Majlis 2024

ހާލުގައި ޖެހުނު ފޯކައިދޫ ބޯޓުގެ ދަތުރުވެރިންނަށް، ނައިފަރު އަތިރިމަތީގައި ކެއުން ތައްޔާރުކޮށްފައި (ފޮޓޯ/ފަރުހާދު މުހައްމަދު)

އަތޮޅުތައް

ހާލުގައި ޖެހުނު ފޯކައިދޫ މީހުންނަށް ނައިފަރުން ދެއްކި ރީތި މިސާލު

ރޭ އިރާކޮޅު ފަރަށް އެރި ބޯޓުގެ ދަތުރުވެރިން، ދަންވަރު ތިނެއް ޖަހަންދެން ތިބީ ނައިފަރު ރައްޔިތުންގެ މެހެމާންދާރީގައި

ރޭ ފަރަށް އެރި ށ. ފޯކައިދޫ ބޯޓުން ދަތުރު ކުރި ގިނަ ބަޔަކަށް އެހީވެ، ޅ. ނައިފަރު ރައްޔިތުން ނަމޫނާ ދައްކައިފި އެވެ.

ވީ ކިހިނެއް؟ - އީދު ޗުއްޓީ ނިންމާލާފައި، ފޯކައިދޫ 'ފުރާގު' ބޯޓުން 150 އެއްހާ މީހުން މާލެ އައުމަށް އިއްޔެ ދަތުރުކުރި އެވެ. އެކަމަކު ޅ. ފެލިވަރު ފަރަށް ބޯޓު އަރައިގެން ދަތުރު މެދުކަނޑާލަން ޖެހުނެވެ. ސިފައިންގެ އެހީތެރިކަމާއެކު، ބޯޓުގެ ފަސިންޖަރުން ދެން ބޭލީ ނައިފަރަށެވެ.

ތަފްސީލު - ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް، ލޯންޗާއި ކުދި ދޯނި ފަހަރުތަކުގައި ފޯކައިދޫ ބޯޓުގެ ފަސިންޖަރުން، ނައިފަރަށް ފައިބަމުން ދިޔަ އިރު، އެ މީހުންގެ ހިދުމަތުގައި ނައިފަރުގެ ގިނަ ބަޔަކު އަތިރިމައްޗަށް ނުކުމެ ތިއްބެވެ.

ހާލުގައި ޖެހުނު މީހުން އިށީނުމަށް، އަތިރިމަތީގައި ގޮނޑި ޖަހާފައި ހުރި އިރު، ކެއުން ހުރީ ތައްޔާރުކޮށްފަ އެވެ. 

ހާލުގައި ޖެހުނު ފޯކައިދޫ ބޯޓުގެ ދަތުރުވެރިން ނައިފަރަށް ފައިބާއިރު، ރަށުގެ ގިނަ ބަޔަކު އަތިރިމައްޗަށް ނުކުމެ މަޑުކޮށްލައިގެން (ފޮޓޯ/ފަރުހާދު މުހައްމަދު)

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި، ބޯޓު ފަރަށް އަރައި، ހާލުގައި ޖެހުނު މީހުން އެ ރަށަށް ފައިބަން ބޭނުން ކަމަށް އެމްއެންޑީއެފުން ގުޅައި އެންގުމުން، އެކަން އަޑުގަދަކުރާއަކުން ގޮވައި ރަށުގެ ރައްޔިތުންނަށް އެންގި އެވެ. އެއާއެކު ރައްޔިތުންގެ ފަރާތުން ފެނުނީ، ނަމޫނާ އެހީތެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުގެ މުއައްސަސާތަކާއި ފިހާރަތަކުން ވެސް ތަކެތި ހިފައިގެން އަތިރިމައްޗަށް ނުކުތް. އާއްމުން ވެސް ހަމަ ކާއެއްޗެހި ހިފައިގެން، އެހީވާން އަތިރިމައްޗަށް ދިޔަ،" ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު މީހުންނަށް ރަށު ކައުންސިލުން އެކަމޮޑޭޝަން ހަމަޖައްސައިދިނެވެ. އެކަމަކު ނައިފަރުގެ އާއްމުން ބޭނުންވީ، ފޯކައިދޫ މީހުން، އެހެން މީހުންނާ އެކަހެރިނުކޮށް އާއްމުންނާއެކު ތިބޭށެވެ. އެހެންވެ، އެކި މީހުން ގޭގެއަށް ބަހާލައި، ނިދޭނެ ގޮތް ހަމަޖައްސައިދިނެވެ. 

'ފުރާގު' ބޯޓުގެ ބައެއް ދަތުރުވެރިން، ނައިފަރު އަތިރިމަތީގައި، ގޮނޑިތަކުގައި މަޑުކޮށްލައިގެން (ފޮޓޯ/ފަރުހާދު މުހައްމަދު)

ފަރަށް އެރި ބޯޓު ފުންކުރުމުގައި ވެސް ފުލުހުންނާއި ސިފައިންނާ އެކުގައި ނައިފަރުގެ ފިރިހެނުން ބައިވެރިވި އެވެ. އެންމެން ގުޅިގެން ކުރި މަސައްކަތުން، ރޭ ދަންވަރު 1:30 ހާއިރު ބޯޓު ވަނީ ފުންކޮށްފަ އެވެ. އަދި މެންދަމު 3 ޖެހިއިރު ބޯޓަށް އަލުން މީހުން އަރައި، މާލެ އައުމަށް ފުރި އެވެ.

ނައިފަރުގެ މީހުން ބެހެއްޓި މެހެމާންދާރީއަށް، ފޯކައިދޫގެ މީހުން ވަރަށް ޝުކުރުވެރިވި ކަމަށް ރަޝީދު ވިދާޅުވި އެވެ.

"ވަރަށް އުފަލުން ތިބެ އެ މީހުން ފުރީ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް