މާލޭ ރައްޔިތުން ދަތުރު ދާން ހެދި ކުޑަގިރި: މި ރަށް ވަރަށް އަވަހަށް ހުޅުވާލާނެ (ފޮޓޯ/އެޗުޑީސީ)

ކުޑަގިރި

ކުޑަގިރީގެ މަންޒަރުތައް: މާލޭ ރައްޔިތުންނަށް އާ މަންޒިލެއް

20 ޖެނުއަރީ 2023
2
މި ރަށުގައި ގިނަ ހިދުމަތްތަކެއް ވަނީ ތަރައްގީކޮށްފައި. އެޗުޑީސީގެ އުއްމީދަކީ ކުރިން ދަތުރު ގޮސް ކުރެވޭ އިހުސާސްތައް އެ ރަށުން ލިބުން

ހަފުތާގެ ބަންދު ދުވަސްތަކުގެ ފަތިހުފަތިހާ މާލެ އިން ފުރައިގެން ކުޑަބަނޑޮހަށް ކުރި ދަތުރުތަކުގެ ހަނދާންތައް އަދިވެސް ގިނަ ބައެއްގެ ހުންނާނެ އެވެ. އެއީ އޭރު މާލޭ ރައްޔިތުންގެ ޕިކްނިކް އައިލެންޑެވެ. ވެރިރަށާ ކައިރި ހުރިހާ ފަޅުރަށެއްހެން ރިސޯޓްތަކަށް ހާއްސަކުރި އިރު، 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ކުޑަބަނޑޮސް، މާލީ ގުރުބާނީއެއްގެ ތެރެއަށް ނުލާ އޮތީ، މާލޭގެ ރައްޔިތުން ދަތުރު ދާނެ ތަނެއް އޮންނަން ޖެހޭތީ، އެ ނިޔަތުގަ އެވެ.

ނަމަވެސް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައްޔިތުންގެ ހިތްހަމަޖެހުމަށް ވުރެ މާލީ ފައިދާ އިސްކޮށް، ކުޑަބަނޑޮސް ރިސޯޓަކަށް ދޫކޮށްލީ އެވެ. އޭގެ ފަހުން ދަތުރު ދާނެ ހާއްސަ ރަށެއް، މާލެ ކައިރިއަކު ނެތެވެ. ހުޅުމާލެ އާއި ވިލިމާލެއަށް އެތައް ބަޔަކު ދިޔަ ނަމަވެސް އެއީ ކުޑަބަނޑޮސް ކަހަލަ ރަށްރަށުން ލިބުނު ފަދަ ދަތުރު ދިއުމުގެ އުފާވެރިކަމާ ތަފާތު ކަމެކެވެ.

އެ ހުސްކަން ފިލުވާލަން ދެން މާ ގިނަ ދުވަހެއް ނެތެވެ. އެމްޓީސީސީން ހިއްކައި، އެޗުޑީސީ އިސްކޮށް އޮވެ ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް އެ އޮތީ ދަތުރު ދާން މިއަދު ނޫނީ މާދަމާ ވެސް ހުޅުވާލެވޭ ފެންވަރަށް ހަދައިފަ އެވެ. އެ ތަނުގެ ފުރަތަމަ ފޮޓޯތައް އެޗުޑީސީން މިހާރު ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ.

ކުޑަގިރީގައި ހަދާފައި ހުރި ރެސްޓޯރެންޓް: މިއީ ތަފާތު ތަޖުރިބާއަކަށް ވާނެ (ފޮޓޯ/އެޗުޑީސީ)

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މާލޭ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވައުދަކީ ދަތުރު ދާނެ ކައިރި ރަށެއް ތަރައްގީކުރުމެވެ. އެކަމަށްޓަކައި ސަރުކާޜުން ފުރަތަމަ ބެލީ، މާލެއާ އަވަށްޓެރި ކްރޮސްރޯޑްސްގެ ރަށް ފަތީގައި ހިމެނޭ ރަށެއް ހާއްސަކުރާށެވެ. ނަމަވެސް އެއީ ވަކި ބައެއްގެ ބޮޑު އިންވެސްޓްމަންޓަކަށް ވެފައި، އެފަދަ ރަށެއް ސަރުކާޜުން ބޭނުންވާ ގޮތަށް ހަދަން ހުރަސްތަކެއް ކުރިމަތިވި އެވެ. އެހެންކަމުން ވައުދު ފުއްދަން ކަނޑައެޅީ، މާލެއިން ފުރައިގެން ގާތްގަނޑަކަށް 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް ފަޅެކެވެ.

"މިހާރު މިވަނީ މި ރަށުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާ ރަށް އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެފައެވެ،" އެޗުޑީސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދަތުރު ދާ މީހުން ބޭނުންކުރަން ހެދި ބޮޑު ހަޓެއް: އެޗުޑީސީން ބުނަނީ ވަރަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށް (ފޮޓޯ/އެޗުޑީސީ)
ކުޑަގިރީގެ ފާހާނާ އޭރިޔާ: މީގެ ކުރިން މިފަދަ ހިދުމަތްތައް މި ފެންވަރަށް ލިބޭކަށް ނުހުރޭ (ފޮޓޯ/އެޗުޑީސީ)
އަތިރިމަތީގައި އިށީދެވޭ ގޮތަށް ހަދާފައި ހުރި ކުޑައެއް: ދިވެހިންނަކީ ދަތުރު ދާން ލޯބިކުރާ ބައެއް (ފޮޓޯ/އެޗުޑީސީ)

އެޗުޑީސީން ބުނާ ގޮތުގައި ކުޑަގިރި ހުޅުވާލުމުގެ ކުރިން އާންމުންނަށް އެތައް ހިދުމަތްތަކެއް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި މިސްކިތާއި ކެފޭ އާއި ފިހާރަ އާއި 12 ކޮޓަރި ވެސް ހިމެނެ އެވެ. ތުއްތުކުދިން ނެޕީ ބަދަލުކުރުން ފަދަ، އާއިލާއާ އެކު ދަތުރު ދާއިރު ދިމާވާ އެންމެ އުނދަގޫ ކަންކަން ވެސް، ފަސޭހައިން ކުރެވޭ ގޮތަށް، ނާސިން ރޫމެއް ވެސް ހަދާފައިވެ އެވެ.

ކުޅެވެން ހުރި ކުޅިވަރުތަކުގެ ތެރޭގައި ވޮލީ އާއި ބާސްކެޓްބޯޅަ އާއި މިނީ ފުޓްބޯޅަ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކުޅޭ ސަރަހައްދެއް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ވޯޓާ ސްޕޯޓްސް އާއި ޑައިވިންގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ހަމައެކަނި ދަތުރު ދިއުމެއް ނޫނެވެ. ކައިވެނި ޕާޓީތަކާއި އުފަން ދުވަހުގެ ޕާޓީތަކަށް ވެސް ރަށް ހުޅުވާލާނެ އެވެ.

ފުރަތަމަ އާންމުކުރި ފޮޓޯތަކުން ކުޑަގިރި ސިފަކުރެވެނީ މާލޭގެ ބޮޑު އާބާދީއަށް ލިބޭނެ ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ. ޗުއްޓީ ދުވަސްތަކުގައި މާލޭގެ ހަލަބޮލިކަމުން ދުރުވެ، އާއިލާއާ އެކު، ކުޑަ އަގެއްގައި ވަގުތު ހޭދަކޮށްލެވޭނެ މަގެކެވެ.

ކުޑަގިރި ބީޗުގައި، ބަޔަކު ދުވެފައި އަންނަނީ: މިއީ އެޗުޑީސީން ކުޑަގިރި ޕްރޮމޯޓްކުރަން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އެޗުޑީސީ)
ދަތުރު ދާ މީހުން ބޭނުންކުރަން ހުރި ތަފާތު ވަސީލަތްތައް: މާލެ ރައްޔިތުން މިކަހަލަ ހާއްސަ ރަށަކަށް އެދޭތާ ދުވަސްތަކެއް ވެއްޖެ (ފޮޓޯ/އެޗުޑީސީ)
ކުޑަގިރީގެ ފާލަން: މިއީ ފަޅެއް ހިއްކައިގެން ހަދާފައިވާ ކުޑަކުޑަ ރަށެއް (ފޮޓޯ/އެޗުޑީސީ)

މާލެ ވަށައިގެން ހުރި ގުދުރަތީ ހުރިހާ ރަށެއް އެހެން ކަންކަމަށް ދޫކޮށް ނިމިއްޖެ އެވެ. މިހާރު މި އޮތީ ފަޅުތައް ހިއްކައިގެން ތަންތަން ތަރައްގީކުރާ ސަގާފަތެއް އުފެދިފަ އެވެ. ތިމާވެއްޓަށް ލޯބިކުރާ މީހުންގެ ޝަކުވާތަކެއް ހުއްޓަސް، ބައެއް ކަންކަމަށް ރަށްރަށް ނުހިއްކާ ހޯދޭނެ އެހެން ހައްލެއް ސަރުކާރަކަށް ނުފެނެ އެވެ. 

ކުޑަގިރި ހިއްކައިފި އެވެ. ކުޑަގިރި ހަދައިފި އެވެ.

އެޗުޑީސީން ދޭ ޔަގީންކަން ބޮޑެވެ.

"މި ރަށް ހުޅުވާލެވޭއިރު ޕިކްނިކް ދިޔުމަށް ހަދާފައިވާ އެންމެ ފުރިހަމަ ރަށް ކަމުގައި ކުޑަގިރި ވެގެންދާނެކަން ޔަގީނެވެ. އަދި މާލެ ސަރަހައްދުގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި އިހުގެ ޒަމާނީ ދަތުރު ދިއުމުގެ އާދަ އިޔާދަކުރުމުގެ ފުރުޞަތު އަލުން ހުޅުވިގެންދާނެ އެވެ،" އެޗުޑީސީގެ ބަޔާނުގައި ބުންޏެވެ.

އެޗުޑީސީގެ މުވައްޒަފުންތަކެއް ކުޑަގިރީގައި: ދެން އޮތީ އާންމުންނަށް ހުޅުވާލުން (ފޮޓޯ/އެޗުޑީސީ)
ކުޑަގިރީގައި ކެނޯ ދުއްވަނީ: ރަށް ހުޅުވާ އިރު ވޯޓާ ސްޕޯޓްސްގެ ހިދުމަތްތައް ވެސް ލިބޭނެ (ފޮޓޯ/އެޗުޑީސީ)

މިއީ ޔަގީނުން ވެސް ސަރުކާރުން ފުރިހަމަކޮށްދިން ވަރަށް މުހިންމު ވައުދެކެވެ. އެކަމަށް ހަތަރު އަހަރު ނަގައިފި އެވެ. ކޮންމެ ކަމެއް ވެސް ނިމި، އޭގެ ބޭނުން ރަނގަޅަށް ހިފަން ފެށޭ ހިސާބުން، މާޒީގެ މަތިން ހަނދާން ނެތޭނެ އެވެ. އެހެންކަމުން ކުޑަގިރި ހުޅުވާލުމާ އެކު މާލޭގެ އެތައް ސަތޭކަ ބަޔަކު، ޗުއްޓީ ދުވަސްތަކުގައި ނޭވާލާނީ، ރީތި ފަޅެއްގެ ތެރޭގައި ހަދާފައި އޮތް ކުޑަކުޑަ ރަށަކަށެވެ. ކުރީގެ ޝަކުވާތައް ހަނދާން ނައްތާލައިފަ އެވެ.

އިރުއޮއްސޭ މަންޒަރެއް ކުޑަގިރީގައި

ކޮމެންޓް (2)

ކކކކކކ

21 ޖެނުއަރީ 2023
ހިޔާލިބޭނެ ބޮޑެތި ގަސްތައް ހުރުންވެސް މުހިންމު... ކުޑަބަނޑޮހުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީ.
0 3

އިބްރޭ

20 ޖެނުއަރީ 2023
ރީތި، އަވަހަށް ހުޅުވާލާ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް