރު ގޮތެއް ނެތިގެން ޓްރާންސިޓް މަންޒިލެއްގެ ގޮތުގަ އެވެ. އޭނާ ހުންނެވި ކަމަށް ވަނީ ހުޅުލޭ އައިލެންޑް ހޮޓަލް (އެޗުއައިއެޗު)ގަ އެވެ. މިއަދު މެންދުރުފަހު ނުވަތަ ހަވީރު ފުރާ ފްލައިޓަކުން ސިންގަޕޫރަށް ނުވަތަ ދުބާއީއަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށްވެ އެވެ.

ގޯތާބާޔަ ގައުމުން ބޭރަށް ވަޑައިގެންނެވިކަން ލަންކާގެ ވައިގެ ސިފައިންނާއި ބޮޑުވަޒީރު އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައި ވިޔަސް، ވަޑައިގަންނަވަން ބޭނުންވާ މަންޒިލަށް ވަޑައިގެންނެވެން ދެން އެކަން ނުކުރައްވާނެ ކަމަށް ވެސް ލަންކާގެ ބައެއް މަސްދަރުތަކުން ބުނެ އެވެ. ބޮޑުވަޒީރާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އޮފީހުން ވެސް ބުނެފައިވާ ގޮތުގައި، ރައީސް ސޮއިކުރެއްވި ކަމަށް ބުނާ އިސްތިއުފާގެ ސިޓީ އަދި ލިބިފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް