އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: އެމްއެމްއޭގެ ކަންކަމަށް ބަސް ބުނެ ނުހަދާނެ ކަމަށް ވިދާޅުވި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްއެމްއޭ

އެމްއެމްއޭ: ކޮންމެ ކޮންމެ ވާހަކައަކަށް ރައްދުދޭ ގޮތަކަށް ނޫން

އެމްއެމްއޭއިން ބާޒާރަށް އިންޓަވީން ކުރާ ގޮތް ތަފާތުވާނެ ކަމަށް ގަވަރުނަރު ވިދާޅުވި

މިދިޔަ ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ހާޒިރުކުރި ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކަންބޮޑުވުން ފާޅުކުރެއްވީ ރާއްޖޭގެ އިގްތިސާދާ މެދު ދައްކަމުން އަންނަ ވާހަކަތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެއްވެސް ވާހަކައެއް ނުދައްކާ މަޑުން ތިބީމަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ ދަރަނި ބޮޑުވެ އެ ފައިސާ ނުދެއްކި ރާއްޖެ ބަނގުރޫޓް ވެދާނޭ ކަމަށް ވާހަކަ ދެކެވޭ އިރު ވެސް އެމްއެމްއޭއިން އެއްޗެއް ނުބުނުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ. ޔައުގޫބު ވިދާޅުވީ، އެމްއެމްއޭއިން އެ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ބުނެ ނުދޭތީ ރާއްޖެއަށް ގެއްލުންވަމުން ދާ ކަމަށެވެ.

އެ ކަންބޮޑުވުން އަބަދުވެސް އެމްއެމްއޭއާ މެދު އޮވެ އެވެ. ހާއްސަކޮށް ނޫސްވެރިންނެވެ. އެމްއެމްއޭއިން ކަންކަމުގައި ފާޅުގައި މީޑިއާއާ ވާހަކަ ނުދައްކާތީ އެ ޝަކުވާ ކުރެ އެވެ. މަޑުން އޮތުމުގެ ސިޔާސަތެއް އެމްއެމްއޭއިން ދަމަހައްޓަމުން އަންނަނީ ކީއްވެ ހެއްޔެވެ؟

އެ ކަންބޮޑުވުމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް އެމްއެމްއޭގެ ގަވަރުނަރަކު މި ވަނީ ވާހަކަ ދައްކަވައިފަ އެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، "ބާޒާރަށް އަންނަ ކޮންމެ ހެލުމެއް، ކޮންމެ ގުޑުމެއް، ކޮންމެ ބަހަކަށް އެއްޗެއް ބުނުމަކީ އެމްއެމްއޭއިން ކުރާ ކަމެއް ނޫން" ކަމަށެވެ. ގަވަރުނަރު ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ހަމަ މަގުގައި ބޭއްވުމުގައި އެމްއެމްއޭގެ ޒިންމާ އާއި މަސައްކަތް އެއަށް ވުރެ މާ ބޮޑެވެ.

އެމްއެމްއޭގެ މައި އިދާރާއިން އެތަނުގެ މުވައްޒަފުންތަކެއް ނިކުންނަނީ: އެމްއެމްއޭއިން ރާއްޖޭގެ މާލީ ހާލަތު ބުނެދެނީ ނަމްބަރުން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ގަވަރުނަރު ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ކުރާ މަސައްކަތަކީ ރާއްޖޭގެ އިގްތިސާދުގެ ހާލަތު ނަމްބަރާއި ތަފާސްހިސާބުތަކުން ބުނެދިނުމެވެ. އަދި އެ ތަފާސްހިސާބުތައް ބަލާ ދިރާސާކުރާ ފަރާތްތަކަށް، އިގްތިސާދު އޮތީ ރަނގަޅަށްކަން ނުވަތަ ނޫންކަން ސާފުކޮށް ފެންނަން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތަފާސްހިސާބުތައް ތިލަކޮށް ވާހަކަ ދެއްކުމަކީ އެމްއެމްއޭގެ ދައުރެއް ކަމަށް ގަވަރުނަރު ގަބޫލެއް ނުކުރައްވަ އެވެ. އަދި ބާޒާރަށް އެމްއެމްއޭއިން އިންޓަވީން ކުރާ ގޮތްތައް ތަފާތުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ސަބަބަކީ އެމްއެމްއޭއަކީ ވަކި އުސޫލަކުން އަމަލު ކުރާ ޕްރޮފެޝަނަލް މުއައްސަސާއަކަށްވުމެވެ.

ވަރަށް ބޮޑު ހެލުމެއްގައި ނޫނީ އަޅުގަނޑުމެން ސްޓޭޓްމަންޓް ނެރެ ނުހަދާނަން

އަލީ ހާޝިމް. އެމްއެމްއޭގެ ގަވަރުނަރު

"އެމްއެމްއޭ ސައިލެންޓް، އެމްއެމްއޭ އިންޓަވީނު ކުރާނީ މާކެޓަށް ވަރަށް ބޮޑު ގޮންޖެހުމެއް އަންނަ ކަމުގައިވާ ނަމަ އެއަށް އިންޓަވީނު ކުރާނެ. އެކަން ތިޔަ ބޭފުޅުންނަށް އެނގޭނެ،" ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި އެވެ.

"ވަރަށް ބޮޑު ހެލުމެއްގައި ނޫނީ އަޅުގަނޑުމެން ސްޓޭޓްމަންޓް ނެރެ ނުހަދާނަން."

މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ (ސަން ފޮޓޯ)

ގަވަރުނަރުގެ ވާހަކަތަކާ ގުޅުވާ، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އެމްއެމްއޭއިން އިގްތިސާދީ ކަންކަމުގައި އޮންނަނީ މަޑުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމްއެމްއޭގެ ގިނަ މަސައްކަތްތައް އޮންނަނީ ފަރުދާގެ ފުރަގަހުގަ އެވެ. އިމާދު ވިދާޅުވީ މި ހާލަތުގައި ވެސް ހުރި ކަންބޮޑުވުންތަކާއި ކުރިމަތިވެދާނޭ ހާލަތްތައް ކަމާ ގުޅުން ހުރި އިދާރާތަކާ ބައްދަލުކޮށް ވެސް ވަނީ ހިއްސާކޮށްފަ އެވެ. އަދި ލަފަޔާއި މަޝްވަރާ ދޭން ޖެހޭ ފަރާތްތަކަށް އަބަދުވެސް ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޑުން އޮންނަނީއެއް ނޫން. ލަފާ ދޭން ޖެހޭ ފަރާތްތަކަށް އަޅުގަނޑުމެން އަބަދުވެސް [ލަފާ] ދެމުން އަންނަނީ،" އިމާދު ވިދާޅުވި އެވެ.

'އެހެން ނޫނީ އެމްއެމްއޭ ކުޅޭ ކުޅޭ ތަނަކަށް ވެދާނެ'

މަރުކަޒީ ބޭންކް، އެމްއެމްއޭގެ އެ ސިޔާސަތަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ތާއީދު ކުރެއްވި އެވެ. ކޮމިޓީ ބައްދަލުވުމުގައި އިންނެވި ފައްޔާޒު ގަވަރުނަރުގެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ވިދާޅުވީ ދައްކާހާ ވާހަކައަކަށް އެމްއެމްއޭއިން ބަސް ބުނެ އެކަމުގެ ތެރެއަށް ވަންނަ ނަމަ އެމްއެމްއޭގެ ބަސް ކޮންމެހެން ބޭނުންވާ ތަންތަނުގައި އެ އިދާރާގެ ބަސް އެއްޗަކަށް ނުވެ ހިނގައިދާނެ ކަމަށެވެ. އަދި އެމްއެމްއޭގެ ބަސް މުހިންމު ވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ސިޔާސަތުތައް ކަނޑައެޅުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

"އެމްއެމްއޭއަކީ ކުޅޭ ކުޅޭ ތަނެއް ނޫން. ހަމަ ސިޔާސީ ބޭނުމަކަށް ބަޔަކު އެއްޗެއް ބުނެލާ އިރަށް ސްޓޭޓްމަންޓް ނެރެ ހަދާނަމަ އޭރުން އަޅުގަނޑުމެންގެ މުޅި އިގްތިސާދަށް ނުބައި އަސަރެއް ކުރޭ. [އެހެންވީމާ] އަޅުގަނޑަށް އެ އުސޫލު ވަރަށް ރަނގަޅު. އަދި ސިޔާސީ ގޮތުން ގައުމަށް ގެއްލުންތަކެއްވާ ވާހަކަތަކަކަށް ވިޔަސް އަޅުގަނޑުމެންނާއި ނޫސްތަކުން އަންނަ ހެޑްލައިނަށް ޖަވާބުދޭން ވެއްޖިއްޔާ މުޅި ސެންޓްރަލް ބޭންކުގެ އަގުވެއްޓޭ އަސްލު މެޓާވާ ތަންތަނުގައި." ފައްޔާޒު ވިދާޅުވި އެވެ.

ގަވަރުނަރު ވެސް ޔަގީންކަން ދެއްވީ އެމްއެމްއޭއިން އަބަދުވެސް ދަމަހައްޓަމުން އަންނަ އެ އުސޫލު ދަމަހައްޓާނޭ ކަމަށެވެ. އެމްއެމްއޭގެ އެ އުސޫލު ބަދަލުކުރުމެއް ނެތެވެ. އެއަށް ވުރެ އެމްއެމްއޭއިން ކުރަން ހުރި މަސައްކަތްތައް ގިނައީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް