Majlis 2024

އައިޝްވަރިޔާ ރާއީ ބައްޗަށް ކާން ފެސްޓިވަލުގައި

ފެޝަން

އެންމެ މަޝްހޫރު ތަރިން ކާން ފިލްމް ފެސްޓިވަލްގެ ރަތް ދޫލަ މަތިން ވިދާލައިފި

ދުނިޔޭގެ އެންމެ މަޝްހޫރު ފިލްމް ފެސްޓިވަލުން މިފަހަރު ގަދަ ކުލަތަކާއި ވިދުންގަދަ ހެދުންތައް ވަރަށް ބޮޑަށް ފާހަގަވި

ފްރާންސްގެ ކާންގައި ކޮންމެ އަހަރަކު ބާއްވާ ކާން ފިލްމް ފެސްޓިވަލް މިދިޔަ އަންގާރަ ދުވަހު ފަށައިގެން ދަނީ ކުރިއަށެވެ. މިއީ ކާން ފެސްޓިވަލްގެ 75 ވަނަ އަހަރެވެ. އެގާރަ ދުވަސް ވަންދެން ކުރިއަށްދާ މި ފެސްޓިވަލްގައި އެކި ފިލްމްތައް ދައްކާލުމުގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު ތަރިން އެމީހުންގެ ހިތްގައިމު އަދި އަގު ބޮޑު ޑިޒައިނާ ހެދުންތައް ފެސްޓިވަލްގެ ރަތް ދޫލަ މަތީގައި ދައްކާލަ އެވެ. މި އަހަރުގެ ފެސްޓިވަލްގައި ވެސް އަގު ބޮޑު ގައުންތަކުގެ އިތުރުން ފެޝަން ޓްރެންޑުތަކާއި މަޝްހޫރު މޫނުތައް ފެނުނެވެ.

ކާން ފިލްމް ފެސްޓިވަލުގައި ބައިވެރިވަނީ ހަމައެކަނި އެކްޓަރުންނާއި ޑައިރެކްޓަރުންނެއް ނޫނެވެ. އެ ފެސްޓިވަލްގެ ރަތް ދޫލަ މަތިން ފެޝަން ދާއިރާގެ މަޝްހޫރު ސުޕަމޮޑެލުންނާއި ފެޝަން ބްލޮގަރުންނާއި ސޯޝަލް މީޑިއާގައި އުޅޭ ފަންނާނުން ވެސް ބައިވެރިވެ އެވެ. ރަތް ދޫލަ މަތިން މި އަހަރު ފާހަގަވި ބައެއް ކަންތައްތަކަށް ބަލައިލަން ހިނގާށެވެ.

ޓްރެންޑު: ގަދަ ކުލަ އާއި ޑިސްކޯ

ގަދަ ކުލަތަކަކީ މިދިޔަ އަހަރު އިތުރަށް މަގުބޫލުވި ޓްރެންޑެކެވެ. މި އަހަރު ވެސް މި ޓްރެންޑަށް އޮތް ތާއީދު ބޮޑެވެ. ކާން ފެސްޓިވަލްގެ ރެޑް ކާޕެޓް މަތިން ޑިޒައިނާ ހެދުންތައް ފެންނަ އިރު، އެ ހެދުންތައް ފުރިހަމަ ވަނީ އޭގައި ހިމެނޭ ގަދަ ކުލަތަކުގެ ސަބަބުންނެވެ.

އިޓަލީގެ ލަގްޝަރީ ބްރޭންޑު ވެލެންޓީނޯ ފިނި މޫސުމަށް ނެރުނު ކަލެކްޝަނުގައި ދައްކާލި ގަދަ ފިޔާތޮށި ކުލަ އަކީ މި އަހަރު ކާން ފެސްޓިވަލްގައި ބައިވެރިވި ސެލެބްރިޓީންގެ ތެރޭގައި އެންމެ މަގުބޫލު ކުލަ އެވެ. ކެތެރިން ލެންގްފޯޑް، އައިޝްވަރިޔާ ރާއީ ބައްޗަން އަދި ފެޝަން އިންފްލުއެންސާ ކެރޮލިން ޑައުރް ވަނީ މި އިވެންޓަށް ވެލެންޓީނޯގެ ފިޔާތޮށި ކުލައިގެ ހިތްގައިމު ޑިޒައިނުތައް ލައިފަ އެވެ. 

ފިޔާތޮށި ކުލައިގެ އިތުރުން ގަދަ ރަތް، ރީނދޫ އަދި ފެހި ކުލަ ލައިގެން ތިބި ސެލެބްރިޓީން ގިނަ އެވެ. ގަދަ ކުލަތަކުގެ އިތުރުން ވިދާ ވެލިފޮތި ޖަހާފައިވާ ހެދުންތައް ވެސް ގިނައިން ފެނުނެވެ. 

އެގާރަ ދުވަސް ވަންދެން މި ފެސްޓިވަލް ކުރިއަށްދާއިރު ކޮންމެ ސެލެބްރިޓީއެއް ކޮންމެ ދުވަހަކު އަންނަނީ އާ ހެދުމެއް ލައިގެންނެވެ. އޭން ހެތަވޭގެ ދެވަނަ ލުކް އަކީ ވިދާ ސޫޓާއި ފަޓުލޫނެކެވެ. ސުޕާ މޮޑެލް އަލެހަންދްރޮ އަމްބްރޮސޮ އަދި އީވާ ލޮންގޯރިއާގެ ރިހި ކުލައިގެ ގައުން ޖަރީ ކޮށްފައިވަނީ ކުދި ބިއްލޫރިތަކެއް ފަދަ ވެލިފޮތި ބޭނުން ކޮށްގެނެވެ.

ބޮލީވުޑްގެ ތަރިން ވަނީ ރަތް ދޫލަ ފަތަހަކޮށްފައި

ބޮލީވުޑްގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އެބަ ދެ އެވެ. މި އަހަރުގެ ކާން ފެސްޓިވަލްގައި އިންޑިއާއަށް ވަނީ ޝަރަފުވެރި ގައުމު ނުވަތަ 'ކޮންޓްރީ އޮފް އޮނާ'ގެ މަގާމު ލިބިފަ އެވެ. ފެސްޓިވަލްގެ ފުރަތަމަ ދުވަހު އިންޑިއާގެ ޔޫނިއަން މިނިސްޓަރު އަނޫރާގް ޓާކޫރްއާ އެކު މަޝްހޫރު މިއުޒިޝަން އޭ އާރް ރަހްމާން، އާރް މަދަވަން، ޝޭހަރް ކަޕޫރް، އެކްޓްރަސުން ކަމަށްވާ ދީޕިކާ ޕަދުކޯން، އައިޝްވަރިޔާ ރާއީ ބައްޗަން، ތަމައްނާ ބާޓިއާ އަދި އުރްވަޝީ ރައުޓެލާ ބައިވެރިވި އެވެ. 

ބޮލީވުޑްގެ ފިރިހެން ސެލެބްރިޓީން ލައިގެން ތިބީ އެ މީހުންގެ ސަގާފީ ވެސްޓާއި ސޫޓެވެ. އަދި ބައެއް މީހުން ވެސްޓާން ސޫޓު ވެސް ލައިގެން ތިބިތަން ފެނުނެވެ. އަންހެން ތަރިންގެ ފެޝަން މިއަށްވުރެ ތަންކޮޅެއް ތަފާތެވެ. އައިޝްވަރިޔާ އާއި ދިޕިކާ ވަނީ ކޮންމެ ދުވަހަކަށް ހާއްސަ ގައުނެއް ލައިފަ އެވެ. 

ދިޕިކާގެ ފުރަތަމަ ކާން ފެސްޓިވަލް ދުވަހަށް ލައިގެން ހުރީ އިންޑިއާގެ މަގުބޫލު ޑިޒައިނާ ސަބްޔަސަޗީ ޑިޒައިނު ކޮށްފައިވާ ސާޅިއެކެވެ. ކާންގެ ރަތް ދޫލަ މަތިން އާއްމުކޮށް ފެންނަ މޫނެއް ކަމަށްވާ އައިޝްވަރިޔާ މި އަހަރު ލައިގެން ހުރި ގިނަ ހެދުންތަކަށް ބެލުންތެރިންގެ ފާޑުކިޔުން ލިބިފައިވެ އެވެ. އޭނާ ދެވަނަ ދުވަހު ލައިގެން ހުރި ކަޅު ހެދުމުގައި ބޮޑު މާ ކޯންޏެއް ފައިބާފައި ހުރި ޑިޒައިން ވައްތަރުވަނީ ނިމިގެން ދިޔަ މެޓް ގާލާގައި ލަވަކިއުންތެރިއާ ކަމިލާ ކަބެލޯ ލައިގެން ހުރި ހެދުމާ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އައިޝްވަރިޔާ މި ފެސްޓިވަލުގައި ލީ ހެދުންތަކުގެ ތެރެއިން އެންމެ ޗާލީ އޭނާގެ ފިޔާތޮށި ވެލެންޓީނޯ ސޫޓު ލުކް އެވެ.

މިހާތަނަށް ފާހަގަވި އެންމެ ހިތްގައިމު ލުކްސް

ކާން ފިލްމް ފެސްޓިވަލް ކަހަލަ ބޮޑު އިވެންޓަކަށް އެންމެ މުނާސަބު ލުކް އަކީ ކްލެސިކް އެކަމަކު ޒަމާނީ ސްޓައިލަކަށް ބައްޓަން ކޮށްފައި ހުންނަ ހެދުމެވެ. އަދި ލުކްއެއް ފުރިހަމަވާން ބޭނުންވަނީ ހަމައެކަނި ހެދުމެއް ނޫނެވެ. އިސްތަށިގަނޑު ސްޓައިލު ކޮށްފައި ހުންނަ ގޮތާއި ގަހަނާ އާއި އަރައިގެން ހުންނަ ބޫޓު ވެސް މުހިއްމެވެ. 

ކާން ފެސްޓިވަލުން މިހާތަނަށް ފެނުނު ލުކްސްގެ ތެރޭގައި ފުރިހަމަ ލުކްސް އަދި މަދެވެ. އެކަމަކު ރީތި ލިސްޓުގައި ހިމެނޭ ހެދުންތައް ހިތްގައިމުވެފައި އެ މުނާސަބަތާ ގުޅޭކަން ފާހަގަވި އެވެ.

އެކްޓްރެސް އޭން ހެތަވޭގެ ހުދު ކުލައިގެ އަރްމާނީ ޕްރިވޭ ހެދުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ހެދުން ބަލައިލުމަށް ސިމްޕަލްވެފައި މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާހެން ހީވުން އެކަށީގެންވެ އެވެ. އެކަމަކު މި ހެދުމުގެ ބައްޓަން ވަރަށް ޒަމާނީވެފައި އޭނާގެ ޝަހުސިއްޔަތާ ގުޅެ އެވެ.

ޔޫޓިއުބް ވްލޮގާ ލައިޒާ ކޯޝީ ރަތް ދޫލަ މަތިން ފެނުނީ ވަރަށް ތަފާތުކޮށެވެ. އާއްމުކޮށް ހެއްވާ މަޖާ ވިޑިއޯ އުފައްދާ ލައިޒާ މިފަހަރު ހުރީ ވަރަށް ޗާލު ހެދުމެއް ލައި ސްޓައިލު ކޮށްލައިގެނެވެ. އޭނަގެ ހެދުމުގައި ވާރޭ ފެން ތިކިތަކެއް ފަދަ ވެލިފޮތިތަކެއް ހުއްޓެވެ. މިއީ ޖޯޖް ހޮބައިކާގެ ޑިޒައިނާ ގައުނެކެވެ.

ފެޝަން ބްލޮގާ ލިއޮނީ އަކީ ކާން ފެސްޓިވަލަށް އާ މޫނެއް ނޫނެވެ. އޭނާ މިފަހަރު ބޮޑު ތިން ގައުން ލައިފި އެވެ. އޭގެ ތެރެއިން އެންމެ ހިތްގައިމު އެއް ލުކް އަކީ ފިޔާތޮށި ކުލައިގެ، ނިކޯލް ޕްލަސް ފެލިސިއާ ކުޗުއާ ޑިޒައިން ކޮށްފައިވާ ހެދުމެކެވެ. އޭނާގެ މި ހެދުމަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެ އެވެ.

އަރްމާނީ ޕްރިވޭ އަކީ ވަރަށް ޒަމާނީ އަދި ކްލެސިކް ހެދުން ފަރުމާ ކުރަން ނަން މަޝްހޫރު ބްރޭންޑެކެވެ. އެކްޓްރެސް އެލް ފޭނިން ރަތް ދޫލަ މަތިން ފެނުނީ އަރްމާނީ ޕްރީވޭގެ މަޑު ފިޔާތޮށި، ވިދާ ހެދުމެއްގަ އެވެ. އެލް ހީވަނީ ޑިޒްނީ ޕްރިންސަސްއެއް ހެން ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އޭނާ ހެދުމާ އެކު އިސްތަށިގަނޑާއި މޭކަޕް ސްޓައިލު ކޮށްފައި ހުރި ގޮތް ވަރަށް މި މުނާސަބަތާ ގުޅެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް