Majlis 2024

ބްރެޒިލްގެ ކުރީގެ ޕަބްލިކް ސެކިއުރިޓީގެ ވެރިޔާ އެންޑަސަން ޓޮރޭޒް. (ފޮޓޯ/ރޮއިޓާސް)

ބްރެޒިލް

ބްރެޒިލްގެ ސަލާމަތީ ކަންކަމާ ބެހޭ ކުރީގެ ވެރިޔާ ގައުމަށް ވަޑައިގަތުމުން ހައްޔަރުކޮށްފި

ބްރެޒިލްގެ ކުރީގެ ޕަބްލިކް ސެކިއުރިޓީގެ ވެރިޔާ އެންޑަސަން ޓޮރޭޒް އެނބުރި ގައުމަށް ވަޑައިގަތުމުން ފެޑެރަލް ފުލުހުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 8 ވަނަ ދުވަހު ބްރެޒިލްގެ ކޮންގްރެސް އާއި ރިޔާސީ ގަނޑުވަރާއި ސުޕްރީމް ކޯޓަށް އެތައް ހާސް ބަޔަކު ވަދެގަނެ، ހަމަނުޖެހުންތަކެއް ހިންގި އިރު، ވެރި ރަށުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސްވެރިއަކަށް ހުންނެވީ ޓޮރޭޒް އެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ސަރުކާރުގެ އިމާރާތްތަކަށް ދިން ހަމަލާތަކުގެ ފަހަތުގައި ހަމަނުޖެހުން ހިންގާ މީހުންނާ ޓޮރޭޒް ގުޅިފައިވާ ކަމަށް ބުނެ އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ.

ނަމަވެސް، އެ ހަމަނުޖެހުންތަކުގައި އެއްވެސް ދައުރެއް އޮތް ކަމަށް ޓޮރޭޒް ވަނީ އިންކާރު ކުރައްވައިފަ އެވެ.

ވެރި ރަށުގެ ސެކިއުރިޓީ ޗީފްގެ މަގާމުގެ ޒިންމާ ފުރިހަމައަށް އަދާނުކުރެއްވި ކަމުގެ ތުހުމަތު ވެސް ޓޮރޭޒްގެ ބޮލުގައި ސުޕްރީމް ކޯޓުން އަޅުވަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރޭސް ވިދާޅުވި ގޮތުގައި، ޓޮރޭޒް މައިދާނުން ގެއްލުމުން ސާބިތުވީ ޖިނާއީ ކުށްކުރާ ފަރާތްތަކަށް ދޮރު ހުޅުވި، ރައްޔިތުންގެ އިމާރާތްތަކަށް އަރައިގަތުމުގެ މަގު ފަހިކޮށްދިން ކަމެވެ.

ބްރެޒިލްގެ ފެޑެރަލް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓޮރޭޒް މިއަދު އެއާޕޯޓަށް ފޭބުމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވަނީ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެގަނެ، ދިން ހަމަލާގައި ޓޮރޭޒް އެހީތެރިވެދެއްވި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ލޫލާ ވިދާޅުވީ ހަމަނުޖެހުން ހިންގާ މީހުންނަށް ސަރުކާރުގެ އިމާރާތްތަކަށް ވަނުމުގެ ފުރުސަތު ދިނުމުގައި ރިޔާސީ ގަނޑުވަރުގެ ތެރޭގައި ތިބި މީހުން ބައިވެރިވާ ކަމަށާއި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް މުވައްޒަފުން ސްކްރީން ކުރާނެ ކަމަށެވެ.

ބޮލްސޮނާރޯގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ޓޮރޭޒް ވިދާޅުވަނީ އޭނާގެ ނަފުސު ސާފުތާހިރު ކަމަށެވެ.

ހުކުރު ދުވަހު ލޫލާގެ ޖަސްޓިސް މިނިސްޓަރު ފްލެވިއޯ ޑިނޯ ވިދާޅުވީ ޓޮރޭޒް އެނބުރި ގައުމަށް ވަޑައިގަތުމަށް ހޯމަ ދުވަހާ ހަމައަށް ކަމާބެހޭ ފަރާތްތަކުން ފުރުސަތު ދޭނެ ކަމަށެވެ. ނޫނީ ގައުމަށް ނާދެވޭ ގޮތަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ޓޮރޭޒްގެ ގެއަށް ފުލުހުން ގޮސް ބެލި ބެލުމުން އޮކްޓޯބަރު މަހުގެ އިންތިހާބުގެ ނަތީޖާ އަނބުރާލަން މަސައްކަތް ކުރި ކަމުގެ ލިޔުން ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް