ޕެލޭ، ވޯލްޑް ކަޕްގެ ތައްޓާ އެކު: އޭނާއަކީ ތިން ފަހަރު އެ ތަށި އުފުލައިލި ހަމައެކަނި ކުޅުންތެރިޔާ

ޕެލޭ

ޕެލޭގެ ހަޔާތުން ބައެއް ސަފުހާތައް

1 ޖެނުއަރީ 2023
އުމުރުން 82 އަހަރުގައި މަރުވި ޕެލޭއަކީ ދުނިޔެ ދުށް އެންމެ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތު

އޭނާ ކާމިޔާބުކުރި ފުރަތަމަ ވޯލްޑް ކަޕްގެ ފައިނަލް މެޗުން މޮޅުވެގެން ބްރެޒިލްގެ ކީޕަރުގެ ކޮނޑުގައި ބޯ އަޅައިގެން ރުއި ވަގުތު ކަމަށް ވިޔަސް، ފުޓްބޯޅަ ކެރިއަރުގެ ފަހު މެޗުގައި ނިއު ޔޯކް ކޮސްމޮސްގެ ދަނޑުގައި، ދުނިޔެއަށް ބޭނުންވަނީ ކުޑަކުދިންނަށްޓަކައި 'ލޯބި، ލޯބި، ލޯބި' ކަމަށް ބުނެލި ވާހަކަކޮޅު ކަމަށް ވިޔަސް އަދި 'ގައުމީ ހަޒާނާއެއް' ކަމަށް ބަލައި، ބްރެޒިލުން ބޭރަށް އޭނާ ވިއްކާނުލެވޭ ގޮތަށް ސަންޓޯސްއަށް، އެ ގައުމުގެ އަސްކަރީ ސަރުކާރުން ހުރަސްއެޅި ހުރަސް ކަމަށް ވިޔަސް، ޕެލޭއަކީ ދުނިޔެ ދުށް އެންމެ އާދަޔާ ހިލާފު، އެންމެ މަޝްހޫރު އެއް ޝަހުސިއްޔަތެވެ.

އަހަރުގެ ފަހު ދެ ވަނަ ދުވަސް، 30 ޑިސެމްބަރު 2022ގައި، އުމުރުން 82 އަހަރުގައި، މަރުވި ކުޅުންތެރިޔާގެ ވަނަން، ޕެލޭ، ނީވޭ މީހަކު ދުނިޔޭގައި މަދުވާނެ އެވެ. ފުޓްބޯޅަ ދެކެ ލޯބިނުވާ މީހަކަށް ވެސް އެ ނަން އޮންނާނީ އިވިފަ އެވެ. އޭނާއަކީ ކާކުކަން އޮންނާނި އެނގިފަ އެވެ.

ޕެލޭ (މެދުގައި) އޭނާގެ ބައްޕަ ޑޮޑީނޯ އާއި އާއިލާއާ އެކު 1958 ވަނަ އަހަރު ކެއުމެއްގައި. ކާން އަޅައިދެމުން އެ ގެންދަނީ މަންމަ ޑޯނާ ސެލެސްޓޭ

ފަގީރު އާއިލާއަކަށް ނިސްބަތްވާ ޕެލޭ ދުނިޔޭގެ ފުޓްބޯޅައިގެ ތަރިއަކަށް ވީ އެންމެ 17 އަހަރުގަ އެވެ. ބްރެޒިލްގެ ފުރަތަމަ ވޯލްޑް ކަޕް 1958ގައި ކާމިޔާބުކުރި ފައިނަލް މެޗުގައި ދެ ލަނޑު ޖެހި އެވެ. އެހާ ކުޑަ ކުއްޖަކަށް ވާތީ، އޭނާގެ އިހުސާސްތައް، ސީނިއަ ކުޅުންތެރިންނަށް ވުރެ ބޮޑެވެ. ސްވިޑްން 5-2 އިން ބަލިކުރި މެޗަށް ފަހު ވޯލްޑް ކަޕް އުފުލާލުމަކީ އެ އުމުރުގައި ދުނިޔޭގެ ތާރީހުން ފެނުނު ބޮޑެތި ކާމިޔާބީތަކެވެ.

އޭގެ ފަހުން 1962ގެ ވޯލްޑް ކަޕާއި 1970ގެ ވޯލްޑް ކަޕް ބްރެޒިލުން ހޯދި އިރު ވެސް ޕެލޭއަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. 

ޕެލޭ އޭނާގެ ފުރަތަމަ ކްލަބް ބްރެޒިލްގެ ސެންޓޯސްއަށް ގޯލެއް ޖަހައި، ދާގަނޑުގައި އެލިގަންނަނީ. ޕެލޭގެ ކުޅުން ފެށުނީ މިހާ ހިސާބުން
އުމުރުން އެންމެ 17 އަހަރުގައި، 1985ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު ޕެލޭ، ބްރެޒިލްގެ ކީޕަރު ގިލްމާގެ ކޮނޑުގައި ބޯ އަޅައިގެން ރޮނީ

ޕެލޭ މުޅި ދުނިޔެ ފަތަހަކުރި އެވެ. ނައިޖީރިޔާގެ އެތެރޭގެ ހަނގުރާމަ، އޭނާގެ ދަތުރަށް، މެދުކަނޑާލި އެވެ. ސަންޓޯސް އިން ބޭރު ގައުމުތަކަށް ކުރި ދަތުރުތަކުގައި ޓިކެޓް ވިކި ހުސްވީ ހަމައެކަނި ޔޫރަޕްގައެއް ނޫނެވެ. ޕެލޭގެ ކުޅުން ދެކިލަން ބޭނުންވި އޭޝިއާގެ މީހުން ވެސް، އޭޝިއާގެ ގައުމުތަކުގައި ސަންޓޯސް ކުޅުނު މެޗުތަކަށް ދަނޑު ފުރާލި އެވެ.

ބްރެޒިލުން ބޭރަށް ޕެލޭ ވިއްކާލަން އަސްކަރީ ސަރުކާރުން 1960 ގައި ސަންޓޯސްއަށް ހުރަސްއެޅީ އޭނާއަކީ ގައުމީ ހަޒާނާއެއް ކަމަށް ކަނޑައަޅައިފަ އެވެ. އެކަމަކު އޭގެ 10 އަހަރު ފަހުން އެމެރިކާގެ ނިއު ޔޯކް ކޮސްމޯއަށް އޭނާ ބަދަލުވެ، އެމެރިކާގައި ފުޓްބޯޅައިގެ ފޯރި ހިއްޕާލި އެވެ.

ޕްރެފޮޝެނަލް ކެރިއާގެ އެންމެ ފަހު މެޗު އެމެރިކާގެ ނިއު ޔޯކް ކޮސްމޮސްއަށް ކުޅުމަށް ފަހު 1977 ގައި، ޓީމުގެ ކުޅުންތެރިންގެ ކޮނޑު މަތީގައި ޕެލޭ ވަދާއީ ސަލާންކުރަނީ

ޕެލޭ ކުޅުން ހުއްޓާލީ 1977 ގައި އެމެރިކާގަ އެވެ. އޭގެ ހަތަރު އަހަރު ފަހުން މަޝްހޫރު ފިލްމީ ތަރި ސިލްވެސްޓަ ސްޓެލޯންއާ އެކު 'އެސްކޭޕް ޓު ވިކްޓަރީ' ފިލްމުގައި ޕެލޭ ހިމެނުނެވެ. މިއީ ފުޓްބޯޅައަށް ހާއްސަކޮށްގެން އުފެއްދި އެންމެ މަޝްހޫރު ފިލްމު ވެސް މެ އެވެ. ޕެލޭގެ އިތުރުން އިނގިރޭސި ވިލާތުގެ މަޝްހޫރު ބައެއް ކުޅުންތެރިން ވެސް ފިލްމުގައި ކުޅުންތެރިންގެ ގޮތުން ބައިވެރިވި އެވެ.

ހޮލީވުޑް ފިލްމު 'އެސްކޭޕް ޓު ވިކްޓަރީ'ގައި ޕެލޭ، ފިލްމީ ތަރި ސްޓެލޯންއާ އެކު

ޕެލޭ ސިފަކުރި ގޮތުގައި ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއީ ޚާއްސަ އާޓެކެވެ. ފަންނީ މަސައްކަތެކެވެ. މަތީ އަދި އެހާމެ ހިތްގައިމު ހުނަރެކެވެ. ފުޓްބޯޅައިން ދުނިޔެ އެކުވެރިކޮށްދެ އެވެ. އިންސާނުންގެ މެދުގައި އޮންނަ ތަފާތު ނައްތާލަ އެވެ. ދުޝްމަނުން ވެސް ދަނޑު މަތީގައި އެއްކޮށް ވާދަކޮށް، ހިތްހަމަޖެހުން ހޯދި އެވެ.

ޕެލޭގެ މުޅި އުމުރު އޭނާ ހޭދަކުރީ ލޯބި ދެއްކުމުގަ އެވެ. ލޯބި ދިނުމުގަ އެވެ. ދުނިޔެއަށް އޭނާ ފެނުނީ އެގޮތަށެވެ.

އެމެރިކާގެ ރައީސް ބިލް ކްލިންޓަން 1997 ގައި ބްރެޒިލްއަށް ކުރެއްވި ރަސްމީ ދަތުރުގައި ޕެލޭއާ އެކު ބޯޅައިގެ ހަރަކާތެއް ދައްކާލައްވަނީ
ޕެލޭ އާއި ޑިއެގޯ މެރަޑޯނާ 2016 ގައި: މެރަޑޯނާ މަރުވީ 2020 ގައި. މިއީ އާދަޔާ ހިލާފު މޮޅު ދެ ކުޅުންތެރިން

ކުޅިވަރުގެ ދުނިޔޭގައި ޕެލޭ ވަރުގެ ޝަހުސިއްޔަތެއް ނުއުފެދެ އެވެ. އޭނާގެ ނުފޫޒު ގަދަ ހަޔާތުގައި ފެނުނު މަންޒަރުތަކަށް ބަލާއިރު އެފަދަ ދެވަނަ ޝަހުސިޔެއް އުފެދިދާނެތޯ ވެސް ސުވާލުކުރެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް