ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ދޯހަޅިވާނީ މިވަރަށެވެ.

ސުވާލަކީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރާ ފަރާތްތަކާ ދޭތެރޭ އަޅާ ފިޔަވަޅަކީ ކޮބައިތޯ އެވެ؟ އެފަދަ މީސްމީހުން އެ ކަންކަމަށް ދައްކަން ޖެހޭ އަގެއް ނޯވޭތޯ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެ މަނިކުފާނަށް އިންޓަލިޖެންސް މައުލޫމާތު ނުލިބޭތާ ތިން މަސްދުވަސް ވި ކަމަށް އާންމު ބައްދަލުވުމެއްގައި ވިދާޅުވުމުން ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އޭރު ޔާމީން އޮތީ "ހިތުހުރި ގޮތަކަށް" ގައުމުގެ ކަންކަން ހިންގަވަން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާ ހަވާލުކުރައްވައިފަ އެވެ. އަދި އަދީބު ގެންދެވީ ރައީސް ދެއްވި އިތުބާރުގެ ބޭނުން އެންމެ ފުޅާކޮށް ބޭނުންކުރައްވައި ރައީސް "އަނދިރީގައި" ބަހައްޓަވައިގެން ގައުމުގެ ގިނަ ކަންކަން ހިންގަވަމުންނެވެ. ޔާމީން އެ ވަރުގެ އިތުބާރެއް އަދީބަށް ކުރެއްވުމަކީ ޔާމީންގެ މައްސަލައެކެވެ. އެހެނީ ރައްޔިތުން އިންތިހާބު ކުރީ ޔާމީނެވެ. އަދީބެއް ނޫނެވެ. 

ހަމަ އެހެން، މިދިޔަ އާދިއްތަ ދުވަހު ރައީސް އިބްރާހީމް މުހަންމަދު ސޯލިހު ނޫސްވެރިންތަކެއް ކައިރީގައި، ހެއްކާ ބެހޭ ބިލް ތަސްދީގު ނުކުރުމަށް ގޮވާލައި 158 ނޫސްވެރިއަކު އެ މަނިކުފާނަށް ފޮނުވި ޕެޓިޝަން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން ވެސް އަޅުގަނޑަށް ލިބުނީ ހައިރާން ކަމެކެވެ. އެކަހެރިވެ ތިބެ ނޫސްވެރިންނަށް މައުލޫމާތު ދޭ ފަރާތްތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ފާސްކުރި ގާނޫނު ތަސްދީގު ނުކުރެއްވުމަށް ގޮވާލައި ނޫސްވެރިން ފޮނުވި ޕެޓިޝަން ރައީސްގެ ސަމާލުކަމަށް ނައުމަކީ އެއީ ރައީސް އޮފީހުގެ އިދާރީ މައްސަލައަކަށް ވެދާނެ އެވެ. ނަމަވެސް ރައީސްގެ ސަމާލުކަމަށް ގެންނަން ޖެހޭ މައްސަލަތަކާއި އެ ނޫން ކަންކަން ރައީސް އޮފީހުގެ އިދާރީ ބޭފުޅުންނަށް ނޭނގޭ ކަމަށް ވަންޏާ އެއީ މައްސަލައެކެވެ. 

ނޫސްވެރިންގެ ޕެޓިޝަންގެ މައްސަލައަކީ ގައުމުގައި އެންމެ ބޮޑު މައްސަލައަށް ވާން ޖެހޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް އެފަދަ މައްސަލަތައް ރައީސްގެ ސަމާލުކަމަށް ނާންނަ ގޮތަށް އިދާރީ އޮނިގަނޑު ރޭވިފައި އޮންނަ ނަމަ، އެއީ މައްސަލައެއް ނޫންތޯ އެވެ. އެފަދަ މައްސަލަތައް އެހެންދާ ނަމަ، އިތުރަށް ދާނީ ނޫނީ ގޮސްފައި ހުންނަނީ ކިތައް މައްސަލަތޯ ސުވާލު އުފެދޭ ނޫންތޯ އެވެ؟ އަދި އެ ކަންކަމުން އޮފީސް ހިންގުމުގެ ދޯހަޅިކަން އެނގޭ ނޫންތޯ އެވެ؟

ހެއްކާ ބެހޭ ގާނޫނާ ގުޅޭ ގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް އެމްޖޭއޭގެ ފަރާތުން ރައީސް ސޯލިހަށް ހިއްސާކުރަން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަޅުގަނޑަށް ކަންބޮޑުވީ، ޓޫރިޒަމް ގާނޫނަށް މި ފަހުން ގެނައި އިސްލާހާ އެކު ގްރީން ޓެކްސް ނުނެގޭ ގޮތް ވުމުންނެވެ. ފުރަތަމަ ފޭލުވުމަކީ ބިލު ތައްޔާރުކުރި ބަންޑާރަ ނައިބާއި އެ އޮފީހެވެ. ދެން އެ ބިލު ދިރާސާކޮށް ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ މަރުހަލާ އެވެ. އެ މަރުހަލާގައި، ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހެޅުއްވި މެންބަރުގެ އިތުރަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މަހަކު ލައެއްކައެއްހާ ރުފިޔާ ނަންގަވައިގެން ތިއްބެވި 87 މެންބަރުން ވެސް ޒިންމާވާން ޖެހޭނެ އެވެ.

ގާނޫނަށް އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުންނެވެ. ނަމަވެސް މަޖިލީހުން ގާނޫނު ފާސްކޮށް ރައީސްއަށް ތަސްދީގު ކުރަން ފޮނުވި އިރު، އަދި ރައީސް ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން ބަންޑާރަ ނައިބާއި ރައީސް އޮފީހުގެ ލީގަލް ސެކްޝަނުގެ ޒިންމާ ވެސް އޮންނާނެ އެވެ. ރަނގަޅު ވާހަކައެކެވެ. ކޮންމެ ބިލެއް ތަސްދީގު ކުރައްވާ އިރު، ރައީސަށް އެ ބިލެއް އަކުރުން އަކުރަށް ނުބެއްލެވިދާނެ އެވެ. އަދި ބެއްލެވިއަސް، އެފަދަ ކަންކަން ނޯޓިސް ނުކުރެއްވިދާނެ އެވެ. އެކަމަކު އެ ކަންކަމުގެ ތަޖުރިބާކާރުންގެ ބޯމަތިން އެ ފަދަ މައްސަލަތައް ދާ ނަމަ، އެއީ ސީރިއަސް މައްސަލައެއް ނޫންތޯ އެވެ. ހަމަ އެއާ އެކު، އެ ގާނޫނަކީ ދައުލަތަށް އާމްދަނީ ނެގުމަށް ހެދި ގާނޫނަކަށް ވާތީ، އެ ގާނޫނުގެ ބާވަތުން ފިނޭންސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޒިންމާ ވެސް އޮންނަން ޖެހޭނެ އެވެ. ހާއްސަކޮށް އެ ދެ މިނިސްޓްރީގެ ދެ މިނިސްޓަރުންގެ ޒިންމާ އެކަމުގައި ބޮޑުވާން ޖެހޭނެ ކަމަށް ދެކެމެވެ.

ހަމަ ޔަގީނުން ވެސް ގާނޫނު ގޯސްވުމުން ގްރީން ޓެކްސް އިން ދައުލަތަށް ލިބެން އޮތް 300 ވަރަކަށް މިލިއަން ރުފިޔާ ނުލިބިދާނެ ކަމަށް މީރާއިން އެ ވަނީ ބުނެފަ އެވެ. އެހެންކަމާ އެކު އެ މައްސަލައިގައި ޒިންމާވާ ފަރާތަކީ ކޮބައިތޯ ބަލައި ފިޔަވަޅު އަޅަން ޖެހެ އެވެ. ދައުލަތަށް ލިބޭ އާމްދަނީން 300 މިލިއަން ރުފިޔާ ގެއްލޭ އިރު، ކޮވިޑާ އަދި ޔޫކުރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުން ރާއްޖެއަށް ލިބިދާނެ ގެއްލުން ފޫބެއްދުމަށް ޓީޖީއެސްޓީ %12 އިން %16އަށް ބޮޑު ކުރުމަށް އެ ވަނީ ނިންމައިފަ އެވެ. އަދި އެންމެ އާދައިގެ މީހާ ގަންނަ ނޫނީ ހޯދާ ކޮންމެ ހިދުމަތަކުން މިހާރު ޖީއެސްޓީގެ ގޮތުގައި ނަގާ %6ގެ ބަދަލުގައި އެ ޓެކްސް %8އަށް ބޮޑު ކުރުމަށް ވެސް އެ ވަނީ ނިންމައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފަ އެވެ.

އެފަދަ އެހެން ދެ ހާދިސާއެކެވެ. ފިނޭންސް މިނިސްޓްރީގެ ޒިންމާދާރު ވެރިޔާ އަބްދުﷲ އަލީ، ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިއްކާ 'ވިނަރެސް' ފްލެޓަށް ކަމަށް ބުނެ، ގުޅި ފަރާތަކަށް ފިނޭންސް މިނިސްޓްރީގެ ކްރެޑިޓް ކާޑުން ވަނީ ލައްކައެއްހާ ރުފިޔާގެ ފައިސާ ދައްކައިފަ އެވެ. އެ ފައިސާ ދެއްކީ އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރި ބަޔަކަށް ކަމެއް ނުވަތަ އެޗްޑީސީއަށްކަން ވަނީ ސާފުނުވެ އެވެ. ނަމަވެސް އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ކްރެޑިޓް ކާޑު އަމިއްލަ ބޭނުމަކަށް ބޭނުންކޮށްފަ އެވެ. އެއީ އެނގޭ ކަމެކެވެ. އެއީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހީމް ނައީމުގެ މަގާމު ވެސް ގެއްލުނީ އޮޑިޓް އޮފީހުގެ ކްރެޑިޓް ކާޑު އަމިއްލަ ބޭނުމަކު ބޭނުން ކުރެއްވުމުންނެވެ. 

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ގްރީން ޓެކްސް ނުނެގޭ ގޮތް ވަނީ ވެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެފަދަ އަނެއް ހާދިސާއަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ތުރުކީއަށް ކުރެއްވި ދަތުރެއްގައި ދެތިން ދުވަހެއްގެ ފަރިއްކުޅުވުމަށް 84،000ރ. ހަރަދު ކުރެއްވި ވާހަކަ އެވެ. ސުވާލަކީ މިނިސްޓަރު ބޭނުންވާ މިންވަރަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެއްވޭތޯ އެވެ. އެ ކަންކަމަށް އޮންނަ ވަކި ހުދޫދެއް ނޯވޭތޯ އެވެ؟  

މި ހުރިހާ ކަންކަމަކީ ވެސް ސަރުކާރުގެ އިދާރީ ކަންކަމުގެ ތެރެއިން ހިނގާފައިވާ ކަންކަމެވެ. ސުވާލަކީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރާ ފަރާތްތަކާ ދޭތެރޭ އަޅާ ފިޔަވަޅަކީ ކޮބައިތޯ އެވެ؟ އެފަދަ މީސްމީހުން އެ ކަންކަމަށް ދައްކަން ޖެހޭ އަގެއް ނޯވޭތޯ އެވެ. އޮޅިވަޑައިނުގަންނަވާށެވެ. ރައްޔިތުން ބަޔަކާ ސަރުކާރު ހިންގަން ވަކި މުއްދަތަކަށް ހަވާލުކުރަނީ އެ މީހުންގެ ކަންކަން މެނޭޖު ކުރުމަށެވެ. އެ ކަމަށް ރައްޔިތުން ދައްކާ އަގެއް ވެސް އޮވެ އެވެ. އެއީ އެ ފަރާތްތަކަށް ދޭ އުޖޫރަ އެވެ. އެހެންކަމާ އެކު މަސްއޫލިއްޔަތުތަކާ ހަވާލުވެފައިވާ ފަރާތްތަކުން އެ ޒިންމާ ނަންގަވަން ޖެހެ އެވެ. އެ ފަރާތްތަކުން އެ ޒިންމާ އަދާނުކުރާ ނަމަ، އެ ފަރާތްތައް ޒިންމާ ކުރުމުވުމުގެ ކަންކަން ރައީސް ކުރައްވަން ޖެހެ އެވެ. ނޫނީ މަސްއޫލިއްޔަތު އެހެން ބަޔަކާ ހަވާލު ކުރަން ޖެހެ އެވެ. 

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުން ގްރީން ޓެކްސްއިން ދައުލަށް ގެއްލޭ އާމްދަނީއާ މެދު ޒިންމާވާނެ ފަރާތެއް ހުންނަން ޖެހޭނެ އެވެ. މަސްއޫލިއްޔަތު އަދާ ކުރުމަކީ އެއީ އެވެ. ކޮންމެ ކަމެއް ކޮންމެ ބޭފުޅަކު ކުރެއްވުމަށް ފަހު އެހެން ވިއްޔޭ ބުނެ ދޫކޮށެއް ނުލެވޭނެ އެވެ. ފިޔަވަޅު އެޅުމަކީ ވެސް ދެ ފުށް ފެންނަ ގޮތަށް އަޅާ ފިޔަވަޅެވެ. ސިއްރިޔާތުގައި އަޅާ ފިޔަވަޅެއް ނޫނެވެ. ރައީސް އެ ޒިންމާ އަދާކުރައްވަން ޖެހެ އެވެ.

ކޮމެންޓް

Placeholder

ކޮލަމް ފަސްމަންޒަރު

ކޮލަމް ފަސްމަންޒަރު