Majlis 2024

ހީނާ: 'ސިޔާސީ މައިދާނުގައި އަންހެނަކަށް ވީތީ ދަށްކޮށްލުން އޮވޭ'

ޓީވީއެމްގައި 17 އަހަރު އުޅުއްވުމަށް ފަހު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ހީނާގެ އަޒުމަކީ ސިޔާސީ ދާއިރާ އިން އެންމެ އުހަށް ވަޑައިގަތުން

ރާއްޖޭގެ ސިޔާސީ މައިދާނުން ފާހަގަކޮށްލެވޭ އަންހެނުންގެ ތެރެއިން އެއް ބޭފުޅަކަށް ވާނީ ހީނާ ވަލީދެވެ. ޓީވީ މޯލްޑިވްސްގައި 1999 ވަނަ އަހަރު އެނައުންސަރެއްގެ ގޮތުގައި އަދާކުރަން ފެށި ވަޒީފާއާ އެކު ހީނާއަކީ އަބަދުވެސް އާއްމުން ދަންނަ މޫނެކެވެ. ޓީވީއެމްގައި 17 އަހަރު ހޭދަކުރައްވައި ވަކިކެވަޑައިގެންނެވި އިރު ޕީއެސްއެމްގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ހީނާއަށް ދެ ސަބަބަކާ ހެދި 8 މާޗް ހާއްސަ އެވެ. މިއީ އަންހެނުންގެ ދުވަހުގެ އިތުރުން ހީނާ އެންމެ ފުރަތަމަ ހަބަރު ހުށަހަޅައިދެއްވި ދުވަހެވެ. ނަމަވެސް ޓީވީއެމް ދޫކޮށްލައްވައި ޕީޕީއެމްގެ ވެރިކަމުގައި ސިޔާސީ މަގާމަކަށް ވަޑައިގަތުމަށް ފަހު މިހާރު ހީނާއަކީ ސިޔާސީ މޫނެކެވެ.

ހީނާ ވިދާޅުވިގޮތުގައި ގިނަ ދުވަސްވީ މީޑިއާ ކެރިއަރު ދޫކޮށްލަވައި އިހްތިޔާރުކުރެއްވި ސިޔާސީ ދާއިރާގައި ކޮންމެ ދުވަހަކީ ވެސް ތަފާތު ތަޖުރިބާ އެކެވެ. ގިނަ ބައެއްގެ ހިޔާލުތައް އަޑުއިވި، ގިނަ ބަޔަކާ އަބަދުވެސް ބައްދަލުވެ އެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގެ ކުރީ ސަފުގައި އަންހެނުން ފެންނަ މިންވަރު ނިސްބަތުން ވަރަށް މަދެވެ. ޕާޓީތަކުގެ މުޒާހަރާތަކާއި ހަރަކާތްތަކުގައި އަންހެނުން ގިނަ ކަމުގައިވިޔަސް ޕާޓީ ތެރޭގައި ބަަސްބުނާ މޭޒުދޮށަށް އަންހެނުން އައުމަށް ހުރަސްތަކެއް އެބަހުއްޓެވެ.

"ސިޔާސީ ދާއިރާގެ މަތީ ލެވެލްގައި ތިބެން ޖެހޭ ވަރަކަށް އަންހެނުންނެއް ނެތް. މިއީ އަންހެނުން ނުކުންނަން އަދި ކުރިއަށް ދާން ރަނގަޅު ދާއިރާއެއް. އަޅުގަނޑު މީޑިއާ ދޫކޮށް ސިޔާސީ  ދާއިރާއަށް ނުކުތް ސަބަބަކީ އެއީ،" ހީނާ ވިދާޅުވި އެވެ.

ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި އާއްމުންގެ ލޯބި

ހީނާ މީޑިއާގައި ހޭދަކުރެއްވި ދުވަސްތަކުގައި ރާއްޖޭގެ ތާރީހުގެ ބޮޑެތި ބައެއް ކަންކަން ގާތުން ތަޖުރިބާކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އެވެ. ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހެއްގެ ފުރާނަ ގެއްލިގެން ދިޔަ އިރު އަދި ގާތްތިމާގެ މީހުންނަށް ވީނުވީއެއް ނޭނގިގެން އެތައް ބަޔަކު ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔަ ދަނޑިވަޅުގައި އެންމެން އެނބުރުނީ ޓީވީއާ ދިމާލަށެވެ. ޓީވީއެމުން 26 ޑިސެމްބަރު 2004ގެ ސުނާމީގެ ކަވަރޭޖު މެދުނުކެނޑި ތިން ހަފްތާ ވަންދެން ގެނެސްދިނެވެ.

"ސުނާމީއާ ގުޅިގެން ގެނެސްދިން ކަވަރޭޖަކީ ހަނދާނުން ނުފިލާ ތަޖުރިބާއެއް. އެއީ ވަރަށް އެހެން ކަހަލަ އިހްސާސްތަކެއް ކުރި، އެހެން ކަހަލަ ގޮތަކަށް މަސައްކަތް ކުރަން ޖެހުނު ދުވަސްވަރެއް. އެކާވީސް ދުވަސް ވަންދެން ނުނިދާ ހޭލާ ތިބެ ކޮންޓިނުއަސް ލައިވް ކަވަރޭޖެއް ގެންދިޔަ އިރު އެހާ ބައިވަރު ރިސޯސްތަކެއް ނެތް. މީހުން މަދު. ފެންނަމުންދާ މަންޒަރުތަކާއި މީހުން ގުޅާފައި ރޯ ރުއިމާ. ކެތްނުކުރެވޭ ވާހަކަތައް އަޑުއިވުނު،" ހީނާ ވިދާޅުވި އެވެ. 

އޭނާ ބައިވެރިވެވަޑައިގެންނެވި އެ އުނދަގޫ ލައިވް ކަވަރޭޖުގެ ސަބަބުން އާއްމުންނަށް ކަންކަން އޮޅުންފިލައި ނުތަނަވަސްކަން ކުޑަވި އެވެ. އެހީތެރިވުމުގެ ރޫހާއި ކާރިސާ އިން އަރައިގަތުމުގެ ގައުމީ ޖޯޝް ގެނެސްދިނެެވެ. ސުނާމީއާ ގުޅިގެން ދިވެހިން ދެއްކި އެއްބައިވަންތަކަމުގައި ޓީވީއެމްގެ އެ ބްރޯޑްކާސްޓްގެ ހިއްސާއެއް އޮންނާނެކަން ޔަގީނެވެ.

ހީނާ ވަލީދު (މ) އަދި އޭނާއާ އެކު އާއްމުކޮށް މަސައްކަތް ކުރި ބައެއް ޕްރެޒެންޓަރުންނާއި ޖާނަލިސްޓުން

މީޑިއާގެ ދާރިއާ އިން ހީނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބެލުންތެރިންގެ ފަރާތުން ލިބުނު ލޯތްބެވެ. 

"އެ ސަޕޯޓު ވަރަށް ބޮޑަށް ހިތްވަރަކަށް ވެގެން ދިޔަ. އެ ބެހެއްޓެވި ގާތް ކަމަކީ ވަރަށް ބޮޑު އުފަލެއް،" ހީނާ ވިދާޅުވި އެވެ. 

'މީޑިއާގައި އަންހެނުންނަށް ހުރަސްތައް ކުޑަވެއްޖެ'

ޓީވީއެމްގައި 17 އަހަރު ހޭދަކުރެއްވުނީ މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް އޮތުމުން ކަމުގައި ހީނާ (ވ) ވިދާޅުވި

ހީނާ ޓީވީއެމްގައި ދިގު މުއްދަތެއް ހޭދަކުރެއްވި އިރު ބަސްކިޔޭ މަގާމުތަކުގައި އަންހެނުން ވަރަށް މަދެވެ. އޭނާ ވިދާޅުވިގޮތުގައި އިސް މަގާމުތަކަށް ކުރިއަރައިގެންދާން ފުރުސަތު ލިބިވަޑައިގެންނެވީ ޓީވީއެމްގައި އެކަމަށް ރަނގަޅު މާހައުލެއް އޮތުމުންނެވެ.

"ބައިވަރު ފިރިހެންނުންތަކަކާ އެކު މަދު އަންހެނުންތަކެއް މަސައްކަތް ކުރި އިރު ވެސް ވަރަށް ރަނގަޅު މާހައުލެއް އޮތް. އެއީ ކަންނޭނގެ، ދާއިރާގައި ގިނަ ދުވަހު އުޅެން ޝައުގުވެރިކަން އުފެދިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވުނު ސަބަބަކީ،" ހީނާ ވިދާޅުވި އެވެ.

އަންްހެނުންނަށް ވީތީ ވަޒީފާގައި ކުރިމަތިވާ ގޮންޖެހުންތައް އޭރާ އަޅާބަލާ އިރު މިހާރު ކުޑަކަން ހީނާ ފާހަގަކުރެއްވި އެވެ. މިހާރު މީޑިއާގެ ދާއިރާގައި އަންހެނުންނަށް ވަސީލަތްތަކާއި މާހައުލު ވެސް ކުރިއަށް ވުރެ ފަހިވެ، ލުއިފަސޭހަތައް ލިބުން ވެސް ބޮޑު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. 

"ވަޒީފާގައި އޭރު، މިހާރު މި ލިބޭ ކަހަލަ، ވިހައިގެން އުޅޭ އިރު ދިގު ޗުއްޓީއަކާއި މާބަނޑުވީމަ ލިބޭ ފްލެކްސިބިލިޓީތަކެއް ނޯވޭ. އެހެންވެ ރަށުން ބޭރަށް ދާން ވެސް އޭރު އުދަނގޫ،" ހީނާ ވިދާޅުވި އެވެ.

ހީނާ ދެކެވަޑައިގަންނަވާ ގޮތުގައި މީޑިއާ ދާއިރާގައި އަންހެނުންގެ ކުރިއެރުމަށް މިހާރު ބޮޑެތި ހުރަސްތަކެއް ނެތް. 

އަންހެނަކަށް ވީތީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވި. އަންހެނަކަށް ވީތީ މީހާ ދަށްކޮށްލުމަށް އަދިވެސް މަސައްކަތް ކުރޭ.

ހީނާ ވަލީދު

ހީނާ ގަބޫލުކުރައްވާ ގޮތުގައި މީޑިއާގެ ދާއިރާގައި އަންހެނުންނަށް މަތީ މަގާމްތަކަށް ދިޔުމަށް މިހާރު ބޮޑެތި ހުރަސްތަކެއް ނެތެވެ. ހުނަރުވެރި ހަރުދަނާ ޒުވާނުންނަށް ދާއިރާގައި ކުރިއެރުމުގެ ފުރުސަތު މިހާރު ބޮޑު ކަމަށް ހީނާ ދެކެވަޑައިގަންނަވަ އެވެ.

"އެހެން ގައުމުތަކުގައި ވެސް ނިއުސްރޫމްގައި އެޑިޓަރުންނަށް ވެވެނީ ހުނަރާއި ތަޖުރިބާ އިން. މަސައްކަތް ކޮށްފިއްޔާ ހާސިލްވާނެ،" ހީނާ ވިދާޅުވި އެވެ.

އެކަމަކު އަންހެނުންގެ ހާލަތަށް ބަލާއިރު އަދިވެސް ތަފާތު އެކި ކަހަލަ މައްސަލަތަކާ ކުރިމަތިލާންޖެހެ އެވެ. އޭގެ ތެރޭގައި ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ފުރައްސާރަ ހިމެނެ އެވެ. ހީނާ ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް އެކަށީގެންވާ ވަރަކަށް މަސައްކަތެއް ނުކުރެވެ އެވެ.

"ކޮންމެ ސަރުކާރަކުން ވެސް އަބަދުވެސް ވާހަކަދައްކާ. އެކަމަކު އަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރު އައި ފަހުން ވެސް އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ ވަރަށް ގިނަ މައްސަލަ އެބަހުރި ހުށަހެޅިފައި މިއަދާ ހަމައަށް ވެސް ތަހުގީގު ނުކުރެވި، އިންސާފު ނުލިބި. އޭގެ ސަބަބުން، އަންހެނުންނަށް ފުރައްސާރަ އާއި އަނިޔާ ކުރާ ފަރާތްތައް އެކަމުން ރެކިގަނޭ. އެ ގޮތަށް ސަރުކާރުގެ އަމަލުތައް ހުރީ. އަންހެނުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާ ތަނެއް ނުފެނޭ."

ހީނާ ވިދާޅުވި ގޮތުގައި އަންހެނުން އަމިއްލައަށް ވެސް އެމީހުންގެ ހާލަތު ބަދަލު ކުރުމަށް އަޑުއުފުލަންޖެހެ އެވެ.

އަަޅުގަނޑުމެންގެ ހައްގުތައް ހޯދަން މަސައްކަތް ކޮށްގެން، އެ ހައްގުތައް ލިބޭނީ. އަޅުގަނޑުމެންގެ ހައްގުތައް ހޯދަން ހަރު އަޑުން ވަކާލާތު ކުރާ ބަޔަކަށް ވާން އެބަ ޖެހޭ.

ހީނާ ވަލީދު

މީޑިއާ ދޫކޮށް ސިޔާސީ ދާއިރާއަށް

ހީނާ: ޓީވީ ކެރިއަރު ދޫކުރައްވައި މަސައްކަތް ފެއްޓެވީ ސިޔާސީ މައިދާނުގައި

ވަކި ލެވެލްއެއްގައި އަންހެނުންނަށް ތިބެވެނީ. ހުރިހާ ޕާޓީ އަކަށް ބަލާއިރު ވެސް ގްރާސް ރޫޓޫގެ ރޫހުގެ ގޮތުގައި ބެލެނީ އަންހެނުން. ޑިސިޝަން މޭކިން ލެވެލްއަށް އަންނަން މަސައްކަތްތަކެއް ކުރަން ޖެހޭ.

ހީނާ ވަލީދު

ހީނާ ސިޔާސީ ދާއިރާއަށް ނުކުންނެވީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހުށަހެޅުމަކަށެވެ.  ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އަހަރެއްހާ ދުވަހު އަދާކުރެއްވުމަށް ފަހު، 2018ގެ ރިޔާސީ އިންތިހާބު ޕީޕީއެމަށް ނާކާމިޔާބުވުމުން، ހީނާ ވަޑައިގަތީ އެ ޕާޓީގެ ތަރުޖަމާނުގެ މަގާމަށެވެ. އޭނާއަކީ ޕީޕީއެމް އާއި އެ ޕާޓީގެ ތެރެއިން އުފެއްދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ހަދާފައިވާ އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ޗީފް ސްޕޯކްސްޕާސަން އެވެ.

ހީނާ ވިދާޅުވިގޮތުގައި ޕީޕީއެމް ހިޔާރު ކުރެއްވީ އެ ޕާޓީގެ ސިޔާސަތުތަކާއި ޕާޓީގެ ރައީސް ޔާމީންގެ މަސައްކަތްޕުޅުތައް ގައުމަށް ރަނގަޅު ކަމަށް ގަބޫލުކުރެއްވިގެންނެވެ.

"ޕީޕީއެމާ ގުޅުނީމަ ފާހަގަކުރެވުނީ ރައީސް ޔާމީން ކުރައްވަމުން ގެންދެވީ ގައުމަށްޓަކައި ތަފާތު މަސައްކަތެއްކަން. އެގޮތަށް އެހެން ބޭފުޅަކު މަސައްކަތް ކުރަމުންދާ ތަނެއް ނުފެނޭ. ރައީސް ޔާމީން މަަސައްކަތްކުރައްވާ ތަން ގާތުން ބަލައިލަން ފުރުސަތު ލިބި، އެއީ ކުރިއަށް ދާން ހިތްވަރަކަށް ވި. ރައީސް ޔާމީނަކީ ވަރަށް ވަރުގަދަ ލީޑަރެއް،" ހީނާ ވިދާޅުވި އެވެ.

ހީނާ ޕީޕީއެމްގެ ޖަލްސާއެއްގައި

ހީނާ ވަނީ 2019ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިފަ އެވެ. ދިއްގަރު ދާއިރާއަށް ކުރިމަތިލެއްވި ތަޖުރިބާއާ ގުޅޭ ގޮތުން ހީނާ ވިދާޅުވީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ކުރިމަތިލީ އެހެން ކެންޑިޑޭޓުންގެ ތެރޭގައި ވަރަށް ނުފޫޒު ގަދަ ބޭފުޅުންތަކެއް ތިއްބެވި. ތާރީހުގެ ތެރެއިން ވެސް އޮންނަ ކަހަލަ ނާޖާއިޒް ކަންތައްތަކެއް އޮތް. އަންހެނަކަށް ވީތީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވި. އަންހެނަކަށް ވީތީ މީހާ ދަށްކޮށްލުމަށް އަދިވެސް މަސައްކަތް ކުރޭ،" ހީނާގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޖަލްސާއެއްގައި އަންހެން މެމްބަރުން ބައިވެރިވަނީ. ސިޔާސީ ޕާޓީތަކުގެ ގްރާސް ރޫޓް ލެވެލްގައި އަންހެނުން ގިނަޔަސް މަތީ މަގާމުތަކަށް އައުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރޭ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

ސީޔާސީ ދާއިރާގައި އަންހެނުންނަށް ފުރުސަތު އޮތަސް، ބަސްބުނެ، ކަންކަން ނިންމާ ހިސާބަށް ދާން އުނދަގުލެވެ. އަންހެނުންނާ މެދު ތަފާތު ކުރުން ބޮޑެވެ.

"ވަކި ލެވެލްއެއްގައި އަންހެނުންނަށް ތިބެވެނީ. ހުރިހާ ޕާޓީ އަކަށް ބަލާއިރު ވެސް ގްރާސް ރޫޓޫގެ ރޫހުގެ ގޮތުގައި ބެލެނީ އަންހެނުން. ޑިސިޝަން މޭކިން ލެވެލްއަށް އަންނަން މަސައްކަތްތަކެއް ކުރަން ޖެހޭ. އެ ފުރުސަތު ލިބެން އެބަޖެހޭ. މިހާރު ހުރިހާ ފަރާތްތައް އެ ލެވެލްއަށް އަންނަން އެބަޖެހޭ،" ހީނާ ވިދާޅުވި އެވެ. 

ހީނާ: މި ވަގުތު ޕީޕީއެމްގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި ނަމަވެސް އިތުރު ސިޔާސީ ރޭސްތަކަށް ނުކުންނަވައި ކުރިހޯއްދެވުމަކީ އޭނާގެ އަމާޒު (ފޮޓޯ/ޕީއެސްއެމް)

ސިޔާސީ މައިދާނަކީ ވާދަވެރިން ސިޔާސީ ގޮތުން ކުރި ހޯދުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ދާއިރާއެކެވެ. ސިޔާސީ ޕާޓީއެއްގެ ކުރީ ސަފަށް އަރާއިރު އާއްމުންގެ ރުހުމާއި ނުރުހުން ލިބެ އެވެ. ސޯޝަލް މީޑިއާގައި ފާޑުކިޔުންތަކާއި ފުރައްސާރައާ ކުރިމަތިލާން ޖެހެ އެވެ. އެކަންކަން ތަހައްމަލްކުރެވެނީ ކެތްތެރިކަމާއި ކެރުމާއި ނަފްސާނީ ހިތްވަރު ވެސް ހުރެގެންނެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުންނަށް ހަޖޫ ޖެހުމާއި ރުޅިވެރިކަން ވެސް އޮންނާނެކަން ހީނާ ގަބޫލުކުރައްވަ އެވެ. ހީނާ ވިދާޅުވިގޮތުގައި އޭނާ ވެސް އެކަން ތަޖުރިބާ ކުރަންޖެހޭ އިރު ބައެއް ދުވަސް ދުވަހަކީ ސިކުނޑިއަށް ބުރަ ދުވަސްތަކެކެވެ. އެކަމަކު، މި ދާއިރާއަށް ހުންނަ ޝައުގުވެރިކަން ބޮޑުކަމުން، އެއީ އެހާ ބޮޑު ކަމެއްގެ ގޮތަކު ނުނަންގަވަ އެވެ.

"އޮންލައިން ބުލީން އާއި ކޮމެންޓްތަކަކީ ކުރިމަތިވާނެ ކަމެއްކަން ދަނެގެން މަސައްކަތް ކުރަނީ. ކޮންމެ ކޮމެންޓަކަށް ރައްދެއް ނުދެން. އެހެން ނޫނީ އޭގެ ތެރެއަށް ވަދެގެން ސިކުނޑިއަށް އުނދަގޫވެ، ނިދަން އުނދަގޫވާނެ،" ހީނާ ވިދާޅުވި އެވެ.

ހީނާ: ކަސްރަތުކުރުމާއި އާއިލާއަށް ވަގުތު ހުސްކުރުމުގެ ތެރެއިން، ދިރިއުޅުމާއި ވަޒީފާ ބެެލެންސް ކުރުމަށް މަސައްކަތް ކުރައްވާ.

އަންހެނުންގެ ދުވަހު ޒުވާން އަންހެނުންނަށް ހީނާގެ މެސެޖަކީ ކަންކަމާ މެދު އަޑުއުފުލައި ބަހުސްތަކުގައި ބައިވެރިވެ، އަންހެނުންނަށް ހުރި ހުރަސްތަކަށް ހައްލު ހޯދުމަށް އަމިއްލައަށް އިސްނަގައިގެން ޒުވާނުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމެވެ.

 ހީނާ ވަލީދު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"އަންހެނުންނާ ގުޅޭ ކަންކަން ހައްލު ނުވަންޏާ އެއީ އަންހެނުންނަށް ގެއްލޭ ހައްގެއް. އަަޅުގަނޑުމެންގެ ހައްގުތައް ހޯދަން މަސައްކަތް ކޮށްގެން، އެ ހައްގުތައް ލިބޭނީ. އަޅުގަނޑުމެންގެ ހައްގުތައް ހޯދަން ހަރު އަޑުން ވަކާލާތު ކުރާ ބަޔަކަށް ވާން އެބަ ޖެހޭ،" ހީނާ ވިދާޅުވި އެވެ.

ހީނާގެ އަޒުމަކީ ގޮންޖެހުންތަކާ އެކު ވެސް، ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގެން ދާއިރާގެ އެންމެ އުސް ހަރުފަތްތަކަށް އެރުއްވުމެވެ.

ކޮމެންޓް (1)

އިންތި

8 މާރިޗު 2022
ތިއީ ތިތާ އޮންގޮތް ދޯ؟ އެހެންވީމައޭ ކުރިންވެސް ބުނީ މިކޮޅަށް އަންނާށޭ....އަދިވެސް ލަހެއް ނުވޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް