އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅާ ކަމަށްވާ، އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްްޓަރު އަބްދުﷲ ޒިޔަތު ޝަރީއަތުގެ މަޖިލީހެއްގައި.

ޒިޔަތުއާ އެކު ދައުލަތުން ހެދި އިއުތިރާފް އެއްބަސްވުން ބާތިލުކޮށްފި

އެ އެއްބަސްވުން ހެދީ އެމްއެމްޕީއާރުސީ މައްސަލައިގައި ދައުލަތުން ޒިޔަތުއަށް އުފުލި 32 ދައުވާއާ ގުޅިގެން
14 އޯގަސްޓު 2022

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެއްބަސްވެ، ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުން ބާތިލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީ މައްސަލައިގައި ދައުލަތުން ޒިޔަތުއަށް އުފުލި 32 ދައުވާއަށް އެއްބަސްވެ، އޭރު ހެދި އިއުތިރާފްގެ އެއްބަސްވުން ބާތިލުކުރިތާ ދުވަސްތަކެއް ވެފައި ވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ނަމަވެސް، އެ އެއްބަސްވުން ބާތިލުކުރީ ދައުލަތުން އަމިއްލައަށް ކަމެއް ނުވަތަ ޒިޔަތު އެދިގެން ކަމެއް އަދި ނޭނގެ އެވެ. އަދި އެއްބަސްވުން ބާތިލުކުރުމުން ޒިޔަތުއަށް އެ އެއްބަސްވުމުގެ ދަށުން ލިބިދޭ ލުއިތައް ދެން ނުލިބުނަސް، ދައުލަތުން މިހާތަނަށް އެ އެއްބަސްވުން އާންމުކޮށްފައި ނުވާތީ އެއްބަސްވުން އުވާލުމުގެ ނަތީޖާ އާއި ޒިޔަތުއަށް ދެން ނުލިބޭނެ ލުއިތަކަކީ ކޮބައިކަން ވެސް އަދި ސާފެއް ނުވެ އެވެ.

ތަފްސީލް - ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރިކަމުގެ ތުހުމަތުގަ އެވެ. އެގޮތުން:

  • އޭނާ ވަނީ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް، ނޮވެމްބަރު 2020ގައި އިއުތިރާފްވެފައި

  • ދައުވާތަކަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި

  • އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނު ގޮތަށް ޑިސެމްބަރު 2020ގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވި

  • މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ފަހު އޭނާ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ސިއްހީ ހާލަތަށް ރިއާއަތްކޮށް ގޭ ބަންދަށް ބަދަލުކޮށްފައި

ގުޅުން ހުރި ކަމެއް - ޒިޔަތުގެ އިތުރުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ އެކު ވެސް ދައުލަތުން އިއުތިރާފް އެއްބަސްވުމެއް ހެދި އެވެ. އެ އެއްބަސްވުމުގެ ދަށުން ލިބުނު ލުއިތަކާ އެކު އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ޒިޔަތުއާ އެއްގޮތަށް އަދީބު ވެސް ހުކުމް ތަންފީޒު ކުރައްވަނީ ގޭގަ އެވެ.

އެނގުން މުހިއްމު - ޒިޔަތުއާއި އަދީބާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެ ދެ ބޭފުޅުން ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ކުރާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކުގައި ހެކިބަސް ދެއްވަމުންނެވެ. އެކަމަކު، އެ މައްސަލަތަކާ ގުޅިގެން ޔާމީނަށް މިހާތަނަށް އިއްވި ހަމައެކަނި ޖަލު ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ނުދޭން ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް